ބަޙްރައިންގެ އިލްމުވެރިންތަކެއް ޖިނާޢީ ޝަރީޢަތުގެ ކުރިމައްޗަށް

Loading

Facebook
Twitter
WhatsApp

އެރޭބިއަން ގަލްފް ނުވަތަ ޕާރޝިއަން ގަލްފުގައި އޮންނަ ބަޙްރައިން އެވެ ކިއުނު ޖަޒީރާ ގައުމުގައި މިއަދު އިސްލާމްދީނުގެ ތިން ދަންނަބޭކަލަކު ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރު ކުރެވޭނެއެވެ. އެބޭފުޅުން ޙާޒިރުކުރެވެނީ އިސްލާމްދީނުގެ އަސްލުތަކާއި ގުޅޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަ ފުޅުތަކަކާއި ގުޅޭ ގޮތުންނެވެ.

ބަޙްރައިނަކީ ޝިޔާޢީ ވިސްނުމުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތަކު ދިރިއުޅޭ ގައުމެއްނަމަވެސް ވެރިކަމުގެ ބާރުތައް އޮންނަނީ ސުންނީ ވިސްނުމުގެ ބޭފުޅުން އަތްމަތީގައެވެ. އެ ތިން ދަންނަ ބޭކަލުންވެސް ނިސްބަތްކުރެވެނީ ބަހްރައިންގައި ތަޖްދީދުގެ ނަމުގައި ހިންގާ ޝިޔާޢީ ވަކި ފިކުރެއްގެ ޖަމާއަތަކަށެވެ.

އެބޭފުޅުން ބަހުސްކުރައްވައި ވަކާލާތު ކުރަމުން ގެންދަވަނީ އިސްލާމީ ފިގުހާއި ބެހޭ މައްސަލަތަކުގައި ހުޅުވާލެވިގެންވާ މާޙައުލެއްގައި މަޝްވަރާކުރުމަށެވެ. އެހެންނަމަވެސް ބައެއް އިސްލާމް ގައުމުތަކުގައި މިއީ ވާހަކަދައްކައި ބަހުސް ކުރާނެ ޖާގަ އޮތް މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ. އެ ޖަމާއަތުގެ ބައެއް އުފެއްދުންތަކަށް ބަޙްރައިންގެ ޝިއާޢި ވިސްނުމުގެ ބޮޑެތި ދަންނަ ބޭކަލުންގެ ނުރުހުންވެސް ވަނީ އަމާޒުކުރެވިފައެވެ. އަދި އެ ޖަމާއަތުގެ އުފެއްދުންތަކާ ދުރުހެލިވުމަށް ވެސް އެބޭފުޅުން ނަސޭޙަތްތެރި ވަމުން ގެންދެއެވެ.                                                 

ސައިބަރކްރައިމްގެ ރޮނގުން ތަޖްރިބާކާރު ދައުލަތުގެ ވަކީލުން މިބޭފުޅުންގެ މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށް ބައްލަވައި ޖިނާއީ އަދުލުގެ ކުރިމައްޗަށް މިބޭފުޅުން ޙާޒިރުކުރަން ނިންމެވީއެވެ.ބަޙްރައިންގެ ރަސްމީ ނިއުސް އޭޖެންސީން ބުނާގޮތުގައި އެ ބޭފުޅުން ގެންދަވަނީ އިސްލާމްދީނުގެ އަސާސް ތަކާ ޚިލާފް ވާހަކަތައް ފަތުރަމުންނެވެ. ތަޖްދީދުގެ ބައެއް ޕްރޮގްރާމްތައް ޔޫ ޓިއުބުގައިވެސް ވަނީ ޝާއިއު ކޮށްފައެވެ.

ތަޖްދީދުގެ އެހެން މެމްބަރަކު ވިދާޅުވެފައިވަނީ ޖަލާލް އަލް ގައްސާބް އާއި ރިޒާ ރަޖަބް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައި ވާއިރު ތިންވަނަ ބޭފުޅާއަކީ ކާކުކަން އަދި ހާމަކޮށްފައެއް ނުވެއެވެ. މިބޭފުޅުންގެ ކުށް ސާބިތު ވެއްޖެނަމަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް ލިބި ވަޑައިގަންނަވާނެއެވެ.                            

ތަޖްދީދުގެ ދަންނަބޭކަލުން ވިދާޅުވަނީ އިސްލާމްދީނުގެ ބިންގާ ކަމުގައި ބެލެވޭ ކީރިތި ގުރްއާނާއި މާތް ނަބިއްޔާގެ ސުންނަތާ ޚިލާފް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

އެބޭފުޅުންގެ އަމާޒަކީ މިހާރުގެ ދަންނަބޭކަލުންގެ ވިސްނުމާއި ފިކުރު ފަތުރަމުން ގެންދާގޮތުން ދިމާވެދާނެ މައްސަލަތަކެވެ. މީގެކުރިން ބަޙްރައިންގައި ޖަލަށްލެވިފައިވާ ޑިމޮކްރެސީއަށް ތާއީދުކުރައްވާ ނަބީލް ރަޖަބު ވިދާޅުވަނީ ތަޖްދީދުގެ ބޭފުޅުންނާދޭތެރޭ ސަރުކާރުން ކަންތައްކުރައްވާތަން ފެންނަނީ ވަކި ތަރުތީބެއްގެ ދަށުން އެ ޖަމާޢަތުގެ އަޑުކަނޑުވާލަން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަމަށެވެ. އަދި އެއީ އިންސާނީ ޙައްގުތަކާވެސް ޚިލާފަށް ކުރަމުންގެންދާ ކަމެއް ކަމަށެވެ. އިންސާނީ ޙައްގުތައް ކަށަވަރު ކުރަންޖެހޭނީ ހުރިހާ އެންމެނަށްވެސް ހަމަހަމަ ގޮތެއްގައެވެ.                      

2011 ވަނައަހަރު ޝިއާޢީ އަޣްލަބިއްޔަތާއި ސުންނީންގެ ވެރިކަމާ ދޭތެރޭ ހަމަނުޖެހުންތަކެއް ހިނގާދިޔައެވެ. ސަޢޫދީ އެރޭބިޔާއާއި އެމިރެޓްސްގެ އެހީގައި އެ ކުރިމަތިލުންތައް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. އޭގެފަހުން ބަޙްރައިންގައި ފިކުރުގެ ކުރިމަތިލުން ހިނގާފައެއް ނުވެއެވެ.                                     

އެމެރިކާ ކަނޑު ސިފައިންގެ 5 ވަނަ ފްލީޓު ގާއިމް ކޮށްފައި އޮންނަނީވެސް ބަޙްރައިން ގައެވެ.                   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް