ޚަބަރުތައް ބުނާގޮތުން އެމެރިކާއާއި ރަޝިޔާގެ ގުޅުން މިހާރު އޮތީ ދުވަހަކުވެސް ގޯސް ނުވާ މިންވަރަށް ދަށަށް ގޮސްފައެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން ކްރެމްލިންގެ ސްޕޯކްސްޕަރސަން ދިމިތުރީ ޕެސްކޯވް ވިދާޅުވީ 2021 ވަނައަހަރުގެ ޖެނީވާ ސަމިޓްގައި ސިޔާސީ ގުޅުން ރަނގަޅުވެދާނެކަމަށް ކުރެވުނު ތާކުންތާކު ނުޖެހޭ އުންމީދަށް ފަހު މިހާރު އެ ގުޅުން މިއޮތީ ދެން ދުވަހަކުވެސް ރަނގަޅުވެދާނެ ކަމަށް ނުބެލޭ ހިސާބަށް ވެއްޓިފައެވެ.
އެމެރިކާގެ ސިފައިންނާއި ގުޅިގެން ޔޫކްރެއިނުން ރަޝިޔާގެ ސަރަޙައްދީ ބޯޑަރުކައިރީގާ އެތައް މިލިޓްރީ ތަމްރީނުތަކެއް ހިންގަމުން ގެންދިއުމުގެ ސަބަބުން އެމެރިކާއާއި ރަޝިޔާގެ ގުޅުން ދެން އަތުނުޖެހޭ ހިސާބަށް ފެޔަށް ހިގައްޖެކަމަށެވެ.
ހަމަ މިއާއެކު އެމެރިކާ އާއި ހުޅަނގުން އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު މިއޮތީ އަލުން ގުޅުން ގާއިމްކުރުމުގެ ވާހަކަތަކަށްވެސް މަގު ބަންދުވެފައެވެ. އަދި ބައިޑަންގެ ރިޔާސަތުގައި ދެގައުމުގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ނުބައިވަމުންނެވެ.
މިހާރު ލިބެމުންދާ ޚަބަރުތަކުން އެނގޭގޮތުގައި އިރުމަތީ ޖަރުމަނުގެ ސަރަޙައްދުތަކަށް ނޭޓޯ ފުޅާ ނުކުރާނެކަމަށް އެމެރިކާއިން ރަޝިޔާއާއިއެކު 1991 ވަނައަހަރު ވެފައިވާ އެއްބަސްވުމަށް އެމެރިކާއިން ދަނީ ޚިލާފު ވަމުންނެވެ. އަދި އިރުމަތީ ޔޫރަޕް ގައި ހިމެނޭ ގައުމުތަކުން އެއްވެސް ބާވަތެއްގެ މިލިޓަރީ ގުޅުމެއް ނޭޓޯގެ ގައުމުތަކާއިއެކު ބޭއްވުން މަނާ ކުރާ މާއްދާތަކަށް އެމެރިކާއިން ގެންދަނީ ހޫނުފެން ޖަހަމުންނެވެ. އަދި އެމެރިކާއިންނާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ރަޝިޔާ އާއި ދެކޮޅަށް ޢުދުވާން ހިންގުމަށް ކެނޑިނޭޅި ޔޫކްރެއިނަށް އެތައް ބިލިއަން ޑޮލަރެއްގެ މިލިޓްރީ އެހީ ފޯރުކޮށް ދެމުންނެވެ.
ޕެސްކޯގެ ވާހަކައިގާ މިދިޔަ ހުކުރުދުވަހު ވިދާޅުވީ ޔޫކްރެއިނާއި ރަޝިޔާގެ ދެކޮޅުވެރިކަމުގެ ތެރެއަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ނުސީދާގޮތުންނާއި އަދި މިހާރު ސީދާގޮތުންވެސް ބައިވެރިވަމުން ގެންދާ ކަން އެނގޭކަމަށެވެ.
މިކަންތައްތަކުގެ ހިތި ނަތީޖާއާއި ހުޅަނގުން އަދި ކުރިމަތިލާން ޖެހޭނެއެވެ. ޔޫކްރެއިނަށް މި ދެކޮޅުވެރިކަން ކާމިޔާބުކޮށް ދެވޭނެކަމަށް ހުޅަނގުންދެކެނީ ޚިޔާލީ އަވާމެންދުރެއްކަން އެނގޭއިރުވެސް ގަދަފައި ވިއްދުމުގެ ސަބަބުން އެ ގައުމުތަކުގެ ރައްޔިތުން ސަހަރޯއޭ ހީކުރަންޖެހޭނެ ދުވަސް މާދުރެއްވެސް ނޫންކަމަށެވެ.
ޕެސްކޯގެ މިވާހަކަތައް އިޝާރާތްކުރަނީ ހުޅަނގުގެ ދިފާއީ ވަޒީރުން ޖަރުމަނުގައި ބައްދަލު ކުރައްވައި ޔޫކްރެއިނަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާމެދު ކުރައްވަމުން ގެންދަވާ މަޝްވަރާތަކަށް ބިނާކޮށް ކަމުގައި ބެލެވެއެވެ.
One Response
ވަރަށް ފުންނާބު އުސް ލަޝްކަރެއްގެ ފޮޓޯ..