ނިއުޔޯރކުގެ ސިގްނޭޗަރ ބޭންކުވެސް ސަރުކާރުން ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

މިދުވަސްވަރަކީ ދިވެހިރާއްޖޭގައިވެސް ބޭންކުތަކާމެދު ކަސްޓަމަރުންގެ ހިތްހަމަނުޖެހުން ހާމަކުރަމުންގެންދާ ދުވަސްވަރެކެވެ. ބޭންކުތަކުން އަބަދުވެސް މަސައްކަތްކުރާނީ ބޭންކުގެ ފައިދާ އިތުރުކުރަން ކަމުގައި ގަބޫލުކުރަންޖެހެއެވެ. 

އެކަންކުރެވޭނެ އެއްގޮތަކީ ބޭންކުގެ ކަސްޓަމަރުންނަށް ބައެއް ކަންތައްތައް ހާމަނުކޮށް ބޭއްވުމެވެ. އެމެރިކާއަކީ އެގައުމުގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ގާނޫނުތައް ހަދައި އެ ގާނޫނުތައް ތަންފީޒުކުރުމުގައި މިސާލު ލިބިގަންނަން ޖެހޭ ގައުމެކެވެ. 

މިހާރު ހާމަވެގެން މިދިޔަ ބޭންކުތަކުގެ މައްސަލައަށް ބަލާލުމުންވެސް އެކަން ވަރަށްރަނގަޅަށް އޮޅުންފިލައެވެ. މިސާލަކަށް ބޭންކުގައި ހުރި ކަސްޓަމަރުންގެ ފައިސާއަކީ އިންޝުއަރ ކުރެވި އެއަށް ސަރުކާރުން ޒިންމާވާންޖެހޭ ހިސާބަށް ގާނޫނުތައްވަނީފުރިހަމަވެފައެވެ.

ނަމަވެސް އަޅުގަނޑުމެންގެ ބޭންކުތަކުގައި ކަސްޓަމަރުންގެ ފައިސާ ހިމާޔަތް ކުރެވިފައިވަނީ ކޮން ފެންވަރެއްގައިކަން އެނގޭ ކަސްޓަމަރަކު ނެތެވެ. މިއީ ހަމައެކަނި އޯ ޓީ ޕީ އަކުން ފުއްދާލެވޭވަރުގެ ކަމެއްނޫނެވެ.          

އަޅުގަނޑުމެންގެ މި ލިއުމުން ދިވެހިރާއްޖޭގެ ބޭންކުތަކުގައި ފައިސާ ބަހައްޓާފައިހުރި ރައްޔިތުމީހާއަށް ކޮންމެވެސް މަޢުލޫމާތެއް ލިބޭނެކަމަށް އުންމީދު ކުރަމެވެ.                                          

ބޭންކުތަކުގެ ފާރަވެރިޔާގެ ޙައިސިއްޔަތުން އެމެރިކާ ސަރުކާރުން މީގެ ދެދުވަސްކުރިން ސިލިކޯންވެލީ ބޭންކް ބަންދުކުރުމަށްފަހު މިއަދު ސިގްނޭޗަރ ބޭންކުވެސް އެމެރިކާ ސަރުކާރުން ބަންދުކޮށްފިއެވެ. ރެގުލޭޓަރުން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅު އަޅަންޖެހުނީ ހޯމަދުވަހު ބޭންކު ހުޅުވުމުގެ ކުރިން މައްސަލަ ހަމަޔަކަށް އެޅުވުމަށެވެ.

ސިގްނޭޗަރ ބޭންކް ވެގެން މިދިޔައީ އެމެރިކާގައި މިގޮތަށް ބަންދުކުރެވުނު ތިންވަނަ ބޮޑު ބޭންކަށެވެ. މީގެ ދެދުވަސްކުރިން ސިލިކޯންވެލީ ބޭންކް ބަންދުކޮށްފައި ވާއިރު 2008 ވަނަ އަހަރު ވޯޝިންގްޓަން މިއުޗުއަލް ވަނީ ބަންދުކޮށްފައެވެ. 

ސިގްނޭޗަރ ބޭންކުގެ ރައުސުލްމާލުގެ ގޮތުގައި ޑިސެމްބަރ 31 ވަނަ ދުވަހާއި ހަމަޔަށް 110 ބިލިއަންއެމެރިކާ ޑޮލަރު ހުރިކަމަށް ވެއެވެ. އަދި އެއީ އެމެރިކާގައި 29 ވަނައަށް އެންބެ ބޮޑު ބޭންކެވެ.

ބޭންކުގައި ޑިސެމްބަރ 31 ވަނަ ދުވަހު ޑިޕޮޒިޓްގެ ގޮތުގައި 88 ބިލިއަން އެމެރިކާ ޑޮލަރ ހުރި ކަމަށް ދައްކާއިރު އޭގެތެރެއިން ގާތަގަނޑަކަށް %90 ހުރީ ފެޑެރަލް ޑިޕޮޒިޓް އިންޝުއަރެންސް ކޯރޕަރޭޝަންގައި އިންޝުއަރ ކޮށްފައެއް ނޫނެވެ. އެހެންނަމަވެސް ޓްރެޝަރީ ޑިޕާރޓްމެންޓްގެ ސެކްރެޓަރީ ޖެނެޓް ޔެލެން އާއި ފެޑެރަލް ރިޒާރވުގެ ޗެއަރމަން ޖެރޯމް ޕަވަލް އަދި ފެޑެރަލް ޑިޕޮޒިޓް އިންޝުއަރެންސް ކޯރޕަރޭޝަންގެ ޗެއަރމަން މާރޓިން ގްރޫއެންބާރގް ހާމަކުރި ގުޅިފައިވާ ބަޔާނުން އެބޭންކުގައި ފައިސާ ޑިޕޮޒިޓްކޮށްފައިވާ ފަރާތްތަކަށް އެމީހުންގެ ފައިސާ ހަމަޔަށް ލިބިދެވޭނެކަމަށް ބުނެފައިވެއެވެ. 

އެހެންނަމަވެސް ބެންކުގެ ހިއްސާދާރުންނާއި އަދި އަންސެކިޔޯރޑް ދަރަނިވެރިފަރާތްތަކަށް ހިމާޔަތް ލިބިއެއް ނުދެވޭނެކަމަށެވެ. ބޭންކުގެ އިސް މުއައްޒިފުން މިހާރު ތިބީ ވަޒީފާއިން ވަކިކޮށްފައެވެ.                                                       

ބޭންކުގައި ފައިސާ ބަހައްޓާފައިހުރި ފަރާތްތަކަށް ޢާންމުކޮށް ފެޑެރަލް ޑިޕޮޒިޓް އިންޝުއަރެންސް ކޯރޕަރޭޝަނުން ހިމާޔަތް ލިބިދޭ 250000 އެމެރިކާ ޑޮލަރަށް ވުރެން އިތުރުވާ އަދަދެއް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބޭންކު އެސެސް ކުރުމަށްފަހުއެ ކޯޕަރޭޝަނަށް ލިބިދެވޭނެއެވެ. 

ބޭންކުތަކުން އިންޝުއަރެންސްއަށް ދައްކަންޖެހޭ ފައިސާ ގަވައިދުން އަތުލުމަށްފަހު ސަރުކާރުގެ ކަމާއިބެހޭ އިދާރާގައި އެ ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ބޭންކުން ނުދައްކައޭ ބުނެ ބަހަނާ ދެއްކޭނު ފުރުސަތެއް ނޯންނާނެއެވެ. ސިގްނޭޗަރ ބޭންކުގައި ފައިސާ ޖަމާކޮށްފައިވާ މީހުންގެ ތަފްސީލު މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. 

ސިގްނޭޗަރ ބޭންކުން އެބޭންކުގެ މުޢާމަލާތުތައް މާބޮޑަށް ހާމަކުރަން ބޭނުންނުވާތީ ބޭންކުގެ ކްލައިންޓުންނަށް ޚިދުމަތް ދިނުމުގައި ބޭނުން ކުރަމުން ގެންދަނީ ކްރިޕްޓޯކަރެންސީ ގެ އުސޫލެވެ. ސިލްވަރގޭޓް ބޭންކަކީވެސް ކްރިޕްޓޯކަރެންސީ ގެ އުސޫލުން ހިންގަމުން ގެންދާ ބޭންކެކެވެ. 

އެބޭންކުގެ މުޢާމަލާތުތައް ވެސް ފުރިހަމައަށް ހާމަކުރަމުން ނުގެންދާކަން މިހާރު ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހާރު ކްރިޕްޓޯ އެކްސްޗޭންޖް ދަށަށް ދާތީއާއި 2022 ވަނައަހަރުގެ ފަހު ތިން މަސްދުވަހުން ފެށިގެން އެފް ޓީ އެކްސް ( ކްރިޕްޓޯ ޓްރޭޑިންގ އެންޑް ޑިރައިވެޓިވްސް ޕްލެޓްފޯރމް) ގެ ޑިޕޮޒިޓްތައްވެސް ކުރީ އަހަރަށްވުރެން %17 ވެއްޓިފައި އޮތުމާއެކު އެބޭންކު އަމިއްލައަށް ބަންދުކުރަން ވިސްނަމުން ގެންދާކަމަށް އެނގިފައިވެއެވެ.             

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް