ދިވެހިރާއްޖެއަކީ ފާއިތު ވެދިޔަ 800 އަހަރުއްސުރެ މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ލިބިފައި އޮތް ޤައުމެކެވެ. އިސްލާމް ދީނުގެ ޢިލްމާއި ދީނުގެ ރޫޙާނިއްޔަތުހެޔޮ ގޮތުގައި ރާއްޖޭގައި އުނިކަމުގައި ވިޔަސް، އަދި ދިވެހީންގެ ތެރޭގައި މާތް ވެގެންވާ އިސްލާމް ދީނާ އެކަށީގެން ނުވާ ބައެއް ކަންކަން ހުރި ކަމުގައި ވިޔަސްމެއެވެ.
ދިވެހީންނަކީ ދީނަށް ލޯބި ކުރި، ސީދާސާދާ ގޮތެއްގައި އެމީހުންގެ ހުރިހައި ކަމެއްއެގޭމިންވަރަކުން އިސްލާމް ދީނާއި އެއްގޮތަށް ގެންދާން ޖެހޭ ކަމަށް އިޚްލާޞްތެރިގޮތެއްގައި ޤަބޫލު ކުރި، ތެދުވެރި އަދި ހިތް ރަނގަޅު މުސްލިމުން ތަކެއްކަމާއިމެދު ދެބަސްވެވޭކަން ނެތެވެ.
ނަމަވެސް، އިސްލާމް ދީނުގެ ޢިލްމީ އަދި ރޫޙާނީ ދަންމަރުތައް ދިވެހި މުޖުތަމަޢުގައިމަގު ދައްކައިދޭ ބައްތިތަކެއްގެ ގޮތުގައި ހެޔޮ ގޮތުގައި ދިއްލައިފައި ބެހެއްޓުމަށް ފާއިތު ވެދިޔަ 250 ވަރަކަށް އަހަރު ރާއްޖޭގައި ވެރިކަން ކުރި ވެރީން މުޅީން ނުކުޅެދިފައެވެ. އެޔާ މުޅީން ޚިލާފަށް ޞަލީބީންނާއި އިސްތިޢުމާރީންނާއި އިސްލާމް ދީނުގެ ދުޝްމަނުންގެ ފިކުރީ އަޅުވެތިކަމުގެ ދަށަށް ޤައުމުގެ ޖީލަކަށް ފަހު ޖީލެއް ވެއްޓޭނޭ ބީދައިން އެމީހުންގެ ސިޔާސަތުތައް ހުރުމުގެ ސީދާ ނަތީޖާއަކަށް މިވީ، ޤައުމުގައި ދުވަހެއް ދުވަހަކަށް އިސްލާމް ދީން ނިކަމެތި ވަމުން އައުމެވެ.
މިއަދު އިސްލާމް ދީނާ ދެކޮޅު އެތަކެއް ދިވެހީން ތިބިކަމީ ޙަޤީޤަތެކެވެ. އަދިދީނީޢިލްމުވެރީންގެ ޙިލްމީ ހުނަރުނެތުމާއި އެއްބައިވަންތަކަން ނެތުމުން ލާދީނީ މީހުންތައް ސިޔާސީ މައިދާނުގައި ބާރުގަދަވީއެވެ.
އެހެންމެ ޤައުމުގެ ތަޢުލީމީ ނިޒާމާއި ޤާނޫނީ ނިޒާމާއި ސިވިލް ސޮސައިޓީ އާއި، މީޑިއާ ފަދަ ދާއިރާތަކުގައި މުގުލުގައި އެބައިމީހުން ހިފަމުންދާ ކަމީ ވެސް ޙަގީގަތެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދީނާ ދެކޮޅު އަދި ދީން ޤަބޫލު ނުކުރާ ޒުވާނުން ދަނީ ކޮންމެ އައު ޖީލެއްގައި ކުރީ ޖީލަށް ވުރެ ނިސްބަތުން ގިނަ ވަމުންނެވެ.
މިކަން މިހެން ހިނގާ އިރު، ބާކީ ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު، ފައިސާ އާއި މުއްސަނދިކަމާއި ދުނިޔަވީ އަރާމާއި ބާރުގެ ދަހިވެތިކަމުގައި ދީނީ ކަންކަން ހަލާކު ވެދިޔައުން ވަރިހަމަ ކޮށްލައިފިއެވެ. މީގެތެރޭގައި ދީނީ ޢިލްމުވެރީންވެސް އެމީހުންގެ ދުނިޔެވީ މަންފާއަށްޓަކައި އެޢަމަލުތަކަށް ނުރިހިތިބެ ނަމަވެސް އެކަންތައް ވަރިހަަމަވެ ދިއުން ހިމެނެއެވެ.
މިފަދަ ލާދީނީ ޢަމަލުތަކުގެ އެއް މިސާލަކީ، ރާއްޖޭގެ ރަށްރަށުގައި މޮނިޓަރ ކުރެވޭނެ ނިޒާމެއް މިންގަނޑެއްނެތި ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމުގެ ނުބައި ނަތީޖާތައް ހުރިހައި ދިމާޔަކުން މިހާރު ފެންނަ ހިނދުވެސް ފައިސާގެ ދަހިވެތިކަމުގައި ދީނާއި އަޚްލާޤަށް އަންނަ ދެރަޔަށް ނުވިސްނައި މިކަން ފުޅާކޮށް މިކަން އިތުރަށް ފަތުރާން އެތައް ބަޔަކު ރުއްސުވައިގެން ކުރަމުން ގެންދާގެންދިއުމެވެ. ދެރަކަމުގެ ކޮޅެއްވެސް ނެތެވެ.
ދެން އޮތީ މި ވާހަކަ ދެއްކުމުގެ މައްސަލައެވެ. މި ވާހަކަ ދައްކައި ޤައުމީ ފެންވަރުގައި މިކަމާއިމެދު މަޝްވަރާ ކުރާންވެސް ބަޔަކު އުޅޭ ތަނެއް ނުފެނެއެވެ. ނުދެނެތިބި ކަމަށް ހަދައިގެން މި ތިބެވެނީއެވެ. މިހެން ތިއްބާ ރާއްޖޭގައި އިސްލާމް ދީން ޤަބޫލު ނުކުރާ މީހުންނާއި ދީނާ ދެކޮޅު މީހުންނާއި ދީނާއި މެދު ފަރުވާލެއް ޣީރަތެއް އަޅައިލުމެއް ނެތް މީހުން މެޖޯރިޓީއަކަށް ވާ ދުވަސް އައުމުން މާދުރެއްނުވާނެއެވެ. އަހެންވުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟
މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ގިނަފަނޑިޔާރުންނަކީ އިސްލާމީ ޝަރީޢަތް ނުދަންނަ ފަނޑިޔާރުން ކަމަށް އެވަނީވެފައެވެ. މާދަމާ އެތަންތަނުގައި ކަނޑައެޅިގެން އިސްލާމް ދީނާ ދެކޮޅު މީހުން ތިބޭތަން އައުމުން ދެން އިސްލާމީ ގައުމެއްގެ ޢަދުލް އިންސާފަށް ވާނީ ކިހިނެއްކަމާއިމެދު ވިސްނިފައެއް ނެތެވެ.
ބިރުގަންނަނީ މިހެންދާކަމަށް ވަންޏާއި މާދުރުނޫން ދުވަސްވަރަކުން ރާއްޖެ ދެބައި ކޮށްފައި އެއްބައިގައި އިސްލާމް ދީނާއި ދެކޮޅު މީހުން އެމީހުން އެދޭ ކަހަލަ ޤައުމު އެހެން ދިވެހިރާއްޖެ އަކަށް ނުވަތަ އަނެއް ދިވެހިރާއްޖެ އަކަށް ހަދާނެއެވެ.
އެހެންވުމުން އެމީހުންގެ މިންގަޑުން އިސްލާމްދީން ނުދެކޭނެ އަހަރެމެން ކަހަލަ އިސްލާމީ ދިވެހިރާއްޖެއެއް އޮންނާން އެދޭ މީހުން ވަކި ބައެއްގައި އަހަރެމެންގެ ޤައުމެއް ހަދާ ހިސާބަށް ދިއުމަކީވަރަށްބޮޑު ފިތުނައެކެވެ. އަދި ވަރަށް ނުރައްކާ ކަމެކެވެ.
ނޫނީ އިސްލާމްދީނަށް ލޯބި ކުރާ އަދި އިސްލާމީ މުޖުތަމަޢެއްގައި އުޅެން ބޭނުންވާ ދިވެހީން ދިވެހިރާއްޖޭގެ ރައްޔިތުކަން ދޫކޮށް އެހެން ގައުމަކަށް ހިޖުރަކުރަން ޖެހުމަކީ ވެގެންވާނެ ކަމެއްހެއްޔެވެ.
ދިވެހިރާއްޖެ އަކީ އަހަރެމެން އެންމެންގެ ގައުމެކެވެ. ދެބަސްވެވޭންނެތް ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. އެހެންކަަމަށް ވީއިރު ގައުމުގެ ޢިލްމެވެރީން ދުނިޔެވީ ވެރިކަމުން މަންފާހޯދުމަށް ޙަސަދެވެރިވެ އެއް ގުރޫޕުން އަނެއް ގުރޫޕްގެ އިއްޒަތާއި ޝަރަފަށް ކަމޭހިތުމެއްނެތި ރާއްޖޭގެ މިނިވަންކަމާއި ގައުމީވަންތަކަމް އުނިކަން ލިބޭމިންވަރަށް ތޮޅެހަދައިގެން ނުވާނެކަމަށް ގަބޫލުކުރަމާތޯއެވެ. ގައުމުގައި ލާދީނިއްޔަތު އިތުރުވަނީ ގައުމުގައި ތިއްބެވި ހެޔޮލަފާ ޢިލްމްވެރީން އެމީހުންގެ ޒިންމާ އަދާނުކުރެވުމުންނެވެ.
އިންސާނާ ވަނީ ގެއްލުމެއްގެ ތެރޭގައެވެ. އަދި އިމްތިޙާނު ކުރެއްވުމުގެ ދުވަސްތަކެއްގައެވެ. އެކަން ހަނދުމަނެތި ރާއްޖޭގައިތިބި އެންމެ ޙަޔާތްކުޑަ ނުލަފާއަގަހައްދުޖަހަން ޖެހޭފަދަ ބަސްތައް ބޭރުކުރަމުންދާ މީހުނާއި ދީނަށް ގޮންޖަހަމުން ގެންދާ މީހުނާއި ބައިޢަތު ހިފުން ޙަރާމްވާނެއެވެ.
އެފަދަ ވެރީންނަކީ ނުވަތަ މީހުންނަކީ ދުނިޔެވީ ޙަޔާތުގެ ބުރަދަން ދަމަހަށްޓާ ކޯލިޝަނުން ކަމުގައި ހަދައިގެން ކުރިއަށްދިއުމަކީ ލާދީނީ އަދި ލާއިންސާނީ މީހުންނަށް މިގައުމުގައި އެމީހުންގެ އެޖެންޑާ ފަތުރަން ބައިއަޅާ އެހީތެރިވެ ދިނުމެވެ. ޢިލްމުވެރީން މިފަދަ ޢަމަލުތަކުން ދުރުހެލިވާން ޖެހޭނެއެވެ. ހަމަޔަގީނުންވެސް އިންސާނާގެ ޢަމަލުތަކަށް އޭނާ ޒިންމާ ކުރުވޭނެއެވެ. އެދުވަސްއޮތީ މާދުރަކުނޫނެވެ.
ރޯދަމަހުގެ ހެޔޮސަވާބާއި ދަރުމަޔާއި ބަރަކާތް ހުރިހާ ކިޔުންތެރީންނަށް އަރިސްކުރަމެވެ.