ފެބްރުއަރީ ހަވަނަ ދުވަހުގެ ގަޑިން ހެނދުނު 09:00 ޖަހަނީއެވެ. ސޫޓު ތުރުކުރައްވައި, ބޫޓަށް އަރުއްވައި, ދެން ހުރި އެއްޗެއް ވެސް ތުރުކުރައްވައިގެން ނިޔަނެތި ގޮތް ދައްކަވަމުން ރަތް ދޫލައިގެ މަތިން ހިންގަވާފައި ވަޑައިގެން, “ހެދިހުރި އިންސާނާ“ އެ ވަދެވަޑައިގަތީ ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށެވެ. ފަސްވަނަ ފަހަރަށް ޙުޠުބަތުލްޢަރްޝި އިއްވެވުމަށެވެ.
ހެދިހުރި އިންސާނާގެ “ނުފޮރުއްޕާނާ“ ހެދި ކުރިމަތިވެފައިވާ “ދުއްޕާނު“ ގެ ސަބަބުން އުފެދުނު ހައިޖާނަކަށްފަހު, ޙުޠުބަތުލްޢަރްޝި އިއްވަވަން ފެށްޓެވިއިރު ގަޑިން 9:40 ވީއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާއިން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް އަދާކުރައްވަނީޔޯލައެވެ. ޤައުމުގެ ހާލަތު ބަޔާން ކުރައްވައި, ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރައްވާނެ ކަންކަން ބަޔާންކުރައްވަނީޔޯލައެވެ.
“ފަހުން ކިޔާ މާލޫދު މޮޅުވާނޭ“ މުސްކުޅިން ބުނި ނަމަވަސް, މި ފަހަރު އަޑުއަހަން ޖެހުނީ ކުރިން ހަތަރު ފަހަރު ވެސް އަޑުއަހަން ޖެހުނު ވާހަކައެވެ. ބަޔާނުގައި އައު “ކަމެއް“ ނެތެވެ. ވީ “ކަމެއް“ ނެތެވެ. ދެން ކުރެއްވެވޭނެ “ކަމެއް“ ވެސް ނެތެވެ. “ބިރަކާނުލައި“ މަޖަލުގައި ހޭދަކުރައްވާފައި, ދައުރުގެ އަޖަލު ހަމަވާން ވަގުތު ކުޑަތަންވީމާ ދެން ކަމެއް ކުރެއްވެވޭނެ ކަމަށް މީހަކު ގަބޫލެއް ވެސް ނުކުރާނެތާއެވެ. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް އެ ވިދާޅުވަނީ އެ ވާހަކައެވެ.
“ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވެސް އިއްޔެ [ފެބްރުއަރީ 6 ] އަޅުގަނޑަށް ފާހަގަ ކުރެވުނު ތަސައްވުރުގެ ވާހަކަ. ކޮބައިތޯ ތަސައްވުރަކީ؟“
“މަގުމަތީގައި މަސްތުވާތަކެތި ބޯ މީހުންގެ ވާހަކަތަކެއް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އަޑެއް އަޅުގަނޑު ނާހަން.“ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވިއެވެ.
ބަޔާނާ ގުޅޭ ގޮތުން ދެން ވާހަކަ ދެއްކެވި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވެސް ވިދާޅުވީ މިކަަހަލަ ވާހަކަތަކެކެވެ. ރައްޔިތުންގެ މޫނުމަތީ އިތުރު “ދޮގުތައް“ ހައްދަވާ ތަން ބައްލަވަން މަޖިލީހަށް ވަޑައިގެން “އަތް ޖައްސަވަން“ އިންނަވާކަށް އޭނާގެ ޒަމީރު ވެސް ގަބޫލެއް ނުކުރިއެވެ.
“ކުރައްވާ ވެރިކަމަކާ މެނިފެސްޓޯއަކާ ދިމައެއް ނުވޭ. ރިޔާސީ ބަޔާންތަކާ އަމަލު ކުރައްވާ ގޮތާ ދިމައެއް ނުވޭ.“ ޙުޠުބަތުލްޢަރްޝި އިއްވެވިއިރު ވަޑައިނުގަތް ސަބަބު ބަޔާންކުރައްވަމުން އޭނާ ވިދާޅުވިއެވެ.
ހަމަ މި މޭރުމުން ވާހަކަދެއްކެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ފަސް އަހަރު “ދުއްވައިލީ“ ވައްކަމާއި ކޮރަޕްޝަން ނުބެލި އަދި ވައްކަމާއި ކޮރަޕްޝަން ހިންގައި އަދި އެކަމަށް ޖާގަ ދިން ދައުރެއްގެ ގޮތުގައި ކަމަށެވެ.
“އެއް ދައުރު ނިމެންދެން ސްޕީީޗް ލިޔުއްވުމުގައި. އެހެން ދައުރެއް އަތުޖެހިއްޖެނަމަ ވާނެ ގޮތެއް ވެސް މާތްކަލާނގެ ދެނެވޮޑިގެންވާނީ.“ އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވެސް ވިދާޅުވީ މިފަދަ ވާހަކައެކެވެ. ބަޔާނުގެ “އޮފުދާރުކަން“ ހުރި މިންވަރުން އެއްޗެއް ވިދާޅުނުވެ ނުހުންނެވިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ “މަކަރާ ޖަހައިގެން ދުނިޔެ ކެވޭނީ ކޮންމެވެސް ވަރަކަށް“ ކަމަށެވެ.
“މި ދަނީ ފަސްވަނަ އަހަރު ގުނަމުން. ކޮންމެ ރިޔާސީ ބަޔާނެއްގައި މި އަހަރު [ގޯތި] ދޭނަން, މި އަހަރު ދޭނަން, މި އަހަރު ދޭނަން. ދެން އިތުރު އަހަރެއް ނެތްކަން އެނގުމުން މި ބުނީ އަދި ދެގުނަކޮށްލާފައި [ފުލެޓުތަކުގެ] ލިޔުން ދޭނަމޯ. ރައްޔިތުންނަށް އޮޅުވައިނުލާ.“
މިއީ ހެދިހުރި އިންސާނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެންބަރުން ދެއްކެވި ވާހަކައެވެ. އެއީ “ރައީސް މުޙައްމަދު ނަޝީދު ފަޅީގައި ތިއްބެވި މެންބަރުންނޭ, ވީމާ އެ ބޭފުޅުން ވާހަކަ ދައްކަވާނީ ހެދިހުރި އިންސާނާއާ ދެކޮޅަށޭ,“ ސަރުކާރަށް ތާއީދުކުރައްވާ މެންބަރަކު ނުވަތަ ވަޒީރަކު ކިތަންމެ އަޑަށް ބާރުލައްވައިފައި ވިދާޅުވި ނަމަވެސް, އަޅުގަނޑުގެ ނަޒަރުގައި އެ ބޭފުޅުން ވާހަކަ އެ ދެއްކެވީ ޙަޤީޤަތާ އެއްގޮތަށެވެ. އެއީ ރައްޔިތުން ވެސް ގަބޫލުކުރާނެ ޙަޤީޤަތެވެ.
އެ ވާހަކަތައް ބާއްވާފައި ދެން މާޒީގެ ސޮފުހާއެއް ނިއުޅައިލަމާ ހިނގާށެވެ.
ތަބަކަށްލާފައި ރިޔާސީ ޓިކެޓް އަރުވައި, ރައްޔިތުން ބާރުތައް ހަވާލުކުރުމުން ހުވައި ކުރެއްވުމަށްފަހު, ފުރަތަމައަށް ދެއްވި ޙުޠުބަތުލްޢަރްޝީގައި ހެދިހުރި އިންސާނާ ވިދާޅުވެފައިވަނީ, ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ, ޢަދުލު އިންސާފު ލިބޭނެކަން ޔަގީންކޮށްދިނުމަށްޓަކައި ޝަރުޢީ ދާއިރާ އިސްލާހު ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.
“ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫޢަވެގެން ނޫނީ މި ގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ.“
“އަޅުގަނޑު މި މަގާމާ ހަވާލުވިއިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގު ނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ. ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއް ވެސް މި ޤައުމުގައި ނެތް. އެ ހާލަތަށް ޤައުމު ދިޔައިރު, ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ޤަވާއިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާ ކުރާނެ އިދާރާތައްވެސް ހުރީ ޢާންމު އުސޫލުން ހިނގަހިނގާ.“
ނަމަވެސް މިއަދު ޢަދުލު އިންސާފު ޔަގީންވެއްޖެ ހެއްޔެވެ. ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫޢަ ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާހު ކުރެވިއްޖެ ހެއްޔެވެ. ވެންޓިލޭޓަރުތައް ކޮބައިހެއްޔެވެ. އެމްއެމްޕީއާރްސީ މައްސަލަ ކޮބައި ހެއްޔެވެ. އިދާރާތަކުގައި ކޮރަޕްޝަން ވަކި ހިއްޕާލައިފައިވަނީ އެ ކަންކަން ބަލާނެ އިދާރާއެއް ނެތީމާ ހެއްޔެވެ. އުފެއްދެވި ކޮމިޝަންތައް މަރުވީ ހެއްޔެވެ. ޤާނޫނުއަސާސީއެއް ނެތީ ހެއްޔެވެ. ގަވާއިދުތައް ހެދިފައިނުވަނީ ހެއްޔެވެ.
ޙުޠުބަތުލްޢަރްޝީގައި އޭރު ދެން ވިދާޅުވެފައިވަނީ, ސަރުކާރުގެ މޫނުބަލާ ލޯގަނޑު ކަމުގައި “އަޅުގަނޑު ގަބޫލުކުރާ“ ނޫސްވެރިކަމުގެ މިނިވަންކަން ވެސް މި ވެރިކަން ފެށުނުއިރު އޮތީ އަބުރުގެ ޤާނޫނުގެ ވަކިތަކުގެ ތެރޭގައި ކަސްތޮޅުއެޅި ޒަޚަމްވެފައި ކަމަށާއި, އެ ޤާނޫނު އުވާލައްވައި ނޫސްވެރިކަމަށް މިނިވަން ޖައްވެއް ގާއިމުކޮށްދެއްވާފައިވާ ކަމަށެވެ.
އެ ވިދާޅުވި މިނިވަން ޖައްވު އޮތީ ކޮން ރާއްޖެއެއްގައި ހެއްޔެވެ. އަނެއް ދިވެހިރާއްޖޭގައި ހެއްޔެވެ. ނޫނީ މިނިކާ ރާއްޖޭގައި ހެއްޔެވެ. މުޒާހަރާތަކުގައި ރިޕޯޓަރުންނަށް އަނިޔާދެނީ ކާކުގެ އޯޑަރަށް ހެއްޔެވެ. ސަރުކާރު ޕްރޮމޯޓްކުރަން ބައެއް ނޫސްތަކަށް ލާރި ބަހަނީ އަޅުގަނޑު ހެއްޔެވެ.
މި ސުވާލުތަކުގެ ޖަވާބު ރައްޔިތުންގެ އަތުގައި އެބައޮތެވެ. ދަންބެރަށްވުރެ ތަގުޑި ދިގުކުރާނެ ކަމެއް ނެތްތާއެވެ. އެ ޖަވާބުތައް ބާއްވާފައި އެހެން ދިމާއަކަށް ނަޒަރު ހިންގައިލާނަމެވެ.
“ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ ގެ ނަމުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އިސްވެރިން ކޮބައިހެއްޔެވެ. ރައީސް އޮފީހަށް ދިޔަސް, ފުލުހުންގެ އިދާރާއަށް ދިޔަސް, ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދިޔަސް, ސްޕްރީމް ކޯޓަށް ދިޔަސް, ފެންނަނީ “އެމްޑީއެން“ އެވެ. ފިޔަވަޅު ނާޅާނެކަން މިހާރު ޔަޤީން ވެސް ވެއްޖެއެވެ. އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާޢީލް ވިދާޅުވި ގޮތުން ހެދިހުރި އިންސާނާ ވަނީ އެމްޑީއެން އުވައިނުލާނެކަމުގެ ޔަޤީންކަން ދެ ފަހަރެއްގެ މަތިން ދެއްވައިފައެވެ.
މީގެއިތުރުން އިސްލާމްދީނަށް ފުރައްސާރަކުރި އުތެމަ ޖަމްޢިއްޔާ ކޮބައިހެއްޔެވެ. މީސްމީޑިއާގައި ފާޅުގައި ދީނަށް ފުރައްސާރަކުރާ މީހުން ކޮބައިހެއްޔެވެ. ބަރަހަނާ ސައިޓްތައް ބުލޮކް ކުރަން ބުނި މީހުން ކޮބައިހެއްޔެވެ. ގަލޮޅު ދަނޑުގައި ޝިރުކުގެ ޢަމަލުތައް ހިންގި މީހުން ކޮބައިހެއްޔެވެ.
ކަން މިހެން ހުރިއިރު ވެސް އެންމެ ފަހު ބަޔާނުގައި ވެސް ހެދިހުރި އިންސާނާ އެހެރަ ވިދާޅުވަނީ ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މިއަދު ހަވާލުވެވެނީ ތަސައްވުރެއް އޮވެ, ވަޢުދުވެ, ވީ ވަޢުދު ފުއްދުމުގެ މައްޗަށް ކަމަށާއި, އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް އެންމެ ބޮޑު އިސްކަން ސަރުކާރުން ދީގެން ކަމަށެވެ. ޤައުމުގެ ހަމަޖެހުމާއި ޢާންމު މަސްލަހަތާއި އަމާންކަން ގެއްލިފައިވާނަމަ އެންމެ ފުރަތަމަ ސަރުކާރުން އިޢާދަކުރަންޖެހޭނީ އެކަންކަން ކަމަށެވެ.
“ހުރިހާ ތަފާތެއްގެ މަތީގައި އެކަތިގަނޑެއްގެ ގޮތުގައި ގާއިމުވެ އޮންނަ މާ މުޤައްދަސް އެހެން އެއްޗެއް އެބަވޭ. އެއީ މާތްވެގެންވާ އިސްލާމްދީނާއި, ދިވެހި ޤައުމިއްޔަތާއި, އަދި މި ޤައުމު. ދިވެހިދިދަ ދޭ ހިޔަލުގައި ނެތް ތަފާތެއް ސަރުކާރަކަށް ނުގެންގުޅެވޭނެ.“
މާ ދިގު ވެސް ވެއްޖެއެވެ. ހެދިހުރި އިންސާނާގެ ވާހަކަ ދައްކާނަމަ އަދިވެސް ދައްކަން އެތައް ވާހަކައެއް އެބައޮތެވެ. އެކަމު މި ހިނދަށް ވަކިވެލަމެވެ. ޤައުމަށް ކުރިއެރުމެވެ. އާރޯކަމެވެ. ތާޒާކަމެވެ.
2 Responses
ސަޅި. ވަރަށް ތަފާތުކޮށް ތި ގެނެސް ދެއްވީ. ޝުކުރިއްޔާ.
Kaleyaka naygayne siyaasi kantake