ތުރުކީގެ އިންތިޚާބަށްފަހު އިދިކޮޅު ލީޑަރުގެ ސަޕޯޓަރުން ލީޑަރުދެކެ ނުރުހިއްޖެ!

Loading

Facebook
Twitter
WhatsApp


މިމަހު 28 ވަނަދުވަހު ތުރުކީގައި ބޭއްވުނު އާންމު އިންތިޚާބުގެ ދެވަނަބުރުގެ ނަތީޖާއަކީ އާންމުގޮތެއްގައި މުސްލިމް ގައުމުތަކަށް ލިބުނު ކާމިޔާބީއެއް ކަމުގައިބުނެ ތުރުކީގައާއި އިސްލާމީ ގިނަ ގައުމުތަކުން ގެންދަނީ އުފާ ފާޅު ކުރަމުންނެވެ. 

ހަމައެއާއެކު ކުރީގެ އަތާތުރުކުގެ ފަލްސަފާއަށް ތާއީދުކުރާ ސެކިއުލަރ ވިސްނުމުގެ އިދިކޮޅު ލީޑަރާއި އެބޭފުޅާގެ ފަހަތްޕުޅުގައި ތިބި ސިޔާސީ 6 ޕާރޓީގެ ވެރިންނާއި އަދި ތުރުކީގައި ސެކިއުލަރ ވިސްނުން ފުޅާދާއިރާއެއްގައި އާންމުކުރަން ފުރުސަތަކަށް އެދިއެދި ތިބި ހުޅަނގުގެ ވެރިންނަށް ދިވެހިންގެ މިޒަމާނުގެސިޔާސީ އާންމު ބަހުރުވައިން ބުނާނަމަ އެ ނަތީޖާއިން އޮތީ ބޮޑުތަނުން ސެކިއުލަރ ސިސްޓަމަށް ވެލިކާންދީފައެވެ.                                                           

ތުރުކީގެ އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން މިހާރު އިދިކޮޅު ލީޑަރ ކަމާލްކިލިޖްދަރޯލޫ އާއި ދެތެރޭ ބުނަމުން ގެންދަނީ އިދިކޮޅު ސަފުތައް ތަރުތީބުކޮށްގެން އެމީހުންގެ ފިކުރު ތުރުކީގައި އަށަގެނުވިދާނެ ކަމުގެ ގާބިލުކަން ލިބިފައި ނުވާ ބޭފުޅެއްގެ ކަމަށެވެ.

އަދި ޕާލަމެންޓުން ހަމައެކަނި ތިންގޮނޑިއާއި ފަޅިއެއް ލިބިފައިވާއިރު 2024 ގައިބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދީ އިންތިޚާބުގައި އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން އެބޭފުޅާއަށް ކުރެވޭނީ ކޮންކަމެއްތޯވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އާދީއްތަ ދުވަހުގެ ނާކާމިޔާބީއަށްފަހު އިދިކޮޅު ޕާރޓީ ތަކުގެ އިސް މެމްބަރުންބޭއްވި ބައްދަލުވުމުގައި ރިޕަބްލިކަން ޕާރޓީގެ ކުރީގެ ޕާރލަމެންޓަރީ ގުރޫޕުގެ ނައިބުރައީސް ވިދާޅުވީ އަހަރެމެންނަށް ސިޔާސީ ކުޅިވަރުގެ އަލިފުބާވެސް އަދި ނޭގޭ ކަމަށާއި ރަނގަޅު ސިޔާސަތުތަކެއް ރޭވިގެން މެނުވީ ދެންލިބޭ ހުތުރުނަން މިއަށްވުރެންވެސް މާ ލަދުވެތިވާނެކަމަށެވެ. 

އިދިކޮޅު ޕާރޓީ ތަކަށް ނިސްބަތްކުރެވޭ އިސް ބޭފުޅުންވެސް ވިދާޅުވަމުންގެންދެވީ ކުރިއަށް އޮތް މުނިސިޕަލް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތްތައް އެކަށައަޅައި ކުރިއަށް އޮތް ދުވަސްތަކުގައި ތުރުކީގެ ބޮޑެތި ޝަޙަރުތަކުގައި އެޕާރޓީތަކުގެ “ ފިކުރެއްގެ ދިރުން “ ފިސާރި ވަރުގަދައަށް ހިންގާލަން ޖެހޭނެ ކަމަށެވެ. 

އަދި އިދިކޮޅު ލީޑަރަކަށް އެހެން ބޭފުޅަކު އިޚްތިޔާރު ކުރަންވީ ވަގުތުވެސް ޖެހިއްޖެކަމަށް ބައެއް މެމްބަރުންގެ ވިސްނުންފުޅު ހާމަކުރަން ފަށައިފިއެވެ.އެހެންނަމަވެސް ކުރުދީންގެ ތާއީދު ކިލިޖްދަރޯލޫއަށް ދީފައިއޮތީ ރަންތަބަކަކަށް ލާފައިކަން އެންމެންނަށްވެސް އެނގެއެވެ.        

ތުރުކީގެ ރައްޔިތުންގެ މެދުގައި ރައީސް އުރުދުޣާނުގެ ސިޔާސަތަށް ނުރުހި ހުޅަނގުގެ ސެކިއުލަރ ވިސްނުމަށް ތާއީދުކުރާ ޒުވާނުންގެ އަދަދު ގިނަވަމުންދާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ގައުމުގެ އިސް ރައްވެހިންނާއި މިއަދު ތުރުކީ ދެކެމުންދާ ތަރައްގީއާ ދޭތެރޭ ވަކިފަރާތަކަށް ނުޖެހި ވިސްނާ ގިނަ ރައްޔިތުންގެ ބަހަކީ އުރުދުޣާންގެ ބަދަލުގައި ވެރިކަމަށް ގެންނާނެ އެހެން ލީޑަރަކު އަދި ފެންނާންނެތް ކަމަށެވެ.

އަނެއްބަޔަކު ބުނަމުން ގެންދަނީ އަހަރެމެންނާއި އެކު އަވަށުގެ ދަނޑުތަކުގައި ފުޓްބޯޅަކުޅުއްވަން އުޅުއްވި އުރުދުޣާނަކީ އޭރުވެސް އަދި މިހާރުވެސް އަހަރެމެންގެ ޓީމުގެ މެމްބަރެކެވެ.                                                     

އާދީއްތަ ދުވަހުގެ އިންތިޚާބު ކާމިޔާބު ކުރެވުމުން ގައުމާއި މުޚާތަބްކޮށް ރައީސް އުރުދުޣާން ވިދާޅުވި ބައެއް ބަސްފުޅުތަކުން އެގައުމުގެ ގިނަ ރައްޔިތުންތަކެއް ރޮއްވާލިއެވެ. 

އެމަނިކުފާނު ވިދާޅުވީ އިސްތަންބޫލް ސަލާމަތް ކޮށްދެއްވީތީ ގައުމުގެ ރައްޔިތުންނަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ވިދާޅުވީ އިސްތަންބޫލަކީ ކޮން އެއްޗެއްކަން މިގައުމުގެ ރައްޔިތުންނަށް އަހަރެން ކިޔާދޭކަށް ނުޖެހޭނެއެވެ. އެތައް ޒަމާނަކަށް މުޅިދުނިޔެއަށް ބާރުފޯރުވި އިސްލާމީ ޙަޟާރަތެއްގެ ކިއްލާއަކީ އިސްތަންބޫލް ކަމަށެވެ.

ތުރުކީއަކީ ކޮބައިކަން އެނގޭނެ މީހުން މިތާގައިވެސް ބައިވަރު ތިބޭނެއެވެ. ހަމައެފަދައިން ތުރުކީންގެ އިސްލާމީ ހަޟާރަތް ނެތިކޮށްލުމުގައި އޭރުވެސް މިއަދުވެސް މިދެކޭ ފަދައިން ގައުމުގެ ރައްޔިތުންގެ ތެރެއިން ބައެއްގެ ވިސްނުމާއި ފިކުރު ބަދަލުކޮށްލީ ހުޅަނގުގެ ދުޝްމަނުންނެވެ. 

އަހަރެންގެ ރައްޔިތުންގެ ސަމާލުކަމަށްޓަކައި މިބުނާ ބަސް ހަނދާންބަހައްޓާށެވެ. ބައިތުލް މަގްދިސް އަހަރެމެންނަށް ގެއްލިއްޖެނަމަ ދެން މަދީނާއަލް މުނައްވަރާ ގެއްލުވާލުމުގެ މަގު ދުޝްމަނުން ކޮށަން ފަށާނެއެވެ.

މަދީނާ އަލް މުނައްވަރާ އަހަރެމެންގެ އަތުން ބީވެގެން ހިނގައްޖެނަމަ މައްކާ އަލް މުކައްރަމާ ގެއްލުމުގެ ބިރު ކުޑައެއް ނުވާނެއެވެ. މައްކާއަލް މުކައްރަމާ އަހަރެމެންނަށް ގެއްލިއްޖެނަމަ ބަޣްދާދު ގެއްލިގެން ދާނެއެވެ. ބަޣްދާދު ގެއްލިއަޖެނަމަ އިސްތަންބޫލް އަހަރެމެންނަކަށް ނޯންނާނެއެވެ. 

އަހަރެން މި މުގައްދަސް ބިންތަކުގެ ނަން ތިޔަ ރައްޔިތުންނަށް މި ހަނދާންކޮށްދިނީ އިސްލާމީ ހަޟާރަތަކީ މި ޝަޙަރުތަށް ކަމުގައިވާތީއެވެ. އަހަރެމެންގެ ދުޝްމަނުން ދެކެމުންދާ ހުވަފެނަކީ މި ޝަޙަރުތައް އަހަރެމެންގެ ކިބައިން ނެތިދިއުމެވެ. ހަމަ ހިލާ އެހެންވިޔަދީގެން ނުވާނެއެވެ.

އަބަދުވެސް ތިޔަލޮބުވެތި ރައްޔަތުން ވިސްނަންވީ އަބަދުވެސް ކިންގް މޭކާރ އަކީ ރައްޔަތުންކަމެވެ. ރައްޔަތުންނަށް ޝުކުރު އަދާކުރަށްވައި ރައީސް އުރުދުޣާން ވިދާޅުވިއެވެ.        

Loading

One Response

  1. ތުރުކީގެ ޚަބަރުތައް ބުނާގޮތުގައި 2024 ގައި އޮންނަ މުނިސިޕަލް އިންތިޚާބުގައި އިސްތަންބޫލާއި އަސްކުދާރު ގެއްލިގެން ހިނގައިދާނެތީ އިދިކޮޅުން މިހާރު ތިބީ ޑަރު ހީވެފައެވެ. ރިޔާސީ އިންތިޚާބުގެ އުފާފާޅުކުރުމުގައި ރައީސް އުރުދުޣާން ރައްޔިތުންނަށް ދެންނެވިކަމަށް ޚަބަރުތައް ބުނަނީ އިސްތަންބޫލަކީ ތުރުކީ ކަން ހަނދާން ނައްތާނުލުމަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް