ފޯޅަވަހީގެ ނަމުގައި ސިޔާސީ ދެބޯގެރި ދުއްވުން

Loading

Facebook
Twitter
WhatsApp

މިދުވަސްވަރު ދިވެހިރާއްޖޭގެ މީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކަށް ފޯޅަވަހީގެ ވާހަކައަށް މިވަނީ ވެފައެވެ. ކުރިމަތީގައި އޮތް ބޮޑު އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅޭގޮތަށް ދެބޯގެރި ދުވާނެ ރަނގަޅު ވާހަކައެއް ފާޅުވީމައެވެ. 

ފޯޅަވަހި ދިވެހިންގެ ތަނަކަށް ހެދުމަށްޓަކައި ކުރެވުނު ކޮންމެ ކަމެއް ކުރާނެކަން ހޭދަވާ ޢިބާރާތްތައް ސިޔާސީ ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވައެވެ. މިއީ އެކަހަލަ ވާހަކަ ދައްކަން އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ކަންކަމުގެ ޙަގީގަތް އޮޅޭގޮތަށް އިންތިޚާބު ކާމިޔާބުވުމުން ނުކުރާނެ ކަމަށް ހިތްނިޔަތް ގަނެފައިވާ ކަންތައްތައް ކުރާނެކަމަށް ވަޢުދު ވުމަކީދެކެފާވާ މަޒީގައި ސިޔާސީ ބޭފުޅުންގެ ފަލްސަފާއެވެ.                                                             

ބައެއްބޭފުޅުން ސާބިތުކޮށް ދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ނުވަތަ ދިވެހިންނަށް ލިބެންޖެހޭ ތަނެއްކަން ދިވެހި ރައްޔިތުންނަށް ވިސްނާ ދިނުމަށެވެ. 

އަޅުގަނޑު މިތާގައި ދިވެހި ރައްޔިތުންނަށް ވިސްނާދޭށޭ މިލިއުނީ ގަސްދުގައެވެ.އެއީ ދިވެހިންނަށް އޮޅުވާލުމާއި ދެބޯގެރި ދުއްވައިގެން ނަމަވެސް ރައްޔިތުންގެ ބަޔަކު ހައްލާލުމަށް ކުރެވޭ މަސައްކަތަކަށް ވާތީއެވެ. އެވާހަކަ ދައްކަވާބޭފުޅުންނަށްވެސް ބައިނަލް އަގްވާމީ އެއްވެސް ޕްލެޓްފޯމެއްގައި އެބޭފުޅުންއެދައްކަވާ ވާހައަށް އަތްޖަހާނެ މީހަކު ނުހުންނާނެކަން އެނގޭތީއާއި އެ ވިސްނުން ކާމިޔާބު ނުކުރެވޭނެ ކަންވެސް އެނގޭނެތީއެވެ.                         

ދިވެހިންގެ ތާރީޚުން އެންމެފުރަތަމަ އެނގޭ ރަސްގެފާނަކީ ތީމުގޭ މަހާ ކަލަމިންޖާއެވެ. އެ ރަސްގެފާނު ދިވެހިރާއްޖެ އިސްލާމް ކުރެއްވިއިރުވެސް ފޯޅަވަހީގެ ވާހަކައެއް ނާދެއެވެ. ފޯޅަވައްސަކީ އެތަނުގައި ދިރިއުޅުނު މީހުންގެ ވަޒަނެއް ކަމަށާއި 1967 އާހަމަޔަށް އެގައުމުގެ ނަމުގައި ދިދައެއްވެސް ވިހުރުވެމުންދިޔަކަން އެނގެއެވެ. ނަމަވެސް އެ ގައުމު އިސްތިއުމާރު ކޮށްގެން ތިބި އިނގިރޭސީން އެ ރަށްތަކުގައި އެމެރިކާގެ ކަނޑުސިފައިންގެ މަރުކަޒެއް ގާއިމްކުރުމުގެ ބޭނުމުގައި އެ ރަށްތަކުގެ އަހުލުވެރިން އެހެން ތަނަކަށް ގެންދިއުމަށް އިނގިރޭސި ވިލާތުގައި އެމެރިކާއިން އެދުމުން 1973 އާ ހަމަޔަށް އެމީހުން އެހެންތަންތަކަށް ގަދަކަމުން ގެންގޮސް އުކާލީއެވެ.

އިސްތިއުމާރީންގެ ކުރިމަތީގައި މީސްތަކުންގެ އިންސާނީ ޙައްގެއް ކަރާމަތެއް ނޯންނާނެކަން އެންމެނަށްވެސް އެގެންޖެހޭނެއެވެ. މިއީ ދުނިޔޭގެ ތާރީޚުން އެނގޭ ޙަގީގަތެކެވެ. އިސްތިޢުމާރީން ބޭނުންވި ގައުމަކުން ބޭނުންވި ރަށަކުން ބޭނުންވި ބަޔަކު ގެންދިޔައީ މިއަދުވެސް އެވާހަކަތައް އަޑުއިވުމުން އިންސާނިއްޔަތު ކަރުނައަޅާ ރޯނެފަދަ އަނިޔާވެރި ގޮތްގޮތަށެވެ.                

އަޅުގަނޑުމެންގެ ބައެއްބޭފުޅުން ދައްކަވާ ވާހަކަ ފުޅުގައި ދިވެހިރާއްޖޭގެ ދެކުނުގެ މަސްވެރިން ފޯޅަވައްސާ ހަމަޔަށްގޮސް އެ ކަނޑުން މަސްބާނައިގެން އެނބުރި އަންނަ ވާހަކަޔަކާއި އެތަނުގެ ކޮންމެވެސް ރަށެއްގައި ދިވެހިނަސްލުގެ މީހުން ވަޅުލާފައި އޮތް ގަބުރުސްތާނެއްގެ ވާހަކަވެސް އެބަ ހިމެނުއްވައެވެ. 

ރިޔަލުގައި ދޯނިފަހަރު މަހަށް ދުއްވި ޒަމާނެއްގައި ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ އަތޮޅުންފެށިގެން ފަސްސަތޭކަ ވަރަކަށް ކިލޯމީޓަރަށް ވުރެން ދުރަށް މަސްވެރިކަން ކުރަން ގޮސްއުޅުނު ވާހަކަ ދެއްކީމާ ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ މިކަހަލަ ގޮތަކަށް ކަންތައްހުރި ޒަމާނެއްގައިރިޔަލުދޯނިފަހަރުގައި މަހަށް ނުވަތަ ވަދުދަމާލަން ނުވަތަ ޕިކްނިކަށް ފޯޅަވައްސަށް ގޮސް އުޅުނުކަމަކަށް ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އެކަން ގަބޫލެއް ނުކުރެވޭނެއެވެ.

ބެހިގެން ދެވިދާނެއެވެ. އެ ޒަމާނުގައި މުވާސަލާތު ކުރެވޭނެގޮތެއް ނެތުމުން އެހިސާބު އެބައެއްގެ ވާހަކަވެސް ބެލެވޭނީ ނިމުނީކަމަށެވެ. ދިވެހިން ރިޔަލު އޮޑިފަހަރުގައި އަސޭކަރައަށާއި ބަންގާޅަށް ދިޔަ ވަހާކަ ރައްދުގައި ވާހަކަ ދައްކަވަން ބޭނުން ބޭފުޅުން ވިދާޅު ވެދާނެއެވެ. އެކަމަކު ސިޔާސީ މަގްސަދު އެއްފަރާތްކޮށްފާ ދެން މިވާހަކަ ދައްކަބަލާށެވެ. އެދަތުރުތައް ކުރީ ކާޅުގުއި ބަންގާޅަށް ދާ އުސޫލަކުންނޫނެވެ. ތަޖްރިބާކާރު ނިޔަމިންގެ ބެލެވުމުގެ ދަށުންނެވެ.                                                                

މި މައުޟޫއުގައި ވާހަކަ ދެއްކެވި ބޭފުޅަކު ކޮންމެވެސް ރަސްކަލެއްގެ ސިޓީ ފުޅެއް ފޯޅަވައްސަށް ފޮނުވި އިޝާރާތެއް ކުރައްވާފައި އޮތެވެ. އަޅުގަނޑުމެން މިޒަމާނުގައި ރާއްޖޭން ބޭރަށް ދާ ކޮންމެ ދިވެއްސެއްގެ ޕާސްޕޯޓުގެ ފުރަތަމަ ސަފްޙާގައި އެކަހަލަ ފަތްކޮޅެއް ލިއުއްވާފައި އޮންނާނެއެވެ.                              

ފޯޅަވައްސަކީ ދިވެހިންގެ ތަނެކޭ ދިވެހިންނަށް ލިބެންޖެހޭނެ ތަނެކޭ ފޯޅަވަހީގެ ކަނޑުން އެގައުމުގެ މީހުންނަށް ލިބެންޖެހޭނީ ދިވެހިރާއްޖެއަށް ލިބެންޖެހޭ 200 މޭލުގެ ސަރަހައްދުނަ ގާފައި އޭގެ ބާކީއޭ ބުނެ ވާހަކަ ދެއްކެވުމުގެ ކުރިން ދުނިޔޭގައި ކަންހިނގަމުންދާ ގޮތާއި އިސްތިއުމާރީންގެ ޒަމާނުގައި ކަންހިނގާ ދިޔަގޮތާއިދެތެރޭ ވިސްނާލަން ޖެހެއެވެ. 

އިސްތިއުމާރީންގެ ބާރުގެ ދަށުގައި ހުރި ގައުމުތަކަކީ ފޯޅަވަހިވެސް ހިމެނޭގޮތުގައި އިސްތިއުމާރު ކޮށްގެން އުޅުނު މީހުންގެ ތަންތަނެވެ. ދެކޮޅުހެދުމުގެ ބާރު ލިބިފައެއް ނޯވެއެވެ. ބައެއް ގައުމުތަކުގައި ތަނުގެ އަހުލުވެރިންނަކީ އަޅުންނެވެ. އެހެން ބައެއް ގައުމުތަކުން މީހުންގެންގޮސް އެހެން ގައުމުތަކުގައި ގެރިބަކަރީގެ އުސޫލުން ވިއްކާހެދިކަންވެސް ދެނެތިބީމެވެ. 

އެގޮތަށް އިސްތިޢުމާރުކޮށްގެން ތިބި ގައުމުތައް ފޭރި ބަރަހަނާ ކޮށްލުމަށްފަހު ފައިބައިގެންދިޔައީ ގައުމު ބައިބައިކޮށް އިސްތިއުމާރުންގެ ވާގިވެރިންނަށް އެކި ނަންނަމުގައި ފޮތިކޮށްބަހާދީފައެވެ. މިގޮތަށް އިސްތިޢުމާރުންގެ ބާރުގައި ފޯޅަވަހިވެސް އިނގިރޭސިންގެ ބާރުދަށަށް ގެންގޮސް އެތަނުގެ ރައްޔިތުންނަށްހެދިގޮތެއް ހަދާ ނިންމުމަށްފަހު އެމެރިކާއަށް ކުއްޔަށް ދިން އެއްބަސްވުން ނިމުނީމާ އެތަން ދޭނީ މޮރިސަސް އަށޭ ނޫނީ ޓެންޒޭނިޔާއަށޭ އިނގިރޭސިން ނިންމީމާ އެކަމާ ދިވެހިންނަށް ކުރެވޭނެ ކަމެއް އޮންނާނެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްބަލާށެވެ.  

ހަމައެކަނި ފަލަސްތީނަށް ބަލާލިޔަސް އަޅުގަނޑުމެންގެ އަނގަ ބަންދުކުރަން ޖެހޭނެއެވެ. ނަމަވެސް ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން، ފަހަރެއްގައި އެދުވަސްވަރު އިނގިރޭސީންނަށް ދަންނަވައިގެން ފޯޅަވަހި ލިބޭތޯ ދިވެހިސަރުކާރުން ގަދައަޅާ މަސައްކަތް ކުރެއްވިނަމަ އެހެންނަތީޖާއަކާ ހަމަޔަށް ނުދެވޭނެޔެކޭ ބުނާކަށް ނެތީމެވެ. އެކަމަކު އެއީ މާޒީއެވެ. 

އިސްތިއުމާރީންގެ ބާރުގެ ދަށުގައި ހުރި ބައެއް ތަންތަނުން ފައިބައިގެން ދިޔައިރު އެތަންތަން ދިނުމުގައި ބަލާފާއޮތީ ކިހާވަރަކަށް އެތަނުގެ މަސްލަޙަތު ކުރިޔަށް އޮތްތަނުގައި ޚަރާބު ކޮށްލެވޭނެ ފަލްސަފާއަކަށެވެ. އެންމެ އަވަށްޓެރި އިންޑިއާގެ އެއްފަރާތުގައި އިރުމަތީ ޕާކިސްތާނެއް އަނެއްފަރާތުގައި ހުޅަނގު ޕާކިސްތާނެއް އުތުރުގައި ކަޝްމީރެއްވެސް އޮތީ އުފައްދާފައެވެ. އަރަބިކަރަ ބަހާލާފައި ދީފައި އޮތްގޮތްވެސް އެއޮތީ ދެލޮލުގެ ކުރިމަތީގަ ފެންނާށެވެ.

އަޅުގަނޑު ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ދިވެހިރާއްޖެ އަމަން އަމާންކަންމަތީ ދިވެހިރައްޔިތުންގެ ފުރިހަމަ މިލްކެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވާށެވެ. ޕްލެޓްފޯމްތަކުގައި މިކަންތައް ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވާށެވެ. ފާއިތުވެގެން މިދާ ޒަމާންތަކުގައި ދިވެހިރާއްޖެއޮތީ ދިވެހިންގެ މިލްގެއްގެގޮތުގައިކަން ތިޔަބޭފުޅުންނަށް ހީފުޅުވޭތޯއެވެ. ރައީސްގެ ސިޓީފުޅެއް ގާނޫނާއި ޚިލާފަށް ނުވަތަ ނާޖާއިޒް ފައިދާއެއް ލިބިގަތުމަށް މިސަރުކާރުން ކޮށްފާވާކަމަށް ތިވިދާޅުވާ މައްސަލަޔަކީ މުޅީން ދެމައްސަލައެއް ކަމުގައި އަޅުގަނޑު ދެކެމެވެ

އަބަދުވެސް ފެންނަމުންދާ ޙަގީގަތަކީ މިގައުމަކީ ވެރިކަމަށް އިޚްތިޔާރުކުރެވޭ ބޭފުޅަކު ބޭނުންގޮތަކަށް ކުޅެން އޮންނަ ބޯޅައެއް ކަމަށެވެ. މިނޫންގޮތަކަށް މިކަންތައް ރަނގަޅުކޮށްލަދޭން އެބަޖެހެއެވެ. 

ޕްލެޓްފޯމްތަކުގައި ތިޔަބޭފުޅުންގެ ފަސޭހަ ދޫފުޅުތަކުން މިރާއްޖޭގެ މިނިވަންކަން ކަށަވަރު ކޮށްދޭނެ ވާހަކަ ދައްކާށެވެ. މިއަދު އިސްތިއުމާރީން އައުމަށްވުރެން އިގްތިސާދީ ޖައްބާރުންގެ ބިރު މާބޯޑެވެ. ފައިސާގެ ދަޅައިގާ ގައުމާއި ދަރިންގެ ދަރިން ދަރުވަމުން ގެންދަނީ ތަރައްގީގެ ނަމުގައެވެ. މިކަންތައް ހުއްޓުވާދެއްވާށެވެ. ދިވެހިރާއްޖޭގައި ދިވެހިރައްޔިތުން ބޭނުންވާ ގޮތަކަށް ވެރިކަމުގެ ނިޒާމު ބައްޓަން ކޮށް ދެއްވާށެވެ. އެވާހަކަ ގަދަޔަށް ދައްކަވައި ހެޔޮލަފާ އަބުރުވެރީންނަށް ނޫނީ ދައުލަތް ހިންގުމާއި ޙަވާލު ނުކުރުމަށް ރައްޔަތުންނަށް ވިސްނަދެއްވާށެވެ.

އަޅުގަނޑުމެންނަށް ބޭނުމީ އެމެރިކާއާއި ޔޫރަޕްގެ ވެރިކަމުގެ ނިޒާމްތޯ ރައްޔިތުންނާ ސުވާކުރައްވާށެވެ. އެކަމުގައިވެސް ދެންނެވޭނީ ކޮންމެ ނިޒާމެއް އޮތަސް ފޭރޭމީހުނާއި ވަގުން އަދި އަޚުލާގީ ފެންވަރު ޒީރޯ ބައެއްގެ އަތްމަތީން އެއްވެސް ނިޒާމަކުން ރައްޔަތުންނަށް ފައިދާއެއް މަންފާއެއް ނުލިބޭނެ ވާހަކައެވެ.                                       

އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުން ވިސްނަވަން ޖެހިވަޑައިގަންނަވާ އަދި އެހެން ކަމެއްވެސް އަލި އަޅުވާލާނަމެވެ. ދިވެހިރާއްޖޭގައި ވޯޓުލުމުގެ ޙައްގުލިބިފާތިބި ދެލައްކައެއްހާ މީހުންގެ ނަމުގައި ދެހާސް ސިޔާސީ މަގާމު އުފައްދަވައި ރައްޔިތުންގެ ފައިސާ އިސްރާފުކުރުމަކީ ރައްޔިތުން ރުހޭނެކަމެއް ނޫންކަން އެނގޭހާ ދުވަހު މި ޑިމޮކްރެސީގައި ވެރިކަން ނުކުރެވޭތޯއެވެ؟

ވެރިޔަކު އިންތިޚާބު ކުރަނީ ރައްޔިތުންނެވެ. ސިޔާސީޕާރޓީގެ މެމްބަރުންނެއް ނޫނެވެ. ރައްޔިތުންނަށް އޯގާތެރިކަމާއިއެކު ވެރިކަން ކޮށްދެއްވާނެ ބޭފުޅަކު ސިޔާސީ ޕާރޓީގެ މެމްބަރުންނަށް އާދޭސްކުރާކަށް ނުޖެހޭނެއެވެ.  ރައްޔިތުން އެބޭފުޅަކަށް ހިތުން ރުހުމުން ފުރުސަތު ދެއްވާނެއެވެ. ނިކަން ތަޖްރިބާ ކޮށްލައްވާބަލާށެވެ. ޚިޔާލަކީ ތަފާތު އެއްޗެއްކަން ގަބޫލު ކުރެވެއެވެ.              

Loading

5 Responses

  1. ފޯޅަވަޙީގެ ވާހަކަ ނުދައްކާ ތިބެވޭކަށް ނެތެވެ. ލިއުމުގައި ބުނެފައިވާ ފަދައިން މިއީ އެކަމަށް އެންމެ ރަނގަޅު މޫސއުމެވެ. އަދި އެއީ މުޅިދުނިޔޭގައިވެސް ސިޔާސީ ވެރިން ކަންތައްކުރާގޮތްވެސް މެއެވެ. ބައެއްފަހަރު ދުނިޔޭ ހޫނުވާނެއެވެ. އަނެއްބައިފަހަރު ދިވެހިރާއްޖެ ކަނޑުގެ އަޑިއަށް ދާނެއެވެ. އަނެއްބައިފަހަރު ކޯވިޑް އަންނާނެއެވެ. ރަނގަޅަށް ވިސްނާލައިފިއްޔާ މިއީ ހައްތާވެސް ސިޔާސީ ދެބޯގެރިގުއްވުން ކަން އެނގޭނެއެވެ. އެކަމަކު ވިސްނާކަށް ފުރުސަތެއް ނުދޭނެއެވެ. އިންސާނުންގެ ސިކުނޑީގައި އެމީހުން ބޭނުންވާ އެތި ރަނގަޅަށް މަޑިހިއްޕާލަންދެން އެނޫންވާހައެއް ނުދައްކާނެއެވެ.

  2. 1967 ގައި ޗާގޯސްގައި އެމީހުންގެ އަމިއްލަ ދިދަ؟؟ ލިޔުން ދެން އެގޮތައް ރަނގަޅެވެ. އެހެނަސް ރައީސަކު އެގޮތަށް ސިޓީފޮނުވައި މަތިންބައިންޖެހިގެން ދައުވާ ޑިފެންޑް ނުކޮށް ދޫކޮށަލާނީ ﷲ އައްޓަކާތޯ ވިސްނާލައްވާށެވެ. ވަރަށްދެރަވަރެވެ. ބަހާފާ ލިބުނު ބައިވެސް ދެން އިންޑިއާ އާއި ޙަވާލުކޮށްގެން މާރިޔާ ބެލެހެއްޓީމާ ދެން ރަނގަޅުވީނޫންތޯއެވެ. މޮރިޝަސް ފަޅިވެސް އިންޑިޔާއަށް ރަޢްޖެއަށް ލިބުނު ތަންކޮޅުވެސް އިންޑިޔާ މީހުނަށް. އިންޑިޔާ ފަރސްޓް ޕޮލިސީ؟؟!! ބޮލުރޮދި ކެނޑުނީތޯއެވެ؟

  3. ބުނެވޭ ގޮތުގައި ދެބޯގެރީގެ ވާހަކައަކީ ގައުމެއްގެ ރައްޔިތުން އެ ގައުމުގެ ވެރިމީހާއާއި ދިމާކުރުން މާބޮޑުވެގެން އެވާހަކަ އޮއްބާލާނެގޮތަކާ ދޭތެރޭ ވަޒީރުންގެ މަޖިލީހުގައި ކުރި މަޝްވަރާގައި ވަޒީރަކު ދެއްވި ލަފައެކެވެ. ރަށުގައި ދެބޯލީ ގެރިއެއް އުޅޭ ވާހަކަ ވަރަށް އަވަހަށް ފެތުރިގެން ހިނގައްޖެއެވެ. ވެރިމީހާއަށް ފާޑުކިއުން އެހިސާބުން ހަނދާން ނެތިގެން ދިޔައީ އެވެ.

  4. އަޅުގަނޑު އަބަދުވެސް ގަބޫލުކުރާގޮތުގައި ތާރީޚް ލިޔެވިފައި އޮންނާނީ އެ ލިޔާބަޔަކު ބޭނުންވާގޮތަކަށެވެ. އަދި ދިރާސާތައް ކުރާނެ ވަސީލަތްތައް ލިބިގެން އިތުރު ހެކި ހޯދިގެންމެނުވީ ފަހުގެ ޖީލުތަކަށް އެމައުލޫމާތު އެނޫންގޮތަކަށް އެނގޭނެ މަގެއްވެސް ނޯންނާނެއެވެ. ގިނަކަންތައްތަކުގައި ތާރީޚުން އެނގެނީ މިހެންނޭ ބުނެފާ ހިތްހަމަޖައްސާލަނީއެވެ. ފޯޅަވަހީގެ ދިދައާބެހޭގޮތުން ؟؟ ޖައްސަވާލެއްވި ބޭފުޅާ އަށް އެސުވާލުގެ ޖަވާބު މިޒަމާނުގައި އިންޓަރނެޓުންވެސް ޙޯއްދެވިދާނެއެވެ. 1967 ގެފަހުންވީ ގޮތްވެސް ހޯއްދެވިދާނެއެވެ. އެއީ ތެދެކޭ ދޮގެކޭ އަޅުގަނޑު ބުނާކަށް ނެތީމެވެ. އެއީ އެލިއުނު ބަޔަކު ލިޔަން ބޭނުންވި ގޮތޭ ބުނެވިދާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އާރޓިކަލް ލިއުއްވި ބޭފުޅާ މަގްސަދަކީ އިސްތިއުމާރީންގެ ވެރިކަމުގެ ދަށުގައިހުރި ތަންތަނާ މެދު ކަންތައް ކުރިގޮތުން ފޯޅަވައްސަށްވެސް ވެގެން ދިޔަ ގޮތާއި މިއަދު ބައިނަލް އަގްވާމީ މައިދާނުގައި ބާރުގަދަ މީހާ ކަންތައްކުރަމުންދާގޮތް ހާމަކުރުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް