އެމެރިކާއިން ބުނަނީ ބޭނުންވަނީ 2 ދައުލަތް އޮތުމަށް

Loading

Facebook
Twitter
WhatsApp

ޔަހޫދީ ގައުމުގައި އަލަށް ޚާރިޖީ ވަޒީރުކަމަށް އައްޔަންކުރެވުނު އެލައި ކޯހެން އަށް ފޯނުންގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އެމެރިކާއިން ބޭންވަނީ އިސްރާއީލާ ފަލަސްތީނުގެ ދެ ދައުލަތް އޮތުން ކަމުގައި ތަކުރާރު ކުރައްވައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެއްޖެއެވެ. އަދި އިސްރާއީލާ ފަލަސްތީނުގެ މެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެމެރިކާއިން ދެކޭ 2 ދައުލަތުގެ ސިޔާސަތަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކޮންމެ ޙަރަކާތަކަށް އެމެރިކާ ނުރުހޭނެކަމަށެވެ. 

އިސްރާއީލުގެ ބޮޑުވަޒީރުކަމަށް މިފަހަރު ނަތަންޔާހޫ އެނބުރި މިވަޑައިގަތީ ގާނޫނުހަދާ މަޖިލީހުގައި ތިއްބެވި ހަރުކަށި ދީނީ ވިސްނުން ގެންގުޅުއްވާ  ކަނާތުފިޔައިގެ މެމްބަރުންގެ ރުހުމާއި އެކުގައެވެ. އެބޭފުޅުންނަކީ ފަލަސްތީނުގެ މައްސަލާގައި ވަރަށް ހަރުކަށި ފަނާކުރަނިވި ވިސްނުމެއް ގެންގުޅުއްވާ ބައެކެވެ. 

ނަތީޖާއެއްގެ ގޮތުން ޕާލަމެންޓުގެ އަމާޒު މިހާރު ރޭވިފައިއޮތީ ހުޅަނގު އައްސޭރިއާއި ގާޒާ އަކީވެސް އިސްރާއީލުގެ ބައެއްކަމުގައި ރަސްމީގޮތުން ޢިއުލާން ކުރުމަށެވެ. ނަތަންޔާހޫގެ ވިސްންފުޅަކީވެސް އެއީކަން ކަނާތުފިޔައިގެ މެމްބަރުންނަށް ކަށަވަރުކޮށް ދިނުމުގެގޮތުން އިރުމަތީ ބައިތުލް މަގްދިސްވެސް ހިމެނޭގޮތުގައި ހުޅަނގު އައްސޭރީގެ ބައެއް މިހާރުވެސް އެއޮތީ އިސްރާއީލު ބަޔަކަށް ހަދާ ޢިއުލާން ކޮށްފައެވެ.

ނަތަންޔާހޫ ބުނަމުން ގެންދަނީ ހުޅަނގު އައްސޭރިއާއި ގާޒާއަކީ ހަނގުރާމައިގާ ހިފާފައިވާ ތަންތަން ނޫންކަމަށާއި އެއީ ހަގީގަތުގައިވެސް އިސްރާއީލުގެ ބައެއް ކަމުގައެވެ.

އެހެންނަމަވެސް ނަތަންޔާހޫ އާއި މިހާރުގެ ސަރުކާރުގެ ބައިވެރިންގެ މި ވިސްނުމުގެ ސަބަބުން އެމެރިކާވެސް ހިމެނޭގޮތުގައި ބައިނަލް އަގްވާމީ ދުނިޔޭގައި އިސްރާއީލު އެކަހެރިވެގެން ހިގައިދާނެ ކަމަށް ބައެއް މުޙައްލިލުން ދެކެވަޑައި ގަންނަވައެވެ.އިންސާނިއްޔަތަށް ވަކާލާތު ކުރަމުންގެންދާ އެމެރިކާގެ “ އެމެރިކަން ފޯރ ޕީސް ނަވް “ އިން ވޯޝިންގޓަނުގައި ހުންނަ އިސްރާއީލް އެމްބަސީ ކައިރީގައި އިސްރާއީލުގެ މިހާރުގެ ސަރުކާރާމެދު އިޙުތިޖާޖު ކުރަމުން ބުނެފައިވަނީ ބުނެފައިވަނީ “ ވަގުންނާއި މީހުންމަރާމީހުންނާއި ގޮތްދޫނުކުރާ މީހުންނާއި ހަރުކަށި ވިސްނުން ގެންގުޅޭ މީހުން އެކުލެވިފައިވާ އިސްރާއީލުގެ މިއުފެދުނު ސަރުކާރާ ދެކޮޅަށް އަހަރެމެންގެ ނުރުހުމާއި ނަފްރަތު ކުރުން ފާޅުކުރާނަން “ ކަމުގައެވެ.

އަހަރެމެން ތާއީދުކުރާނީ އަދުލު އިންސާފާއި އެއްބައިވަންތަކަމާއި ދީނީ މިނިވަންކަމާއި އިޖްތިމާއީ ހަމަހަމަކަން ކަށަވަރުކޮށްދޭ އިސްރާއިލުގެ ސަރުކާރަކަށެވެ. އަދި މި ހަމަތަކާއި މިސިފަތައް ފަލަސްތީނުގެ ރައްޔިތުންނާއި މެދުވެސް ގެންގުޅޭ ރައްޔިތުންގެ ވެރިކަމަކަށް މެނުވީ އަހަރެމެން ތާއީދެއް ނުކުރާނެ ކަމުގައެވެ.                           

މިދިޔަ ހަފުތާގައި ނަތަންޔާހޫ ވެރިކަމަށް އިސްކުރެވުމާއި ގުޅިގެން މަރުޙަބާ ދަންނަވަން ރައީސް ބައިޑްން ކުރެއްވި ފޯންކޯލުގައިވެސް 2 ދައުލަތަށް ތާޢިދުކުރެއްވުން ތަކުރާރު ކުރެއްވިއެވެ. 

އަހަރެން ގެ ސަރުކާރުގެ ފުރަތަމަ ދުވަހުންފެށިގެން މިގެންދަނީ 2 ދައުލަތުގެ މައްޗަށް އެކުލެވޭ ސިޔާސަތު އެކަށައެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަށް ހުރަސް އެޅިދާ ފަދަ އެއްވެސް ޙަރަކާތަކަށް އެމެރިކާ އާނބަސް ނުބުނާނެކަމަށް ވިދާޅުއެވެ.                 

ނަތަންޔާހޫ ސަރުކާރުގައި އަލަށް ޓްއަރިޒަމް މިނިސްޓަރުކަމާއި ޙަވާލުވެވަޑައިގެންނެވި ހަރުކަށި ވިސްނުމުގެ ހާއިމް ކާޓްޒް ވިދާޅުވީ ހުޅަނގު އައްސޭރިއަކީ ޓްއަރިޒަމަށް ޚާއްސަ ތަނެއްގެ ގޮތުގައި ބިނާކުރަމުން ގެންދާނެ ކަމަށެވެ. އެ ބިމަކީ އަންޒަމާނުއް ސުރެން އަހަރެމެންގެ ތަރިކައެއްކަން ތަވްރާތުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށާއި މިހާރު އެތަނުގައި އާބާދު ކޮށްފައިތިބި ފަސްލައްކައެއްހާ ޔަހޫދީންނަށް ވުރެން މާގިނަ މީހުން ވަޒަންވެރި ކުރުވާނެ ކަމަށެވެ.                                                           

ޔަހޫދީ ވެރިންގެ ބަސްމަގު މިހާރު ހުރިގޮތުން އެގައުމު މިސްރާބު ޖަހާފައި އެހުރީ އެގައުމުގެ އެންމެގާތް އެކުވެރިންނާ މެދުގައިވެސް ފުށޫ އަރާގޮތަށް ދަމާފައިއޮތް ކޮލިޝަން ކޯހެއްގައި ކަމަށް ވަރަށްގިނަ ސިޔާސީ ތަޖްރިބާކާރުން ބުނަމުން އެބަ ގެންދައެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކުން ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ ޔޫއެން ގައިވެސް ގެންދަނީ އަޑުގަދަވަމުންނެވެ. ވީމާ އެމެރިކާ އަށްވެސް އެގޮވުންތަކަށް ބީރުކަންފަތެއް ދީގެން ނުތިބެވޭނެކަން އެމެރިކާއަށްވެސް ވިސްނޭހެން ހީވެއްޖެއެވެ.                                            

Loading

2 Responses

  1. އެމެރިކާއިން ބޭނުންވާނަމަ މިހާރު ތިޔަކަންތައް އޮންނާނީ ނިމި ހަނދާންވެސް ނެތިގޮއްސާ

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް