ސަރުކާރުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފައްދައި، ނޫސްވެރިން ބިރުވެރި ކަމަކަށް ވެއްޓިދާނެ ކަމަށް އެމްޖޭއޭއިން ބުނެފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފެދިފައިވާކަމަށާ ނޫސްވެރިން އިތުރު ބިރުވެރި ކަމަކަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.
މަސްދަރު ހާމަކުރުމާއި ގުޅޭގޮތުން ހެއްކާބެހޭ ގާނޫނުގައި ހުރި ކަންކަން އިސްލާހު ކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ވަނީ މިއަދު ނޫސް ބަޔާނެއް ނެރެފައެވެ.


މި ނޫސް ބަޔާނުގައި އެމްޖޭއޭ އިން ބުނެފައިވަނީ މަޖިލިސް ޗުއްޓީއަށް ދާއިރު އަނެއްކާ ބިލު ތަޅުމަށް އަންނާން ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

“ ދެން އަނެއްކާ ކޮމިޓީ މަރުހަލާ ނިމި އެ އިސްލާހުތައް ތަޅުމަށް އަންނާނެ ދުވަހެއް ނޭނގި، ނޫސްވެރިން އިތުރު ބިރުވެރިކަމަކަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.“ ނޫސް ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ބުނީ މި ކަމަކީ އެ ޖަމިއްޔާއިން އެއްގޮތަކަށްވެސް ބަލައި ގަންނާނެ ކަމެއް ނޫންކަމަށާ މި ކަމާ ގުޅިގެން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

“ ބިލް ފާސްނުވެ ދިއުމަކީ މި ޖަމިއްޔާއިން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމަކަށް ނުވާއިރު މިކަމުގައި ސަރުކާރުގެ ހެޔޮނިޔަތާމެދު އަނެއްކާވެސް މިވަނީ ސުވާލު އިފެދިފައެވެ. “ ބަޔާނުގައި ވެއެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައު ޖިނާއީ މައްސަލައެއްގެ ތެރެއިން ތަހުގީގު ކުރާ އިދާރާއަކަށް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލަށް ނުވަތަ ތުހުމަތުވާ މީހަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ޝަރުއީ ކޯޓުތަކުން ހުށަހެޅޭ ގޮތަށް އޮތް އޮތުމަކީ ފެށުނީއްސުރެ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެކަން އިސްލާހުކުރުމަށް ވަކާލާތު ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި އެގާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދިންކަމަށް ވެސް އެ އެސޯސިއޭޝަނުގެ ބަޔާނުގައިވެއެވެ.
ސަރުކާރުން ވަނީ ހެއްކާބެހޭ ގާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވާ މާއްދާތައް އިސްލާހުކުރުމަށް ބިލެއް މިދިޔަ އޮކްޓޯބަރުމަހު މަޖިލީހަށް ފޮނުވާފައެވެ.

އެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލާއި މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން ފާސްކުރުމުގެ ބަދަލުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވެސް އެމްޖޭއޭއިން އެދުނު ބަދަލުތައް ހިމެނުނުކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި މަސްދަރު ހާމަކުރުމަށް އެދެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކަމާއި އެ ގޮތަށް އެދެވެނީ ފުރަތަމަ މަރުހަލާގައިވެސް ހައިކޯޓުގައިކަމަށް ހިމެނުން ފަދަ ކަންކަން ވާކަމަށް އެ އެސޯސިއޯޝަނުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް