ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން މި އަހަރު ފެބްރުއަރީން ފެށިގެން ޔޫރަޕަށް އެމެރިކާގެ ހަތިޔާރު ގަތުން ގިނަވެ އެމެރިކާއަށް ލިބޭފައިދާ ބޮޑުވުމަކީ އެމެރިކާއިން ރަޝިޔާއަށް ޝުކުރުވެރިވާންޖެހޭ ކަމެކެވެ.ޚަބަރުތަކުން ބުނާގޮތުގައި 230 ބިލިއަން އެމެރިކާ ޑޮލަރުގެ އެމެރިކާގައި އުފައްދާ ހަތިޔާރު ޔޫރަޕުން ގަންނަންވަނީ ނިންމާފައެވެ. އެންމެ ގިނަ ހަތިޔާރު ގަންނާނެކަމަށް ބެލެވެނީ ޖަރުމަނުންނެވެ. އެ ގައުމުން 100 ބިލިއަން އެމެރިކާޑޮލަރުގެ ހަތިޔާރު ގަންނާނެކަމަށް އަންދާޒާކުރެވެއެވެ.
އެމެރިކާއަކީ މުޅިދުނިޔޭގައިވެސް އެންމެގިނައިން ހަތިޔާރު އުފައްދައި އޭގެ ވިޔަފާރި ކުރަމުންގެންދާ ގައުމެވެ. 2017 އިން 2021 އާދޭތެރޭ ދުނިޔޭގައި ކުރެވުނު ހަތިޔާރުގެ ވިޔަފާރީގެ ގާތްތަނޑަކަށް ސާޅީސް އިން ސައްތަ އަކީ އެމެރިކާގެ ހަތިޔާރެވެ. ހަތިޔާރު ވިއްކައިގެން ގައުމުތަކުން އަހަރަކު ހޯދާ އާމްދަނީ 210 ބިލިއަން ޑޮލަރުގެ ބޮޑު ބައެއް ކާމިޔާބުކުރަނީ އެމެރިކާއިންނެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ މިލިޓްރީ ޒަމާނާއެއްގޮތަށް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ހަތިޔާރު ގަތުމަށް ހަމަޖެހިފައިވަނީ އެމެރިކާއިންނެވެ. އަންދާޒާ ކުރެވޭ ގޮތުގައި ޔޫ. ކޭ. އާއި ނޯވޭ އަދި އިޓަލީ އާއި ނެދަރލޭންޑްސް ފަދަ ގައުމުތަކަށް ބޭނުންވާ ހަތިޔާރުގެ ނުވަދިހަ އިން ސައްތަ އާއި ގާތްކުރާ އަދަދަކަށް މިހާރުވެސް ގަނެފައިވަނީ އެމެރިކާއިންނެވެ. 2017 އިން 2021 އާ ދޭތެރޭ އެމެރިކާއިން ޔޫރަޕަށް އެތެރެ ކުރި ހަތިޔާރުގެ މިންވަރު ވިހި އިން ސައްތަ ވަނީ މައްޗަށް ޖެހިފައެވެ.
ޖަރުމަނުން މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި 8 ބިލިއަން އެމެރިކާޑޮލަރުގެ އަގަކަށް އެފް-35 މަރުކާގެ 35 މަތިންދާބޯޓަށް ވަނީ އޯޑަރުކޮށްފައެވެ. ޕޯލެންޑުން ހަމައެކަނި މިއަހަރުވެސް އެމެރިކާއިން 6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވަނީ ގަނެފައެވެ. ޔޫރަޕިއަން ރިފޯމް ސެންޓަރުގެ ޚާރިޖީ ސިޔާސަތާބެހޭ ޑިރެކްޓަރ އިއާން ބޯންޑް ވިދާޅުވާގޮތުގައި މިއީ ފިނި ހަނގުރާމަގެ ފަހުން ޔޫރަޕުގެ ގައުމުތަކުން އެންމެ ގިނައިން ހަތިޔާރުގަތުމަށް ޚަރަދު ކުރި ފަހަރެވެ. މިގޮތަށް އެމެރިކާގެ ހަތިޔާރު ޔޫރަޕަށް ގަންނަމުން ގެންދާތީ ޔޫރަޕްގެ ހަތިޔާރު އުފައްދާ ބޮޑެތި ކުންފުނިތަކުން ގެންދަނީއިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާގުޅިގެން ވާހަކަދައްކަމުން ރައީސް ބައިޑަން ވިދާޅުވެފައިވަނީ ޔޫރަޕްގެ ކުންފުނިތަކުން އަބަދުވެސް އެގޮތަށް ފާޑުކިޔާ ކަމަށާއި ނޭޓޯގެ ބާރު އެއްވަރެއްގައި ހިފޭއޓުމަށް ޔޫރަޕްގެ ގައުމުތަކުން އެކަށީގެންވާ މިންވަރަކަށް ހޭދަ ނުކުރާ ކަމަށާއި އެކަންވެސް ފޫބައްދަން ޖެހެނީ އެމެރިކާއިން ކަން އެމީހުން ނުވިސްނާ ކަމުގައެވެ.
ޔޫރަޕްގައި އެންމެބޮޑު މަގްބޫލުކަމެއް ލިބިފައިވާ އެމެރިކާގެ ހަތިޔާރަކީ އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓު ފަހަރެވެ. 2020 ވަނައަހަރު އެކަނިވެސް ނޯވޭއިން އެމަރުކާގެ 71 ބޯޓާއި ފިންލޭންޑުން 54 ބޯޓާއި ޕޯލޭންޑުން 32 ބޯޓަށް އޯޑަރު ދީފައިވެއެވެ. އަދި އިނގިރޭސި ވިލާތާއި ސްވިޒަރލޭންޑުންވެސް 6 ބިލިއަން އެމެރިކާ ޑޮލަރުގެ ހަނގުރާމަމަތީ ބޯޓުފަހަރުގަތުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޯޑަރ ކޮށްފައިވެއެވެ. އެފް-35 ގެ މަތިންދާބޯޓެއްގެ އަގަކީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް ދުނިޔޭގައި ބޭނުންކުރެވޭ އެންމެ ފެންވަރު ރަނގަޅު ހަނގުރާމަމަތީ ބޯޓަކީ އެއީ ކަމަށް ބެލެވޭތީ އޭގެ މުހިންކަން ބޮޑުވެފައިވަނީއެވެ. މީގެ އެންމެ ބޮޑު ބޭނުމެއްކަމުގައި ބެލެވެނީ ނޭޓޯގެ ގައުމުތަކަށް އެމެރިކާގެ މުހިންމުކަން ދެއްކުން ކަމުގައިވެސް ބުނެވެއެވެ.
ފާއިތުވެގެން ދިޔަ ތިރީހަކަށް އަހަރުދުވަހު މާބޮޑު އަހަންމިއްޔަތެއް ނުދީ އަދި ނޭޓޯގެ ގަވައިދުގައި ކަނޑައަޅާފައިވާ ގައުމުގެ ޖީ. ޑީ. ޕީ. ގެ 2 އިންސައްތަ ދިފާއީ ނިޒާމަށް ހޭދަކުރަން އޮންނަ އޮތުމަށްވެސް މާބޮޑު ފަރުވާލެއް ނެތި އޮތުމަށްފަހު ތަޖްރިބާކާރުން ގަބޫލުކުރާގޮތުގައި ޖަރުމަނުން މިހާރު ގެންދަނީ އެގައުމުގެ މިލިޓަރީ ބާރު ގަދަކުރަން މަސައްކަތް ކުރަމުން އަދި އެކަމަށްޓަކައި ބޮޑެތި ހޭދަތަކެއްވެސް ކުރަމުންނެވެ.
މިއަހަރު ޖަރުމަނުން ނޭޓޯގެ ކަނޑައެޅުމާއި އެއްގޮތަށް ޖީ. ޑީ. ޕީ. ގެ 2 އިން ސައްތައަށް ވުރެން އިތުރަށްވެސް ދިފާއަށް ހޭދަކުރާނެކަމަށް ބެލެވެއެވެ.ޕޯލެންޑުންވެސް ވަރަށް އަވަހަށް ޖީ. ޑީ. ޕީ.ގެ 5 އިން ސައްތަ އާއި އެއްވަރަށް ދިފާއަށް ހޭދަކުރަން ފަށާނެކަމަށް ބެލެވެއެވެ. އަދި އިނގިރޭސި ވިލާތާއި ފިންލޭންޑާއި ގްރީކުންވެސް ވަރަށް އަހަވަށް ދިފާއަށް ހޭދަކުރާ މިންވަރު 2 އިން ސައްތަ އަށްވުރެން އިތުރުކުރަން ފަށާނެއެވެ.
ހަތިޔާރުގެ ޖަތްރިބާކާރުން ކަމުގައިވާ ވިލިއަމް ހާރޓުންގ އަދި ވީޒްމަންގެ ނަޒަރުގައި މިގޮތަށް އެމެރިކާގެ ހަތިޔާރު ގަތުމުންނާއި ދިފާޢީ މިންވަރު އިތުރުކުރުމަކީ ދިފާއުގެ ބެލެންސް ހިފޭއްޓުމަށްޓަކައި އެންމެ ރަނގަޅުގޮތްކަމުގައި ބެލެވޭކަށް ނެތެވެ. އޭގެ ބަދަލުގައި މުޅި ދިފާއީ ނިޒާމް އެމެރިކާގެ ކޮޅަށް ބުރަވެގެން ދިއުމަކީ ވުން އެންމެ އެކަށީގެންވާގޮތޭ ބުނަންޖެހެއެވެ.
އެހެންވީމާ ރަޝިޔާއަށްވުރެން ނޭޓޯގެ ބާރު ގަދަކުރުމަށްޓަކައި ހިނގަންބޭނުންވަނީ ޔޫރަޕްގައި އެމެރިކާގެ ހަތިޔާރު ފުނިޖެއްސުން ނޫން ދެން ކޮން މަގަކުން ތޯ އިތުރަށް ދިރާސާކުރަން އެބަ ޖެހެއެވެ. ބައެއް ތަޖްރިބާކާރުން ދެކޭގޮތުގައި ޔޫރަޕްގެ ރައްޔިތުން ދެން ހަނގުރާމައަކާ ކުރިމަތިލާކަށްނުޖެހޭނެޔޭ ހީކުރަމުން އައި ދުވަސް ތައް ފާއިތުވެގެން ހިނގައްޖެއެވެ.
މިހާރުވެސް ހަނގުރާމަ ހިނގަމުންދަނީ ގޭ ދޮރުމަތީގައިކަން ގަބޫލުކޮށް ހަނގުރާމައަކީ ޙައްލެއްނޫންކަން ދެނެގަނެ ސުލްޙަވެރި އަމާން ދުނިޔެއަކަށް މަގުފަހި ކުރުމުގެ ވަގުތު ފާއިތުވަނީއެވެ. އެކަމުގައި ޔޫރަޕުން ވަރަށް މުހިންމު ބައެއް ކުޅެވިދާނެއޭ ބުނުމަކީ ހަގީގަތެވެ.
އެއްގައުމަކަށްވުރެ އަނެއް ގައުމަކުން ބާރުގަދަކުރުމަށް ކުރަމުންދާ ބޮޑު ޚަރަދު ތަކުން ގައުމުތަކުގެ އާންމު ރަަައްޔަތުންނަށް ލިބެމުންދަނީ ގެއްލުމާއި ނިކަމެތިކަމެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ސުލްޙަމަސަލަސްކަމަށް ބޮޑުތަނުންދަނީ ނުރައްކާވަމުންނެވެ.
One Response
އެމެރިކާގެ އެންމެ ބޮޑު ވިޔަފާރިއަކީ ހަތިޔާރު އުފައްދާ އަދި އެ ވިއްކުމެވެ. އެ ވިފާރީގެ މާރކެޓްތައް ކޮންމެ ގޮތެއްގައިވެސް އެމީހުން ކަށަވަރު ކުރާނެއެވެ