ގޭންގް ތަކާ ގުޅެމުންދާ ޒުވާނުން  އިތުރުވަނީ ކީއްވެ! -2 

Facebook
Twitter
WhatsApp
21CB0F88-8FF5-4B2F-B463-E5F7732CEC67

https://sandhaanu.today/25334/ އާއި ގުޅޭ

 ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ބިންގާ އަޅާފައިވަނީ ކަށްޗަށެވެ. މިއީ ވެރިކަމުގައި އޭރު ތިބިބަޔަކު ގަސްތުގައި ރާއްޖޭގެ ތަޢުލީމީ ބިންގާ އެޅިގޮތްކަމަށް ބުނެވެން އެބައޮތެވެ. 

އޭގެފަހުން ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންވެސް ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރަމުން އައިސްފައިވަނީ އެބިންގަލުގެ މަތީގައި ކަށްޗަށެވެ. ރާއްޖޭގައި ވެރިކަން ކުރަވަމުން ގެންދެވި ބޭފުޅުން ރާއްޖޭގެ ތަޢްލީމީ މަންހަޖަށް ހޮޔޮ ބަދަލެއް ގެނެސްފައި ނުވަނީ ވެރިކަމުގެ ޖާހަތާއި ލައްޒަތަށް ޓަކައެވެ. 

ރާއްޖޭގެ ތަޢުލީމީޙަޔާތުގެ ޞަފުޙާތަކަށް ބަލާލުމުން ވެރިކަމުގެ ބޭނުމުގައި ގައުމުގެ ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙް ކުރުމަށް މަސައްކަތް ނުކުރާކަން ހާމަވެގެން ދެއެވެ. 

އެގޮތުން އޭރު ފިލައިގެންގޮސް މިޞްރުންނާއި އިންޑިއާއިންނާއިއަދިއެނޫންވެސް އެހެނި ހެންގައުމުތަކުން އުނގެނި އިސްލާމްދީނުގެ ޢިލްމް ހޯއްދަވައިގެން ރާއްޖެ ވަޑައިގެން ރާއްޖޭގައި މަކުތަބު ހައްދަވާ ދީނީ ޢިލްމަށް ޝައުގުވެރިވާ ޒުވާނުންނަށް ދީނީ ޢިލްމު ކިޔަވައި ދެއްވަމުން ގެންދެވިއެވެ. 

އެހެނަސް މިފަދަ ޝޭޚުންނަށް ދީނާއި އަޚުލާގް ދަސްކޮށް ދެއްވުމުގައި ދެމިތިބެވޭނެ ގޮތެއްނުވެއެވެ. ދީނީގޮތުން އެބޭފުޅުން ޙައްގު ބަސް ވިދާޅުވެ ދީނީ ރަޢުޔު ފާޅުކޮށް ރައްޔިތުންނަށް ދީން އުނގަންނަވައި ދެއްވަން ފެށްޓެވުމުން ކުށްވެރި ކުރެވި އަރުވާލަނީއެވެ. މިފަދަ ބޭފުޅުން އެނބުރި މާލެއަށް ނާދެވި އަރުވާލައިފާ ހުންނަވާ ރަށެއްގައި އަވަހާރަވެ ނިމިގެން ދިޔައީއެވެ.

     އެޒަމާނުގެ ދީނީ ޢިލްމަށް ލޯބިކުރި ކާބަފައިންނަށް އޭރުގެ ސަރުކާރުތަކުން ކޮށްފައިވަނީ މިފަދަ އަނިޔާއެވެ. އެޒަމާން ތަކުގައި ދީނީ ޢިލްމު ޙާޞިލް ކުރުމަކީ ވަރަށްބޮޑު ކުށެއްކަމުގައި ވެރިކަމުގެ ފަރާތުން ދެކެއެވެ. އެހެންކަމުން އޭރު ދީނީ ޢިލްމު ހާޞިލްކުރި ފަރާތްތަކުން އެޢިލްމު ހޯއްދަވާފައިވަނީ ދިވެހި ސަރުކާރަށްފިލައިގެން ބޭރުގެ ގައުމުތަކަށް ގޮސްގެންނެވެ.

     މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުން އުފަންވާ ޢިލްމުވެރިންނަށް އެބޭފުޅުންނަށް ލިބިވަޑައި ގެންފައިވާ ޢިލްމު އެހެންމީހުނަށް އުނގަންނައި ދިނުމުގެ ހުއްދައެއް ނުއޮވޭމެއެވެ. އޮންނާކަށް ނުވެސް ޖެހެއެވެ. އެހެނީ އިންސާނީ އުސޫލުން އެމީހަކަށް އެނގޭ ޢިލްމެއް ހެޔޮ އަޚުލާގެއް އަނެކާއަށް ކިޔަވައިދީ ބުނެދިނުމަކީ އެއިރެއްގެ އޮންނަ ސަރުކާރަކުން ހުއްދަހޯއްދައި ކުރަންޖެހޭނެ ކަމެއްވެސް ނޫންމެއެވެ. 

އެހެން ކަމާއިއެކު މިފަދަ ގިނަ ޢިލްމުވެރިން އަވަހާރަ ވެފައިވަނީ ރާއްޖޭގެ ކޮންމެވެސް ރަށަކަށް މުއްދަތެއް ނެތްގޮތަށް އަރުވާލައްވާފައި ހުންނަވަނި ކޮށެވެ.

2008 ވަނަ އަހަރާ ހަމައަށްވެސް ސަރުކާރު ތަކުގެ ސިޔާސަތު ތަންފީޒު ކުރަމުން ދިޔައީ މިދެންނެވި ނޭއްގާނީ އުސޫލުގެ މަތީންނެވެ.

     މިރާއްޖޭގެ ރައްޔިތުން ދީނީގޮތުން ހޭލުންތެރި ނުވެ އޮތީ މިދެންނެވި ސަބަބު ތަކާހެދިއެވެ. 

     ކަން މިހެން ހުރިނަމަވެސް މަކްތަބްތަކާއި މަދުރަސާތަކުން ދަރިވަރުންނަށް އަޚުލާގު ކިޔަވައި ދެއްވަތެވެ. އެހެން ކަމުން އެޒަމާނުގައި ބޮޑެތިވި މީހުންގެ ކިބައިގާ އެކަކު އަނެކަކަށް އިޙުތިރާމު ކުރުމާއި އެއްބައެއްވަންތަ ކަމުގެ ގުޅުން އާލާވަމުން ގޮއްސާވެއެވެ.  ރާއްޖޭގެ މަކްތަބް ތަކާއި މަދުރަސާތަކުގައި އޭރު ކިޔަވައި ދެއްވަނީ ދިވެހި މުދައްރިސުންނެވެ.

     އެޒަމާނުގައި ދިވެހީންނަކީ ވެރިންނަށް ކިޔަމަން ތެރި ހެޔޮލަފާ އަދި އަވަށްޓެރީންނަށް އެކިރޮނގު ރޮގުން އެހީތެރިކަން ފޯރުކޮށް ދިނުމާއިއެކު ބަދަހި ޢާއިލާތަކެއް އުފެދިގެން އައި ޒަމާނެކެވެ. ވާނީވެސް އެހެންތާއެވެ! އެފަދަ މުދައްރިސުންނަކީ އޭރު އަޚުލާގީ ނަމޫނާބައެކެވެ.

     ރާއްޖޭގެ ތަޢުލީމީ ބިންގާ ވަނީ މާކުރީއްސުރެ ނުބައި އިރުވަރުގައި ކަތިކޮށް އަޅާފައެވެ. އެހެން ކަމުން އެބިންގަލުގެ މަތީގައި ރާއްޖޭގެ ތަޢުލީމީ ނިޒާމާމެދު ވިސްނުންތެރި ކަމެއް ނެތި ބިނާކުރެވިގެން ދިއުމުގެ ސަބަބުން މި ނިޒާމް ވަނީ ބޮލުރޮދި ކެނޑި ބޮލާއަޅާފައެވެ.

     ދާދި އިހަށްދުވަހު މިސަރުކާރަށް ރާއްޖޭގެ ސްކޫލްތަކުގެ ކަންކަން ބޮއްސުން ލާފައިވާކަން ރޭކާލާފައިވާތީ ސްކޫލްތަކުގެ ކަންކަން ރަނގަޅު ކުރުމުގެ މާސްޓަރ ޕްލޭނެއް އެކަށައަޅަން މަސައްކަތް ކުރައްވާނެ ކަމުގެ ސިގުނަލެއްދެއްވީތީ އުފާކުރަމެވެ. 

ސުވާލަކީ ރާއްޖޭގެ ސްކޫލްތަކުން މިހާރު ފެންނަމުން އެދާ ކަންކަން ރަނގަޅު ކުރުމަށް ކިހާމުއްދަތެއް ނަގާނެ ތޯއެވެ. މާސްޓަރު ޕްލޭންއެއްގެ މަތިން ހަދުމަފުޅުވީ 4 އަހަރުގެ ވެރިކން ނިމި ދެވަނަދައުރަކަށް ކެމްޕޭންޖައްސަން ވީމައެވެ. މިއީ މިހާރު ރާއްޖޭގެ ނުތާހިރު ސިޔާސަތެވެ.

     ރާއްޖޭގެގެ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކާ މިހާރު އެޅިފައިވާ ތަޢުލީމީ ކަތި ބިންގާ ކޮނެނަގާ އާބިންގަލެއް އަޅަން ޖެހޭއިރު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ގައުމާއި ރައްޔިތުންނަށް އަދި ސްކޫލްތަކުން ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންނަށް ހެޔޮއެދޭ އިޚުލާޞްތެރި ވެރިން ނުވަތަ މުދައްރިސުން އެދާއިރާގައި އެބަތިބި ހެއްޔެވެ؟

     މިހެން ދަންނަވަން މި ޖެހުނީ ރާއްޖޭގެ ސްކޫލްތަކުން ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރުން އަޚުލާގު ގޯސްވެ ސްކޫލްތަކުގައި މަސްތުވާތަކެތި ވިއްކާ ގޭންގް ހަދައިގެން މާރާމާރީ ހިންގާ ދަރިވަރުންނަށް ބްލީކޮށް ހަދަމުން ގޮސް ސްކޫލްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކަންކަން ބޮއްސުންލައިގެން ދިޔައިރު ސްކޫލްތަކުގެ ވެރިންނަށް ރޭކާވެސް ނުލީމައެވެ. 

މިފަދަ ކަންކަމަކީ ކުށްލިއަކަށް ދިމާވާނެ ކަންކަމެއް ނޫންތާއެވެ. ސްކޫލްތަކުގެ ދަރިވަރުންގެ ކަންކަން ބެލެހެއްޓުމަށްޓަކާ ރައްޔިތުންގެ ޖީބުން ފައިސާ ޚަރަދުކޮށްގެން ސްކޫލްތަކަށް ލާފައި ތިބި މުވައްޒަފުން ވަނީ އެބޭފުޅުންގެ

މަގާމުގެ މަސްޢޫލިއްޔަތަށް އިޙުމާލުވެފައެވެ. ސަކޫލްތަކުގެ ވެރިން އެސްކޫލް މުވައްޒަފުން އެބޭފުޅުންގެ ޒިންމާ އަދާ ކުރޭތޯވެސަ ނުބައްލަވައެވެ. ސަކޫލްތަކުގެ ޙާލަތު މިހާގޯސްވެގެން މިދިޔައީ ސްކޫލްތަކުގެ ވެރިން ދަރިވަރުންނާ މެދު އިޙުމާލުވުމުގެ ސަބަބުންކަމަށް ވާއިރު ސަކޫލްތަކުގެ މާދަމާގެ މުސްތަގްބަލް ބިނާކުރުމުގައި ސްކޫލްތަކަށް ޒިންމާދާރު އިޚުލާޞްތެރި ވެރިންގެ ބޭނުން މިވަނީ ނިހާޔަތަށް ޖެހިފައެވެ.

     ސަކޫލްތަކުގެ ދަރިވަރުން އަޚުލާގީ ފެންވަރު ދުވަހެއް ދުވަހެއް އަންނަނީ ގޯސްވަމުންނެވެ. މައިންބަފައިނާ މުދައްރިސުންނަށް އިޙުތުރާމް ކުރުމުގެ އާދަ ދަރިވަރުންގެ ކިބައިގާ އަށަގަނުވަން ޖެހޭއިރު ސްކޫލްތަކުން ނުކުންނަ ދަރިވަރުން ސްކޫލް ތަކުން ތަމްރީނު ވެފައިވަނީ އަހަރެމެން ކުޑައިރު އުޅުނު ވަކަރުގޭ ކުދިންނަށްވުރެ ދަށު ދަރަޖައިގާކަން ކަށަވަރެވެ.

     ގައުމެއްގެ ރައްޔިތުން ބިނާކުރަނީ މައިންބަފައިންނާއި މުދައްރުސުންނެވެ. މައިންބަފައިންނާއި މުދައްރިސުންނަކީ އަޚުލާގީ ރިވެތި ސިފަތަކާއި ރިވެތި އާދަކާދަ އަށަގެންފައިވާ ބަޔަކަށް ނުވާނަމަ އެގައުމެއްގެ ޙާލަތު ހުންނާނޭގޮތް އަމިއްލައަށް ވަޒަންކޮށް ލައްވާށެވެ. އެކަމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެއެވެ. އެހެނީ ސްކޫލުތަކުގެ މަންހަޖުގެ ބެލެނިވެރިޔަކީ މިނިސްޓްރީ އޮފް އެޑީއުކޭޝަން ކަމަށް ވާތީއެވެ. އާދެ! ސަރުކާރު ކަމަށްވާތީއެވެ.  

     މަގުމަތީގައި ޒުވާން ގުރޫޕްތައް އެއްވެ އެޒުވާނުން ވާހަކަ ދައްކާއަޑު އައްސަވާލައްވާށެވެ. މިއަޑު އިވިލެއްވުމުން ދިވެއްސަކަށް ވީތީ މިހާރު ލަދުވެތި ނުވާނޭ ހަމަހޭގައިހުރި އެކަކުވެސް ހުންނާނެ ހެނެއް ހީއެއްނުވެއެވެ.

     ރާއްޖޭގެ ސްކޫލްތަކުގެ ޙާލަތު މިވަނީ ޖަންގަލީގެ ޙާލަތަށް ބަދަލުވެފައެވެ.ސްކޫލްތަކުގައިވެސް ގޭންގްތަކެވެ. މުޖުތަޢުގައިވެސް ގޭންގުތަކެވެ. ޒުވާނުން ބޮޑެތި ވަމުން އެދަނީ އެދެވޭ ރަނގަޅު ގޮތުގައި ތަރުބިއްޔަތެއް ނުލިބި ޖަންގަލީގެ ވަލުޖަނަވާރުން ފަދައިންނެވެ. ސްކޫލްތަކުގެ ދަރިވަރުން މިފަދަ ނުރައްތެރި ބައެއްގެ ގޮތުގައި ތަމްރީނުވަމުން އެދާސަބަބު ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނުބަލަނީ ކީއްވެހެއްޔެވެ؟

މީ ބޮޑުވެގެންވާ ގައުމީ މައްސަލައެެއް ކަމުގައި ދެކެމެވެ. ސަރުކާރުން ގައުމުގެ ކުރިމަގާމެދު ވިސްނާން ގައުމު ބެލެހެއްޓެން ޖެހޭނެއެވެ. ހަރުކަށި ފިކުރުގެ ނުރައްކާތެރި އާދަކާދަ ޒުވާނުންގެ ކިބައިގާ އެދަނީ އަށަގަންނަމުންނޭ ބުނެ ނިރުބަވެރީން ބަންދުކުރާނެ ހައިސިކިއުރެޓީ ޖަލެއް ބިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާނެކަމަށް ބުނެ ބައިސާކެނޑުން ހުއްޓަން ޖެހެއެވެ. ޢަމަލީގޮތުން އެފަދަ ނިރުބަވެރީން މިފަދަ މުޖުތަމައެއްގައި ސުފެދޭން ޖެހޭސަބަބު ހޯދައި ޙައްލު ހޯދަން ޖެހެއެވެ.

އިންސާނުން ކަތިލުމާއި ވައްކަން ކުރުމާއި ރިޝްވަތާ ފަސާދައިގެ ޢަމަލުތަށް ޢާންމުވެއްޖެކަން އެންމެނަށްވެސް އެނގެއެވެ. މީހުނަށް ބިރުދެއްޖުމާއި 

ފޭރުމާއި އަންހެންވެރީންގެ އަތްދަބަސް ފެލާލުންފަދަ ނުރައްކާތެރި އާދަ ކާދަ މުޖުތަޢުގައި ފެތުރެމުން ދަނީ ހަބޭހަށެވެ.

ސްކޫލްތަކުގެ މުދައްރިސާއިންނާއި މުދައްރިސުން ކިޔަވައިދޭ ކުދީންވެސް ބައިވެރިކޮށްގެ ހުކުރުއަޅާފަ ބާބަކިޔޫ ހަދާ މަޖާ ކުރަނީ ހަބޭހަށެވެ. އެހެނަސް ޝަކުވާ ކުރަމުން ގެންދަނީ މުސާރަ ބޮޑުނުވެގެނެވެ. އަދި ފުލެޓްނުލިބިގެންވެސް ޝަކުވާ ކުރަނީއެވެ. އާއެކެވެ! އެޝަކުވާތައްވެސް ކުރުން އެންމެރަނގަޅެވެ. އެހެނަސް ތިމާމެން ޒިންމާނަގައިގެން ހިންގަންޖެހޭ ސްކޫލްތަކުގައި ވަލުޖަނަވާރުން އުފައްދާ މުޖަތަމަޢު ބިރުވެރި ނާމާން ޖަންގައްޔަކަށް ބަދަލުވާކަން ދަނެ ޒިންމާ ނަގަންޖެހެއެވެ. އަދި ހަމަ އެހެންމެ ރައްޔަތުންގެ ޖީބުން ޚަރަދުކޮށްގެން ހިންގާ ސަރުކާރުތަކުންވެސް އެފަދަ މުދައްރިސުންނާއި ސްކޫލްތަކުން ޢިލްމީ އަޚުލާގީ މިންގަނޑަށް ދަރިވަރުން ބަލަހަށްޓާތޯ ބެލުމުގެ ޒިންމާ އަދާކުރުމަށް ގޮވާލަމެވެ!

    ނިމުނީ…

One Response

  1. ވަރަށް ރަގަޅު ހަގީގަތުގައިވެސް ތިލިއުނީވަރަށް ބޮޑު ތެދެއް ރާއްޖޭގެޒުވާނުން މިހާލަތަށް ގެންދިއައީ ވެރިކަމުގެ ދަހިވެތި ކަމުގައި ރާއްޖޭގެ ދީނާއި ގައުމިއްޔަތުގެ ކުޑަވެސް ލޯތްބެއް ނެތި ވެރިކަމުގައި ތިބި ވެރިން ކުރިކަމަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް