ޔަހޫދީން ގެ މަސްލަޙަތު ޙިމާޔަތްކުރުމަށް 'ކައްޗަށް އެޅި ބިންގާ

Loading

Facebook
Twitter
WhatsApp

1967 ވަނަ އަހަރު ހިނގި މަޝްހޫރު 6 ދުވަހުގެ ހަނގުރާމައިގައި ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ވެސްޓްބެންކާއި، މުސްލިމުންގެ މުޤައްދަސް މިސްކިތެއްކަމުގައިވާ އަލް-އަޤްޞާ މިސްކިތާއިބެހޭ ގޮތުން، އިޒްރޭލުގެ 2 ފަރާތަކުން ދާދިފަހުން ނެރެފައިވާ 2 ރިޕޯޓަކާއި ގުޅިގެން މުސްލިމް ޤައުމުތަކުގެ މެދުގައި ވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަން ފެތުރިފައެވެ. 

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަޔަންޔާހޫ ގެ އަމުރަކަށް އުފައްދާފައިވާ ”އެޑްމުންޑް ލެވީ ކޮމިޝަން“ ގެ ފަރާތުން ނެރެފައިވާ ރިޕޯޓެއްގައި، ވެސްޓްބެންކްއަކީ އިޒްރޭލުން ހިފާފައިވާ ބިމެއް ނޫންކަމަށާއި، އެ ބިމަކީ އަބަދުވެސް އިޒްރޭލުގެ ބިމެއްކަމަށް ލިޔެފައިވެއެވެ. 

ލެވީ ކޮމިޝަން ގެ މި ރިޕޯޓާމެދު މުސްލިމް ޤައުމުތަކުން ނުތަނަވަސްވެފައި ވަނިކޮށް، އިޒްރޭލު ސަރުކާރުގެ ޤާނޫނީ މުޝީރު ވެސް ވަނީ ހަމަ މިފަދަ އެހެން ބަޔާނެއް ނެރެފައެވެ.މި ބަޔާނުގައި ބުނަނީ، އަލް-އަޤްޞާ މިސްކަތް (މުސްލިމުންގެ މުޤައްދަސް ބިނާއެއް) އަކީ އެ އެއްވެސް ޙާލެއްގައި އިޒްރޭލުގެ ’މިލްކިއްޔާތުގެ‘ ތެރެއިން ވަކިކޮށްލެވޭނެ ’ބިނާ’އެއްނޫންކަމުގައެވެ. 

މިދެންނެވި 2 ރިޕޯޓް ގެ ސަބަބުން އަރަބި އިސްލާމީ ދުނިޔޭގައި ވަރަށް ބޮޑު ނުތަނަވަސްކަމުގެ އޮއިވަރެއް އަންނަނީ ފެތުރެމުންނެވެ. އަލްޤުދުސް (ޖެރޫސަލަމް) ގައި ހުރި މުސްލިމުންގެ މުޤައްދަސް ބިނާތައް 1921 ވަނަ އަހަރުން ފެށިގެން ބެލެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އުރުދުން ގެ ރަސްމީ ފަރާތްތަކުން، މިމައްސަލައާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި، އިޒްރޭލުން ނެރެފައިވާ 2 ރިޕޯޓް ކުށްވެރިކޮށް، ”މިފަދަ ރިޕޯޓްތަކާއި ބަޔާންތަކުގެ ސަބަބުން އަރަބި-އިޒްރޭލުގެ މައްސަލައަށް ދާއިމީ ސުލްހައެއް ނުލިބި، ދެފަރާތުގެ މެދުގައިވާ ޚިލާފްތައް ބޮޑުވެގެންދާނެއެވެ. އަދި މިފަދަ ރިޕޯޓްތަކުގެ ސަބަބުން މިމައްސަލައަކީ، ދުވަހަކުވެސް ޙައްލު ނުކުރެވޭނެފަދަ ދީނީ މައްސަލައެއްގެ ގޮތުގައި ކުރިފަޅައިގެން ދިޔުމުގެ ފުރުޞަތުވެސް އެބައޮތެވެ.“ އުރުދުން ގެ ރަސްމީ ބަޔާނުގައިވެއެވެ. 

އަރަބި-އިޒްރޭލުގެ މައްސަލާގައި އެމެރިކާ އާއި ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރާތުން ކުޅެމުން ގެންދާ ’ވަކި ފަރާތަކަށް ޖެހި ހުސްވެފައިވާ‘ ސިޔާސަތުގެ ސަބަބުން، އިޒްރާއީލުން އެބައިމީހުން ބޭނުން ކޮންމެކަމެއްކޮށް، ބޭނުންކޮންމެ އެއްޗެއް ބުނުމުގެ ’ބާރުވެރިކަން‘ ވަނީ ލިބިފައެވެ. މުސްލިމުންގެ ވިސްނުމާއި ފިކުރަށް އެއްވެސް ކަހަލަ އިޙްތިރާމެއްނެތި، އިޒްރޭލުން ނެރެމުން ގެންދާ ބަޔާންތަކާއި އަދި ހިންގަމުން ގެންދާ އުދުވާނަކީ ބައިނަލްއަޤްވާމީ މުޖުތަމައުއަށް އިޒްރޭލުގެ އެއްވެސް ’އަމަލެއް‘ ނުފެނުމުގެ ސަބަބުން ހިންގަމުން ގެންދާ ކަންތައްތަކެވެ. 

އަލް-އަޤްޞާ މިސްކިތަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންގެ މިލްކިއްޔާތެއް ނޫންކަމާއި، އެއީ މުޅި ދުނިޔޭގެ 2 ބިލިއަނެއްހާ މުސްލިމުންނަށް ނިސްބަތްވާ މުޤައްދަސް ބިނާއެއްކަން އިޒްރޭލަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. އަލް-އަޤްޞާ މިސްކިތަކީ ކީރިތި ޤުރުއާން ގައި އެތައް ފަހަރަކު އެ މިސްކިތުގެ ވާހަކަތައް ގެނެސްފައިވާ މުޤައްދަސް މިސްކިތެކެވެ. އަދި މި މިސްކިތަކީ ކީރިތި ރަސޫލާ މުހައްމަދުގެފާނު (ސއވ) އިސްރާ އާ މިއުރާޖަށް އަރާވަޑައިގެންނެވި ރޭގައި، އިމާމުވެ ނަމާދު ކުރެއްވި މިސްކިތެވެ. 

މިދެންނެވި ސަބަބުތަކަށްޓަކައި ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތު ވަނީ އަރަބި-އިޒްރޭލު ސުލްޙައިގެ ވާހަކަތަކުގެ ތެރެއަށް އަލް-އަޤްޞާ މިސްކިތުގެ މައްސަލަ ނުވެއްދުމަށް ހުށަހަޅާ، އަދި އެފަދަ ވާހަކަތަކެއްގައި އެ މިސްކިތުގެ ވާހަކަ ނުދެއްކޭނެކަމަށް ނިންމާފައެވެ. 2000 ވަނަ އަހަރު ކޭމްޕް ޑޭވިޑް ގައި ބޭއްވުނު ވާހަކަތަކުގައިވެސް އެމެރިކާ އާއި އިޒްރޭލުގެ އެތައް ފިއްތުންތަކެއްގެ ކުރިމަތީގައިވެސް، ޔާސިރު އަރަފާތު ވަނީ އަލް-އަޤްޞާ މިސްކިތާމެދު އެމަނިކުފާނުގެ މި ހަރުދަނާ ސިޔާސަތު ދިފާޢުކުރައްވާފައެވެ. 

އަލް-އަޤްޞާ މިސްކިތާ ގުޅިފައިވާ ތާރީޚީ އަދި ދީނީ އެންމެހާ ކަންތައްތަކަކީ އިޒްރޭލުން މާބޮޑު އަހަންމިއްޔަތުކަމެއް ދޭން ބޭނުންވާ ކަންތައްތަކެއްނޫނެވެ. އޭގެ ބަދަލުގައި އިޒްރޭލުން މަސައްކަތް ކުރަމުން ގެންދަނީ މީގެ 2000 އަހަރު ކުރީން ރޯމަނުންގެ ބަޔަކު ނައްތާލިކަމަށް ބުނާ ޔަހޫދީ ފައްޅިއެއްގެ މައްސަލައާ އަލް-އަޤްޞާ މިސްކިތުގެ މައްސަލައާ ގުޅުވުމަށެވެ. އިޒްރޭލުގެ ބައެއް ޔަހޫދީން ޤަބޫލުކުރާ އެ ފައްޅީގެ މައްސަލައަކީ ހަޤީޤަތުގައި ޔަހޫދީންގެ ފޯކްލޯރެއް (ޚިޔާލީ ވާހަކައެއް) ކަމަށް އެތައް ބަޔަކު އިއްތިފާޤުވެއެވެ

ހައްދުފަހަނައަޅާފައިވާ ހަރުކަށި ޚިޔާލުގެ ޔަހޫދީން ގެ ތެރެއިން ’އެޕޮކަލިޕްސް‘ އާއި ’ޖުވިޝް މިލޭނިއަމް‘ ގައި ހިމެނޭ ޔަހޫދީން ރެއާދުވާލު ދުޢާކޮށް އަޅުކަން ކުރަމުން ގެންދަނީ، އަލް-އަޤްޞާ މިސްކިތް ނެތިކޮށް، އެ މިސްކިތް ހުރި ބިމުގައި، އެ މިސްކިތް ހަދާފައިވާ ތަކެތި ބޭނުންކޮށްގެން ޔަހޫދީންގެ ފައްޅިއެއް އެބިމުގައި ޤާއިމް ކުރުމަށެވެ. އަދި މި ފަދަ ފައްޅިއެއް ޤާއިމް ކުރެވިއްޖެނަމަ، ދުނިޔޭގެ އިންސާނީ ނަސްލުގެ ސަލާމަތަށްޓަކައި، އިސާގެފާނު އެނބުރި ދުނިޔެއަށް ވަޑައިގަންނަވާނެކަމަށްވެސް، ކުރިން މިދެންނެވި 2 މަޒްހަބަށް ނިސްބަތްވާ ޔަހޫދީން ގެންދަނީ ޤަބޫލުކުރަމުންނެވެ. 

އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ސިއްރިޔާތުގައި އަލް-އަޤްޞާ މިސްކިތުގެ އަޑި ކޮންނަމުން ގެންދަނީ ޔަހޫދީން ޤަބޫލުކުރާ ފަދަ ފައްޅިއެއް އެ ބިމުގައި މީގެ ކުރީން އަޅާފައި ހުރިކަމުގެ ހެކި ހޯދުމަށެވެ. ނަމަވެސް މިއަދާހަމައަށްވެސް އެފަދަ އެއްވެސް ހެއްކެއް ޔަހޫދީންނަށް ހޯދިފައެއްނުވެއެވެ. 

އިޒްރޭލުން އަލް-އަޤްޞާ މިސްކިތުގެ މައްޗަށް އޮންނަ ބާރުގަދަ ކުރުމުގެ ގޮތުން، އެ މިސްކިތާއި އިންވެގެން ޔަހޫދީން އަޅުކަން ކުރާނެ ފައްޅިއަކާއި އަދި ޔަހޫދީ ފިކުރިއްޔާތާއި ގުޅުން ހުރި ދާރުލްއާސާރެއް ވަނީ ޤާއިމްކޮށްފައެވެ. މިތަންތަނަކީ އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރަމުން ގެންދާ ތަންތަނަށްވާތީ، އެ ނަމުގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ގެންދަނީ އަލް-އަޤްޞާ ގެ މައްޗަށް ވެރިވެ އެތަނަށްވެސް ބާރު ހިންގަމުންނެވެ. 

މީގެ އިތުރުން އިޒްރޭލުގެ ސަރުކާރާއި ސަލާމަތީ ބާރުތަކުން ވަނީ އަލް-އަޤްޞާމިސްކިތުގައި ނަމާދުކުރުމަށް އަންނަ މުސްލިމުންނަށްވެސް އެތައް އުނދަގޫތަކެއް ކުރިމަތި ކުރުވާފައެވެ. މި މިސްކިތުގައި ނަމާދު ކުރެވެނީ އިޒްރޭލުން ހުއްދަ ލިބޭ ފަރާތްތަކަށް އެކަންޏެވެ. މުސްލިމުން ގެ ބަރަކާތްތެރި ރަމަޟާންމަހުގައިވެސް އެ މިސްކިތުގައި ނަމާދު ކުރެވޭނީ އިޒްރޭލުން އެކަމަށް ހުއްދަ ލިބިގެންނެވެ. އެހެނަސް ޔަހޫދީންގެ ތެރެއިން ’ވެއިލިންގ ވޯލް‘ ގައި އަޅުކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އަބަދުވެސް އިޒްރޭލު ސަރުކާރުން އޮންނަނީ ހުޅުވާލާފައެވެ.

އަރަބި-އިޒްރޭލުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބި އިތުރުވާ ކޮންމެ ދުވަހަކީ އިޒްރޭލުގެ ނޭއްގާނީކަމާއި ހަރުކަށިކަން ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންގެ މައްޗަށް ދައްކަމުން ގެންދާނެ ދުވަހެކެވެ. އިޒްރޭލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި، އިޒްރޭލުން ހިންގަމުން ގެންދާ ހަމަ ކޮންމެ އުދުވާނަކީ ސިޔާސީ، ދީނީ އަދި އިންސާނީ ހައްޤުތަކާއި ކަރާމަތްތެރިކަމަށް ބެލިކަމުގައިވިޔަސް، އެއްވެސް ޙާލަތެއްގައި ޤަބޫލު ކުރެވޭނެ ފަދަ އަމަލުތަކެއްނޫނެވެ. 

މި ދުވަސްވަރަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ކުރެވެމުން އަންނަ ދުވަސްވަރުކަމުގައި ވިޔަސް، ރިޔާސީ ކެންޑިޑޭޓުން އިޒްރޭލާބެހޭ ގޮތުން ކޮންމެ ފަދަ ވާހަކައެއް ދެއްކިކަމުގައިވިޔަސް، އެމެރިކާއިން އިޒްރޭލާމެދު ގެންގުޅޭ ސިޔާސަތުތަކަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެކަމަށް ހުރިހާ ފަރާތްތަކުންވެސް އިއްތިފާޤުވެއެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި ހުޅަނގު ގެ ޤައުމުތަކުން އަޑީގައި ތިބެގެން ހިންގަމުން ގެންދާ މަކަރުވެރި މަސައްކަތްތަކުގެ ސަބަބުން، އަރަބި-އިޒްރޭލުގެ މައްސަލައަށް އެއްވެސް ކަހަލަ ޙައްލެއް ނުލިބި، އެމައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. 

އެމެރިކާގެ ކޮންމެ ރިޔާސީ އިންތިޚާބަކީވެސް ފަލަސްތީނުގެ ރައްޔިތުން އުއްމީދުތަކެއް ކުރާ އިންތިޚާބެކެވެ. މިދެންނެވި އުއްމީދަކީ އަރަބި-އިޒްރޭލުގެ މައްސަލައަށް ދާއިމީ ސުލްޙައެއް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭނެ އަދްލުވެރި ވެރިއަކު އެމެރިކާގެ ރިޔާސަތަށް އިންތިޚާބު ވެދާނެކަމަށް ކުރާ އުއްމީދެވެ. އެހެނަސް ފަލަސްތީނު ރައްޔިތުންގެ މި އުއްމީދަކީ ދުވަހަކުވެސް ހާޞިލު ނުވާނެ އުއްމީދެއްކަން އެނގިތިބެވެސް، އެކަމާމެދު ބަހުޘްކުރާ ފަރާތްތައް މަދެއްނޫނެވެ. 

އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންނަކީ ޔަހޫދީ މިލިއަނަރުންނާއި ނުފޫޒުގަދަ ފަރާތްތަކުގެ އެހީތެރިކަމާއި މަދަދު ލިބިގަތުމަށްޓަކައި ސީދާ އިޒްރޭލަށް ޒިޔާރަތްކޮށް، އެ ބިމުގައި ޔަހޫދީންގެ މުޤައްދަސް އަޅުކަންތައް ފުރިހަމަކުރާ ފަރާތްތަކެވެ. އަދި މިފަދަ ކެންޑިޑޭޓުން އިޒްރޭލުގެ ސިޔާސަތުތަކަށް ތާއީދުކޮށް، އިޒްރޭލުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އެމެރިކާ ދެމި އޮންނާނެކަމަށް ބުނެ ވަޢުދުތައް ވަމުން ގެންދެއެވެ. 

އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ބިމަށް ގަދަބާރުން އަރާ، ހިންގަމުން ގެންދާ އުދުވާނުގެ ސަބަބުން އެތައް ލައްކަ ބަޔަކު ވަނީ މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ. ފަލަސްތީނުގެ ރައްޔިތުން، އެބައިމީހުންގެ އަމިއްލަ މިނިވަންކަން ހޯދުމަށް އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ތިބެ ކުރަމުން ގެންދާ ހިތްވަރުގަދަ ޖިހާދަށް ކުޑަނަމަވެސް ހީނަރުކަމެއް ނާދެއެވެ. އޭގެ ބަދަލުގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގައި ހިންގަމުން ގެންދާ ހުރިހާ ލާއިންސާނީ އަމަލުތަކެއް ދުނިޔެއަށް ފޮރުވާދިނުމުގައި އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ގެންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ

އިޒްރޭލުގެ އުދުވާނުތައް ފޮރުވުމުގައި، އެމެރިކާ އާއި ހުޅަނގުގެ އެހީތެރިކަމާއެކު ކިތަންމެ މަސައްކަތްތަކެއް ކުރިކަމުގައިވިޔަސް، އިޒްރޭލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ނުކުރާހާ ހިނދަކު ހަޤީޤީ ސުލްޙައެއް ނުލިބޭނެއެވެ. ޔަހޫދީން ވަޒަންވެރި ކުރުވާ، ޔަހޫދީންނަށް ބިމެއް ހޯދައިދިނުމަށް އެމެރިކާއިން ’ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ހަމަ ކަތިކޮށެވެ.‘  

Loading

2 Responses

  1. ކިޔާލާފައި އެ މައްޗަށް ވިސްނާލުން ވަރަށް ރަނގަޅު ލިއުމެކެވެ. ކައްޗަށް ބިންގާ އެޅުމަށް އެހީވެދިނީ ކޮންބައެއް ހެއްޔެވެ ؟ އަމިއްލަ އެދުމުގައި ހުޅަނގުގެ ގައުމުތަކަށް ވާގިވެރިވެ ދިނީ ކޮންބައެއްޔެއްޔެވ ؟ އަރަބިކަރަ ބައިބައި ކޮށްލީ ކޮންފަދަ މަކަރުވެރި އުކުޅުތަކެއް ބޭނުން ކޮށްގެން ހެއްޔެވެ ؟ ލޯރެންސް އޮފް އެރޭބިޔާއޭ ކިއުނުމީހަކަށް އެއްވެސް ވަރަކަށް ފިކުރުކުރުމެއްނެތި ލެނބިގެން ދިޔައީ ކޮންބައެއްހެއްޔެވެ ؟ މިލިއުމުން މައުލޫމާތުތަކެއް ލިބޭކަމަށް ގަބޫލުކުރަމެވެ. އެކަމަކު ހަގީގަތް ހާމަކުރުމަށްޓަކައި މިހާރުގެ ބަހުރުވައިންނަމަ ހުރިހާފަރާތަކުން ކުރި ކަންތައް ޑިޖިޓަލްކޮށް ގެނެސްދޭން ޖެހޭނެއެވެ. އެހެންނޫނީ ދެން ލިބޭނީ އަހަރެމެންނަށް ލިބިގެން އުޅޭކަހަލަ ލަނޑެކެވެ. އެމް. ޑީ. ޕީން. ބަދުނާމުކުރާނީ ޕީ. ޕީ. އެމް. ދެން އެމީހުން ބަދުނާމު ކުރާނީ އެމް. ޑީ. ޕީ. އެވެ. ދިވެހިން މިތިބޭނީ އަތްޖަހާށެވެ. މި ވެގެން އުޅޭގޮތް ވިސްނާކަށް ބޭނުމެއް ނޫނެވެ. .

  2. ކީއްތޯ ކުރާނީ އަހަރެމެން މިތިބީ އަދި ކުރިޔަށްވުރެވެސް މަގުފުރައްދާފައެވެ. މަޒްހަބީ ތަފާތުތަކެއް މީގެ ތެރަށް ހަރުތުންގެ ގޮތުގައި ވައްދައިގެން ސީދާ ކާފަރުންނާއި ދީން ގަބޫލުނުކުރާ މީހުންނަށްވުރެވެސް ޝަހާދަތުގެ ދެކަލިމަ ކިޔައި ގަބޫލުކޮށްގެން އުޅޭމީހުންވެސް މިހާރު މާގޯސް ކަމަށް ދެކެފިއެވެ. ދެން އިސްލާމީ ވަހުދަތު ކިހިނެއްތޯވާނީ؟ މަށަށް އެއްޗެއް ލިބެންޏާ އަމާގެ ފަށްޓަރުބައިވެސް ވިއްކާލާކަހަލަ އިސްލާމުންތަކެއް ދުނިޔޭގައި ގިނަވިޔަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއްނޫންތޯއެވެ. ﷲ ބޮޑަށް ދެނެވޮޑިގެންވެއެވެ. ޙައްގަށް ނަސްރުދެއްވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް