ގަލްފު ލީޑަރުންގެ އާ ބައިވެރިއަކަށް ޗައިނާ

Loading

Facebook
Twitter
WhatsApp

ސުރުޚީގައި އެވަނީ މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި އަރަބި ލީޑަރުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވުނު ބައްދަލުވުމުގައި ހާމަވެގެންދިޔަ މެސެޖްގެ ޚުލާސާއެކެވެ. ނިމިގެންދިޔަ އެ ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އަރަބި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިގްތިސާދުގައި ޗައިނާގެ ޙިއްސާ އަށް ގިނަ މަގުތަކެއް ހުޅުވިގެން ހިގައްޖެއެވެ. 

އަދި އަރަބި ދުނިޔޭގައި ޙަރަކާތްތެރި ވަމުން އައި ހަމައެކަނި ސުޕަރ ޕަވަރަ އެމެރިކާއަށް އެމަގާމު ކިތަންމެރަނގަޅަކަށްވެސް ގެއްލިއްޖެކަމެވެ. ރައީސް ބައިޑްން ސަރުކާރުން ފާޅުކުރަމުން ގެންދިޔަ ފާޑުކިއުންތަކުގެ ސަބަބުންނާއި މެދު އިރުމަތި އެކަހެރި ކުރުމުގެ ވިސްނުމުގައި އެމެރިކާއިން އޭޝިޔާއާއި ޔޫރަޕް އިޚްތިޔާރު ކުރުމުން އަރަބިންގެ މެދުގައި ޗައިނާއަށް އިތުބާރު ކުރުމުގެ އާ ވިސްނުމެއް އަށަގެތީއެވެ. ޗައިނާއާއި އަރަބިންގެ ގުޅުމަށް މި އަންނަންފެށި ބަދަލު ދިރާސާ ކުރާ ފަރާތްތަކުން މިއަށްވުރެންވެސް ބޮޑަށް އެމެރިކާއަކީ އިތުބާރުކުރެވޭ ބައިވެރިއެއްނޫ ންކަމަށް އަރަބި ލީޑަރުން ވިދާޅުވަމުން ގެންދާކަންފާހަގަކުރެއެވެ. 

ވަނަވަރު ހާމަކުރަން ބޭނުންފުޅު ނުވާ އަރަބި އޮފިޝަލަކު ވިދާޅުވީ ޗައިނާއާއި އެކުގައި އަހަރެމެންނަށް ތިބެވޭ ހިސާބު އަބަދުވެސް އެނގޭކަމަށެވެ. އެކަމަކު ހަތަރު އަހަރުވަންދެން އެންމެ ގާތް ބައިވެރިންގެ ތެރޭގައި ހިމެނުމަށްފަހު އެމެރިކާއިން ބުނެފައިމިވަނީ ސަލާންޖަހާ ނާށިގަނޑު ހިފައިގެން މަގުމައްޗަށް ނިކުންނަން ޖައްސާނެ ކަމަށެވެ.

ސަޢޫދީ އެރޭބިޔާއިން އަރަބި ވެރިންނާއި ޗައިނާގެ ރައީސް ޝީ އާއެކު ބޭއްވި އަރަބި ސަގާފަތާގުޅޭ ކުލަގަދަ ތިން ބައްދަލުވުން އެމެރިކާއިން ބަލާކަށް ނުތިބޭވޭނެ ކަހަލައެވެ. އެމެރިކާގެ އަންޑަރސެކްރެޓަރީ ފޯރ ޑިފެންސް މި ހުސްވި މަހުގެ ތެރޭގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން މިކަމަށް ދަލީލު ލިބިގެން ދެއެވެ. 

އޭނާ ވިދާޅުވެފައިވަނީ އެ ސަރަހައްދުގެ ލީޑަރުން ޗައިނާއާއެކު ގުޅުން ބަދަހި ކުރުމަކީ އެމެރިކާގެ ސަލާމަތަށް ނުރައްކަލެއް ކަމަށާއި އެކަން ބަލަން އެމެރިކާއިން ނޯންނާނެ ކަމުގައެވެ. މިބުނީ އެކަމުގެ ހިތިރަހަ ދައްކާނެ ވާހައެއް ނޫނެވެ. އެކަމަކު އަހަރެމެންގެ މަގާމު ދިފާޢު ކުރާނެވާހަކައެވެ.                      

ސަޢޫދީ އެރޭބިޔާ އާއި ޗައިނާގެ ގުޅުން ފުޅާވެގެންދާ މިންވަރު އަންގައިދޭ ގިނަ ހެކިތަކެއް މިހާރު ފެންނަމުން އެބަދެއެވެ. މިފަހަރުވެސް ދެގައުމުގެ މެދުގައި ގައުމީ ކަންކަމުގައި އެއްބާރުލުން ދިނުމާއި އަދި ސަލާމަތީ ކަންކަމަށް މަގުފަހިވާގޮތަށް ސިޔާސީގޮތުން ހުރިހާ މައިދާނެއްގައި އެކީ އެކުގައި ފައިތިލަ ސާބިތުކުރުމުގެ 34 އެއްބަސްވުމެއްގައި ދެގަމުން ސޮއިކުރެވިގެން ދިޔައެވެ.

ހަމަ އެފަދައިން ގަލްފުގެ އެހެން ގައުމުތަކުންވެސް ފާއިތުވެގެންދިޔަ ދިހަވަރަކަށް އަހަރުދުވަހު ގެންދިއައީ ޗައިނާއާއެކު ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކުވެރިކަން ބަދަހި ކުރަމުންނެވެ. ސަޢޫދީ އެރޭބިޔާއިން ސިޔާސީގޮތުން އެމެރިކާ ރުޅިއަރުވަން ބޭނުން ނުވިޔަސް ޗައިނާއަކީ އެގައުމުގެ ވިޔަފާރީގެ އެންމެބޮޑު ޙިއްސާދާރުކަމުގައި ވެގެންދިޔައެވެ.

މިހާރު ޗައިނާ އާއިއެކު ވިޔަފާރީގެ ގުޅުމުގެ ފޮނިމީރުކަން އިޙުސާސްކުރެވުމާއިއެކު ސިޔާސީ ގޮތުންވެސް ޗައިނާ އިޚްތިޔާރު ކުރިތަން ފެނިގެން ދިޔައީއެވެ. ހަމައެކަނި ދެހަފްތާގެ ތެރޭގައި މުޅި އަރަބި ދުނީޔޭގެ ހުރިހާ ލީޑަރުން ޗައިނާގެ ރައީސް ޝީ އާއެކު ބައްދަލުކުރުން ހަމަޖެއްސުމަކީ ސަޢޫދީ އެރޭބިޔާއާއި ޗައިނާގެ ގުޅުން ގާއިމް ވެފައިވާ މިންވަރު ހާމަކޮށްދޭ ދަލީލެކެވެ.

އަދި އެމެރިކާގެ ބަދަލުގައި ޗައިނާ އިޚްތިޔާރު ކުރުން ކަމުގައި ނުވިޔަސް ހުރިހާ ދިމާލަކުން ޗައިނާ އާއިއެކު ގުޅުންތައް ފުޅާކުރުން ބޭނުންވާ ކަމުގެ ފުރިހަމަ ހެއްކެއް ކަމުގައި ހާވާރޑް ޔުނިވަރސިޓީގެ ބެލްފަރ ސެންޓަރުގެ މުޙައްލިލު މުޙައްމަދު އަލްޔަހްޔާ ވިދާޅުވިއެވެ.                                                      

ގަލްފުގެ ޝެއިޚުން ދެކިވަޑައިގަންނަވާ ގޮތުގައި ޗައިނާގައި އޮންނަ އެއްޕާރޓީގެ ސިޔާސީ ނިޒާމަކީ އެބޭފުޅުންނާ މާބޮޑަށް ގުޅޭ ވެރިކަމުގެ ނިޒާމެކެވެ. އަދި އެމެރިކާގެ ވިސްނުން އަބަދު އެނބުރެމުން ދިއުމަކީ އެމެރިކާގެ ސަލާމަތީ ކުޑައިގެ ދަށުގައި ރައްކާތެރިކަމުގެ އިތުބާރު ގެއްލެމުން ދިއުން ކަމުގައި ގަލްފުގެ ވެރިން ދެކިވަޑައި ގަންނަވައެވެ.އަދި އެބޭފުޅުންގެ ނަޒަރުގައި ސަޢޫދީގެ ތެލުގެ ވަސީލަތްތަކަށް އީރާނުން ޑްރޯން ޙަމަލާ ދިނުން ފަދަ ކަންތައްތަކުގައިވެސް އެމެރިކާއިން މާބޮޑު އަޅާލުމެއް ނެތެވެ.

އެމެރިކާއަކީ އަބަދުވެސް ފުރުސަތުގެ ދަހިވެތި ކަމުގައި އުޅޭ ބައެއްގެގޮތަގައި ފާހަގަ ކުރައްވައެވެ. އެގޮތުން ޗައިނާއާއި އީރާނާއި ދެމެދު އޮންނަ ގާތް ގުޅުމާއިއެކު މިވިސްނުމަކީ އަރަބިއަން ގަލްފަށް އަދި ޕާޝިއަން ގަލްފަށް، ނުވަތަ މުޅި މެދުއިރުމައްޗަށްވެސް އެންމެ އަމާން ގޮތްކަމުގައި ދެކެފިއެވެ.                                                 

ސަޢޫދީ އެރޭބިޔާގެ އިސްނެންގެވުމާއިއެކު 20 އަރަބި ލީޑަރުންނާއެކު ޗައިނާގެ ރައީސް ޝީ ބޭއްވެވި ތާރީޚީ ބައްދަލުވުމުން ތަކުގައި 24 ނުކުތާއެއްގެ މައްޗަށް އެގައުމު ތަކުން އެއްބަސް ވުމަކަށް އާދެވުނުކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި އެއްވެސް ގައުމެއްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ނުވަނުމާއި އީރާނުގެ ނިއުކްލިއަރ މަޝްރޫއަކީ ވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދޭން އެއްބަސް ވެވުނެވެ.

އަދި އެގޮތަށް ހިންގޭ މަޝްރޫއަކަށް ހެދުމަށް ބާރު އެޅުމަށާއި ޗައިނާއިން ވަކިވެގަތުމަށް ޓައިވާނުންކުރާ މަސައްކަތަށް ނޫނެކޭ ބުނުމާއި ހޮންކޮންގުގެ މައްސަލާގައި ޗައިނާގެ ސިޔާސަތަށް ތާއީދުކުރުން ފަދަ ވަަަރަށް މުހިންމު ކަންތައްތައް ހިމެނުނެވެ.                                                

ޗައިނާގެ ވޫވޭ ކުންފުނިން ސަޢޫދީގެ މުވާސަލާތާބެހޭ ކަންތައްތަކުގައި ކުޅެމުން އަންނަ ދައުރާއިމެދު އެއީ އެމެރިކާގެ މިލިޓްރީ އަދި ދިފާޢީ ނިޒާމަށް ފާރަލުމުގެ ބިރު އޮތްކަމެއްގެ ގޮތުގައި އެމެރިކާއިން ސިފަކޮށް އަދި އެކަމާދޭތެރޭ ނިހާޔަތަށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދެއެވެ. 

އެމެރިކާގެ މި ކަންބޮޑުވުންތަކާ އެކުވެސް ސަޢޫދީން ނިންމާފައިވަނީ ޗައިނާގެ ޝައުގުވެރިކަން ގަލްފު ސަރަޙައްދުގައި އިތުރު ކުރެވޭނެ ގޮތްތަކާއި ނިއުކްލިއަރ ހަކަތައާއި ރޮބޯޓިކްގެ ވަސީލަތްތައްވެސް ތަރައްގީކުރުމާއި އެހެނިހެން ވަސީލަތް ތަކަށްވެސް ދިގު މުއްދަތުގެ އިންވެސްޓްމެންޓުތައް ޗައިނާއިން ގެނައުމަށެވެ.                                         

ސައޫދީ ޕޮލިޓިކަލް ސައިންޓިސްޓަކު ކަމުގައިވާ ހިޝާމް އަލް ޣަންނާމް ވިދާޅުވީ އަރަބި ދުނިޔޭގެ މަގްސަދަކީ ދުނިޔޭގެ ބޮޑު ދެބާރާއެކު ހަމަހަމަ ގޮތެއްގައި ގުޅުންތައް ދެމެހެއްޓުމެވެ. އެހެންވީމާ ޗައިނާއާއެކު އިތުރު ފުރުސަތު ހޯދައި އެމަގު ޚިޔާރު ކުރުމަކީ ނުކޮށް ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. އަދި މިހާރު މިއީ އެކަން ކުރުމުގެ ވަގުތެވެ.                                                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް