އެމެރިކާއާއި ޗައިނާގެ ހަނގުރާމައެއްގައި ޔޫރަޕުން 

Loading

Facebook
Twitter
WhatsApp

އެމެރިކާއަށް ތާއީދު ކޮށްފާނެތަ؟

މިދުވަސްވަރު ބައިނަލް އަގްވާމީ މީޑިއާގެ ނަޒަރު މައިގަނޑު ގޮތެއްގައި ހުއްޓިފައިވަނީ އެމެރިކާއާއި ޗައިނާގެ މަސްރަޙަށް އަންނަ ބަދަލުގެ މައްޗަށެވެ. އިގްތިސާދީ ގޮތުންނާއި މިލިޓްރީ ގޮތުންވެސް އެ ދެގައުމުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން މުޅި ދުނިޔެއަށްވެސް ބޮޑެތި ފަނާކުރަނިވި ބަދަލު ތަކަކާއިކުރިމަތިލާން ޖެހިދާނެތީއެވެ.               

މިފަހުގެ ތާރީޚުގައި ފެންނަމުންދަނީ ޗައިނާގެ ނަން ބުނެވޭ ކޮންމެ ކަމެއްގައި ޔޫރަޕްގެ ގައުމުތަކުން އެމެރިކާގެ ފަހަތަށް ޖެހެމުންދާ މަންޒަރެވެ. ޔޫކްރެއިންގެ ހަނގުރާމައިގާ ޗައިނާއިން ރަޝިޔާއަށް ތާއީދުކުރަމުން ގެންދިއުމާއި ތައިވާނުގެ މައްސަލާގައި އެ ދެގައުމުން އެއްވިސްނުމެއް ގެންގުޅުމުގެ ސަބަބުން އެމެރިކާއާއި ބްރަސެލްސުން ވަނީ ޗައިނާ އެއްފަރާތް ކޮށްފައެވެ.                                                       

އެމެރިކާގެ ފިޔަވަޅު މަތީގައި ޔޫރަޕްގެ ވެރިން ފިޔަވަޅު އަޅަމުން ގެންދިޔަ ކަމުގައިވިޔަސް އެގައުމުތަކުގެ ރައްޔިތުން ބޭނުންވަނީ އެގޮތެއް ނޫނެއެވެ. 

މިދިޔަ ބުދަދުވަހު ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަނުން ހާމަކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި އެމެރިކާފިޔަވައި ހުޅަނގުގެ ގިނަ ރައްޔިތުން ޗައިނާ ބަލާގަންނަނީ ރަނގަޅު ބައިވެރިއެއްގެ ގޮތުގައެވެ. އިދިކޮޅު ބާރެއްގެ ގޮތުގައެއްނޫނެވެ.  

އަދި ތައިވާނުގެ މައްސަލައިގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. އެ ދިރާސާގައި ޔޫރަޕުގެ 11 ގައުމަކުން 16000 މީހުން ބައިވެރި ވިއެވެ. އެމީހުންގެ ވާހަކަތަކުން މިހާރު ހިނގަމުންދާ ޔޫކްރެއިންގެ ހަނގުރާމައާއި މުސްތަގްބަލްގައި ހިނގާފާނެ ތައިވާނު ހަނގުރާމައަކާ ދޭތެރޭ ރައްޔިތުންގެ ވިސްނުންހުރިގޮތް ސާފުވެގެން ދެއެވެ. 

އެ ދެގައުމަށްވެސް ދިމާވެފައިވަނީ ބާރުގަދަ އަވަށްޓެރިންގެ ވެރިކަމުގެ ނުފޫޒުކަމަށާއި އެކަމަކު ދުނިޔޭގައި މިހާރުވެސް އާންމުކޮށް ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު އެއީ ޙައިރާންވާން ޖެހޭ ކަމެއްވެސް ނޫނެވެ.

ތައިވާން ދިފާއުކުރުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ޗައިނާއާއި ދޭތެރޭ ހަނގުރާމަވެރި ސިޔާސަތެއް ގެންގުޅޭއިރު ޔޫރަޕިއަން ޔުނިއަންގެ ރައީސާ އުރުސަލާ ވޮން ޑަރ ލެޔެން ގޮވާލައްވަމުން ގެންދަނީ ޗައިނާއާއިއެކު މަސްރަޙުހޫނު ނުކުރުމަށެވެ.  

އަދި ފަރަންސޭސި ރައީސްގެ ވިސްނުންފުޅަކީ ޗައިނާއަކީވެސް ބައިވެރިއެއްގެ ގޮތުގައި ބަލާގަތުމެވެ. އެމެރިކާގެ އާންމު ރައްޔިތުންގެ ވިސްނުން ހުރިގޮތް ދިރާސާ ކުރުމުން އެނގުނުކަމަށް ވަނީ %52 އެމެރިކާނުން ދެކެނީ ޗައިނާއަކީ އެމެރިކާގެ ކުރިއެރުމަށް ގޮންޖެހުމެއް ކަމުގައެވެ. 

އަދި %38 ރައްޔިތުން ދެކެނީ ޗައިނާއަކީ ރަތްލާޖެހި ދުޝްމިނެއް ކަމަށެވެ.އެހެންނަމަވެސް ޕޫ ރިސާޗް ސެންޓަރުގެ ދިރާސާއިން އެނގުނު ގޮތުގައި ޔޫރަޕުގެ ރައްޔިތުންގެ %43 ދެކެނީ ޗައިނާއަކީ ރަނގަޅު ބައިވެރިއެއް ކަމަށެވެ. 

އަދި %24 ރައޔިތުންގެ ނަޒަރުގައި ޗައިނާއާ ދުރުހެލިވުން ބުއްދިވެރިއެވެ. އަދި %11 ރައްޔިތުން ދެކެނީ ޗައިނާއަކީ އިދިކޮޅު ބާރެއް ކަމަށެވެ. ކަންމިހެން އޮތްނަމަވެސް ޔޫރަޕުގެ ގިނަ ރައްޔިތުން ރަޝިޔާއާއި ދޭތެރޭ ބަލަނީ ނުރުހުމުގެ ލޮލަކުންނެވެ. 

ތައިވާނުގެ މައްސަލާގައި ޔޫރަޕުގެ ރައްޔިތުންގެ %62 ވަކިކޮޅަކަށް ޖެހެން ބޭނުންނުވާ ސަބަބަކީ މިއީ ކަމަށްވެސް ވެދާނެއެވެ. މިދިރާސާ ތައްޔާރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންގެ ފެލޯ ޕަވެލް ޒެރްކާ ޓައިމްސް މަޖައްލާއަށް ކިޔާދިންގޮތުގައި މީގައި ބުނެވިފައިވަނީ ޔޫރަޕްގެ ރައްޔިތުން އެމެރިކާއާއި ދޭތެރޭ ދެކޭގޮތް ނުވަތަތައިވާނުގެ ގައުމިއްޔަތާމެދު ދެކޭ ގޮތެއް ނޫނެވެ.

ޔޫރަޕުގެ ރައްޔިތުން ދެކެނީ އެމެރިކާއަކީ އެބައިމީހުންގެ އެންމެ ގާތް ބައިވެރިޔާ ކަމުގައެވެ. ޗައިނާ ނުވަތަ  ތައިވާނުގެ މައްސަލައަކީ ޔޫރަޕުގެ އާންމު ރައްޔިތުން އެހާ ކަންބޮޑުވެގެން އުޅޭ ކަމެއް ނޫނެވެ. އެއީ އެމީހުންނާ މާދުރުގައި އޮތް ތަނެކެވެ. 

ޔޫކްރެއިންގެ މައްސަލާގައިވެސް އެމީހުންގެ ކަންބޮޑުވުމަކީ އެ ހަނގުރާމަ ހިނގަމުން އެދަނީ އެމީހުންގެ ކައިރީގައި ކަމަށްވާތީއެވެ.                   

މި މައްސަލާގައި އެންމެ ބޮޑަށް ޚިޔާލު ފާޅުކުރެވެންފެށީ ފަރަންސޭސި ރައީސް އޭޕްރިލް މަހު ޗައިނާއަށް ކުރެއްވި ދަތުރު ފުޅަށްފަހު ފާޅުކުރެއްވި ޝުޢޫރު ތަކެއްގެ ސަބަބުންނެވެ. 

އެމަނިކުފާނު ވިދާޅުވީ ޔޫރަޕުން އެމެރިކާގެ ފިޔަވަޅުތައް މަތީގައި ފިޔަވަޅު އަޅަމުން ހިނގުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށައި އަދި ތައިވާނުގެ މައްސަލާގައި އެމެރިކާއާއި ޗައިނާގެ ދަންތުރައިގާ ޖެހިގެން ނުވާނެކަމަށެވެ. އެއީ އަހަރެމެންނާ ބެހޭ މައްސަލައެއްވެސް ނޫނެވެ. 

މެކްރޯންގެ މި ބަސްފުޅުގެ ސަބަބުން ޔޫރަޕުގައި އެމަނިކުފާނަށް ނުރުހުން އަމާޒުވެގެން ދިޔައެވެ. ނަމަވެސް އެގައުމުތަކުގެ ގިނަ ރައްޔަތުން އެކެމަށް ތައީދު ކުރެއެވެ.              

ޗައިނާއިން ޔޫކްރެއިންގެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ ޔޫރަޕުން ޗައިނާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވުން އެކަށީގެންވެއެވެ. ޗައިނާއަކީ ރަޝިޔާގެވިޔަފާރީގައި ވަރަށް މުހިންމު ބައިވެރިއެކެވެ. 

އެހެންނަމަވެސް ޗައިނާއިން ރަޝިޔާއަށް ހަނގުރާމަމަތީ ހަތިޔާރު ފޯރުކޮށްދޭން ފަށައިފިނަމަ  އެމެރިކާއިން އަންދާޒާކުރާ ފަދައިން ޔޫރަޕުގެ %41 ރައްޔިތުން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުންވާނެއެވެ.

އަދި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާ ގުޅިގެން ޔޫރަޕުން ނުރުހުން ފާޅުކުރާ ގޮތަށް ޗައިނާއިން ރަޝިޔާއަށް ހަނގުރާމަމަތީ ހަތިޔާރު ފޯރުކޮށްދޭނަމަ ޗައިނާއާއި ދޭތެރޭވެސް ޔޫރަޕުގެ ވިސްނުން ރަޝިޔާއެކޭ އެއްގޮތަށް ބަދަލުވެގެންހިނގައިދާނެއެވެ. ޔަގީންކޮށް ބުނަން އެނގޭނީ އެ ހަނގުރާމަ ފެށުނު ދުވަހަކުންނެވެ.            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް