މިދިޔަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ހ. ސީރީންވިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް މަރުގެ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ.
ތިން މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ފުލުހުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނަިޒްޑް ކްރައިމް ޑިޕާޓުމަންޓުގެ ހެޑު، ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، ޝާހިލްގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި އެބަހުރިކަމަށާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އޭނާއަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާނެ ކަމަށެވެ.
”ހެކި އެބަހުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުކުރެވޭ ވަރަށް. ނަމަވެސް ދައުވާ ކުރަން އަޅުގަނޑުމެން ފޮނުވިޔަސް ކުށް ސާބިތުވާ ވަރަށް ހެކި ހުރި ނަމަވެސް މޯޓިވް ހޯދަން އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައި އޮތް ކަމެއް.“ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ޝާހިލް ތަހުގީގަށް އެއްބާރުލުން ނުދިނަސް އޭނާގެ ފޯނު ހުޅުވިފައިވާ ކަމަށާއި އޭގެން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ، ޝިއާއު މަރާލި ކަމަށް މިހާތަނަށް ޝާހިލް އެއްބަސްވެފައި ނުވާ ކަމަށެވެ.
One Response
އަވަހަށް ދޫކޮއްފަ ކޮންމެވެސް ނަފްސާނީ ބައްޔަކަށް ބޭސްކުރޭ އޭރުން ﷲގެޙުކުމް ތަންފީޒް ނކޮށް ސަލާމަތް ވެވޭނެ