ސަޢޫދީ އެރެބިޔާއިންވެސް ނިއުކްލިއަރ ޙަކަތައާއި ދިމާލަށް

Loading

Facebook
Twitter
WhatsApp

ސަޢޫދީ އެރޭބިޔާއިން މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ އުފައްދަން އެހީތެރިވުމަށް އެމެރިކާގެ ކިބައިން އެދެމުންދާކަން ހާމަވެއްޖެއެވެ. ސަޢޫދީން މިވަގުތަށް ބޭނުންވަނީ މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ޙަކަތަ ބޭނުންކުރަން ކަމުގައި ބުނެވިދާނެއެވެ.

އެހެންނަމަވެސް ސަޢޫދީންވެސް އީރާނާއި އެއްފެންވަރެއްގައި ތިބުމުގެ އެދުމުގައި ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވެދާނެތީ އެމެރިކާއިންވެސް ބިރުހީވެއެވެ. ވޯލްސްޓްރީޓް ޖާނަލުން ހާމަކޮށްފައިވާ ގޮތުގައި ސަޢޫދީގެ މިއެދުމަށް އެމެރިކާއިން ދިންޖަވާބަކީ ސަޢޫދީ އެރޭބިޔާއިން ފުރަތަމަ އިސްރާޢީލާއެކު ގުޅުން ގާއިމްކުރުމެވެ. އީރާނުން ދިމާވެދާނެ ގޮންޖެހުމަކަށް ކުރިމަތި ލުމުގެ ބޭނުމުގައި ފާއިތުވެދިޔަ އަހަރުތަކުގައި ސަޢޫދީންވަނީ އިސްރާއީލާއެކު ސަލާމަތީ ގުޅުންތަކެއް ގާއިމް ކޮށްފައެވެ. 

އެހެންނަމަވެސް ރައީސް ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމިރޭޓްސް އާއި އެކު އިސްރާއީލުން އެއްބަސްވިފަދައިން އަބްރަހަމް އެކޯރޑަށް ޢަމަލުކުރާކަށް ސަޢޫދީން އަދި ބޭނުމެއް ނުވެއެވެ.                                        

އީރާނާއެކު އެމެރިކާއިން ކުރިއަށް ގެންދިޔަ 2015 ގެ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމުގެ ވާހަތައް އިރާނުގައި އުފެދުނު މުޒާހަރާތަކާއި ގުޅުގެން މިހާރު އޮތީ ހުއްޓިފައެވެ.                                

ވޯލްސްޓްރީޓް ޖާނަލުން ހާމާކުރާގޮތުގައި އެމެރިކާއިން މަސައްކަތްކުރާނީ އިސްރާއީލާއި ގަތަރާއި ޖޯރޑަން އަދި މިނޫނަސް އެމެރިކާއާއި ގުޅުންބޮޑު ގައުމުތައް ފަދައިން ސަޢޫދީ އެރޭބިޔާ އަކީވެސް ނޭޓޯގެ މެމްބަރަކަށްނުވާ ނޭޓޯގެ ޚާއްސަ ބައިވެރިޔަކަށް ހެދުމެވެ. 

މިގޮތަށް ހަމަޖެހުމުން ސަޢޫދީގެ އަތްފައި ބަނދެވި އެހެންނަމަވެސް އެމެރިކާގެ ހަތިޔާރު ލިބުމުގައި އެޅިފާއޮތް ހުރަސްތައް ކެނޑިގެން ދިޔައީއެވެ. އެކަން އެގޮތައް ވެއްޖެނަމަ އެއީ ރައީސް ބައިޑްން އަށް ލިބި ވަޑާއިގެންނެވި ވަރަށް ބޮޑު ކާމިޔާބީ އަކަށް ވެގެންދާނެއެވެ. އަދި ހަމައެފަދައިން އީރާނާ ދެކޮޅަށް ވަރުގަދަ ބައިވެރިއަކުވެސް އެމެރިކާއަށް ލިބުނީއެވެ.                                              

ކޮންމެއަކަސް މިހާރުފެންނަ ފެނުމަށް ބަލާއިރު ސަޢޫދީގެ އެދުމަށް އެމެރިކާއިން ބޯލަނބާފާނެ ކަމަކަށް ނުބެލެވެއެވެ. ރިޕަބްލިކަން މެމްބަރުންނާއި އަދި ބައިޑްންގެ ޑިމޮކްރެޓިކް މެމްބަރުންގެ ތެރެއިންވެސް ގިނަ ބަޔަކު އިދިކޮޅު ހެދުންވަރަށް ކައިރިއެވެ. ކޮންގްރެސްގެ ގިނައަދަދެއްގެ މެމްބަރުން ސަޢޫދީއާ ދޭތެރޭ ދެކެނީ ޝައްކުގެ ލޮލަކުންނެވެ. 

ނިއުކްލިއަރ މައްސަލައަކީ އިސްރާޢީލަށް އެންމެ ބިރުހުރި ކަންތަކެވެ. ސަޢޫދީއާއިއެކު ގުޅުން ގާއިމްކުރުމަށް ޓަކައި އިސްރާޢީލުން އެވަރުގެ އަގެއް އަދާކުރާކަށް ނުރުހޭނެއެވެ. އިސްރާޢީލުން ނުރުހޭ ކަމަކަށް އެމެރިކާއިން އާނ ބަސްވެސް ނުބުނެވޭނެއެވެ.                                                  

ސަޢޫދީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވަނީ މިހާތަނަށް ސަޢޫދީގެ ކަމުވޮށިގެންވާ ބޭފުޅުންނާއިއެކު ދެކެވުނު ވާހަކަތަކަށް ރިއާޔަތް ކުރާއިރު އެމެރިކާއާއިއެކު އެފަދަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ސަޢޫދީ ރައްޔިތުން ދެކޭގޮތް އޮޅުންފިލުވަން ބޭނުންފުޅު ކަމަށެވެ.

އެރެބް ސެންޓަރ ފޯރ ރިސާރޗް އެންޑް ޕޮލިސީ ސްޓަދީޒް އިން 2022 ވަނައަހަރު ކުރި ރިސާރޗްގެ ނަތީޖާއަކީ އިސްރާޢީލާއެކު ގުޅުން ގާއިމްކުރުމަށް ރުހުންދީފައިވަނީ ހަމައެކަނި %5 އެވެ. އެހެންނަމަވެސް މުޙައްމަދު ބިން ސަލަމާނު އެމެރިކާގެ މީޑިއާއަށް 2018 ވަނައަހަރު ވިދާޅުވެފައިވަނީ އިރާނުން ނިއުކްލިއަރ ބޮމެއް އުފައްދައިފިނަމަ ކޮންމެ ގޮތެއް ހަދާފާނަމަވެސް ސަޢޫދީންވެސް އެކަންކުރާނެ ކަމަށެވެ.                                               

އިރާނުން މިހާރުވެސް ބުނަމުން ގެންދަނީ އެގައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުން ނުވާ ކަމަށާއި އެ ގައުމުގެ ނިއުކްލިއަރ މަޝްރޫއަކީ ސުލްޙަވެރި އަދި މަދަނީ ބޭނުންތަކަށް ތަރައްގީކުރާ ވަސީލަތެއް ކަމަށެވެ.

– ނިމުނީ -–

ފޮޓޯ: ކަވަރ ވޮޝިންޓަން ޓައިމްސް

Loading

One Response

  1. ރަނގަޅުކަމެއް. ފަނާކުރަނިވި ހަތިޔާރު އެންމެން އަތުގާވެސް ހުންނަން ޖެހޭނެ. އެހެންނޫނީ އަބަދުވެސް ބާރުގަދަމީހާއަށް ކުރުނީސް ކުރަން ޖެހޭނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް