ދުނިޔެ ދުށް އެންމެމޮޅު ޑިޕްލޮމޭޓަކީވެސް ކީރިތި ރަސޫލާ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ޚާރިޖީ ވަޒީރު 28 ޖެނުއަރީ 2023 ވީ ހޮނިހިރު ދުވަހު ދުނިޔެދުށް އެންމެ މޮޅު ޑިޕްލޮމޭޓަކީ ނުވަތަ ޑިޕްލޮމެޓުންނަކީ ލޯޑް ހަނޫމާން އަދި ލޯޑް ކްރިޝްނާ ކަމަށް ދައުވާ ކޮށްފިއެވެ. މިވަރުން ދަނީނަމަ އިންޑިއާގަ މިވަގުތު އޮތް ހިންދުތުވާ ސަރުކާރުން އަދި މޯޑީއަކީ ކަލާނގެއެއް ކަމަށް ބުނެފާނެ ކަމަށް ގަބޫލު ކުރެވެއެވެ.

1978ގައި މައިކަލް ހާރޓް ކިޔާ މީހަކު ލިޔުނު ފޮތެއްގައި ދުނިޔެދުށް އެންމެ މޮޅު 100 މީހުންގެ ލިސްޓްގެ އެންމެ ފުރަތަމަވަނަ ދެވިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم އަށެވެ. މިކަމަކީ ދުނިޔެދުށް ބައެއް ލިޑަރުންވެސް އެކަމާ އެއްބަސްވި ޙަޤީޤަތެކެވެ. ނެލްސަން މަންޑޭލާއަށްވެސް ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم ފަދައިން މޮޅަށް ކަންކަން ނުކުރެވޭނެކަމާއި، އެހެނީ މުޙައްމަދުގެފާނީ ކެތްތެރިކަމުގެ ނަމޫނާ އަދި ޑިޕްލޮމަސީގެ ބާނީކަމުގައި ބުނެފައި ވެއެވެ. 

މަތީގައި ބަޔާންކުރެވިފައިވާ ތާރީޚުގައި އިންޑީއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު (ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު   އެންމެ ގާތް ގުޅުމެއް ގެންގުޅުއްވާރައްޓެހި މީހާ) ބުނެފައިވަނީ ދުނިޔޭގެ ހުރިހާކަމަކަށް ދިރާސާ ކުރާއިރު އެބުނާ ކްރިޝްނާއަކާއި ހަނޫމާނަކީ އެންމެ ވަރުގަދަ ޑިޕްލޮމެޓުން ކަމެވެ. 

ކިހިނެތްތޯ މިކަމަށް އެއްބަސްވެވޭނީ އަޅުގަނޑުމެން ކުޑައިރުއްސުރެން އަހަމުންގެންދާ ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم ގެ ސިޔަރަތުންވެސް އެނގެނީ އެކަލޭގެފާނަކީ، އެކަލޭގެފާނާ ވާދަކުރެވޭނެ އެހެން ޝަޚުޞިއްޔަތެއް އޭރުވެސް، މިހާރުވެސް އަދި ޤިޔާމަތާއި ޖެހެންދެންވެސް ނާންނާނެފަދަ ޝަޚުސިއްޔަތުކަމެވެ. 

އިންޑިއާގެ ޚާރިޖީ ވަޒީރު އިތުރަށް ބުނެފައިވަނީ ކުރުކްޝޭތުރަ ހަނގުރާމައިގައި ދެބައިމީހުން ތަޅާފޮޅުމަކީ މަލްޓިޕޯލަރ އިންޑިއާގެ ނަމޫނާ ކަމަށެވެ. ނަމަވެސް ހިޖުރައިން 2 ވަނަ އަހަރު ރަމަޟާން މަހުގެ 17 ވަނަ ދުވަހު މުސްލިމުންނާއި މައްކާގެ މުޝްރިކުންނާ ދެމެދު ހިނގި ބަދުރު ހަގުރާމައަކީ ދުނިޔެދުށް އެންމެ އިބުރަތްތެރި ކުރިމަތި ލުމެވެ. ހަނގުރާމައިގެ މައިދާނުގައި ކަންކުރާންވީ އެންމެ ރިވެތި ނަމޫނާ ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلمދެއްކެވިއެވެ. ހަމައެހެންމެ ހިޖުރައިން 8 ވަނަ އަހަރު ރަމަޟާންމަހުގައި ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم އެއްވެސް ލޭއޮހޮރުވުމަކާ ނުލައި މައްކާ ފަތަޙަ ކުރެއްވި ޙާދިޘާ އަކީ މުޅިދުނިޔެއަށްވެސް އިބުރަތެކެވެ. މިހެންވީއިރުގައި އިންޑިއާގެ ޚާރިޖީ ވަޒީރު އަށް މިކަން ޝާހިދު ވިދާޅުވެ ނުދެއްވީ ކީއްވެތޯއެވޭ. ހަމަގައިމުވެސް ބާތިލް ހިންދޫޒިއަމްވުރެން އިސްލާމީ ތާރީޚު ޝާހިދު ދެނެވަޑައިގަންނަވާނޭ ކަމުގައި އަޅުގަނޑު ދެކެެމެވެ.

އަދިވެސް އިންޑިއާގެ ޚާރިޖީ ވަޒީރު ބުނެފައިވަނީ ތިމަންނަ އެންމެ ދެރަވަނީ އިންޑިއާގެ މިހާރުގެ ސަރުކާރުގެ ހިންގުންތެރީންނާއި ދިމާލަށް ހިންދުންގެ ހަރުކަށި ފިކުތުގެ މީހުންގެ ގޮތުގައި ލޭބަލް ކުރާތީއެވެ. ދެރައީ ވަޒީރަށް އެނގިވަޑައި ނުގެންނެވިކަން މިހާރު މުޅި ދުނިޔެއަށްވެސް އިންޑިއާގައި އެހެން ނަސްލުތަކާއި މެދު ހިންދުތުވާގެ ހަރުކަށީ ބީޖޭޕީގެ ސިޔާސަތުން މިވަގުތު އަނިޔާވެރި ވަމުންދާގޮތް އެނގޭކަމެވެ. 

އިންޑިއާގެ އަހުލުވެރީން މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ ބޮލުގައި އިންޑިއާ ބައިބައިކުރުމުގެ ސިޔާސަތު ގެންގުޅޭ ކަމުގެ ތުޙުމަތު އެބައަޅުވައެވެ. އެގޮތުން އިންޑިއާގެ ޕާލިއަމެންޓް މެމްބަރު ސުބްރަމާނިއަމް ސުވާމީވެސް އަދި ޕްރަގްޔާ ތާކޫރު ހިމަނާލަންޖެހެއެވެ. 

ޑރ. މޮރިސް ބުކޭލްފަދަ ސައިންޓިސްޓުންނަކީ އިސްލާމް ދީނުގެ ބަލާޣާތްތެރިކަން ފެނިފައި އިސްލާމް ދީން ޚިޔާރު ކުރި ފަރާތްތަކެވެ. އަޅުގަނޑު ހަމަގައިމުވެސް ހިންދޫންގެ ރާމް ނޫނީ ކްރިޝްނާ ކަލާނގެ އެހެންގޮސް ގެރިކަލާނގެ ގެ މޮޅުކަމުން އެދީނަށްވަން މޮޅު ސައިންޓިސްޓެއް ނުވަތަ ޢާލަމީ މޮޅުމީހެއްގެ ވާހަކައެއް އަޑެއްނާހަމުއެވެ. 

ހިތާމައަކީ މިހާރުގެ އިންޑިއާގެ ޚާރިޖީ ވަޒީރުފަދަ މީސްމީހުން ވާހަކައެއް ބުނުމުން މިކަންކަން ޤަބޫލުކުރާ ދިވެހީން އުޅޭކަމެވެ. ދާދި އިހަކަށް ދުވަހުވެސް ނޫސަތްކުން ފެނުނީ އިންޑިއާގެ ކޯޓަކުން ގެރިގުޔަކީ ނިއުކްލިއަރ ރޭޑިއޭޝަނުން ދިފާޢުވެވޭ އެއްޗެކޭ ބުނެ ޙުކުމެއް ކުރި ވާހަކައެވެ. ޖާޕާނަށް ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ ލަޝްކަރުދިން ނިއުކްލިއަރ އުދުވާނުގެ ޙަމަލާއަކީ އިންސާނީ ދަރިފަސްކޮޅަށް ދެވުނު ރޭޑިއޭޝަންގެ އަސަރު އެންމެ ބޮޑަށް ކުރެވުނު ހަމަލާއެވެ. ސުވާލަކީ ޖަޕާނު މީހުންނަށް ގެރިގުއީގެ މޮޅުކަން މިހާތަނަށް ނޭނގުނީ ކީއްވެބާވައެވެ؟ އަދިވެސް އެހަމަލާ ދެވުނު ހިސާބުގެ ކުދީން ވިހާއިރު އައިބު ހުރެއެވެ. 

ނިންމާލަމުންވެސް ދެންނެވެން އޮތީ ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم އާއި ގާތްކޮށްލެވޭ ދަރަޖައެއް ދެވޭނެ ދެވަނަ އިންސާނަކު އުފަން ނުވާނެކަން އަހަރުމެން އިސްލާމް ދީނުގެ އަސާސްތަކަށް އިމާންވެ ތިބެޤަބޫލު ކުރާންޖެހޭނެ ކަމެވެ. އެހެންކަމުން ދުނިޔެ ދުށް އެންމެމޮޅު ޑިޕްލޮމޭޓަކީވެސް ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم ، އެކަލޭގެފާނެވެ. 

ރިފަރެންސް

https://www.arabnews.com/news/443500

Loading

One Response

  1. ހިޔަޅު ބުނި މޭބިސްކަދުރަކީ ހިތި އެއްޗެކޭ. އެހެން ވީމާ މޭބިސްކަދުރަކީ ހިތިއެއްޗަކަށްވޭތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް