މެލޭޝިޔާގައި 150 ބިދޭސީން މަރުވި މައްސަލަ ތަޙްގީގުކުރަން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރެއްގައި މިދިޔައަހަރު ކުޑަކުދިންތަކެއްވެސް ހިމެނޭގޮތުގައި 150 މީހުން މަރުވެފައިވާތީ މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރުތަކު ޙާލަތު ދެނެގަނެ ރަނގަޅުކުރަން ޖެހިފައިހުރި ކަންތައްތައް ރަނގަޅު ކުރުމަށް އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ގޮވާލައިފިއެވެ.                     

މެލޭޝިޔާގައި ސައްޙަ ލިއެކިއުންތައް ނެތި އުޅޭ ބިދޭސީން ހައްޔަރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އޭގެ ތެރޭގައި ސިޔާސީ ޙިމާޔަތަށް އެދޭ މީހުންނާއި ރޮހިންޖާގެ ރެފިއުޖީންވެސް ހިމެނެއެވެ.                        

މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރުތަކަކީ އިންސާނުން ދިރިއުޅުން އެކަށީގެންނުވާ ފެންވަރަށް ސިއްޙީ ކަންތައް ބޮއްސުންލައިގެން ގޮސްފައިވާ އަދި ތަނާއި އެކަށީގެންނުވާ ވަރަށް މީހުން ޖަމާކޮށް ކެއިންބުއިމާއި ގައިންތާހިރު ވުމުގެ ވަސީލަތްތައްވެސް ވަރަށް ދަށް ފެންވަރެއްގައި ހުންނަތަންތަން ކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ.       

ޕާލަމެންޓުން ކުރި ސުވާލަށް މިހާރުގެ ދާޚިލީ ވަޒީރު ސައިފުއްދީން އިސްމާޢީލް ލިއުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރު ޑިޓެންޝަން ސެންޓަރުގައި މަރުވި މީހުންގެ ތެރޭގައި 25 އަންހެނުންނާއި 7 ކުޑަކުދިންވެސް ހިމެނޭ ކަމުގައެވެ. 

އެހެންނަމަވެސް އެ މީހުން މަރުވި ގޮތުގެ މަޢުލޫމާތު އަދި މިހާރު ޑިޓެންޝަން ސެންޓަރުތަކުގައި ތިބިމީހުންގެ އަދަދު ހާމަކުރައްވާފައެއް ނުވެއެވެ.އެހެންނަމަވެސް ޑިޓެންޝަން ސެންޓަރުތަކުގައި 17703 ބިދޭސީން މިދިޔައަހަރު ޖުލައިމަހު ތިބިކަމަށް މެލޭޝިޔާއިން ވަނީ ހާމަކޮށް ފައެވެ.             

މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރުތަކުގައި ހައްޔަރުކޮށްފައިތިބޭ މީހުންނާދޭތެރޭ މެލޭޝިޔާއިން ކަންތައްކުރަނީ އެއީ އިންސާނުންނަށްވީތީ ކޮންމެހެން ލިބިދޭންޖެހޭ ޙައްގުތަކެއްވެސް އޮންނަބައެއް ކަމަށް ގަބޫލުނުކޮށް ވަރަށް އަނިޔާވެރި ގޮތްގޮތުން ކަމަށް ހިއުމަންރައިޓްސް ވޮޗްގެ ޑެޕިއުޓީ ޑިރެކްޓަރ ފިލް ރޮބާރޓްސަން ވިދާޅުވިއެވެ. އޭގެ ތެރެއިން ކުޑަކުދިންނާއި ބައެއްބިދޭސީން މަރުވެގެންދަނީ ވަރަށް ހިތްދަތި ގޮތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިޔާއިން ރެފިއުޖީންނަށް ޙިމާޔަތް ދޭކަށް ބޭނުމެއް ނުވެއެވެ. ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޯރ ރެފިއުޖީޒް އިން ޙިމާޔަތް ލިބިދީފައިވާ މީހުންނަށްވެސް މެލޭޝިޔާއިން ފޯރުކޮށްދޭނީ ވަރަށް އަސާސީ ޙައްގު ތަކެކެވެ.                                                                

ލިއެކިއުންތައް ފުރިހަމަނުވާ މީހުން އެބައިމީހުންގެ ގައުމަށް ފޮނުވާލުމުގެ ކުރިން އެތައްދުވަހަކު ހައްޔަރު ކޮށްގެންވެސް ގެންގުޅެއެވެ. އަދި ސިޔާސީ ޙިމާޔަތަށް އެދޭ މީހުންވެސް މުއްދަތެއްނެތް ގޮތުގައިވެސް ބަންދުކޮށްގެން ގެންގުޅެއެވެ.ބަންދުކުރެވިފައިތިބި މީހުންނާއި ސިޔާސީ ޙިމާޔަތަށް އެދިފައި ތިބި މީހުންގެ މައްސަލައަށް ރަނގަޅު ޙައްލެއްގެނެވޭތޯ މަސައްކަތް ކުރުމުގެ ބޭނުމުގައި ޑިޓެންޝަން ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޯރ ރެފިއުޖީޒް އިން ކުރި މަސައްކަތަށް 2019 ވަނައަހަރުއްސުރެން މެލޭޝިޔާއިން ހުއްދައެއް ނުދެއެވެ. 

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ހާމަކުރަމުން ގެންދާގޮތުގައި ބަންދުކޮށްފައި ތިބިމީހުންނާ ބައްދަލުކުރެވޭނެ މަގުތައް ހަނިކުރުމާއި އެމީހުންގެ ޙާލަތު މިނިވަން ކަމާއެކު ދެނެގަނެވޭނެ ގޮތެއް ނެތުމުގެ ސަބަބުން މަރުވި މީހުންގެ މައްސަލާގައި ދެފުށްފެންނަ ތަޙުގީގަކަށް ވެސް ފުރުސަތު އޮތްކަމަކަށް ނުބެލެވެއެވެ. މެލޭޝިޔާ ސަރުކާރުން އަވަސް ފުރުސަތެއްގައި މިކަންތައްތައް ހައްލުކުރަން ޖެހެއެވެ.                         

މެލޭޝިޔާގެ ދާޚިލި ވުޒާރާއާއި އިމިގްރޭޝަނުން މިކަމާއި ގުޅޭގޮތުން ޖަވާބެއް ނުދެއެވެ. ޑިޓެންޝަން ސެންޓަރު ތަކުގެ ބެލެނިވެރި ފަރާތަކީ އެ ދެ އިދާރާއެވެ.މެލޭޝިޔާއަށް އަންނަ މީހުންނަށް ކުރިމަތި ވަމުންދާ މައްސަލަ ތަކަށް ބައިނަލް އަގްވާމީ ލޯތައްވެސް ގެންދަނީ ފާރަލަމުންނެވެ.                               

ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު އެ ބަލިމަޑުކަން ފެތުރުން ހުއްޓުވުން ބަހަނާއަކަށް ހަދާފައި އެތައް ހާސްބަޔަކު ގައުމުން ބޭރުކޮށްލިއެވެ. އަދި ސިޔާސީ ޙިމާޔަތަށް އެދިފައިވާ ބަރުމާގެ އެތައްބަޔަކުވެސް އަނބުރާ އެ ގައުމަށް ފޮނުވާލިއެވެ.                                                            

Loading

2 Responses

  1. ގުއަންޓަނަމޯ ޖަލުގައި ބަންދުކޮށްފާތިބޭ މީހުން ދޭތެރެ ދޭތެރޭން ޚަބަރުތަކުން ފެނޭ. އިންސާނަކަށްވީތީ ލިބެންޖެހޭ ހުރިހާ ހައްގެއް ލިބިދީފައި ތިބެނީ. ހަތަރެސްފައިގާ ހިލިހިލާ ޖަހާފައި. އިހަށްދުވަހު އެދޫކޮށްލީ 2 މީހަކު 20 އަހަރު ދުވަހު އެތަނުގައި ކުކުޅުބިރިޔާނީއާއި ފޮލަޔާ ކާންދީފައި. އެމީހުންގެ އެއްވެސް ކުށެއްނެތޯ. އޮޅުމަކުންނޯ ހައްޔަރުކޮށްފައި ބޭތިއްބުނީ. ކިހާސަޅި

    1. އެމެރިކާ ވަރުގެ ލާ-އިންސާނީ ގައުމެއް މި އުޑު ދަށަކު ނެތެވެ. ޙަރާމް ކޯރުނުވާނެ ބައެއް ނޯންނާނެއެވެ. ނުކުރާނެ ފަނާއެއް ނޯންނާނެއެވެ. ދެކެބަލާށެވެ. ޖަޕާނަށް އޮޓޮމިކް ނިއުކުލިއަރ ބޮން އަޅާ އެތެއް މިލިޔަން މީހުން މެރިއެވެ. ވިއެޓްނާމުގައި އެތައް މިލިޔަން މީހުން މަރައި އެގައުމުގެ ދަޑުތަކަށް ވިހަ ސްޕްރޭކޮށް އެމީހުނަށް ކާއެތިކޮޅެއް ނުލިބޭނެ ވަރުކުރިއެވެ. ދެން މިދާކަށް ދުވަހު ފަނާކޮށްލެވުނެ އިރާގް އަފްގާނިސްތާނު ލީބިޔާ ތިބާޔަށްވެސް އެނގޭނެ ނޫންހެއްޔެވެ. އެހެނަސް އެމެރިކާވަރުގެ ޢަދުލު އިންސާފުވެރި އެކިޔާ ޑިމޮކްރެސީގެ ނަމޫނާއެއް ނެތިގެން ދިވެހިންވެސް އެބަ އެމީހުން ޖަހާހާ ބެރަކަށް އެބަ ނަށައެވެ. ފޭކް ފޭކް ހުރިހާކަމެއް ޖައްސާ ނުލަވާ ގައުމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް