އިއްޔެ އަހަރެމެންނަށް ފެނުނީ ހުސް ތެއްޔެއް ހިފައިގެން ކާއެތިކޮޅެއްގެ އިންތިޒާރުގައި ކިއުއެއްގައި މަޑުކޮށްލައިގެން ހުރި މުސްކުޅިއެކެވެ. އަހަރެމެން ލޮލުން ކަރުނަ ފާއްދާލީ ބަލިކަށިވެފައިވާ ހަށިގަނޑުގައިވާ ނިކަމެތިކަމުންނެވެ. މާޔޫސްކަން ވެރިވެފައިވާ އެ މޫނުން އެތައް ވާހަކައެއް އެއްފަހަރާ ބުނެދިންކަހަލައެވެ.
ކާކުކަން ނޭނގުނަސް ބަލާބެލުމަށް އަށްޑިހައާ ގާތްކުރާ އެމީހާ ހުރީ ކިލާވެ ބާވެފައިވާ ގަމީހަކާއި ފަޓުލޫނެއްގައެވެ. ލައިގެން ހުރި ފޭރާން ކިތަންމެ ދެރަނަމަވެސް އޭނާ ހުރީ ދަށަށްޖަހައި ރީތިކޮށް ހެދުންއަޅާފައެވެ. ހީވާގޮތުން އޭނާއަކީ މަތީ ފަންތިއެއްގެ ވަޒީފާއެއް މީގެ ކުރިން އަދާކުރި މީހެކެވެ. އޭނާގެ ގާތުގައި ކުޑަކުދިންތަކެއް ތިއްބެވެ. ކޮންމެ ކުއްޖެއްގެ އަތުގައިވެސް ތެއްޔެއް ނުވަތަ ތައްޓެއް އޮތެވެ.
ަފަހުން އެނގުނެވެ. އޭނާ އަކީ އުމުރުން 77 އަހަރުގެ، ފަލަސްތީނުގެ ރައްޔިތެކެވެ. އެތަކެއް ޖީލެއްގެ އެދުރެކެވެ. މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއިން މިސްރުގެ ޔުނިވަރސިޓީއަކުން އޭނާ ވަނީ މަތީ ފާސް ހޯއްދަވާފައެވެ.
ޔަހޫދީންގެ އަނިޔާވެރިކަމުން އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލުމުގެ ކުރިން އޭނާ އުޅުއްވީ އަބުރުވެރި ދިރިއުޅުމެކެވެ. ޔަހޫދީން ދިން އަނިޔާވެރި ހަމަލައެއްގައި އޭނާގެ ގެދޮރު ސުންނާފަތި ކޮށްލީއެވެ. އޭނާގެ ދަރިފުޅު ޝަހީދުކޮށްލީއެވެ.
ވަޒީފާއިން މުސްކުޅިވެ އަރާމުކޮށްލަން ލިބުނު ދުވަހު އޭނާއަށް ޖެހިފައި މިވަނީ ޔަތީމުވެފައިވާ ކާފަދަރިން ބެލުމުގެ ޒިންމާ ނަންގަވާށެވެ.
ކިތަންމެ ގިނަ އިރެއް ވިއަސް އެ ކުދީންނަށްޓަކައި އޭނާއަށް މިއަދު ޖެހިފައިވަނީ ކާބޯތަކެތި ބަހާ ތަންތަނުގައި ކިއުގައި ހުންނަވާށެވެ. އެ ކުދީން ބޯނެ ފެން ހޯދުމަށްޓަކައި ދުރު ހިސާބުތަކަށް ހިންގަވާށެވެ.
ވިސްނާލާށެވެ. މިއީ އެންމެ މުސްކުޅިއެއްގެ ވާހަކައެއް ނޫނެވެ. ފަލަސްތީނުގެ އެތައް ރައްޔިތުންގެ ވާހަކައެވެ. ޔަހޫދީންގެ އަނިޔާގައި ގަރުނަކާ ގާތްކުރަމުންދާއިރު މިއީ އެމީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމެވެ. ކޮންމެ ދުވަހަކީ ޔަހޫދީން ފަލަސްތީނުގެ އެތައް ބައެއްގެ ދިރިއުޅުން ފަނާކޮށްލާ ދުވަހެކެވެ. އެތައް ބަޔަކު މަރާލާ ދުވަހެކެވެ.
ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ތިން ސާސްކަފު ކުރިން އެމީހުންނަށް ހިބަކޮށްދެއްވި ބިމެކޭ ކިޔައިގެން ދައްކާ ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.
ފަލަސްތީނު މީހުން ބުނެއެވެ. އަހަރެމެންނަކީ މީގެ ކުރިން ފޭލިގޭގައި ދިރިއުޅުނު ބައެއް ނޫނެވެ. އަހަރެމެންގެ ގެދޮރު ހުއްޓެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އަހަރެމެންނަކީ ކާބޯތަކެތި ހޯދުމަށް ކިއުގައި ތިބެންޖެހުނު ބައެއް ނޫނީމުއެވެ.
![]()
