އެއްބޭފުޅަކީ މުޅިގައުމުގެ ރައްޔިތުން އެބޭފުޅެއްގެ ޖާދޫގައި ޖެހިފައިވާ ކްރިކެޓް ސްޓާރެކެވެ. އަދި ސިޔާސީ މައިދާނުގައި އެބޭފުޅާގެ ފަހަތްފުޅުގައި އެ ރައްޔިތުން ތިބިކަން އަންގައިދޭ ބޭފުޅެއްވެސް މެއެވެ.
އަނެއްބޭފުޅަކީ މަޑުމައިތިރި ޝަޚްސިއްޔަތެއްގެ ގޮތުގައި ފެންނަ އެހެންނަމަވެސް އެބޭފުޅާގެ ފުރިހަމަ ބާރާއިއެކު ސިފައިންގެ ލަޝްކަރުތަކުން ބޭނުންވާގޮތަށް ޕާކިސްތާނުގެ ސަރުކާރު ބައްޓަންކުރުމުގެ ހުނަރުވެރި ޖެނެރަލެކެވެ.
އިމްރާން ޚާނާއި ސިފައިންގެ ވެރިންނާ ދޭތެރޭ ހިނގަމުންދާ ތޭރަވަރަކަށް މަސްދުވަސްވީ ހަމަނުޖެހުންތަކަކީ ޖެނެރަލް އާސިމް މުނީރުގެ މި ފާހަގަކުރެވުނު ޝަޚްސިއްޔަތު ނިޝާނެކެވެ.
ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގެ ބިންގަލަކީ ކޮބައިކަން އެއްބޭފުޅަކުވެސް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެ ދުޝްމަނީ ފެށިފައިވަނީ އިމްރާން ޚާންގެ ޢާއިލާއަށް ނިސްބަތްކޮށް ތުޙްމަތު ކުރެވުނުކޮރަޕްޝަނެއްގެ މައްސަލައެއް ތަޙްގީގު ކުރުމާއި ގުޅިގެން އޭރު ޕާކިސްތާނުގެ ބާރުގަދަ އިންޓަރ ސަރވިސް އިންޓެލިޖެންސްގެ ވެރިކަމުން ޖެނެރަލް މުނީރު ވަކިކުރުމާ ހަމައިންކަން މިހަރު ހާމަވެއްޖެއެވެ.
ޕާކިސްތާނުގައި ސިފައިންގެ ލަޝްކަރުތަކަށް އާންމުކޮށް މުޚާތަބު ކުރެވެނީ ގަދަރާއި އިޙްތިމާއި އެކުގައެވެ. އެހންނަމަވެސް ފަހަކަށް އައިސް އިމްރާން ޚާންގެ ބަސްމަގު ވަރަށް ތަފާތެވެ. ސިފައިންގެ ވެރިންނާއި އަދި ޚާއްސަކޮށް ޖެނެރަލް އާސިމް މުނީރަކީ ގައުމުގެ ޑިމޮކްރެސީއަށާއި ގާނޫނުއަސާސީއާއި އިންސާނީ ޙައްގުތަކަށްވެސް އޮތް ނުރައްކަލެއްކަން ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވަމުން ގެންދަވައެވެ.
އަދި އެބޭފުޅާ މަސައްކަތް ކުރައްވަމުން އެގެންދަވަނީ އެބޭފުޅާގެ މުސްތަގްބަލް ބިނާކުރުމަށްޓަކައި ގައުމު ވީދާ ކުދިކުދި ކުރަމުން ކަމުގައިވެސް ވިދާޅުވަމުން ގެންދަވައެވެ. 2022 ވަނަ އަހަރު އޭޕްރިލްމަހުގެ ތެރޭގައި ޕާރލަމެންޓްގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުން ވެރިކަމުން ބޭލުމަށްފަހު ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން ގެންދަވަނީ މެދުނުކެނޑި މުޒާހަރާތައް ޖައްސަމުންނެވެ.
ކޮންމެއަކަސް އިމްރާންޚާން ވެރިކަމުން ދުރުކުރީ އެމެރިކާގެ ނުބައި ރޭވުމެއްގެ ދަށުން ޕާކިސްތާނުގެ ސިފައިންގެ ބައެއް އިސް ބޭފުޅުންނާއި ސިޔާސީ އިދިކޮޅުފަރާތްތަކުގެ ނުފޫޒުން ކަމަށް ވިދާޅުވަމުން ގެންދެވުމުގެ ސަބަބުން ގިނަ ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް ޙަމްދަރުދީވުން އިތުރު ވަމުންދާތަން މިހާރު ފެންނަމުން އެބަދެއެވެ.
އިމްރާން ޚާނަށް ދެވުނު ބަޑީގެ ޙަމަލާގެ މޭސްތިރިއަކީވެސް އަދި އެމަނިކުފާނު އަވަހާރަކޮށްލައްވަން ރޭވުމުގައިވެސް ޖެނެރަލް އާސިމް މުނީރަށް ތުޙުމަތުކުރައްވަމުން ގެންދެވިނަމަވެސް އެވާހަކަފުޅުތަކަށް މިހާތަނަށް ސާބިތު ހެއްކެއް ހުށައަޅުއްވާފައެއް ނެތެވެ.
ޖެނެރަލް އާސިމް މުނީރު ސިފައިންގެ ވެރިކަމާއި ޙަވާލުވެ ވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެކުރިން އެމަގާމުގައި ހުންނެވީ ގަމަރު ޖާވީދު ބަޖްވާއެވެ. އެ ދެބޭފުޅުންގެ ދެމެދުގައިވެސް ކޮންމެވެސް ވަރެއްގެ ފައްތަރު އެރުމެއް ހުރިކަމަށް ވެއެވެ.
ޖެނެރަލް އާސިމް މުނީރަކީ ސިފައިންގެ ތެރޭގައި ވަރަށް ފާހަގަކުރެވޭ ޝަޚްސިއްޔަތެކެވެ. މިލިޓްރީ އިންޓެލިޖެންސްގެ ވެރިކަމުގައި ސިފައިންގެ އެތެރޭގެ އެންމެހާ ކަންތައްތަކުގެ ވެރިޔަކީވެސް އަދި ފަހުން އައި އެސް އައި ގެ ވެރިޔަކީވެސް އެބޭފުޅާއެވެ.
އިމްރާން ޚާން އާއި ދެބޭފުޅުން ފުރަތަމަފަހަރު ފުށޫ އެރުމެއް ދިމާވީ އިމްރާން ޚާންގެ ބޮޑު ވަޒީރު ކަމުގައި އެމަނިކުފާނެގެ އަނބިކަނބަލުންގެ ކޮރަޕްޝަން މައްސަލައެއް ބަލަން ޖެހޭ ކަމަށް ދެންނެވުމުންނެވެ.
ކުއްލިއަކަށް ދެން ފެނުނީ ތިން އަހަރުގެ މުއްދަތަށް ކަނޑައެޅިފައި އޭރު ޖެނެރަލް ހުންނެވި މަގާމުން އެކަހެރިކޮށް ޕަންޖާބުގެ ލަޝްކަރުގެ ވެރިޔަކަށް ޖެނެރަލް ބަދަލުކުރި ތަނެވެ.
ލަންޑަންގެ ޗެތަމްހައުސްގެ ފަރުޒާނާ ޝައިޚް ވިދާޅުވެފައިވާ ގޮތުގައި ޖެނެރަލް މުނީރު މީހުންގެ ތެރެއަށް ތަޢާރުފް ވެފައިވަނީ ވަރަށް ސާފު ސީދާ ބޭފުޅެއްގެ ގޮތުގައެވެ.
އެބޭފުޅާގެ ވެއްޓުން އައީ އިމްރާން ޚާންގެ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުޙުމަތުތަކެއް ތަޙްގީގު ކުރުމަށްނިންމި ހިސާބުން ފެށިގެންނެވެ. އަދި އެ ތުޙުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރެވުނީ އިމްރާން ޚާން ގެ އަނބިކަނބަލުންނާ ދިމާލަށެވެ.
މިއަދު މި ދެބޭފުޅުންގެ މެދުގައި މިހިނގާ ދެކޮޅުވެރިކަމުގެ އަސްލަކީ މިއީއޭ ބުނެވިދާނެއެވެ. އިމްރާން ޚާން ގެ ޒުވާބަކީ އެބޭފުޅާގެ މަގާމު ނަގާލާފައިވަނީ ޖެނެރަލްގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރަށެވެ.
އިމްރާން ޚާންގެ މި ޒުވާބަށް ސިފައިން އަދި ޖެނެރަލް އާސިމް މުނީރުވެސް ރައްދެއް ނުދެއްވައެވެ. އެހެންނަމަވެސް މިޙާލަތުގައި އެނގި ކަށަވަރުވެގެންދާ އެއްކަމަކީ މިހާރުގެ މުސްލިމް ލީގް ސަރުކާރުން އިދިކޮޅަށް ފައިވިއްދައިގެން ތިބި އިރުވެސް އިމްރާން ޚާންގެ ޝުހުރަތު އެތައް ދަރަޖައަކަށް ރައްޔިތުންގެ ކުރިމަތީގައި އުފުލެމުންދާ ކަމެވެ.
އިމްރާން ޚާން ހައްޔަރުކުރުމަކީ ޣައިރުގާނޫނީ އަމަލެއްކަމަށް ޕާކިސްތާނުގެ ސުޕްރީމްކޯޓުން ކުރި ޙުކުމަކީ ވަގުތީގޮތުން ހިންދެމިލަން އިމްރާންޚާނަށް ލިބުނު ފުރުސަތެއް ކަމުގައި ބެލެވިދާނެއެވެ.
އެހެންނަމަވެސް ސައުތު އޭޝިޔާ އިންސްޓިޓިއުޓުގެ ޑިރެކްޓަރ މައިކަލް ކުގެލްމަން ދެކިވަޑައިގަންނަވާ ގޮތުންގައި އިމްރާން ޚާން ބޮޑުވަޒީރުގެ ގޮޑިއަށް އާދެވިދާނެ ހުރިހާ މަގެއް ބަންދުކުރެވިގެން ދާތަން ފެނުމަކީ ހަމަ ވެދާނެގޮތެކެވެ.ޕާކިސްތާނުގެ މިލިޓްރީގެ ބާރު އިމްރާން ޚާނަށް ވަރަށް ރަނގަޅަށް ތަސައްވުރުކުރެވޭނެއެވެ.
މިހާތަނަށް ފެނިގެންދާ މަންޒަރުން ހަމައެކަނި އެނގި ކަށަވަރުވެގެން ދާތަން ފެންނަނީ ސަރުކާރުންނާއި އަދި މިލިޓްރީން އިމްރާން ކާނާއި ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކުން އާންމު ރައްޔިތުންގެ ލޯތްބާއި ރުހުން އިމްރާނަ ޚާނަށް އިތުރުވެގެން ދާތަނެވެ.
އިމްރާން ޚާނަކީ އަހަރެމެންގެ ސިންގާއެވެ. އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ ޕާކިސްތާނުގެ ދުލުންނެވެ. އަހަރެމެން ބޭނުންވަނީ އަވަސް އާންމު އިންތިޚާބެކެވެ. މިފަދަ ބަސްތަކަކީ މިހާރު ޢާންމުކޮށް އަޑުއިވޭ ގޮވުންތަކަކަށްޕާކިސްތާނުގައި ވަނީ ވެފައެވެ. މީގެކުރިން ޕާކިސްތާނުގައި އެއްވެސް ވެރިޔަކަށް ނުލިބޭފަދަ ރައްޔަތުންގެ ބިޔަ ތާއިދެއް އިމްރާން ޚާން ވަނީ ހޯއްދަވާފައެވެ.