ޖައްވުތެރޭގައި ސެލޫލަރ މޯބައިލް ފޯނު ބޭނުން ކުރުމުން ބިމުގައި ގާއިމްކޮށްފާ ހުންނަ ނެޓްވާރކްތަކަށް ނުރައްކާ ވެދާނެ ކަމަށް ބަލައިގެން 1991 ގައި އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަން ކޮމިޝަނުން އެކަން މަނާކޮށްފައި އޮތުމުގެ ސަބަބުން މަތިންދާ ބޯޓުދަތުރުގައި މޯބައިލް ފޯނު ނިއްވާލުން ނިމުމަކަށް ގެންނަން ޔޫރަޕިއަން ޔޫނިއަން ހަމަޖައްސައިފިއެވެ.
އިނގިރޭސި ވިލާތުގެ ފްލައިޓް ސޭފްޓި ކޮމިޓީގެ ޗެއަރމަން ޑާއި ވިޓިންގހަމް ވިދާޅުވީ މަތިންދާ ބޯތުފަހަރުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާ ކުރުމަކީ ފުރިހަމައަށް މަޢުލޫމާތު ހޯދުމަކާ ނުލައި ކޮށްފައި އޮތް ކަމެއް ކަމަށެވެ.
އޭރު ވިސްނިފައިއޮތީ މޯބައިލް ފޯނު މަތިންދާބޯޓުގެ ތެރޭގައި ބޭނުން ކުރުމުން ބޯޓުގެ ދަތުރުގެ ނިޒާމަށް ބުރޫ އަރާފާނެ ކަމަށެވެ. އެކަމަކު ފާއިތުވެ ދިޔަ އަހަރުތަކުގެ ތަޖްރިބާއިން އެނގުނީ އެކަން އެގޮތަށް ދިމާވުމުގެ ފުރުސަތު ވަރަށްވެސް ކުޑަކަމަށެވެ.ޔޫރަޕިއަން ކޮމިޝަނުން ނިންމާފައި ވަނީ މަތިންދާބޯޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް ދަތުރުމަތީގައި މެސެޖް ފޮނުވުމާއި އަދި ފޯނުކުރުންވެސް ހުއްދަ ކުރުމަށެވެ.
ޔޫރަޕިއަން ޔުނިއަންގެ ނިންމުމުގައި ވާގޮތުން އާންމުކޮށް ބޭނުންކުރާ ވައިފައި ގެ ބަދަލުގައި މަތިންދާ ބޯޓުގެ ވެރިފަރާތުން ދެންޖެހޭނީ 5 ޖީ ޓެކްނޯލޮޖީގެ ވަސީލަތް ފޯރުކޮށް ދޭށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ތިއެރީ ބްރެޓްން ވިދާޅުވީ އެއްވެސް އިމެއް މިނެއް އެނގުމެއްނުވާ ޖައްވުގައިވެސް ކުރިއަރަމުންދާ ޓެކްނޯލޮޖީގެ ވަސީލަތްތައް ރައްޔިތުންނަށް ބޭނުންކުރެވެން ޖެހޭނެ ކަމަށާއި އަދި މިގޮތަށް ހަމަޖެހުމުން ޔޫރަޕްގެ މުވާސަލާތީ ކުންފުނިތަކަށް ފައިދާ ކުރާނެކަމަށެވެ.
މަތިންދާބޯޓުފަހަރުގައި 5 ޖީ ހުއްދަކުރުމާއިމެދު މިހާރުވެސް އެމެރިކާގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެކަމަކު އެ ކަންބޮޑުވުންތައް އަހަރެމެންނަކަށް ނެތް ކަމުގައި ވިޓިންގހަމް ވިދާޅު ވިއެވެ. އެމެރިކާއަށްވުރެން ޔޫރަޕްގައި 5 ޖީ ބޭނުންކުރަނީ މާ ދަށް ޕަވަރެއްގައެވެ. އެހެންވީމާ 5 ޖީ ހުއްދަކުރުމަކުން ޔޫރަޕަށް ކުރިމަތި ވެދާނެ އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުފެންނަކަމުގައި އޭނާ ވިދާޅުވިއެވެ. ޔޫރަޕިއަން ޔޫނިއަނުން މިހާރު ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުރިހާ މަތިންދާބޯޓެއް ގައިވެސް 5 ޖީ ޓެކްނޯލޮޖީ ގާއިމްކޮށްފާ ބެހެއްޓުމަށެވެ. ބެލެވޭގޮތުގައި މިއަންނަ އަހަރުން ފެށިގެން މަތިންދާ ބޯޓުދަތުރުގައި މޯބައިލް ފޯނު ނިއްވާލުން އެއީ މާޒީ ކަމުގައި ވެގެންދާނެއެވެ.
2 Responses
އަނހާ ކަލޯ ތިޔަބުނިއެއްޗަކުން ތިޔަވެއްޓުނީ އަހުންގެ ފެންވަރަށް. އަހުންވެސް ކަންތައްކޮށް ނިމުނީމާ ދެން މި އެނގެނީ އަދި މިކުރެވުނީ ރަނގަޅަށް ނޫންކަން. ތިޔަ ގޮތަށް ބަދަލު ކުރުމުން ހޭވައްލާ ކިޔާފާ ފަސިންޖަރުންތައް ފޯނުކުރާނެ. އޭރުން ދެން މައްސަލައަކަށްވާނީ އަޑުގަދަވެގެން ބޮލާނުފޮރުއްޕާންވުން.
ޖާސޫސީ އިދާރާތަކަށް ވެސް އެކަން ކުރަން ފަސޭހަ ފަހި ފުރުސަތެއް