ސީރިޔާއާއި ސަޢޫދީ އެރޭބިޔާ އަލުން ގުޅުން ގާއިމް ކުރަނީ

Loading

Facebook
Twitter
WhatsApp

ރިޔާޒާއި ބެއިރޫތުން ރޮއިޓާސް ޚަބަރު ދޭގޮތުގައި ސަޢޫދީ އެރޭބިޔާއާއި ސީރިޔާއިން ދެ ގައުމުގެ އެމްބަސީ އަލުން ހުޅުވަން އެއްބަސްވެއްޖެއެވެ. އަދި މަޢުލޫމާތު އެނގޭ ގަލްފުގެ ރަސްމީ އިދާރާއަކުން މައުލޫމާތު ދީފައިވާ ގޮތުގައި ދެގައުމުގެ ވަރަށް އިސް ބޭފުޅުންގެ މަޝްވަރާ ތަކަކަށްފަހު ދެގައުމުންވެސް މިހާރު ގަސްދުކޮށްފައިވަނީ އަންނަ ފިތުރު އީދު ދުވަހު އެމްބަސީ ރަސްމީގޮތުން ހުޅުވުމަށެވެ. 

އެހެންނަމަވެސް ސަޢޫދީ އަދި ސީރިޔާގެ ރަސްމީ ދާއިރާއަކުން މިކަމާއި ގުޅޭގޮތުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ. މަޢުލޫމާތު އެނގޭ މުޢުތަބަރު ތިން ދާއިރާއަކާއިޙަވާލާދީ ރޮއިޓާސް އިންބުނަނީ މިއީ އަރަބިންގެ ސަފަށް ދިމިޝްގު ގެނައުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ.                      

ސަޢޫދީއާއި ސީރިޔާގެ ވާހަކަތަކަށް ދިރުން ލިބިފައިމިވަނީ ބައްޝާރު އަލް އަސަދުގެ އެންމެ އަރިސް ސިޔާސީ ބޭފުޅުން ކަމުގައި ބެލެވޭ އީރާނާއިއެކު ސަޢޫދީ އެރޭބިއާއިން ގުޅުން ގާއިމް ކުރުމާއި ގުޅިގެން ކަމުގައި ސަރަޙައްދުގެ ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވައެވެ.

ތަޖްރިބާކާރުންގެ ނަޒަރުގައި ސަޢޫދީ އެރޭބިޔާއާއި ސިރިޔާގެ ގުޅުން ވެގެންދާނީ ދާޚިލީ ހަނގުރާމާގައި ސީރިޔާ ހޭދަކުރަމުންގެންދާ ދިހަ ބާރަ ވަރަކަށް އަހަރުގެ ތެރޭގައި އަރަބި ގައުމުތަކާއި އަދި ހުޅަނގުގެ ބައެއް ގައުމުތަކާއިއެކު ސީރިޔާ ވަރަށް ފެޔަށް ޖެހިފައިވަނިކޮށް އަލުން ސުލްޙައަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައެވެ.

ފާއިތުވަމުންދާ ދިހަ ބާރަ ވަރަކަށް އަހަރަށް ދެމިގެންދާ ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ ސަޢޫދީ އެރޭބިޔާއާއި ގަތަރު އަދި އެމެރިކާއިން އެހީތެރިވެ މަދަދު ކުރަމުން ގެންދިޔައީ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށެވެ. 

ހަމައެއާއެކު އީރާނާއި ރަޝިޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ކޮންމެއަކަސް އީރާނާއި ރަޝިޔާގެ މަދަދާއިއެކު ސީރިޔާގެ ދާޚިލީ ހަނގުރާމަ މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އިދިކޮޅު ފަރާތްތައްވެސް އަލުން ކޮޅަށް ނުތެދުވެވޭވަރަށް ބަލިވެފައެވެ.

ގަލްފު ސަރަޙައްދުގައި ބަދަލުވަމުންދާ ޙާލަތާއި ގުޅޭގޮތުން ސުވާލުކުރުމުން އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވީ އެމެރިކާއިން ދެކޭގޮތް ބަދަލު ނުވާކަމަށާއި ބައްޝާރުލް އަސަދާއެކު ގުޅުން ގާއިމް ކުރަން އެ ސަރަޙައްދުގެ ގައުމުތަކުން ކުރާ މަސައްކަތުގައި އެމެރިކާގެ އެއްބާރުލުމާއި ރުހުން ނުލިބޭނެކަމަށެވެ.                   

އެމެރިކާގެ ވިސްނުން ކޮންމެގޮތަކަށް ހުރިކަމުގައި ވިޔަސް އެމިރެޓްސްއިންވެސް މިހާރު ގެންދަނީ ސީރިޔާއާއެކު އަލުން ގުޅުން ގާއިމްކުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ދާދި މިދާކަށް ދުވަހު ބައްޝާރާއި އެމަނިކުފާނުގެ އަނބިކަބަލުންނަށް ލިބިވަޑައިގެންނެވި ދައުވަތަކަށް އަބޫޛާބީއަށް ވަޑައިގަތުންވެސް ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ސަޢޫދީން ސީރިޔާއާ ދިމާލަށް ފިޔަވަޅު އަޅަމުން ގެންދަނީ ވަރަށް ފަރުވާތެރިކަމާ އެކުގައި ކަމަށްވެސް ގަލްފުގެ ތަޖްރިބާ ކާރުން ދެކިވަޑައިގަންނަވައެވެ.ސަޢޫދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދު ވެސް ވިދާޅުވީ އަދި މިހާރު ހުރިހާ ވާހަކަތަކެއް ހާމަކުރެވޭނެ ވަގުތު ނުޖެހޭ ކަމަށެވެ.

އެހެންނަމަވެސް މި އަންނަ އޭޕްރިލްމަހުގެތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަލްފުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ސީރިޔާ އެކަހެރިކުރުން އުވާލަން ވޯޓަށް އެހޭނެކަމަށް އަރަބި ޑިޕްލޯމެޓުން އުންމީދު ކުރައްވައެވެ.

ސަޢޫދީ އާއި ސީރިޔާގެ މަޝަވަރާ ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ  ސީރިޔާގެ އިސް މަންދޫބް ސީރިޔާގެ ޖާސޫސީ އިދާރާގެ ހުއްސާމް ލޯގާ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ދެކެވޭ ވާހަކަތަކުގައި ސީރިޔާއިން ގަލްފުގެ ގައުމުތަކަށް ވަގަށް އެތެރެކުރަމުން ގެންދާ މަސްތުވާތަކެތި ހުއްޓުވުން ވެސް ހިމެނެއެވެ. 

މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެމްފެޓަމައިންއާއި ކެޕްޓަގޯން އަކީ ގަލްފުގެ ގައުމުތަކަށް ވަރަށް ބޮޑު އަގުގައި ވިއްކާލެވޭ ބާވަތްތަކެކެވެ. 

 

Loading

One Response

  1. އެމެރިކާގެ ނުފޫޒް އިރާދަކުރެއްވިއްޔާ ނިމެނީ. އިޒްރޭލަށްޓްކާ މުޅި މެދުއިރުމަތީ ފިތުނަ ފަސާދަ އުފައްދާ ހަލާކު ކޮށްލީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް