މުޅި ދުނިޔެއަށް މަޝްހޫރު ވިސްލްބްލޯވަރ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޕެންޓަގަން ޕޭޕަރސް ލީކުކޮށްލި މަޝްހޫރު ޑެނިއަލް އެލްސްބަރގް 92 އަހަރުގައި މިދިޔަ ހުކުރުދުވަހު މަރުވެއްޖެއެވެ. އެކަން އޭނާގެ އާއިލާއިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އޭނާ މަޝްހޫރު ވެފައިވަނީ އެމެރިކާއިން ވިއެޓްނާމްގައި ކުރަމުންދިޔަ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެކަން އެމެރިކާއަށް އެނގޭ އިރުވެސް އެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ރައީސް ރިޗަރޑް ނިކްސަން އާއި ދެން އައި ސަރުކާރު ތަކުން 1945 އިން 1967 އާ ދެމެދު ނިންމަވާފައިވާ ސިޔާސީ  ނިންމުން ތަކުގެ ކިތާބީ ހެކިތައް ފަޅާއަރުލުމުންނެވެ.

އެ ކަރުދާސްތަކުން އެނގޭ ގޮތުގައި 1968 އާއި 1969 އާ ހަމަޔަށް ދިޔައިރު އެމެރިކާގެ ގިނަ ރައްޔިތުން ވިއެޓްނާމް ހަނގުރާމަ ކުރިއަށް ގެންދާކަން ބޭނުމެއް ނުވެއެވެ. ހަމައެފަދައިން ރައީސް ނިކްސަން އެމަނިކުފާނުގެ ގޮތް ދޫކުރާކަށްވެސް ބޭނުމެއް ނުވިއެވެ. އޭނާގެ ހުވަފެނަކީ ކިތަންމެ ޒަމާނެއްވަންދެން ކިތަންމެ ފުރާނައެއް ގުރުބާންކޮށްގެން ހަނގުރާމަ ކުރަން ޖެހުނު ކަމުގައިވިޔަސް އެ ހަނގުރާމަ ކާމިޔާބު ކުރުމަށްފަހު ކާމިޔާބުގެ މެޑެލް ޖަހާލުމެވެ.                                                        

ޑެނިއަލް އެލްސްބާރގް އުފަންވެފައިވަނީ ޗިކާގޯގައި 1931 އޭޕްރިލް 7 ގައެވެ. ތައުލީމް ޙާސިލްކުރީ ހާވާރޑް އަދި ކޭމްބްރިޖް ޔުނިވަރސިޓިގައެވެ. ޕީ. އެޗް. ޑީ. ޙާސިލު ކުރުމަށްފަހު ގުޅުނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުތަކާއެވެ. އޭނާ ދެފަހަރަކަށް މީހުނާ އިނދެ ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ލިބިފައިވެއެވެ.                                                              

ވިއެޓްނާމުގެ ހަނގުރާމަ ނިމުމަށްފަހު އެލްސްބާރގްގެ އަމިއްލަ ބަހުންނަމަ އޭނާ ބޭނުންވީ ލިއުންތެރިއެއްގެ ޙައިސިއްޔަތުންނާއި ލެކްޗަރަރެއްގެ ޙައިސިއްޔަތުންވިޔަސް އެމެރިކާއިން އިންސާފެއްނެތި ގައުމުތަކަށް އަރައިގަތުމާއި ކުރިއަށް ރާވަމުންގެންދާ ނިއުކްލިއަރ މަޝްރޫއުތައް ފަޅާއަރުވާލުމެވެ.

އޭނާ ގަބޫލުކުރާގޮތުގައި ގައުމަށް ނުރަގަޅުގޮތްތައް ދިމާވެދާނެފަދަ ކަންކަން ރާވާ ހިންގުމަކީ ރައްޔަތުންނަށް އޭގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނޭ ކަންކަމެވެ. އެހެންކަމުން ރައްޔަތުންނަށް އެފަދަކަންކަން އެނގެންޖެހެއެވެ. 

މި މޭރުމުގައި ހަތަރު ފޮތެއް ލިއެ އަދި ދަ ގާޑިއަން ނޫހަށްވެސް މަޢުލޫމާތު ޙިއްސާ ކުރަމުން ގެންދިޔައެވެ. އޭގެތެރޭގައި ވިއެޓްނާމް ހަނގުރާމައާއި ބެހޭ ކަރުދާސްތަކާއި ނިއުކްލިއަރ ހަނގުރާމައަކަށް ރާވަމުންގެންދާ ކަމުގެ އިގްރާރު ފަދަ މަޢުލޫމާތު ހިމެނުނެވެ.                                                      

1973 ވަނައަހަރު އެލްސްބާރގް ޝަރީއަތުގެ ކުރިމައްޗަށް ގެނެވުނެވެ. ޖާސޫސް ކުރުމާއި ސަރުކާރުގެ ސިއްރު ލިއުންތަކެއް ވަގަށް ނެގުމުގެ ކުށުގައި 115 އަހަރުދުވަހުގެ ޖަލުޙުކުމަކަށް ސަރުކާރުން ކޯޓުގައި އެދެމެން ދިޔައެވެ. 

އެހެންނަމަވެސް އެ މައްސަލާގައި ސަރުކާރުންވެސް ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާތީ  އެފަދަ ބޮޑު ޙުކުމަކުން ސަލާމަތްވެ 35 އަހަރުދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުނެވެ. އަދި 1974 ވަނައަހަރު ރައީސް ނިކްސަން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތެވެ.                                 

މިފަހަކަށް އައިސް އެލްސްބާރގް ގެންދިޔައީ އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމައާއި ގުޅޭ ލިއެކިއުންތައް ފަޅާއަރުވާލި އެމެރިކާގެ ސިފައިންގެތެރޭގައި މަސައްކަތް ކުރަމުންގެންދިޔަ ޗެލްސީ މޭނިންގްއަށާއި އެ ލިއުންތައް ވިކީލީކުގައި ހާމަކުރި ޖޫލިއަން އަސެންޖޭ އަށާއި އަދި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީން ފާރަލާފައިވާ ރެކޯރޑްތައް ފަޅާ އަރުވާލި އެޑްވަރޑް ސްނޯޑޮން އަށް ފާޅުގައި ތަޢުރީފު ކުރަމުންނެވެ.      

އެޑްވަރޑް ސްނޯޑޮންގެ ފަޅާއަރުވާލުން 2013 ވަނައަހަރު ދަގާރޑިއަންގައި ޝާއިއުކުރި ނޫސްވެރިޔާ ގްލެން ގްރީނ ވާލްޑަށް މިދިޔަ ހުކުރު ދުވަހު ޕްލިޒަރގެ އިނާމު ލިބުމުން ދެއްކި ވާހަކައިގާ ޑެނިއަލް އެލްސްބަރގްގެ މަރުވުމަށް އިޝާރާތްކޮށް ބުނެފައިވަނީ ޖޫލިއަސް އަސެންޖޭ އާއި އެޑްވަރޑް ސްނޯޑޮން އާއި އަދި ޗެލްސީ މޭނިންގްފަދަ މީސްމީހުންނަށް ހެޔޮމަގުގައި ރަނގަޅު ފިޔަވަޅުތަކެއް އެޅުމުގެ އިލްހާމް ލިބުމަށް މެދުވެރިވި ޝަރަފްވެރި ބަތޮލު މިއަދުއަހަރެމެންނާ ވަކިވެގެން އެ ދިޔައީއެވެ.                               

ވިއެޓްނާމް ހަނގުރާމައިގާ 1975 ވަނައަހަރާ ހަމަޔަށް ދިޔައިރު އެމެރިކާގެ ފަސްދޮޅަހަކަށް ހާސް ސިފައިން ވަނީ މަރުވެފައެވެ. އަދި ތިންލައްކައަށްވުރެން ގިނަ އެމެރިކާނުންނަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. 

ހަމައެއާއެކު ދެކުނު ވިއެޓްނާމްއާއި އުތުރު ވިއެޓްނާމުގެ ދެލައްކަ ފަންސާސްހާސް ސިފައިންނާއި ގެރިއްލާއިން މަރާލުމުގެ އިތުރުންކެމްބޯޑިއާއާއި ލޭގޯސްގެ ދެ މިލިއަނަށްވުރެން ގިނަ އާންމު ރައްޔިތުންވަރަށް އަނިޔާވެރި ގޮތްގޮތަށް މަރާލެވުނެވެ.

ޕެންޓަގަން ޕޭޕާރސް ފަޅާއަރުވާލިތާ 50 އަހަރުފަހުން ޑެނިއަލް އެލިސްބާރގް ދަ ގާރޑިއަންއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ޕެންޓަގަން ޕޭޕަރސް ފަޅާއަރުވާލެވުނީތީ އެންމެ ސިކުންތަކަށްވެސް ދެރަ ނުވާކަމަށެވެ. 

އަދި 35 އަހަރު ދުވަހުގެ ޖަލުޙުކުމާއި މެދުވެސް ހިތާމަ ނުކުރާކަމަށެވެ. އޭނާ ހިތާމަކުރަނީ އެމަޢުލޫމާތުތައް ލިބިހުރުމާއި އެކުވެސް ފަޅާއަރުވާލުން ލަސްކުރެވުނީތީއެވެ. އެހެންނޫންނަމަ އެތައް ބައެއްގެ ފުރާން ސަލާމަތް ކުރެވުނީސް ކަމަށެވެ.                                                       

Loading

One Response

  1. މިއީ އެދުވަސްވަރު ޑިމޮކްރެސީ ގެނައި ގޮތުގެ ނަމޫނާ މިސާލެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް