ބައިނަލް އަގްވާމީ ދުނިޔޭގެ މުހިންމު ވާހަކައެއް ދައްކާނަމަ އެންމެ ފުރަތަމަ ދައްކަންޖެހޭނީ އެމެރިކާއާއި ޗައިނާގެ ވާހަކައެވެ. ދުނިޔޭގައި އެންމެ ވާދަވެރި ދެ ގައުމޭވެސް ކިއިދާނެއެވެ. ދުނިޔޭގެ އިގްތިސާދާއި ވިޔަފާރީގެ ދެ މައިމަރުކަޒޭ ވެސް ބުނެވިދާނެއެވެ. އެމެރިކާއާއި ޗައިނާގެ އެކުވެރިކަމަކީ މުޅިދުނިޔެއަށް ފައިދާކުރާނެ ކަމަކެވެ.
ހަމައެފަދައިން އެ ދެގައުމުގެ ރުޅިވެރިކަމުން ދުނިޔޭގެ ސުލްޙައާއި އަމާންކަމަށް ބޮޑެތި ނުރަނގަޅު ނުވަތަ ނުރައްކާތެރި އަސަރުތަކެއް ކުރާނެއެވެ. އެހެންވީމާ މި ދެ ބާރުގެ ގުޅުންތަކާއި ވިސްނުންތައް ހުރިގޮތުގެ ކޮންމެވެސް މިންވަރެއް އެނގުން ބޭނުމެވެ. ޗައިނާއަކީ ކިތަންމެ ދުރުގައި އޮތްނަމަވެސް އަވަށްޓެރި ގައުމުތައް ފިޔަވައި ދިވެހިންނާ އެންމެ ގާތް އެކުވެރި ގައުމު ކަމުގައި ބުނުމަކީ ޙަގީގަތާއި ދުރަށް ދިއުމެއްނޫނެވެ.
އެމެރިކާއާއި ޗައިނާގެ މިހާރު މިއޮތް ސިޔާސީގުޅުން ގާއިމުކުރެވުނީ 1979 ގައެވެ. މިހާރުގެ ރައީސް ބައިޑަން އެންމެ ފުރަތަމަ ޗައިނާގެ ކޮމިއުނިސްޓް ޕާރޓީއަށް ޒިޔާރަތް ކުރެއްވީ އެ އަހަރުގެ ތެރޭގައެވެ. އެއީ ސެނޭޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ވަފްދެއްގެ ޗެއަރމަންގެ ޙައިސިއްޔަތުގައެވެ. އޭގެފަހުން މި ދެގައުމުގެ ގުޅުމުގެ މުހިންމުކަން ފާހަގަކޮށް 2011 ވަނައަހަރު ރައީސް ޒީ އާއި ބައްދަލު ކުރުމަށް ޗައިނާއަށް ވަޑައިގަތެވެ.
މީގެ 50 އަހަރު ނުވަތަ 100 އަހަރު ފަހުން އަންނަ ޖީލުތަކުން އަހަރެމެން މިއަދު މިކުރާ މަސައްކަތުގެ ފޮނިމީރުކަން ދެކޭނެއެވެ. އެމެރިކާއާއި ޗައިނާއާއި ދެމެދުގައި އުފެދިފައިވާ ތަފާތުތައް ނައްތާލައި ދެ ގައުމުގެ ލާބައާއި މަންފާއަށް މަސައްކަތްކޮށް އެމެރިކާއާއި ޗައިނާއަކީ ބޮޑެތި ދެބަސްވުންތަކުން ދުރުހެލިވެ ތަރައްގީގެ މަގުގައި ދަތުރު ކުރަމުންދާ ބައިވެރިން ކަމުގައި ދެމިތިބުމަކީ ބޭނުންކަމެކެވެ.
ރައީސް ބައިޑްނެގެ މި ވިދާޅުވުމަށްފަހު ޖެހިގެން އައި އަހަރުތަކުގައި ފެންނަމުން މިދަނީ ރައީސް ޒީގެ ބާރު ޗައިނާގައި ގަދަވަމުންދާ ތަނެވެ. މިހާރު އެހުންނެވީ 5 އަހަރުގެ 3 ވަނަ ދައުރަކަށް އިންތިޚާބު ކުރެވިފައެވެ.
2011 ގައި ރައީސް ބައިޑްން ބެއިޖިންގަށް ކުރެއްވި ދަތުރަށްފަހު 2012 ގައި ރައީސް ޒީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ބައިޑްނެ ދަތުރުފުޅުގައި ރައީސް ޒީ ވިދާޅުވެފައިވަނީ ބައިޑްން އަކީ ރައްޓެއްސެއް ކަމުގައެވެ. ޖަވާބުގައި ވަރަށް އުފާފުޅުކުރެއްވި ކަމަށް ބައިޑްން ވިދާޅުވިއެވެ. އަދި ޒީގެ މަޢުލޫމާތު މުއްސަނދިކަމާއި ގެންގުޅުއްވާ ހާމަކަން ފާހަގަކުރެއްވިއެވެ. އެ ދަތުރުފުޅު ތަކަށްފަހު ފާއިތުވެގެން މިދިޔަ އަހަރުތަކުގެ ތެރޭގައި 67 ގަޑިއިރުވަންދެން އެކި ފަހަރުމަތިން އަދި އެކި ޙާލަތުތަކުގައި ދެބޭފުޅުން ބައްދަލު ކުރައްވާފައި ވާއިރު ދެ ގައުމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެމެރިކާއިން ދެކޭގޮތުގައި ޗައިނާއަކީ އިގްތިސޯދީގޮތުންނާއި ބައިނަލް އަގްވާމީ ގަނޑުގައި އެމެރިކާއިން އެންމެބޮޑަށް ވާދަ ކުރަންޖެހިފައިވާ ގައުމެވެ.
އަދި ތަޖްރިބާކާރުން ގެ ނަޒަރުގައި ދެގައުމުގެ ގުޅުން އޮތީ ވަޅުގެ ތުންފަތްމަތީގައި އެތެރެއަށް ނުވަތަ ބޭރަށް ފުރޮޅާލާނީ ކޮން ވަގުތެއްގައިކަން ނޭގޭ ހިސާބުގައެވެ. ބައެއް އެހެން ތަޖްރިބާކާރުން ސިފަކުރައްވާ ގޮތުގައި މި ގުޅުން އޮތީ ބޮއިލިންގ ޕޮއިންޓުގައެވެ.
އިންޑޮނޭޝިޔާގެ ބާލީގައި މިމަހު 16 އިން 17 އަށް ބޭއްވޭ ޖީ-20 ގެ ސަމިޓްގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް ސިފައެއްގައި ރައީސް ބައިޑްން އާއި ރައީސް ޒީ ބައްދަލު ކުރައްވާނެ ކަމަށް ބުނެފައިވެއެވެ. ބުނެވޭގޮތުގައި ރައީސް ޒީ ރަނގަޅަށް ދެނެގަތުމަކީ ރައީސް ބައިޑްން އާއި ރައީސް ޒީ އަކީ އެދެބޭފުޅުން ނިސްބަތްވާ ގައުމުގެ ނައިބު ރައީސުން ކަމުގައި ތިއްބެވި އިރުއްސުރެން ރައީސް ބައިޑްން ވަރަށްބޮޑު ޝައުގުވެރިކަމެއް ދެއްވާ ކަމެކެވެ.
އެހެން އެއްވެސް ގައުމެއްގެ ވެރިއަކާއެކުގައި ހޭދަނުކުރާހާ ގިނަ ވަގުތު ރައީސް ޒީ އާއެކު އަހަރެން ހޭދަ ކޮށްފީމެވެ. އަހަރެމެންނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގެއެވެ. ބާލީގައި އަހަރެމެންގެ ގުޅުން އިތުރަށް ރަނގަޅުކުރުމުގެ މަގު ހޯދިދާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ. އަހަރެމެންނަށް އަހަރެމެންނަށް ތިބެވޭ ހިސާބާއި ދެއްކޭ ނުދެއްކޭ ވާހަކަ ވަރަށް ރަނގަޅަށް އެނގެއެވެ. ކެމްބޯޑިއާގައި ހުންނަވާފައި މިދިޔަ އާދީއްތަދުވަހު ރައީސް ބައިޑްން ވިދާޅުވިއެވެ.
ދެ ރައީސުންގެ ބައްދަލު ކުރެއްވުމުގައި ރައީސް ބައިޑްން ވާހަކަ ފުޅު ދައްކަވާނެ ކަމަށް ބެލެވޭ މައްސަލަތަކުގައި ޓައިވާން ޗައިނާއާއި އެއްކޮށްލުމަށް ރައީސް ޒީ ގެންގުޅުއްވާ ވިސްނުމާއި ދެކުނު އޭޝިއާގެ ގައުމުތަކުގައި މިނިވަން ވިޔަފާރީގެ ސިޔާސަތެއް ގެންގުޅުމަށާއި ޖައްވު ވިހަވެގެން ދިޔަ ނުދިނަށް ޗައިނާއިން ވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި ދެކޮރެއާގެ މައްސަލަ ހިމެނޭނެއެވެ.
ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރެއްކަމުގައިވާ ކަނެޓިކަޓްގެ ސެނެޓަރ ކްރިސް މާރފީ ވިދާޅުވެފައިވަނީ އެމެރިކާއާއި ޗައިނާގެ ބައިވެރިވުމާ ނުލައި ދުނިޔޭގެ ކަންތައްތައް ހަމަމަގަށް އެޅުވިގެން ނުދާނެކަމަށެވެ. އެހެންނަމަވެސް ދެރައީސުންގެ މި ބައްދަލުވުމުގައި ދުނިޔޭގެ މަސްރަހުގެ ހުރިހާ މައްސަލަތެއް ޙައްލުވެގެން ނުދާނެއެވެ. ކުރިއަށް އޮތް ވިއްސަކަށް އަހަރުވެސް އެއީ ކުރެވިދާނެކަމެއް ކަމުގައި ނުބަލާށެވެ. އެކަމަކު އެކަން ނުކޮށް ފަރުޖެހޭނެގޮތެއް ވެސް ނޯންނާނެއެވެ. ވީމާ އެ ދެބޭފުޅުންގެ މަޝްވަރާތައް ވަރަށް މުހިންމު ކަމަށާއި ކުރިއަށް އޮތް ދުވަސް ތަކުގައި ދުނިޔޭގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި އެ ދެބޭފުޅުންގެ ވިސްނުމާއި ފިކުރުގެ ދައުރު ވަރަށް ބޮޑުކަމަށެވެ.
ރައީސް ބައިޑްންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖެކް ސުލިވާން ވެސް ވިދާޅުވެފައިވަނީ އުފެދިފައިވާ ތަފާތުތައް ރަނގަޅަށް ދެނެގަނެ ދެން ކަންތައް ކުރަންވީގޮތުގެ މަގުތައް ހުޅުވިގެން ދާނެކަމަށް ދެ ރައީސުންގެ މި ބައްދަލުވުމުގައި އުންމީދު ކުރެވޭ ކަމަށެވެ.
އަހަރެމެން ދެ ގައުމުގެ ވިސްނުމުގައި މާބޮޑު ތަފާތު ތަކެއް ނެތެވެ. އަހަރެމެންނަށް ބޭނުންވަނީ ރަތްރޮނގު ދަމާފައި އޮތް ހިސާބު ދެނެގަތުމާއިއެކު ކުރިއަށް އޮތް ދެއަހަރުދުވަހު އެކުގައި ދަތުރުކުރުމެވެ. ޖީ-20 ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ކެމްބޯޑިއާގައި ހުންނަވާފައި ރައީސް ބައިޑްން ވިދާޅުވިއެވެ.
One Response
Your article helped me a lot, is there any more related content? Thanks! https://www.binance.info/el/join?ref=V3MG69RO