އިންޑިއާގެ ކުރިއެރުމަކީ ދުނިޔޭގެ ނާޒުކު ބެލެންސް އޮފް ޕަވަރ އަށް ބިރެއް

Loading

Facebook
Twitter
WhatsApp


ޖީ 20 ގެ މާލީ ވަޒީރުންގެ އެޖެންޑާ އެކުލަވާލުމަކީ އެއްއިރެއްގައިވެސް ފަސޭހަ ކަމެއްނޫނެވެ. މިފަހަރު އަދި އަމުދުން އެމެރިކާއާއި ބައިވެރިން ޔޫކްރެއިނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ބޭނުންވެފާ ތިބި ވަރުންނާއި ރަޝިޔާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންވެސް ބޭނުންވެފައި ވާއިރު އަދި އެމެރިކާއާއި ބައިވެރިންގެ ގެންދަނީ ރަޝިޔާއާއި ޗައިނާ ބްލެކްމެއިލް ކުރަމުންކަމުގައި މޮސްކޯ އާއި ބެއިޖިންގުން ބުނަމުންދާ އިރެއްގައި އެއީ އަދި މާ އުދަނގޫ ކަމަކަށްވަނީ ވެފައެވެ.                                   

އިންޑިއާގެ މަސްއޫލުވެރިން ބެންގަލޫރުގައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ބައްދަލުން ސުލްހަވެރި މާހައުލެއްގައި އިންތިޒާމު ކުރަމުން ގެންދާއިރު އެއްވެސް ހާލަތެއްގައި “ ހަނގުރާމަ “ މި ލަފުޒު އެއްވެސް ބަޔާނެއްގައި ބޭނުން ކުރެވިދާނެ ފުރުސަތެއްވެސް ނުދިނުމަށް އެޅެންއޮތް ހުރިހާ ފިޔަވަޅެއްވެސް ގެންދަނީ އަޅަމުންނެވެ.

މިކަމަށް ބާރުދިނުމުގެ ގޮތުން މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުންގެ އިސްވެރިންގެ ބައްދަލުވުމެއްގައި ރަޝިޔާއާއި ޔޫކްރެއިންގެ ދެކޮޅުވެރިކަމާ ދޭތެރޭ ވާހަކަ ދެއްކުމަކީ މެންޑޭޓުން ބޭރުވުން ކަމުގައިވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް އެހެން ގައުމުތަކުގެ މަންދޫބުން ދެކިވަޑައިންނަވާ ގޮތުގައި އެ ދެކޮޅުވެރިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ފުނޑިގެންދާއިރު ކޮންމެވެސް ސިފައެއްގައި އެވާހަކަ ދައްކަން އެބަ ޖެހެއެވެ.  

އެންމެފަހުން ބައްދަލުވުން ނިމިގެންދިޔައީ އެ މައްސަލާގައި އެއްބަސްވުމަކަށް ދިއުމަށް އެއްބަސް ނުވުމަށެވެ. އެހެން އިބާރާތަކުން ބުނާނަމަ އެމައްސަލައާއިމެދު ގޮތެއް ނުނިންމުނެވެ.އަދި ގުޅިފައިވާ ބަޔާނެއްވެސް ނުނެރެވުނެވެ.             

މިއިން އެނގިގެންދިޔައީ ސިޔާސީ ބޭފުޅުން ކައްކާ އެއްވެސް ރަހައެއް ނުލާ ފޮލަޔާއި މާނައެއްނެތް އަނގަތެޅުން ބަލައިނުގަތަސް ރައްޔިތުންނަށް ގޮތް ހުސްނުވާނެކަމެވެ. އަދި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު އިނދަޖެހެމުން ދިޔަނަމަވެސް ދުނިޔޭގެ އެންމެ ބާރުގަދަ އިގްތިސާދުތަކުގެ ކުރިމަތީގައި އިންޑިއާއިން ގޮތްދޫނުކޮށް ހިފޭއްޓުމަކީ ނަމޫނާއެއް ކަމުގައި ބަލާގަންނަން ޖެހޭކަމަށް ސިޔާސީ ބައެއް ތަޖްރިބާކާރުން ދެކިވަޑައިގަންނަވައެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ރަޝިޔާގެ ސިފައިން ވަގުތުން ޔޫކްރެއިނުން ބާލަން ޔުނައިޓެޑް ނޭޝަންސްގެ އާންމު މަޖިލީހުގައި މިމަހުގެ ކުރީކޮޅު ނެގި ވޯޓުގައިވެސް ޗައިނާއާއި އިންޑިއާއި އަދި ދެކުނު އެފްރިކާއިން ވޯޓެއް ނުދެއެވެ.  

ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން ތާއީދުކުރިއެވެ. ހަމައެފަދައިން ބެއިޖިންގުން މޮސްކޯއަށް ތާއީދުކުރާކަން ފާޅުކުރަމުންގެންދާއިރު ހަނގުރާމަ ފެށުނު ފަހުން 33 ފަހަރު އިންޑިއާއިން ރަޝިޔާގެ ތެޔޮ އެތެރެކޮށްފިއެވެ. އެކަމަކު ދުނިޔޭގައި ތެދު ދޮގު އޮޅުވާލާފައިވާ ތްރީ ޑައިމެންޝަންގެ ޖިއޯ ޕޮލިޓިކްސްގައި އަދިވެސް ހުޅަނގުން ދެކެނީ އިންޑިއާއަކީ އިންޑޯ ޕެސިފިކްގެ މައްސަލާގައި ޗައިނާއިން ގެންގުޅޭ ގޮތްދޫނުކުރުމުގެ ސިޔާސަތުގައި ހުޅަނގުގެ ބައިވެރިއެއް ކަމަށެވެ.

ހުޅަނގުގެ ޑިޕްލޯމެޓުން އެއްބަސް ނުވިޔަސް އިންޑިއާއިން ޗައިނާއާއި ކައިރިވުމަށް ބޭނުންވާ ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ އެމެރިކާއާއި އެއް ފެންވަރެއްގައި ޓެކްނޯލޮޖީގެ ރޮނގުން ފައިތިލަ ސާބިތުކުރަން ޗައިނާއިން ބޭނުންވެއެވެ. ދެވަނަ ކަމަކީ ޗައިނާގެ އިގްތިސާދަށްވެސް މަސައްކަތްކުރާ އުމުރުފުރައިގެ އާބާދީ މަދުވަމުން ދިއުމުގެ ސަބަބުން އިގްތިސާދު ކޮރުޖަހަން ފަށާފައިވުމެވެ.

މިހާލަތުގައި އިންޑިއާގެ މަސައްކަތްކުރާ އުމުރުގެ އާބާދީއާއި ވަސީލަތްތައްވެސް ޗައިނާއަށް ވުރެން އިންޑިއާގައި މަދުނުވެފާ ޗައިނާގެ މަސައްކަތްކުރާ އާބާދީ މަޑުމަޑުން މަދުވަމުންދާތީ ކައިރި މުސްތަގްބަލެއްގައި އިންޑިއާއަކީ ދުނިޔޭގެ 3 ވަނަ އިގްތިސާދަށް ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ. 

އަދި އިންޑިއާއިން ރަނގަޅު އިގްތިސާދީ ތަސައްވުރެއް ގާއިމް ކުރެވިއްޖެނަމަ 2027 ވަނައަހަރާ ހަމަޔަށް ދާއިރު އިންޑިއާގެ އެތެރޭގެ އުފެއްދުން މިހާރު އޮތް 3.4 ޓްރިލިއަން ޑޮލަރ ގާތަގަނޑަކަށް 9 ޓްރިލިއަން ޑޮލަރަށް އަރައިގެން ދިއުމުގެ ފުރުސަތުވެސް އޮތީ  ވަރަށް ފުޅާކޮށް ހުޅުވިފައެވެ. އިނގިރޭސީން އަތުން މިނިވަންކަން ލިބުނު އިރު 340 މިލިއަންމީހުންތިބި އާބާދީ މިހާރު 1.4 ބިލިއަނަށް އަރައިފިއެވެ.              

ދެވަނަ ޗައިނާއަކަށް ވުމަކީ އިންޑިއާއިން އަބަދުވެސް ކުރާ އުންމީދެކެވެ. އެހެންނަމަވެސް ގިނަދުވަސް ތަކެއް ވަންދެން އިންޑިއާގެ އިގްތިސާދު ކުރިއަރާނެ މަގެއް ހޯދިފާނެތުމުގެ ސަބަބުން 1990 ވަނަ އަހަރާ ހަމަޔަށް ވެސް އިންޑިއާ އޮންނަންޖެހުނީ ދުނިޔޭގެ އިގްތިސާދުގެ 12 ވަނައިގައެވެ.

ނަމަވެސް މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދީ މައިދާނުގައި 6 ވަނައަށް އޮތް އިނގިރޭސި ވިލާތް އެއްފަރާތް ކޮށްލުމަށްފަހު އިންޑިއާއިން އެ މަގާމު ކަށަވަރު ކޮށްފިއެވެ. އަދި މީގެކުރިން އިންޑިއާގައި ތިބި ސާޅީހަކަށް ބިލިއަނަރުންގެ އަދަދު ފާއިތުވެގެން މިދާ ދިހަވަރަކަށް އަހަރުގެތެރޭގައި 155 އަށް އިތުރު ވެއްޖެއެވެ. 2014 ވަނައަހަރުންފެށިގެން މިއަދާ ހަމަޔަށް އިންޑިއާގެ ހައިވޭ ތައް %50 އިތުރުވެއްޖެއެވެ. 

ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވަނީ ގައުމުގެ ހުރިހާ ހިސާބަކަށް ވަންދޭ ބާރާތު އެކްސްޕްރެސްގެ ސެމީ ހައިސްޕީޑް ރޭލުގެ ޚިދުމަތް ތަޢާރުފް ކުރައްވާނެ ކަމަށެވެ.                     

މޯދީގެ ބޮޑުވަޒީރުކަމުގެ ދެ ދައުރުގައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެވެމުންދާ ކަމުގައިވިޔަސް އިންޑިއާގައި މުސްލިމުންނާއިދެތެރޭ ސަރުކާރުން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތަށް ދުނިޔޭ ލޯތައް އަމާޒުވެފައިވަނީ މިއަދު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީއަކީ މާދަމާޚުދުމުޚްތާރުކަމުގެ އިންތައްވެސް ފަހަނަޅައި ގޮސްފައިވާ ސަރުކާރަކަށްބަދަލު ވެދާނެ ކަމުގެ ބިރުވެރި މަންޒަރާ ދިމާލަށެވެ.                                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް