ދައުލަތް ފޮތިފޮތިކޮށްލުން!

Loading

Facebook
Twitter
WhatsApp


ދިވެހި ދައުލަތަކީ ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާރޓީތަކެއްގެ މައްޗަށް ފޮތިފޮތިކޮށް ބަހާލައިގެން ހިންގަންޖެހޭ އެއްޗަކަށް މިއަދު މިއޮތީ ވެފައެވެ. ބަޔަކު ހެޔޮނިޔަތެއްގައި ކުރި ޖިހާދެއް ނަމަވެސް ގެނެވުނު ގޮތްނޭގޭ ޑިމޮކްރެސީ ސަބަބުން ދިމަވި ނިކަމެތި ޙާލަތެކޭ މިހާރު ބުނެވިދާނެއެވެ. ޕާރޓީ ސިސްޓަމް އުފެދިގެން 2008ގެ ފަހުން ބޭއްވުނު އެއްވެސް އިންތިޚާބެއްގައި އެއްޕާރޓީއަކަށް ވެރިކަން ކުރުމުގެ ފުރުޞަތެއް މިހާތަނަށް ނުލިބުމުގެ ސަބަބެވެ. ޖުމްހޫރީ ޕާރޓީގެ ލީޑަރުގެ ޕްރޮފައިލްގައި މިހާރު މަދީ ރާއްޖޭގެ ވެރިކަން ކުރިކަމުގެ ޖުމްލަ އެކަންޏެވެ. 

20 ވަނަ ޤަރުނު ނިމުނުއިރު ދުނިޔޭގެ މުސްލިމުން ވެރިކަން ކުރަމުން އައި ގިނަ ޤައުމުތަކަކަށް ހުޅަނގުގެ ކަޅި ދިޔައީ އަޅަމުންކަން އެނގެއެވެ. އެތަންތަން އެތެރެއިން ހަލާކު ކުރާނެގޮތް ހޯދާ އެކަމަށް ޢަމަލީ ސިފަ ގެނައުމެވެ. އީރާޤް އަދި ލީބިޔާ އަކީ މިކަމުގެ ނަމޫނާ ދެޤައުމެވެ. ”ޑިމޮކްރެސީ“ ބާރުގެ ބޭނުންކޮށްގެން ގެނެސްދީ އެޤައުމު ތަކުގައި ފެށުނު އަހުލީ ހަނގުރާމަ ތަކުގެ ސަބަބުން މިހާރު އެޤައުމު ތަކުގެ ޙާލަތު އޮތް ހިސާބު ޚަބަރު އައްސަވާ ބައްލަވާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ދޭހަވާނެއެވެ.

1978އިން ފެށިގެން ދިވެހިރާއްޖޭގައި ހިނގަމުންދިޔަ އަނދިރި ނާމާން 30 އަހަރުގެ ވެރިކަން ބަދަލު ކުރުމަށް ހުޅަނގުން އެހީވެދިނީ އިންސާނީ ޙައްޤުތަކުގެ ކާޑު ކުޅެގެންނެވެ. އަދި އެޙައްޤުތައް ލިބޭނީ ޑިމޮކްރެސީ އައިސްގެން ކަމަށް އެބައިމީހުން ދިވެހީންނަށް އެމީހުންގެ ދިވެހި އެޖެންޓުން ބޭނުންކޮށްގެން ވިސްނައިދިނެވެ. 

ކަންވީވެސް އެހެންނެވެ. 2003 ވަނަ އަހަރު މާފުށީ ޖަލުގައި އިވާން ނަސީމް މަރާލުމާ ގުޅިގެން މިނަންގަނެވުނު ކަންކަން ކުރުމުގެ ފުރުޞަތުވެސް ފުޅާވީއެވެ. މާލޭގެ މަގުތަކުގައި ފުރަތަމަ ފަހަރަށް ވެންޑަލިޒަމް ފެށުނެވެ. ޕޮލިސް ސްޓޭޝަނަށް ޙަމަލާ ދިނުމާއި ޕޮލިސް ވެހިކަލް ތަކުގައި ހުޅުޖެހުން ފެށުނެވެ. އަދަބު ޢަޚުލާޤް ފާޅުގައި އަރުއްވައި ގަތީއެވެ. ފްރީޑަމްގެ ނަމުގައެވެ.

ޑްރަގް ވިޔަފާރި މިބުނެވުނު އަނދިރި 30 އަހަރު ފުޅާވެގެންގޮސް 2005ގައި ސިޔާސީ ޕާރޓީތައް ވުޖޫދު ވުމާއިއެކުގައި، އެޕާރޓީތަކަށް ފަންޑުކުރާ ވިޔަފާރިއަކަށް ބަދަލު ވެއްޖެއެވެ. ކިރިޔާ 18 ފުރޭއިރަށް ނޫނީ އުމުރުން 20 އަހަރުގައި އެއްވެސް ވަޒީފާއަކަށް ނުގޮސްތިބޭ ބަޔަކަށް ލަގްޒަރީ ފުލެޓް ގަނެވި އެންމެ ފަހުގެ ބްރޭންޑް ތަކުގެ އަގުބޮޑު ކާރުގަނެވެއެވެ. އެހެންވެ އިންސާފު ލިބޭނެ ފަޑިޔާރުގެއެއް އުފެދި ރައްޔަތުންނަށް ފުރިހަމަ އިންސާފު ލިބޭނޭ ވަޢުދުވެ އެބުނެވުނު ނުޙައްޤު މުއްސަނދިކަން ހޯދައި އަދަބުދޭން 2018 އުފެދުނު މިސަރުކާރުގެ މުއްދަތު ހަމަވުމަށް 8 މަހަށް ވީއެވެ. ކުރެވުނު ކަމެއް ޙަރާމެވެ. ހުރިހާކަމަކާއި ކުޅިއެއް މިވަނީ ގޯހުން ގޯހަށް ގޮސް ނުރައްކާތެރި ޙާލަތަކަށް ބަދަލުވެފައެވެ.

މައުޟޫއަށް އެތެރެ ވެލާނަމަވެ. އަނެއްކާވެސް ރިޔާސީ އިންތިޚާބެއް ބޯމަތި ވެއްޖެއެވެ. އެކިއެކި ޕާރޓީތަކުން ބޯކިބަލުގެ ލިބޭނެ ބައި ކަށަވަރު ކުރުމުގެ މަސައްކަތް މެކުހަށް ޖަހައިފިއެވެ. ބައެއް ފުންނާބުއުސް ސިޔާސީ މީހުން ބުނަނީ ކޯލިޝަން ހެދުމަކީ ރިޔާސީ ވެރިކަމެއްގައި އޮންނަކަމެއް ނޫންކަމުގައެވެ. ނޫނެކެވެ. ކޯލިޝަން އެއީ ބަރުލަމާނީއަށް އެކަނިއޮތް ކަމެއް ނޫނެވެ. 

ދިވެހި ސިޔާސީ އުދަރެހުގައި ދައުލަތުގެ ބޯކިބަލުން ފޮތި ހޯދުމުގެ ސަރޓިފިކެޓް އެންމެ ޙައްޤީ ޤާސިމް އިބްރާހީމް އަށެވެ. 2008ގެ ފަހުން އައި ހުރިހާ ސަރުކާރެއް އުފެއްދުމުގައި އެންމެ އިސްކޮށް ހުރީ އޭނާއެވެ. ވާނީވެސް އެހެންތާއެވެ. ވިޔަފާރިވެރިންނަކީ ބަނޑު ފުރޭނެ ބައެއް ނޫނެވެ. ބައެއް ފަހަރު އެފަދަމީހުނަށްހިތިބޭސް ބޮވެއެވެ. އެހެނީ 13 ޖުލައި 2010ގައި އެދުވަސްވަރު އިދިކޮޅުގައި އިއްތިޙާދުގެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ “ އަޅުގަނޑަކީ  މިސަރުކާރު ގެނައުމަށްޓަކައި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ދިވެހި ލޮބުވެތި ރައްޔިތުންނަށް ސަލާން ޖެހަމުން ގެންދިޔަ އެއް ބައިވެރިއެއް. އަޅުގަނޑު އުއްމީދުކުރީ ކެނެރީގޭ މުޙައްމަދު ނަޝީދަކީ އިޚުލާސްތެރިއަކަށް ވާނެކަމަށް… ނަމަވެސް މިވީ ހިތި ޒަހަރަށް. ވެރިކަން ހޯދައިދިނީމާ ޖަލަށް ގަޅާލީ.“


ދާދި އިހަކަށްރޭ ޖުމްހޫރީ ޕާރޓީގެ ކޮންގްރެސްގައި މިފެނުނީ އެއްކަލަ އިޚުލާސްތެރި ނޫންމީހާ އަރިހުގައި ބައިންދައިގެން އިންނެވިތަނެވެ. އެއިގެ ފަހުން 01 މާރޗް 2023ގައި ރައީސް އިބްރާހީމާ ބައްދަލު ކޮށް މީނާވެސް ބޯކިބަލުން ބައެއް ކަށަވަރު ކޮށްފިކަމަށް ބުނެއެވެ. 

ދެން އޮތީ ހުދުއަހުގެ ވެރިޔާގެ ވާހަކައެވެ. ކޮންމެވެސް އިންޓަނޭޝަނަލް ވިޔަފާރި ކުންފުންޏަކަށް 26 މިލިއަން ޑޮލަރު ދޭންޖެހިފައިވާ ފަރާތެކޯލައެވެ. މީނާވެސް ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން އެމްޑީޕީގެ ބައެއް ފަހުލަވާނުން ގަނެގެން ކެމްޕޭން ޖެއްސިތަން ފެނުނެވެ. އެހެނަސް މިހާރު ބޯކިބަލުން ބައެއް ލިބޭނެކަން ކަށަވަރުވުމުން ބޮޑާ ހޭކުން ހުއްޓާލާ ރައީސް އިބްރާހީމާ އެއްބައި ވެއްޖެއެވެ. ދެން ދީނީ ޖަމާޢަތެއް ކަމަށް ބުނެ 14 އަހަރު ދީނާ ޤައުމަށްޓަކައި ކަމަށްބުނެ އުޅުނު ބައިގަނޑުވެސް ވަޒީފާއަށްޓަކައި މިހާރު ދީން އެކަހެރި ކޮށްފިއެވެ. އަދި ކިއެއްތަ މި ސައްތައިންސައްތް އިސްލާމީގައުމު ގެރިބަކައްޓަށް ހަރުފަޔައް އަޅުކަން ކުރާ، ފޮތެއެް ގޮތެއްނެތް ބަޔަކާއި ޙަވަލުކުރުމުގައި ދީނީގޮތުން ބަސްބުނެ ނުހަލާލު ޙަލާލަށް ބަދަކޮށް ބޯކިބަލުން ފޮތޮ ހޯދައިފިކަމަށް ބުނެއެވެ.

17 ނޮވެމްބަރ 2018 އިން ފެށިގެން މިވީ ދުވަސްތަކުގައި ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ނާމާން ބިރުވެރި ހާދިސާތައް ހިނގައިފިކަމީ ޝައްކެއް އޮތްކަމެއް ނޫނެއެވެ. އޭގެ ތެރޭގައި ކުޑަ ފިރިހެން  ކުއްޖަކު ރޭޕްކޮށް މަރާލާ، ޒުވާން އަންހެން ކުއްޖެއްގެ ބޯބުރިކޮށް މަރާލުން ހިމެނެއެވެ. ބޭރުގެ ޑްރަގް ޑީލަރުން ޑްރަގްކޮޅު އެތެރެކުރުމަށްފަހު އަތުލައިގަތުމުންވެސް ކުށަކަށް ނުވެ އަނބުރާ އޭނާގެ ގައުމަށް ފޮނުވާލައި ގެނައި ޑްރަގްތައް ގެއްލި އެޑްރަގްތައް މާރކެޓަށް ނިކުރުން ޢަންމުކޮށްފިއެވެ. މުޅިގައުމުގެ ހުރިހާކަމެއް ނިއުދިއްލީން ބަސްބުނެ ހިންގުމާއި ޙަވާލުވެފާވާއިރު،

ސުވާލަކީ ދައުލަތް ހިންގުމަށްޓަކައި ކުރެވުނީ ކޮންކޮން ކަންތަކެއް ހެއްޔެވެ؟ ހަރުމުދާ ރަހުނުކޮށް ފައިސާ ނެގުން ފިޔަވައި މިސަރުކާރަށް ކުރެވުނީ ކީއް ހެއްޔެވެ؟ ޤައުމުގެ މިނިވަންކަން ބޮޑުތަނުން ކޮމްޕްރޮމައިސް ކޮށްފިއެވެ. އަދިވެސް ދިވެހީން ހޭއަރާކަށް ނުޖެހޭ ހެއްޔެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. އަސްވެސް ވިއްކާ ލަގަންވެސް ވިއްކާލައިފިކަމާއިމެދު ޝައްކެއް ނެތެވެ. މިނުބައި ދަހިވެތި މީހުންތައް ބޯކިބާ ބައިބަޔަށް ބެހީމަ އަހަރެމެނަށް (ރައްޔަތުންނަށް) ވަނީ ކޮން ފައިދާއެއްތޯއެވެ. ބުނެވެން އޮތީ އަނދިރި 30 އަހަރުގެ މޭވާއިން ސާދާސީދާ ބަދަލުވި ޑިމޮކްރެސީގެ ތެރެއިން ދިވެހިރާއްޖެ ހަލާކު ކޮށްލީއެވެ.

Loading

2 Responses

  1. ތީގެ ހައްލު ވަރަށް ފަސޭހަ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ފަކީރު މީހަކު ވެރިކަމަށް ނުކުންނަންވީ އެއްވެސް ކެމްޕެއިނެއްކުރާނެ ކަމެއްހެން. ވޯޓުކަރުދާސް ގައި ހަމަ އެކަނި ނަންޖަހާލަންވީ ފެން އޭނާއަށް އެންވޯޓްދީ 85% ވޯޓުން އެއްބުރުން އޭނާ ހޮވަންވީ އެނިމުނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް