ލަންޑަންގައި ހުންނަ އިންޑިއަން ހައިކޮމިޝަން ކައިރީގައި ބަޔަކު ހަމަނުޖެހުން ހިންގުމާއި ގުޅިގެން ނިއުދިއްލީގައި ހުންނަ އިނގިރޭސި ވިލާތުގެ ސިޔާސީ އިސްބޭފުޅަކު އިންޑިއާގެ ޚާރިޖިއްޔާއަށް ގެނުވައިފިއެވެ. އެ މުއައްސަސާއިން ހާމަކުރިގޮތުގައި އިނގިރޭސި ޑިޕްލޯމެޓް ހާޒިރުކުރެވުނީ އިންޑިއާގެ ހައިކޮމިޝަންގައި ސެކިއުރިޓީ ނެތި ދިޔައީ ކީއްވެގެންތޯ އޮޅުންފިލިވުމަށްޓަކައެވެ.
ލަންޑަންގެ ވެސްޓްމިންސްޓަރުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންކައިރިއަށް އާދީއްތަ ދުވަހު އެއްވިމީހުންތައް އެ އިމާރާތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅާލިއެވެ. އަދި މިހާދިސާގައި ސެކިއުރިޓީ ގާރޑުންގެ ދެމީހަކު ޒަޚަމްވިއެވެ. އެއްވިމީހުންތަކުގެ ތެރެއިން ފުލުހުންނަށް ކިޔަމަންނުވި މީހަކު ވަނީ ތަހުގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ފަހުން އެމީހާވަނީ ބެއިލް އެއްގެ ދަށުން ޖޫންމަހުގެ މެދާހަމަޔަށް ދޫކޮށްލާފައެވެ. އިންޑިއާގެ ޚާރިޖިއްޔާއިން ބުނަނީ ދެން އެފަދަ ހާދިސާއެއް ހިނގުމަށް އިނގިރޭސިވިލާތުން ފުރުސަތު ނުދޭނެކަމަށް އުންމީދުކުރާކަމަށެވެ.
މިހާދިސާއާއި ގުޅިގެން ލަންޑަނުގެ މޭޔަރ ސާދިގްޚާނު ވިދާޅުވެފައިވަނީ މިޒާތުގެ ބިރުދެއްކުމާއި ތަންތަން ލޫޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ހަމައެފަދައިން އިންޑިއާގައި ހުންނަވާ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނަރވެސް ވިދާޅުވެފައިވަނީ އެއީ ހަޑިހުތުރު އަދި އެއްވެސް ޙާލެއްގައި ހުއްދަކުރެވޭނެ އަމަލެއް ނޫންކަމަށެވެ.
އިނގިރޭސި ޚާރިޖީ އޮފީހުގެ ވަޒީރު ލޯރޑް ތާރިގް އަޙުމަދު ވިދާޅުވީ މިހާދިސާގެ އަޑު އެއްސެވީ ޙައިރާންކަމުގެ އިންތިހާގައި ކަމަށާއި މީގެފަހުން އިންޑިއާ ހައިކޮމިޝަންގެ ސަލާމަތާ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރައްވާނެ ކަމުގައެވެ.
ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ އެބައިމީހުން “ ޚާލިސްތާން “ ޖަހާފައިވާ ރީދޫ ދިދަތަކަކާއި ބެނާތަކެއް ވިހުރުވަމުންގެންދިޔަ މަންޒަރެވެ. އަދި އެހެން މީހަކު އެ އިމާރާތުގެ އެއްވަނަ ފަންގިފިލާގައި ހުރި އިންޑިއާގެ ދިދައެއް އުފުރާލި މަންޒަރުވެސް ފެނެއެވެ.
ޚާލިސްތާނަކީ އިންޑިއާ ސަރުކާރުން ވަކިވެގަންނަން މަސައްކަތްކުރާ ސިކުން ޕަންޖާބު ސަރަޙައްދުގައި އެމީހުންގެ ވަކި ދައުލަތެއް ގާއިމުކުރަން ބޭނުންކުރާ ނަމެކެވެ.
ލަންޑަންގެ އިޙުތިޖާޖު ފެށުނު ސަބަބެއްކަމުގައި ބެލެވެނީ ޚާލިސްތާން މޫވްމެންޓުގެ އިސްސަފުގައި ޙަރަކާތްތެރި ވަމުންގެންދަވާ އަދި އެ މަޒްހަބުގެ އިލްމުވެރިޔަކު ކަމުގައިވާ އަމްރިތުޕާލް ސިންގހް ހޯދަން އިންޑިއާ ފުލުހުން އަތްފުނާ އަޅަންފެށުމާއި ގުޅިގެން އޭނާފިލަންޖެހުމުގެ ސަބަބުންނެވެ.
އޭނާއަށް ތާއީދުކުރާ ބަޔަކު މިދިޔަ މަހުގައި ފުލުހުންގެ މަރުކަޒަކަށް ޙަމަލާދީފައިވެއެވެ. އިންޑިއާ ސަރުކާރުން ހާމަކޮށްފައިވަނީ އޭނާ ފިލައިގެން އުޅޭ ކަމަށާއި އަދި އެނާ ހޯދުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. މިކަމާގުޅިގެން އިންޑިއާގައި އެތައްމިލިއަން މީހުންނަށް އިންޓަރނެޓްގެ ޚިދުމަތްވެސް ވަނީ މަޙުރޫމް ކުރެވިފައެވެ.