ސުލްޙައިގެ ވާހަކަތަކަށް ޖާގައެއްނެތް - ޔޫކްރެއިން

Loading

Facebook
Twitter
WhatsApp


ރަޝިޔާގެ ސިފައިންނަށް ޔޫކްރެއިން ހަނގުރާމަ ކާމިޔާބު ކުރެވުމުގެ ފުރުސަތު ނެތް ކަމުގައިވިޔަސް ރައީސް ޕޫޓިން އެކަން ގަބޫލެއް ނުކުރައްވައެވެ. ހަމައެމޭރުމުން ޔޫކްރެއިނަށް ތިން ފުރުސަތެއް ހުޅުވިފާ އޮތްކަމަށް ތަޖްރިބާ ކާރުން ދެކިވަޑައިގަތަސް އޭގެތެރޭގައި ސުލްޙައިގެ ވާހަކަތަކަށް މޭޒެއް ބަހައްޓާނެ ޖާގަނެތްކަމަށް ޔޫކްރެއިނުން ބުނެއެވެ. އެހެންވީމާ ހަނގުރާމަ ކޮށްގެން ރަޝިޔާ ބަލިކުރުން އެއީ ޔޫކްރެއިންގެ މަގްސަދެވެ. ބުނެލަން ފަސޭހަ މޮޅު ބަސްކޮޅެއްކެވެ.               

ހަނގުރާމަ ދިރާސާކުރާ ފަރާތްތަކުން ހާމަކުރަމުން ގެންދާ ގޮތުގައި އަހަރު ދުވަހަށްވުރެން ދިގުލައިގެންދާ މި ހަނގުރާމާގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތައްލިބި އެއްވެސް ފަރާތަކަށް ކާމިޔާބީގެ ދޮރު ހުޅުވިގެން ދާތަނެއް ނުފެނެއެވެ.

ފެންނަ ފެނުމަށް މި ހަނގުރާމައިގާ ރަޝިޔާއަށް ލިބެމުންދާ ގެއްލުމާއިނިކަމެތިކަން މާބޮޑުކަމަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް އިރުމަތީ ސަރަޙައްދުގެ ބަޚްމުތާއި އަވްޑިވްކާއިން ރަޝިޔާ ސިފައިންނަށް ކުރިއެރުން ލިބޭތީ ރައީސްޕޫޓިން ހަތިޔާރު ބަހައްޓާކަށް ބޭނުމެއް ނުވެއެވެ.                          

ހަނގުރާމައިގެ ޙާލަތު ދިރާސާކުރާ އިންސްޓިޓިއުޓް ފޯރ ސްޓަޑީ އޮފް ވޯރ އިން ބުނާގޮތުގައި ޔޫކްރެއިނަށް މި ހަނގުރާމަ ނިންމާލުމަށް ތިން ފުރުސަތެއް ހުޅުވިފާއެބައޮތެވެ. އޭގެތެރޭގައި ސުލްޙައަށް މަޝްވަރާކުރުމެއް ނުހިމެނެއެވެ.                                                             

އެ ދިރާސާގައި ބުނެފައިވަނީ ބާރުގެ ބޭނުންކޮށްގެން ރައީސް ޕޫޓިން އަށް އޭނާގެ މަގްސަދު ޙާސިލުކުރެވިދާނެ އެއްވެސް ގޮތެއް ނެތުމުން މިހާރު އޮތް ހަމައެކަނި ފުރުސަތަކީ ދެފަރާތަށް ވެސް އެންމެ ރަނގަޅު ނިންމުމަކަށް އައުމެވެ. އެކަމަކު ރައީސްޕޫޓިން އެގޮތް ގަބޫލެއް ނުކުރައްވާނެއެވެ.      

އަދިވެސް އިތުރަށް ބުނެފައިވާ ގޮތުގައި ޔޫކްރެއިނަށް އޮތް ފުރަތަމަ ފުރުސަތަކީ ރަޝިޔާއިން އެއްގަމާއި ވައިގެމަގުން ޔޫކްރެއިނަށް ޙަމަލާ ދެމުން ގެންދިޔަ ނަމަވެސް ޔޫކްރެއިނުން ހަނގުރާމަ ހުއްޓާލުމެވެ. 

މިހެން ހަދައިފިނަމަ މުޅި ޔޫކްރެއިން ފުނޑިގެންދާނެއެވެ. ދެވަނަގޮތަކީ ޔޫކްރެއިންގެ ބާރުގެ ދަށުގައި މިހާރުވެސް ހުރި ތަންތަން ދިފާއު ކުރުމަށްޓަކައި ކޮރުޖަހަމުންވެސް  ޔޫކްރެއިނުން ހަނގުރާމަ ކުރަމުން ގެންދިއުމެވެ. މިގޮތުގައި ރައީސް ޕޫޓިން ބޭނުންވާ ކާމިޔާބީ ޙާސިލު ކުރެވެންދެން ހަނގުރާމަ ދެމެހެއްޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

ތިންވަނަގޮތަކީ ހުޅަނގުގެ ފުރިހަމަ އެއްބާރުލުމާއި މަދަދާއެކު ވަރުގަދައަށް ހަނގުރާމަކޮށްގެން ރަޝިޔާ ބަލިކުރުމެވެ. އަދި ޔޫކްރެއިނުން ބޭނުންވާ ގޮތަކަށް ރައީސް ޕޫޓިން އެއްބަސްވުން ނޫން އެހެން ގޮތެއް ނެތް ޙާލަތަކަށް މަސްރަހު ބަދަލުކޮށްލުމެވެ.                                               

މިލިޓްރީ ތަޖްރިބާކާރުންގެ ނަޒަރުގައި ބަޚްމޫތުގައި މިހާރު ކުރެވެމުންދާ ހަނގުރާމައަށް ޔޫކްރެއިންގެ ސިފައިންނާއި ހަތިޔާރު ބޭނުންކުރަމުންގެންދިއުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. 

އެ ސިފައިންނާއި ހަތިޔާރު އެހެން ދިމަދިމާލުން ކުރިއެރުން ހޯދަން ބޭނުންކުރުމުގެ މުހިންމުކަން މާބޮޑުކަމަށް އެބޭފުޅުން ދެކިވަޑައި ގަންނަވައެވެ. އަދި އެބޭފުޅުންގެ ވިސްނުމުގައި ބަޚްމޫތަކީ މިލިޓްރީ ގޮތުންވެސް އެހާ މުހިންމު ސަރަޙައްދެއް ނޫނެވެ.                   

އިންސްޓިޓިއުޓް ފޯރ ސްޓަޑީ އޮފް ވޯރގެ ދިރާސާގައި އިތުރަށް ހާމަކޮށްފައިވާގޮތުން ޔޫކްރެއިނަށް ބޭނުންވަނީ ގިނަ ދިމަދިމާލުން ހަނގުރާމައިގާ ކުރިއަށް ޖެހުމެވެ. ޔޫކްރެއިނުން މި އަމާޒަށް ވާސިލު ވެވިއްޖެނަމަ ރައީސް ޕޫޓިން މަޖްބޫރީ ޙާލަތަކަށް ގެނެވިދާނެއެވެ.

މިނޫންގޮތަކަށް ސުލްޙައިގެ އެއްބަސްވުމަކަށް އަތުވެއްޖެނަމަ ފުރުސަތުގެ ބޭނުންކޮށްގެން ރަޝިޔާއިން އިތުރު ޙަމަލާތަކަށް ތައްޔާރުވާނެއެވެ. ޔޫކްރެއިނުން ކާމިޔާބީއާއި ހަމަޔަށް ދެވެންއޮތް ހަމައެކަނި ފުރުސަތަކީ ހުޅަނގުގެ މަދަދާއިއެކު މިލިޓްރީ އަދި އިގްތިސާދީ ގޮތުން ފުދުންތެރިކަން ލިބިގަތުމެވެ.

މިހާތަނަށް ޔޫކްރެއިނުންވެސް ބުނަމުން ގެންދާ ގޮތުގެމަތިން ސުލްޙަވެރިގޮތުގައި ހަނގުރާމަ ނިންމުމަށް ދޫދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.                                              

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް