ބ. ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުއާ ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ގަޒިއްޔާ ބެލުމުން ނިޝާރު ތަނާޒުލުވުމުން އެ ގަޒިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، ކަނޑައެޅިފައިވާ އިޖުރާއަތާ ކަނޑައެޅިގެން ޚިލާފަށް ނިޝަރު އެ ގަޒިއްޔާ ބެލުމާ އަލުން ހަވާލު ވިއެވެ.
ޖޭއެސްސީން ބުނީ އެ ގަޒިއްޔާގައި ދައުވާ ލިބޭ ބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން އިސްމެޖިސްޓްރޭޓް އަލްއުސްތާޒު އަހުމަދު ނިޝާރުގެ މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށެވެ.
މިކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލަކަށްވާތީ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.