ފަލަސްތީނުގެ ވާހަކައިން ލިބޭ އިބުރަތް -2: ގައުމީ ކަންކަމުގައި އާންމުން

181

ކުރީގެ ޢަދަދާ ގުޅޭ..

https://sandhaanu.today/2585

އާދެ، މި ނަންގަތް ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލިދިޔުމެވެ.

ދެހާހުގެ އަހަރުތައް ފެށުނީއްސުރެންހެން، އިންޑިޔާގެ ބާރުގެ ދަށަށް، ރާއްޖެ، ގެންދިޔުމުގެ މަސައްކަތް ބާރު އިސްޕީޑެއްގައި ފެށުނެވެ. ރާއްޖޭގައި އެމީހުންގެ ވެރިކަން ގާއިމު ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެއްގެ، ދަހިވެތި އެދުމުގެ ފައިދާގެ ބޭނުން، އިންޑިޔާއިން އެންމެ ފުރިހަމައަށް  ހިފައިގެންނެވެ. މިކަންކަން ފާޅުގައި ކުރަމުން ދިޔައިރު، ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގައުމު އަތުލައިގަތުމުގެ ރޭވުންތައް ރާވަމުން ދިޔައިރު ނިދާފައި ތިބިފަދައިން، ދިވެހިން ވެސް ތިބީ ނިދާފައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމުގެ ރޭވުންތައް ރޭވެމުންދާ ކަމުގެ ކިތަންމެ ކިތަންމެ އިޝާރަތެއް ލިބެމުން ދިޔައިރު ވެސް އެކަން ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ. މީގެ ބައެއް އިޝާރަތްތަކުގެ ވާހަކަ މިތާގައި ލިޔެލަން ގަސްދުކުރަމެވެ.

ފުރަތަމަ އިޝާރަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި އިންޑިޔާގެ ޓީވީ ޗެނަލަކަށް ދިން ބަސްދީގަތުމެއްގައި ތިމާމެންގެ އަމިއްލަ ގައުމަށް ހަމަލާދީ، ހިފަން އައުމަށް ބަޔަކު ގޮވާލި ގޮވާލުމެވެ. ދެންމެ، ރާއްޖޭގައި އެމީހުންގެ ވެރިކަން ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެކޭ ބުނި މީހުންނަކީ މިއީއެވެ. ދުނިޔޭގެ އެހެން އެއްވެސް ބަޔަކު، އެބަޔެއްގެ ގައުމާ ބެހޭ ގޮތުން،  މިފަދަ އިއުލާނެއް ކުރި ނަމަ، އެބަޔަކު ވާނީ ބޮޑެތި ބޮޑެތި މުޖުރިމުނަށެވެ. 1988 ނޮވެމްބަރު ތިނެއްގައި ހާޖަރާގޭ އަބްދުއްލޯހި ލުތުފީ ޓެމިލް ޓައިގަރުން ރާއްޖެ ގެނެސް، ރާއްޖެއަށް ދިން ހަމަލާއާއި މިމީހުން ގޮވި ގޮވުމާ އޮތް ތަފާތަކީ ކޮބާ ހެއްޔެވެ؟ އެމީހުންނަށް އަމަލީ ގޮތުން އެކަން ނުކުރެވުމެވެ.  ބައެއް ގައުމުތަކުގައި ގައުމަށް ޣައްދާރުވެ ޚިޔާނަތްތެރިވުމުގެ މިފަދަ ޖަރީމާތައް (ކުރައިމް އޮފް ޓްރީސަން) ހިންގާ މީހުންގެ އަދަބަކީ ދަންޖައްސާ މަރުމެވެ. އަނެއްބައި ގައުމުތަކުގައި މިފަދަ މުޖުރިމުން އުމުރަށް ޖަލަށް ލެވެއެވެ. ދުވަހެއްގައިވެސް އެމީހުން މިނިވަން ނުކުރެވެއެވެ. އެމީހުން މަރުވާން ޖެހެނީ ޖަލުގައެވެ. ނަމަވެސް ރާއްޖޭގައިތޯއެވެ؟ ގައުމު ވިއްކަން އުޅޭ މިފަދަ ބޮޑެތި ޚާއިނު މުޖުރިމުންނަކީ  ސަރުކާރު ހިންގާ ސަރުކާރުގެ އިސް މަގާމުތައް ފުރަން ތިބޭ ގައުމަށް މަގުދައްކާ މީހުންނެވެ! މިނިކާ ވަގުންގެ ބައިގަނޑަކަށް ބަކަރިކޮށި ބެލެހެއްޓުން ހަވާލުކުރުން ފަދަ ކަމެކެވެ! މިހެން ކަންތައްވާން ދިމާވަނީ ކީއްވެ ހެއްޔެވެ؟ އާންމުންގެ ހޭލުންތެރިކަން ނެތުމުންނެވެ. ގައުމީ ކަންކަމާ މެދު، މިނިވަންކަމާއި އިޚުލާސްތެރިކަމާއެކު ވިސްނާ ފިކުރުނުކުރާތީއެވެ.

ގައުމަށް ޚިޔާނަތްތެރި ވުމުގެ މިފަދަ ގޮވާލުމެއް ގޮވާލައި، ބޭރު ބައެއްގެ ކިބައިން، ގައުމަށް ހަމަލާދޭން އަންނާށޭ ބުނުމުގެ ހިތްވަރު ލިބެނީ ކީއްވެ ހެއްޔެވެ؟ ދެ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބަކީ މިފަދަ ވާހަކަތައް، ކުރިން، މިބުނާ ބޭރު ބަޔަކާ ދެކެވިފައި އޮތުމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، މިމީސް މީހުން އިންޑިޔާގެ އެކި މީސް މީހުންނާ ބައްދަލުކޮށްކޮށްފައި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވެރިކަން އެމީހުންގެ އަތްމައްޗަށް ފުރޮޅާލުމުގެ ވާހަކަ ދައްކަމުން ދާތީ  އެކަމާ ބޮލަށް އުނދަގޫވެގެން އިންޑިޔާގެ މަސްއޫލު މީހަކު ބުނި ބުނުމެވެ. ‘މި މީހުން ކެތްނުލަވައިގެނެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ޅަ ނޫން ހެއްޔެވެ؟ އަދިވެސް ވެރިކަން ލިބިދާނެ ނޫންހެއްޔެވެ؟’ މިވާހަކަތައް އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއު ކުރެވެނެވެ. މިތާގައި އޭނާ އިޝާރަތްކުރަނީ ރާއްޖޭގައި އިންތިޚާބެއް ކައިރިވެފައި އޮތްކަމާއި އެ އިންތިޚާބު މި ކެތް ނުލެވިގެން އުޅޭ ބައިގަނޑަށް ކާމިޔާބުކުރެވިދާނޭކަމެވެ. ދެވަނަ ސަބަބީ ތަނުގެ އާންމުންގެ ހޭލުންތެރިކަން ނެތުމެވެ. އަދި އެކަމުގެ ސަބަބުން، އެފަދަ ޚާއިނު މުޖުރިމުން މަތި އޮމާންކޮށް ދައްކާ ކޮންމެ ވާހަކައެއް، އަމިއްލަ ވިސްނުން ބޭނުން ނުކޮށް އާންމުން ގަބޫލުކުރާނެ ތީއެވެ. އާންމުގެ ހޭލުންތެރިކަން ނެތުމުން، ކަންތައްތަކުގެ ހަގީގަތް ފޮރުވައި އޮޅުވާލެވުމުގެ އެކަށޭންކަން ލިބިގެންވީ ބަޔަކަށް އާންމުން ވެފައި ތިބީމައެވެ. އާދެ، އާންމުގެ މީހުންނަކީ ގުނބޯ ހެއްދޭނޭ ބަޔަކަށްވީތީއެވެ.

ދެވަނަ އިޝާރަތަކީ ހަސަނަށް އޮޑިދިންހެން، ރާއްޖެއަށް އިންޑިޔާއިން ދެ ހެލިކޮޕްޓަރު ދިނުމެވެ. ހެލިކޮޕްޓަރު ބޭނުމެއްނެތްކަމާއި އަދި އެ ގެންދިޔުމަށް އެދުމުން ވެސް، އެ ދެ ހެލިކޮޕްޓަރު ނުގެންދިޔުމެވެ. އަދި، އެ ދެ ހެލިކޮޕްޓަރު އުދުއްސަންތިބި މީހުންގެ ވިސާ ހުސްވުމުން، އަދި ދިވެހި ބިމުން ފައިބާން އެންގުމުން، ނުފައިބައި، ގަވާއިދާ ޚިލާފަށް  ރާއްޖޭގައި ތިބުމެވެ. މިއީ އެންމެންނަށް ވެސް އެނގުނު ކަމެކެވެ. ނަމަވެސް، އެންމެ ކުޑަވެގެން މިވާހަކަ ނޫހެއްގައި ޖަހާލަންވެސް ނުކެރުނެވެ.

ތިންވަނަ އިޝާރަތަކީ ރާއްޖޭގެ ދާޚިލީކަންތައްތަކަށް އިންޑިޔާ ވަދެގަތުމެވެ. ސިޔާސީ ޕުރޮޓޮކޯލާއި ޚިލާފަށް، އެމީހުންގެ މަންދޫބަކު އައިސް، އަމިއްލައަށް ރާއްޖޭގެ ރައީސް އޮފީހަށް ވަދެގެނެ، މިވެނި ގޮތަކަށް ކަންތައް ކުރަން އަމުރުކުރަން ކެރުނުކަމެވެ. ފަހުން، މިމީހަކު، އެކަމާ އުޒުރުވެރިވެ، އަމިއްލަ ގޮތުން މާފަށް އެދުނު ކަމަށް ވެއެވެ. އަދި، އޭނާ އެގޮތަށް ކަންތައް ކުރީ، އިންޑިޔާ ސަރުކާރުން އަންގައިގެން ކަމަށް ވެސް އޭނާ އިޝާރަތްކުރިކަމަށް ވެއެވެ.

ހަތަރު ވަނަ އިޝާރާތަކީ ރާއްޖޭގެ މީހުންނަށް ދެވޭނޭ ގައުމުތަކާއި ނުދެވޭނޭ ގައުމުތައް އިންޑިޔާއިން ކަނޑައަޅާލުމުގެ އިޚްތިޔާރު އިންޑިޔާއަށް ލިބިދިނުމެވެ. ރާއްޖޭގެ ބަޔަކު، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގައުމެއްގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، އިންޑިޔާ އެކަމާ ނުރުހިދާނެތީ، ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެކަން ހުއްޓާލުމަށް މިބުނާ ބަޔަކަށް އެންގުމެވެ.

ފަސްވަނަ އިޝާރަތަކީ ޕޮލިސް އެކަޑަމީގެ ނަމުގައި ރާއްޖޭގެ އެތަން މިތަނުގައި އަސްކަރީ މަރުކަޒުތައް ހެދުމެވެ. އަދި، މިކަމަކީ އެމީހުންގެ އަސްކަރުން ރާއްޖޭގައި ތިބުމުގެ ބަހަނާއަކަށް ހެދުމެވެ. ރާއްޖޭގައި އެތަން މިތާގައި ޕޮލިސް އެކަޑެމީ އަޅަން ޖެހެނީ ކީއްވެ ހެއްޔެވެ؟ މީގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ރާއްޖޭގެ ތަރައްގީއަށް މިވަގުތު އެންމެ މުހިއްމީ މިކަން ހެއްޔެވެ؟ މިހާރު ވެސް، ރާއްޖޭގެ ބޭނުން ފުދޭވަރަށް، މިކަންކަން ކުރާތަންތަން ރާއްޖޭގައި އެބަ ހުއްޓެވެ. އެތަންތަން ތަރައްގީ ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ބޭރު ބައެއްގެ އަތް މައްޗަށް ގައުމުގެ މިފަދަ ހައްސާސީ ކަންތައްތައް ދޫކޮށްލަން ޖެހެނީ ކީއްވެ ހެއްޔެވެ؟ މިހުރީ ހައްތަހާވެސް ކުރަން ޖެހޭނޭ މުހިއްމު ސުއާލުތަކެވެ.

ރާއްޖޭގައި ތަނެއް އަޅަން ޖެހޭ ނަމަ އަޅަންވީ މުދައްރިސުން ތަމްރީނުކޮށް ތައްޔާރުކުރާނޭ ތަންތަނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި  މަސައްކަތްތަކުރުމައްޓަކައި ދިވެހިން އަހުލުވެރި ކުރެވޭނޭ ގޮތް ހެދޭނޭ ތަންތަނެވެ. ރާއްޖެ ތަރައްގީކުރުމައްޓަކައި، ރާއްޖޭގެ އެތަން މިތަނުގައި ޕޮލިސް އެކަޑަމީ ހެދުމަށްވުރެ، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކާއި ހޮޓަލް އިސްކޫލުތައް، ރާއްޖޭގެ އެކިކަންކޮޅުގައި އެޅުން މާ މުހިއްމެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު މިއޮތް ގޮތަށް ބަދަލުވިތާ ފަސްދޮޅަސް އަހަރުވީއިރު ވެސް، އެކަށީގެންވާ ގާތުގެ އަދަދަކަށް ވެސް، ރާއްޖޭގެ އިސްކޫލުތަކުގައި މަސައްކަތްކުރާނޭ އަހުލުވެރިވެފައި ތިބި ދިވެހި މުދައްރިސުން ނެތުމުންނެވެ. ޓުއަރިޒަމްގެ މަސައްކަތް ރާއްޖޭގައި ފެށުނުތާ ފަންސާސް އަހަރުވާން ކައިރިވީ އިރުވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ 70 ނޫނީ 60 ޕަސެންޓަށް ވުރެ ގިނައީ ބޭރު މީހުން ކަމަށްވާތީއެވެ.

ހަވަނަ އިޝާރަތަކީ އެމީހުންގެ ގޮނޑިކޮއްކޮ ދިވެހި ސިޔާސީ ވެރިން، އިންޑިޔާއާ ޖަދަލު ނުކުރުމަށް ގޮވުމެވެ. އިންޑިޔާއަކީ ރާއްޖެ ތަރައްގީކުރުމައްޓަކައި، މާތްﷲ ފޮނުއްވި ރަޙުމަތެއްކަމުގައި ގަބޫލުކުރަން، އަހަރުމެންގެ ތެރޭގައި އުޅޭ މިފަދަ ޣަދަރުވެރި ޚިޔާނަތްތެރި ސިޔާސީވެރިން ގޮވަމުންދިޔުމެވެ. އަހަރުމެންގެ ތަރައްގީވުން އޮތީ އެމީހުންގެ އަތްމަތީކަމުގައި ބުނެއެވެ. މިކަމުގެ މައްޗަށް އިތުރު ވާހަކައެއް ބުނެ، އަލިއަޅުވާލަން ގަސްދުކުރަމެވެ. މިއީ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟ ވިސްނަން އެނގެނީ ފިކުރުކުރަން އެނގެނީ ހަމަ އެންމެ މީހަކަށް ހެއްޔެވެ؟ ޖާދޫގެ ގޮނޑީގައި އިށީނުމުން، އޭނައަށް ވަޙީ ބަސްފުޅު އިއްވެވެނީ ހެއްޔެވެ؟ މިކަން ވެސް އަހަރުމެން ހަމަ ގަބޫލުކޮށް އަތްތިލަބަޑި ޖަހަންވީ ހެއްޔެވެ؟

ޝައްކެއްނެތް ގޮތުގައި، ތަފާތު މައިދާންތަކުގައި އިންޑިޔާވަނީ ކުރި ހޯދާފައެވެ. ޢިލްމީ މައިދާނުގައެވެ. އުފެއްދުންތެރިކަމުގެ މައިދާނުގައެވެ. ވިޔަފާރީގެ މައިދާނުގައެވެ. ބޭސްވެރިކަމާއި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިދާނުގައެވެ. ޓެކްނޮލޮޖީގެ މައިދާނުގައެވެ. އަދި، ބޮޑެތި ބޮޑެތި މުއްސަނދިން ވެސް އިންޑިޔާގައި އެބަތިއްބެވެ. އަދި ދުނިޔޭގައި އެންމެ ގިނަ މިލިޔަނަރުން ތިބި އެއްގައުމަކީ އިންޑިޔާކަމުގައި ބެލެވެއެވެ.

ނަމަވެސް، އިޖުތިމާޢީ ކުރިއެރުމާއި އިޖުތިމާއީ ޢަދާލަތު ގާއިމުކުރުމަކީ އިންޑިޔާއަށް ޙާސިލުކުރުން، އަދި، ވަރަށް ދަތި އުނދަގޫ ކަމެކެވެ. އިޖުތިމާޢީ ކުރި އެރުމާއި އިޖުތިމާޢީ ޢަދާލަތޭ މިތާ މިބުނާ ބަހުގެ މާނައަކީ މުޅި ގައުމުގެ އެންމެންގެ މެދުގައި، އަދުލުވެރި ގޮތެއްގައި ގައުމުގެ މުއްސަނދިކަން ބެހިގެން، އެންމެން ޝާމިލުވެގެން ކުރިއަށް ގެންދެވޭ ތަރައްގީގެ ވާހަކައެވެ. މިފަދަ ކުރިއެރުމެއްގެ އަސާސަކީ، މުޅި މުޖުތަމައު، އެ މުޖުތަމައުގެ އެންމެންނަކީ ވެސް ހަމަހަމަ ބަޔެއް ކަމުގައި ދެކުމެވެ. އިންޑިޔާގެ ހިންދީ ދީނީ ސަގާފަތް ނިޔާކުރާ ގޮތުން، އެތަނުގައި ކަންތައް އޮތީކީ، އަދި، މިހެންނެއް ނޫނެވެ. އެ ސަގާފަތް ނިޔާކުރަނީ އެންމެންނަކީ ހަމަހަމަ ބަޔެއް ނޫންކަމެވެ. ހިންދީ ސަގާފަތް ގަބޫލުކުރަނީ ވަކި ބަޔަކަށް، ގުދުރަތީ ގޮތުން، ޚާއްސަ އިމްތިޔާޒުތަކެއް (ޕްރިވިލެޖް ތަކެއް) ލިބިދީފައި އޮންނަން ޖެހޭނޭކަމެވެ. އިންޑިޔާގައި، އެއްކޮޅުން، ބޮޑެތި ބޮޑެތި މުއްސަނދިން އުޅޭ އިރު، އަނެއްކޮޅުން، ތަރައްގީގެ މަސައްކަތުގައި 70އެއްހާ އަހަރު ވޭތުވިއިރު ވެސް، ތަނުގެ އާބާދީގެ ބޮޑު ބަޔަކަށް، ފަސޭހައިން ފާޚާނާކޮށްލުމުގެ ނިޒާމެއް ތަނުގެ ސަރުކާރުގެ އިދާރާތަކުން ގާއިމު ނުކުރެވިފައި އޮތުން ގުޅެނީ މި ނަންގަތް މުއައްސަސީ ތަފާތުކުރުމާއެވެ. (މި ނަންގަތް އިޖުތިމާއީ މައްސަލަތަކަށް އިޝާރަތްކުރެވި ހެދުނު ބައެއް ހިންދީ ފިލްމުގެ ދެތިން ލަވައެއް މިލިޔުމާއެކު ފެންނަން އޮންނާނެއެވެ. ބައްލަވާލެއްވުން މުހިއްމެވެ!) މިހެން ކަންތައް އޮތް އިރު، އަދި ރާއްޖެއަށް ބޭނުންވާ ހަގީގީ ކުރިއެރުމަކީ ޢިޖުތިމާއީ ޢަދާލަތުގެ ކުރިއެރުންކަމަށްވާއިރު، ރާއްޖޭގެ ކުރިއެރުން ގުޅެނީ އިންޑިޔާއާއޭ ބުނެވިދާނެ ހެއްޔެވެ؟ ޚުދް އިންޑިޔާގައި ނެތް އެއްޗެއް، އެތަނުން، އަހަރުމެންނަށް ލިބޭނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެންގެ ތަރައްގީއަކީ އަހަރުމެން އަމިއްލައަށް ވިސްނައި ރާވައިގެން ކުރަން ޖެހޭ ކަމެކެވެ. އެހެންވެ، އަހަރުމެންގެ ތަރައްގީ ގުޅެނީ އިންޑިޔާއާއޭ ބުނާ މީހަކު އެބުނަނީ ކަންކަމުގެ ހަގީގަތް އެނގިހުރެގެން ނެތް ނޫނެވެ. ނޫނީ ރާއްޖެ ކުރިއެރުވުމުގެ މަގުސަދެއްގައެއް ވެސް ނޫނެވެ. އެހެން އެބުނެ ގޮވަނީ މުޅިން އެހެން މަގުސަދެއްގައެވެ. ހަމައެކަނި ރާއްޖޭގެ މައްޗަށް އިންޑިޔާ ބާރުވެރިކުރުމަށް އެހީވެ، އެކަމަށް މަގުފައިކޮށްދިނުމުގެ މަގުސަދުގައެވެ.

ހަތްވަނަ އިޝާރަތަކީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިޔާގެ އަސްކަރީން ތިބުމުގެ ހުއްދަ ދިން ކަމުގެ ވާހަކައެވެ. ކޮންމެވެސް އެހެން ނަމެއް ކިޔައިގެން، އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެ ގެނައުމާއި އެމީހުންގެ ބާރު ހިންގޭނޭ ވައިގެ ބަނދަރެއް އެމީހުންނާ ހަވާލުކުރުމުގެ ވާހަކަތަކެވެ. މިކަން ވުމުން، އިންޑިޔާއިން ބޭނުން ވަރަކަށް، އެމީހުން ބޭނުންވި ވަގުތެއްގައި، ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެވެ. އަދި، ރާއްޖޭގެ ދިފާއީ ބާރުތަކުގެ މައްޗަށް ވެރިވެގަތުމުގެ މަގު ހުޅުވިގެންދާނެއެވެ. މިކަން ހިތަށް ގެނައުމުން، ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ފަރާތުން، ރާއްޖޭގެ ދިފާއި ބާރުތައް، ސިފައިންނާއި ފުލުހުން، ބަދުނާމުކޮށް އަބަދުމެ އަބަދު ދައްކާ ވާހަކަތަކުގެ ހަގީގީ މަގުސަދުވެސް ދޭހަވެއެވެ. ތަނެއްގެ ސަރުކާރުގެ ފަރާތުން އެތަނުގެ ދިފާއީ ބާރުތައް ބަދުނާމުވާ ގޮތަށް އަބަދުމެ އަބަދު ވާހަކަ ދައްކަފާނެ ހެއްޔެވެ؟ މައްސަލަތައް ހުރި ނަމަ، އެކަންވާނީ ގައުމުގެ ހައްސާސީ މައްސަލައަކަށެވެ. އެހެންވެ، އެފަދަ ވާހަކަތައް ނުދައްކައި، އެކަންކަން އިސްލާހުކުރީމަ ނިމުނީ ނޫން ހެއްޔެވެ؟ ނަމަވެސް، މިކަން ނުކޮށް، އެފަދަ ބަދުނާމީ ވާހަކަތައް ދައްކަނީ ކީއްވެ ހެއްޔެވެ؟ މިކަމުގެ ބޭނުމަކީ މަގުސަދަކީ، ތަނުގެ ދިފާއީ މުއައްސަސާއަކި ބޭނުންނެތް ތަނެއް ކަމުގައި އާންމުންނަށް ދެއްކުމެވެ. އަދި، އެތަން އުވާލެވެންޏާ އުވާލައި، ނޫން ނަމަ، އެތަނުގެ އަމުރުވެރިކަން ވެސް ބޭރު ބަޔަކާ، އާދެ، އިންޑިޔާއާ ހަވާލުކުރުމެވެ.  އެއް އިރެއްގައި ޖޯޑުންގެ ލަޝްކަރުގެ ބާރު އިނގިރޭސިންގެ އަތްމަތީ އޮތް ފަދައިންނެވެ. އަދި، މިހާރު، އިންޑިޔާގެ ބާރުގެ ދަށުގައި، ބޫޓާނުގެ ދިފާއީ ކަންތައްތަކާއި އަދި ޚާރިޖީ ކަންތައްތައް އޮތް ފަދައިންނެވެ. މިކަން އޮތް ގޮތް، މިބުނި އެއްޗެއްގެ ތެދު ދޮގު އޮޅުންފިލުވާލުމުގެ ގޮތުން، ކޮންމެ މީހަކުވެސް އަމިއްލައަށް ބަލާލުން މުހިއްމެވެ. މިއީ ޚިޔާލީ ވާހަކަތަކެއް ނޫންކަން ދެނެގަތުމަށެވެ.

 

މިނަންގަތް ހުރިހާ ކަމަކީ ވެސް ހަމަ ތަރައްގީގެ އެހީތެރިކަމާ ގުޅޭ ކަންކަން ހެއްޔެވެ؟ މިކަންކަން ނުކޮށް ވެސް، ރާއްޖެއާއި އިންޑިޔާއާއި އަދި އެހެން ގައުމުތަކާ ވެސް ގުޅި، ރާއްޖޭގެ ތަރައްގީގެ މަސައްކަތް ދިވެހިންނަށް ކުރެވޭނެއެވެ. ތަނެއްގެ ތަރައްގީގެ މަސައްކަތަކީ ބޭރުބަޔަކަށް ކުރެވޭނޭ އަދި ކުރާނޭވެސް ކަމެއް ނޫނެވެ. މިކަން އެންމެ ސާފު ގޮތެއްގައި ވިދާޅުވީ ކާކު ހެއްޔެވެ؟ އިންޑިޔާގެ މަހަތުމާ ގާނދީއެވެ! އިނގިރޭސީންގެ އަތުން އިންޑިޔާއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އެހީވެދޭން، ހެޔޮއެދިގެން، އިނގިރޭސި ފާދިރީއަކު، އޭނާ އަރިހު ދެންނެވުމުންނެވެ. އެހެންވެ، އެހެން މީހުންގެ ތަޖުރިބާތަކުން ވެސް ފައިދާ ލިބިގަނެގެން، ދިވެހިންގެ ތަރައްގީގެ މަސައްކަތް ކުރަން ޖެހޭނީ ދިވެހިން އަމިއްލައަށެވެ. އަދި، އެއީ، ކެރިގެން، އިޚުލާސްތެރިކަމާއެކު އެކަމާ ކުރިމަތިލައިފި ނަމަ، އިރާދަކުރެއްވިއްޔާ، ކުރެވޭނޭ ވެސް ކަމެކެވެ.

ދެން، ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެވި ދިޔުމުގެ އެތައް އެތައް އިޝާރާތްތަކެއް ވަމުންދާއިރު ވެސް، އާންމުން ހޭލުންތެރި ނުވަނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ޖުލައި ސައްބީހެއްގައްޔާއި ނޮވެމްބަރު އެގާރާއެއްގައްޔާއި ރަބީއުލް އައްވަލު މަހު އެކެއްގައްޔާއި މިފަދަ ގައުމީ މުނާސަބަތްތަކުގައި ގޮވާ ގޮވުންތަކާއި ޖަހާ ލަވަތަކުގައި ކިޔާ އެއްޗެހީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އެކިޔާ ގައުމު ދެކެ ލޯބިވާ ވާހަކައާއި ގައުމު ދިފާއުކުރުމަށް އެންމެން ތެދުވާނެ ވާހަކައިގެ މާނައަކީ ކޮބާ ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ  ހާދިސާގެ ފަހުން، ސަލްޓަން ޕާކު ބުރު ކައިރީގައި ލިޔެފައި ބެހެއްޓި ފިލާގައި ހުރި ލިޔުންތަކުގެ މާނައަކީ ކޮބާހެއްޔެވެ؟ ގައުމީ އިހުތިފާލުތަކަކީ މާނައެއް ހުރި ކަމަކަމަށް ވަނީ ނަމަ، އެކިޔޭ ލަވަތަކުގެ ބަސްތަކުގައި މާނައެއް ވަނީ ނަމަ، އެ ފިލާގައި ލިޔެވިފައި އޮތް އެއްޗަކީ މާނައެއް ހުރި އެއްޗަކަށްވާ ނަމަ، ރާއްޖޭގެ މިނިވަންކަން ގެއްލެން އުޅޭ މިފަދަ ވަގުތެއްގައި އަތްއުރާލައިގެން ތިބެން ހެޔޮވާނެ ހެއްޔެވެ؟ ޑިމޮކުރަސީއަށްޓަކައި، އިންސާނީ ހައްގުތަކައްޓަކައި، އެންމެން މަގުތަކަށް ނިކުމެ ކުރި އިހުތިޖާޖުތައް ކޮބާ ހެއްޔެވެ؟ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި، މަގުތަކަށް ނިކުމެ، އެފަދަ އިހުތިޖާޖުތައް ކުރުން ހައްގުވެގެން ނުވަނީ ހެއްޔެވެ؟ މިނިވަކަން ގެއްލެމުންދާ ކަމުގެ އިޝާރަތްތައް ލިބެމުންދާއިރު، ހެވިފައި ނޭނގޭކަމަށް ހަދައިގެން، މިއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ، ކަންނެއްކަން މަތީ ބޮޑުއަށިމަތީގައްޔާއި ހޮޅުއަށިތަކުގައްޔާއި ސައި ހޮޓާތަކުގެ މޭޒުތައް ދޮށުގައި ވައި އަނގަތަޅަން ތިބެއްޖެ ނަމަ، ފަލަސްތީނަށް ވީގޮތް ރާއްޖެއަށް ވެސް ވުމަކީ ދުރުކަމެއް ހެއްޔެވެ؟ ބަނޑުހައިވެފައި އޮތް ސިންގާއެއް އަނގަ ހުޅުވައިގެން ރާއްޖެއާ ދިމާއަށް ބަލަހައްޓައިގެން އޮތް އިރު ވެސް މެއެވެ. އަދި، މުޅަ މަސްގަނޑަކަށް ރާއްޖެ ހަދައި، އެ ސިންގާގެ އަނގައަށް، ރުހުމުގައި، ރާއްޖެ ލަވައިދިނުމުގެ މަސައްކަތް، ބަޔަކު ހުއްޓުމެއް ނެތި ކުރަމުންދާއިރު ވެސް މެއެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ