ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ.
މި އެއާޕޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް އިމާރާތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
އަދި މި އެއާޕޯޓް ތަރައްގީކުރުމަށް ރާވާފައިވަނީ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށެވެ.
ހަނިމާދޫ އެއާޕޯޓް އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2012 ވަނަ އަހަރުއެވެ. މި ސަރުކާރުގެ އަމާޒަކީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް އެ ސަރަހައްދުގައި މިހާރު ގާއިމުކޮށްފައިވާ އާރްޓީއެލް ފެރީ ނިޒާމާ ގުޅުވާލައި ފަތުރުވެރިކަމަށާއި އިގްތިސާދީ އިތުރު ހަރަކާތްތަކަށް އެ ސަރަހައްދު ހުޅުވައިލުމެއެވެ.