ފަލަސްތީނުގެ ވާހަކައިން ލިބޭ އިބުރަތް: ގައުމީ ކަންކަމުގައި އާންމުން ހޭލުންތެރިވުން

220

ވިހި ވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގައި އެތަނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބިންނެވެ. އަދި، އޭރު، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބިންގެ އަތް މަތީގައެވެ. އެއިރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ %8 އެވެ. އެމީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2 އެވެ. ނަމަވެސް، 1920 ވަނަ އަހަރުން ފެށިގެން މިއަދަދަށް ބަދަލު އަންނަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސް ވުމުގެ ދަށުން ޝާމުކަރައާއި އިރާގު، އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެއްގައި އިނގިރޭސިވިލާތާއި ފަރަންސޭވިލާތުގެ ދެމެދުގައި ބަހާލެވި، ފަލަސްތީނު އިނގިރޭސިވިލާތުގެ އަތްދަށަށް ދިޔުމުންނެވެ. އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެކޭ މިބުނީ، ތިމާމެންގެ އަމިއްލަ ނޫން ބިމެއް، އެ ބިމުގެ މިލްކުވެރި ފަރާތުގެ އިޒުނަޔަކާ ނުލައި، އެއާ މެދު، ތިމާމެން ބޭނުން ގޮތަކަށް ކަންތައް ކުރަން ނިންމާލެވުނީތީއެވެ.

މަތީގައި މިނަންގަތް އެއްބަސްވުން އެއްބަސްވެވުނު އިރު، އަރަބި މެދުއިރުމަތީގެ ބިންތަކުގެ ތެރެއިން އިނގިރޭސިން ބޭނުންވީ އިރާގާއި ފަލަސްތީނެވެ. އިރާގު ބޭނުންވީ އިރާގުން އޭރު ތެޔޮ ފެނިފައިވުމުން، ތެލުގެ ބޭނުމުގައެވެ. ފަލަސްތީނު ބޭނުންވީ، 1917ގައި އިނގިރޭސިން ނެރުނު ބެލްފޯރގެ ވަޢުދުގެ ނަމުން މަޝްހޫރުވީ އިޢުލާނުގެ ސަބަބުންނެވެ. އެ ވަޢުދަކީ ޔޫރަޕްގެ ޒަޔަނިސްޓުންނަށް، ފަލަސްތީނުގައި ޔަހޫދީންގެ ‘ގައުމީ ގެއެއް’، އާދެ ޔަހޫދީ ދައުލަތެއް، ގާއިމުކުރުމަށް އިނގިރޭސިން އެހީވެދޭނޭ ކަމުގެ ވައުދެވެ.

ދެން، އިނގިރޭސީންގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިން، އަދި މިކަމަށް ގާނޫނީ ސިފަ ގެނައުމުގެ ގޮތުން، ލީގް އޮފް ނޭޝަންސްއިން، ފަލަސްތީނު އިނގިރޭސިންނާ ހަވާލުކުރިއެވެ. އަދި 1920ގައި، ފަލަސްތީނުގެ އިދާރީ ބާރެއްގެ ގޮތުން، ފަލަސްތީނުގެ މައްޗަށް އިނގިރޭސިން ވެރިވިއެވެ. މިއަށް ފަހު، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ މަގު އިނގިރޭސިން ހުޅުވާލިއެވެ. މައިގަނޑު ގޮތެއްގައި، ޔަހޫދީން، ފަލަސްތީނަށް ހިޖުރަކުރީ ޔޫރަޕުންނެވެ. މި ހިޖުރަކުރުން ހުޅުވާލުމުގެ ނަތީޖާއަކަށްވީ ދެން އައި 27 އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫދީން ކަމުގައި ވުމެވެ. އަދި 1948ގައި ފަލަސްތީނު، އ.ދ.ގެ ފަރާތުން ދެބައިކޮށް، ޔަހޫދީންނަށް ފަލަސްތީނުގެ ބޮޑުބައި ދީ، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރިއެވެ.

ފަލަސްތީނުގައި ޔޫރަޕްގެ ޔަހޫދީން ދައުލަތެއް ބިނާކުރުމުގެ މަސައްކަތް 19ވަނަ ގަރުނުގެ ފަހުކޮޅު ފެށުނެވެ. އަދި ވިހިވަނަ ގަރުނަށް އެޅުނު މިމަސައްކަތަށް އިތުރު ހަލުވި ކަމެއް ލިބުނެވެ. ޔޫރަޕުގެ އާންމުންނާއި ޚާއްސުންގެ ތެރޭގައިވެސް، ޔަހޫދީންނާ ދެކޮޅުވެރިކަމުގެ ޝުއޫރުތަކާއި ޙަރަކާތްތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 1897ގައި ސުވިޓްޒަރލަންޑުގެ ބާސިލްގައި ބޭއްވުނު ޔަހޫދީންގެ ފުރަތަމަ ބޮޑު ބައްދަލުވުމުގައި، އެމީހުންގެ އޭރުގެ ޒައީމު، އަދި ފަހުން، އަދުގެ އިޒުރޭލުގެ ބާނީކަމުގައި ބެލެވޭ، ތިއޯޑޯ ހެރްޒެލް، ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ އިޢުލާނުކުރިއެވެ. އަދި، އެ ބައްދުލުވުމަށް ފަންސާސް އަހަރު ފުރުނުތަނާހެން، 1948ގައި، މިކަން ހަގީގަތަކަށް ވެގެންދިޔަތަން ފެނުނެވެ.

މިހުރިހާ ރޭވުމަކާ ތައްޔާރީތަކެއް ވަމުން ދިޔައިރު، އަރަބިން ކޮބާ ހެއްޔެވެ؟ އެމީހުންގެ ގިނަބަޔަކު ތިބީ ނިދާފައެވެ. ދުނިޔޭގައި އެމީހުންނާ އިދިކޮޅަށް ރޭވެމުންދިޔަ ރޭވެމުންތައް ފާޅުގައި ރޭވެމުން ދިޔަ ކަމުގައި ވިޔަސް، އެކަން އެމީހުންނަށް އެނގޭ ކަމަކަށް ނުވެއެވެ. އަނެއްކޮޅުން، އެމީހުންގެ ލީޑަރުންކަމުގައި ބެލެވުނު، މީހުން ތިބީ ވެރިކަން ކޮށްލާނޭ ބިންކޮޅެއްގެ ދަހިވެތި ކަމުގައެވެ. އެހެންވެ، މިމީހުންގެ ދަހިވެތިކަމުގެ ބޭނުން އިނގިރޭސިން ވަރަށް ރަނގަޅަށް ހިފިއެވެ. އެމީހުން ބޭނުންކޮށް، އުސްމާނީ ދައުލަތާ އިދިކޮޅަށް އެމީހުން ބައިވެރިކޮށްގެން ހަނގުރާމަކުރިއެވެ. އަދި އުސްމާނީން ބަލިކޮށް، ޢަރަބި ދުނިޔެއިން އެމީހުން ބޭރުކޮށްލައި، އިނގިރޭސިންގެ އަތް ދަށަށް ފަލަސްތީނު ގެނެސް، އެމީހުން ބޭނުންވި ގޮތަށް، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް މަގު ފަހިކޮށް، އެކަންކުރުމަށް ޔަހޫދީންނަށް އެހީވެދިނެވެ.

ފަލަސްތީނު ގެއްލި ދިޔަ މައިގަނޑު ދެސަބަބު ކަމުގައި އާންމުންގެ ހޭލުންތެރިކަން ނެތުމާއި އަދި އަރަބިންގެ ޒައީމުންގެ ގޮތުގައި ތިބި މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން، އިނގިރޭސީންގެ ޙަގީގީ މަގުސަދު އޮޅުން ނުފިލުން ހިމެނެއެވެ. ދެން، 1920ގައި އިނގިރޭސިން ފަލަސްތީނަށް އައިސް، އެމީހުން، ޔަހޫދީންނަށް ހިޖުރަކުރުމުގެ ދޮރުހުޅުވާލުމުން، އަރަބިންނަށް ވާނުވާ ސާފުވިއެވެ. އަދި އެހިސާބުން، އެކަމާ އިދިކޮޅު، ހަނގުރާމަވެރި ހަރަކާތްތަކެއް ފެށިއެވެ. މިހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނެވެ. އަދި، ތިރީހުގެ އަހަރުތައް ނިމުމަކަށް އައިއިރު، ފަލަސްތީނުގެ ކަންތައް، ފަލަސްތީނު މީހުން އެދޭ ގޮތަށް ވުން ކައިރިވެފައި އޮތް ވެސް މެއެވެ. އިނގިރޭސީންނާއި އަރަބިންނާއި ދެމެދު ކުރެވުނު އެންމެ ފަހުގެ ‘ހުދު ކަރުދާހުގެ’ އެއްބަސްވުމުގެ މަތިންނެވެ. ފަލަސްތީނަށް ޔަހޫދީން ޙިޖުރަކުރުން ހުއްޓުވައި، ކުރިއަށްއޮތް ދިހައަހަރު ތެރޭގައި އަރަބިންގެ މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމުގެ ވާހަކަ މި ‘ހުދު ކަރުދާހުގައި’ އޮތުމުންނެވެ.

ނަމަވެސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ. އަދި މިކަމުގެ ސަބަބުން، ދުނިޔޭގެ މަސްރަޙު ބަދަލުވެގެން ދިޔައެވެ. ހިޓުލަރުގެ ކުރިއެރުމާއި ޔަހޫދީންނާ ދޭތެރޭ އޭނާ އަނިޔާވެރިވި އަނިޔާވެރިވުމާއި، ހަނގުރާމަ ނިމިނުއިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުގައި އެމެރިކާއާއި ސޯވިއެޓު ޔުނިއަން ވެގެން ދިޔައެވެ. އަދި، އޭރު އޮތީ، އިނގިރޭސިންގެ އެދުމުގެ މަތިން، އަރަބީންގެ ބައެއް ލީޑަރުން ބުނެގެން، ފަލަސްތީނު މީހުން ހަތިޔާރު ވެސް، ބަހައްޓާފައެވެ. މިހުރިހާ ކަންތަކެއްގެ ސަބަބުން، ކުރިން ނަންގަތް 1939ގެ ހުދުކަރުދާހަށް އަމަލު ކުރެވޭ ގޮތްއް ނުވިއެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔާގެ ބޮޑު ބާރަކަށް އެމެރިކާވެ، ޔަހޫދީންގެ މަދަދުގާރުކަމުގައި އެމެރިކާވިއެވެ. ނަތީޖާއަކަށްވީ، ފަލަސްތީނުގެ ކަންތައް ބެލްފޯރގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭނެ ގޮތް ހަދައި، ފަލަސްތީނުގެ މައްސަލަ ޔޫ.އެން.އާއި ހަވާލުކުރުމަށް ފަހު، އިނގިރޭސިން ފަލަސްތީނުން ފޭބުމެވެ. އަދި، ދުނިޔޭގެ އާ ބޮޑު ދެބާރުކަމުގައިވި، އެމެރިކާއާއި ސޯވިއެޓް ޔުނިޔަންގެ އެހީގައި، ފަލަސްތީނު ބައިކުރުމަށް، ޔޫ.އެން.ގެ ފަރާތުން ނިންމައި، ޔަހޫދީ ދައުލަތެއް 1948ގައި، ފަލަސްތީނުގައި ގާއިމު ވުމެވެ.

ދެން އައީ އަރަބިންނާއި އިޒްރޭލާއި ހަނގުރާމަތަކެއް ކުރެވުނުވުނު އަހަރުތަކަކެވެ. މީގެ ތެރެއިން 1948 ގައްޔާއި 1967ގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާއަކަށްވީ އ.ދ. އިން ފަލަސްތީނު މީހުންގެ ބައިކަމަށް ކަނޑައެޅިފައި އޮތްބައިން ވެސް ބޮޑު ބައެއް ގެއްލިދިޔުމެވެ. މިކަން ކުރުމަށް އޮތީ މާކުރިން ވެސް ރޭވިފައެވެ. ފަލަސްތީނު ބައިކޮށް، މުޅި ފަލަސްތީނަށް ހެން ޔަހޫދީން ވެރިވުމުގެ ރޭވުން އޮތީ މާކުރިން ވެސް ކުރެވެފައެވެ. ފަލަސްތީނުގެ އަރަބިންގެ ބަޔަށް ވެސް، ޔަހޫދީން ވެރިވުމުގެ ރޭވުން، ކުރިން ކުރެވިފައި އޮތްކަން ޔަހުދީން ފުރަތަމަ ބޮޑުވަޒީރު، ބެން ގިޔޫރިއޯންގެ ‘ހަނދާންތައް’ (މެމުއާރސް)، މިފޮތުން ފެންނަން އޮންނާނެއެވެ. މިކަމުގެ ހަގީގަތް މިއަދު، ޢަމަލީ މައިދާނުން އެއޮތީ ފެންނާށެވެ. މިއަދު، ފަލަސްތީނު މީހުންނަށް އޮތީ ހަމައެކަނި ޣައްޒާއެވެ. އެހެން ހުރިހާ އަރަބި ބިންތަކެއް އޮތީ އިޒްރޭލްގެ އަތް ދަށުގައެވެ. ޣައްޒާއަކީ ވެސް ބޮޑު ޖަލެއް ކަހަލަތަނެކެވެ. އެތަން ވަނީ އިޒްރޭލާއި މިސުރުގެ ހިސޯރުގެ ދަށުގައެވެ. ޣައްޒާއަށް ވަދެނިކުމގެ އުޅުމަކީ މިނިވަންކަމާއެކު ކުރެވެން އޮތްކަމެއް ނޫނެވެ. މިކަމަކީ އިޒްރޭލާއި މިސުރުގެ ބާރުގެ ދަށުގައި އޮތް ކަމެކެވެ. މިސުރުގެ އަތުގައި މިސުރާއި ޣައްޒާއާއި ގުޅޭ ސަރައްހަދު ހުޅުވުމުގެ އިޚްތިޔާރު އޮތް ކަމުގައި ވިޔަސް، މިކަން، ގިނަ ފަހަރަށް ކުރެވެނީ، އިޒްރޭލުގެ ރުހުން ލިބިގެންނެވެ. ސަތޭކަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ ބިން ގެއްލި، އެތަނުގެ މީހުން ބިކަވެ، ނިކަމެތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮބާ ހެއްޔެވެ؟ އާދެ، އާންމުންގެ ހޭލުންތެރިކަން ނެތުމާއި ލީޑަރުންނަށް ތިބި މީހުން ވެރިކަމަށް ދަހިވެތި ވުމެވެ.

އާދެ، އަދި އެއްފަހަރު ތަކުރާރުކޮށް ލިޔެލަމެވެ. ފަލަސްތީނުގެ ހިތާމަވެރި، މައުސާވީ ޙާދިސާއިން ލިބިދޭ އެންމެ މުހިއްމު ފިލާވަޅަކީ މިއެވެ. އާންމުންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބަން ގައުމުތަކަށް ދިމާވާ ނުރައްކަލެވެ. ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތެވެ. އާންމުންގެ ހޭލުންތެރިކަން ނެތި، ގައުމީ ކަންތައްތަކާ މެދު އަމިއްލައަށް ނުވިސްނުމުގެ ނަތީޖާއަކީ، ވެރިކަމުގެ ދަހިވެތިކަން ނޫންކަމެއް ނެތް، ތަނުގެ ލީޑަރުންނަށް ވެގެން އުޅޭ، ޣައްދާރުވެރި ފިނޑި ޚާއިނުންނަށް، ބޭރު ގައުމުތަކަށް އަމިއްލަ ގައުމު ވިއްކާލުމުގެ ހިތްވަރާއި ކެރުން ލިބުމެވެ. ގައުމީ ކަންކަމާ މެދު، އާންމުން ލޯ މަރާލައިގެން ތިބުމުން، އެފަދަ ޣައްދާރުންނާއި ޚާއިނުންނަށް، ޣަދަރާއި ޚިޔާނަތުގެ އަޚުލާގީ ގޮތުން އެންމެ ދަށު ދަރަޖައިގެ އަމަލު ހިންގާލުމުގެ ފުރުސަތު ލިބުމެވެ. އާދެ، މި ނަންގަތް ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލިދިޔުމެވެ.

  • ނުނިމޭ …….

1 ހިޔާލު

  1. އާއެކެވެ. ގައުމުގެ ރައްޔަތުން އެގައުމެއްގެ މިނިވަންކަމަށް ނުވިސްނާ ބޮޑުވަރިހަމައިގާ ތިބެންޏާ ޢަރަބީންނަށް ތިލިބުނު ލަނޑު ދިވެހިރާއްޖެއަށްވެސް ނުލިބޭންވީ ސަބަބެއްނެތެވެ. ވެރިކަމުގައިތިބުމަށް އެކަމަށް ފައިސާދީ ސަޕޯޓުކުރާ ކޮންމެ ބަޔަކާއިއެކު ޑީލް ހަދައި ގައުމުގައި ފަނިއަޅުވައިގެންވެސް ވެރިކަމުގައި ބައްދަން އުޅޭމީހުންގެ މަޅީގައި ރައްޔަތުން ޖެހުނީމާ ދެން ވާނެ ހައެތިވެނިމުނީއެވެ. މިފެންނަމުން ދަނީ އެ މަންޒަރެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ