ލޮލު ރޯގާ ޖެހުނީތަ؟ މީ އެކަމުގެ ޢަލާމާތްތައް!

Loading

Facebook
Twitter
WhatsApp


ލޮލު ރޯގާއަކީ މިދުވަސްވަރު މާލޭ ސަރަޙައްދުގައި ވަރަށް ބޮޑަށް ފެތުރެމުން އަންނަ ބައްޔެކެވެ. ލޮލުރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލިކޮންމެ އުމުރު ފުރައެއްގެ ކޮންމެ މީހަކަށްވެސް ޖެހިދާނެއެވެ.

އެންމެ އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް، ބެކްޓީރިޔާ ސަބަބުންނާއި، އަދި ލޮލަށް ވެއްޓޭ އެއްޗަކާ ނުގުޅުމުގެ ސަބަބުންނެވެ. ނުވަތަ އެލާޖިކް ވުމުގެސަބަބުންނެވެ. މީގެ އިތުރުން ލޮލު ރޯގާ ޖެހިފައިވާ މީހެއް ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތީގައި އަތްލުމަށްފަހު އަތްނުދޮވެ، ލޮލުގައި އަތްލައި އުގުޅައި ހަދައިފިނަމަ ލޮލުރޯގާ ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.

ލޮލުރޯގާ ޖެހުމުން ލޯ ރަތްވެ، ލޮލުން ފެންއައިސް މަޑުލާގޮތް ވެއެވެ. ލޮލުގެ މަތީ ބޮނޑިޔާއި ތިރީ ބޮނޑި ދުޅަވެ ބައެއް ފަހަރު ލޮލުގެ ފެނުން ނުސާފުވުމަކީ ވެސް ވާކަމެކެވެ. ލޮލުރޯގާ ޖެހުމުން ފުރަތަމަ ހައެއްކަ ދުވަހު ލޯރަތްވެ ގޯސްވަމުންދާހެން ހީވެދާނެއެވެ. 

ލޮލުރޯގާ ޖެހުނީ ވައިރަސް އެއްގެ ސަބަބުން ކަމުގައިވާ ނަމަ ލޮލުގައި މާގިނައިން މަޑުނުލައިވެސް ދެއެވެ. ނަމަވެސް ގިނަފަހަރު ކޮންމެވެސް ވަރަކަށް މަޑުލައި އެސްފިޔަތައް ތަތްވާގޮތް ވެއެވެ. 

ލޮލުރޯގާ ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތައް : 

• ލޮލު ރަތްވުން. 

• ލޯކަހައި، ހިރުވައި، ދިލަ ނެގުން.

• ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލިފަށަލަ ދުޅަވުން، ލޮލުގެ ބޮނޑި ދުޅަވުން.

• ލޮލުން ފެންއައުން.

• ލޮލުގައި މަޑުލުން . 

• އެސްފިޔަތައް ތަތްވުން .

ލޮލު ރޯގާއަކީ ބޭސްކޮށްގެންވެސް އަވަހަށް ފަރުވާކުރެވިދާނެ ބައްޔެކެވެ. އެގޮތުން އާޓިފިސަލް ޓިއާސް އާއި ކޯލްޑް ޕެކް ފަދަ ތަކެތި ބޭނުން ކުރެވިދާނެއެވެ. އާއްމު ގޮތެއްގައި ބަލި ޖެހޭތާ އެއް ހަފްތާ ނުވަތަ ދެ ހަފްތާ ތެރޭގައި އެއްވެސް ފަރުވާއެއް ނުކުރި ނަމަވެސް ބަލި ރަނގަޅުވެ ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް