ގުޅިފައިވާ ޔޫކުރެއިން ލަޝްކަރުތަކުގެ މިލިޓްރީ ކޮމާންޑަރ ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

އިރުމަތީ ޑޮންބަސް ސަރަޙައްދުގައި ހަނގުރާމަ ކުރަމުންގެންދާ ޔޫކްރެއިންގެ ގުޅިފައިވާ ލަޝްކަރުތަކުގެ މިލިޓްރީ ކޮމާންޑަރ ވަޒީފާއިން ވަކިކޮށްފިއެވެ. ކޮމާންޑަރ އެޑްއާރޑް މޮސްކާލިޔޯވް ވަޒީފާއިން ވަކިކުރަން ރައީސް ޒެލެންސްކީ ނެރުނު އެއް ފޮޅުވަތުގެ ގަރާރުގައި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ. 

ރޮއިޓާސް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މޮސްކާލިޔޯވް އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެތެރޭގައެވެ. ގުޅިފައިވާ ލަޝްކަރު އުފައްދާފައިވަނީ 2014 ވަނައަހަރު ރަޝިޔާއިން ކްރީމިއާ އަތުލުމާއި ގުޅިގެންނެވެ. އަދި މިފަހަރު ރަޝިޔާއިން އަރައިގަތުމާއި ގުޅިގެން ހަނގުރާމާގައި އެންމެބޮޑު ޙިއްސާއެއް އުފުލަނީ އެ ލަޝްކަރުންނެވެ.        

މޮސްކާލިޔޯވްއަކީ ޔޫކްރެއިންގެ މިލިޓްރީ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނާއި ގުޅިގެން ގެންނަމުންދާ ބަދަލުތަކުގައި އެންމެ ފަހުން ވަޒީފާއިން ވަކިކުރެވުނު އޮފިސަރެވެ. މި މައްސަލަތަކާ ގުޅިގެން ދިފާޢީ ވަޒީރު އޮލެކްސީ ރެޒްނިކޯވް ގެ ވަޒީފާވެސް ނުގެއްލުނީ ހަމަކިރިޔާއެވެ. 

އަދި އޭނާއާއިއެކު މަސައްކަތްކުރާނެ ތިން ނައިބު ވަޒީރުން މިހާރު ތިބީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މޮސްކާލިޔޯވް ވަޒީފާއިން ވަކިކުރީ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން ކަން ބުނެދީފައެއް ނުވެއެވެ.                                                    

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައަށް މިދިޔަ ހުކުރު ދުވަހު އެއް އަހަރު ފުރުނީއެވެ. އަދި ރަޝިޔާގެ ޙަމަލާތައް މިހާރު ވަނީ މާވަރުގަދަ ކޮށްފައެވެ. މިދިޔަ ހަފްތާގައި ރައީސް ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގާ ހޭދަވެގެން ދިޔަ އަހަރު ދުވަހަކީ “ ޔޫކްރެއިން އިނދަޖައްސާ ނުލެވޭނެކަން އެނގިގެން ދިޔަ އަހަރު ދުވަސް ކަމުގައެވެ ”. އަދި ބަޚްމޫތާއި ޑޮނެސްކްގެ ސަރަޙަ އްދު ދިފާޢު ކުރުންމަތީ ދެމިތިބޭނަމެވެ.                          

މިދިޔަ ހަފްތާގައި ރައީސް ބައިޑްން ވަނީ ޔޫކްރެއިނަށް ވަޑައިގެން އެމެރިކާއާއި ބައިވެރިންގެ އެހީއާއި މަދަދު ޔޫކްރެއިނަށް އަބަދުވެސް ލިބެމުން ދާނެކަން ޔަގީން ކޮށް ދެއްވާފައެވެ. އަދި ޔޫކްރެއިނަށް މިހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.                                                 

ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ އެހެން ޚަބަރުތައް ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް ޗައިނާއިން އެކުލަވާލާފައިވާ ތަޖްވީޒަށް ރައީސް ޒެލެންސްކީ ރުހުމުގެ ލޮލަކުން ބަލަމުންގެންދާ ކަމުގެ އިޝާރާތެއްވެސް އެބަ ފެނެއެވެ.

ޗައިނާއިން ޔޫކްރެއިނާއި ބެހޭގޮތުން ވާހަކަދައްކަން ފެށުމަކީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ޗައިނާގެ ހުށައެޅުމުގެ އިޚްލާސްތެރިކަން ހުރި މިންވަރަކާދޭތެރޭ ސުވާލު އުފައްދައެވެ.            

ޗައިނާގެ ހުށައެޅުމުގައި ގައުމުތަކުގެ މިނިވަންކަމަށް އިޙްތިރާމްކުރުމާއި ހަނގުރާމަ ހުއްޓާލުމާއި ސުލްޙައިގެ ވާހަކަތައް އަލުން ފެށުމާއި މުޅިދުނިޔެ ޝާމިލުވާގޮތަށް އިންސާނީ މުސީބާތެއް މި ހަނގުރާމައިގެ ސަބަބުން އުފަންވެއްޖެ ކަމަށް ބުނެފާ އޮތުމުން މި ކަންތައްތަކާ ދޭތެރޭ ވިސްނުމަކީ ގޯހެއްކަމަކަށް ނުބެލެވެއެވެ. 

ޗައިނާގެ ހުށައެޅުމުގައި އެއްބަސްނުވެވޭ ކަންތަކެއް ހުއްޓަސް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލު ކުރުމުގެ ޝައުގުވެރިކަން ރައީސް ޒެލެންސްކީ ފާޅުކޮށްފައި ވެއެވެ.

ޗައިނާއާއި ރަޝިޔާގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ހުރަސް އެޅުމަށްޓަކައިވެސް މި ފުރުސަތުގެ ބޭނުން ކުރަން ޖެހޭކަމަށް ބައެއް ބޭފުޅުން ދެކިވަޑައި ގަންނަވާކަމަށް އެސޯޝިއޭޓެޑް ޕްރެސް އަށް މަޢުލޫމާތު ލިބިފައިވާކަން ހާމަކޮށްފައި ވެއެވެ.                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް