ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން އިލްތިމާސްކޮށްފި

Loading

Facebook
Twitter
WhatsApp

މޫސުމް ގޯސްވުމުގެ ސަބަބުން ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކުރާކަމަށެވެ.

”އެގޮތުން، އަތޮޅު ތެރެއާއި، މާލެ އަދި ހުޅުމާލޭގެ މަގުތަކާއި ބުރިޖު ބޭނުންކުރުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު އުޅަނދު ކަހާލުން ފަދަ ހާދިސާއެއް ދިމާނުވާނޭހެން އިތުރު ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވަމެވެ. އަދި މުދާ އުފުލުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމެވެ“ ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

އަދި ހަމަ އެހެންމެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރުމުގައިވެސް މަގުމައްޗަށް އެއްވެސް އެއްޗެއް ނުވެއްޓޭނޭހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި އިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނީގައި ބަހައްޓާފައި ހުންނަ ގަސް މުށި އަދި އެހެނިހެން ތަކެތިވެސް ވަޔާ ބިންމައްޗަށް ނުވެއްޓޭނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އޭގެ އިތުރުން މޫސުމް ގޯސްވެ ކަނޑު ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ދަތުރަކަށް ފެށުމުގެ ކުރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އެދެއެވެ.

“ އަދި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ ބަލައި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކުރަމެވެ.“ ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

 މޫސުމްގޯސްވުމުގެ ސަބަބުން ސަމާލުވުމަށް ފުލުހުން އެދިފައިވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް ނެރެފައެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ވ އަތޮޅުން ފެށިގެން ގއ އަތޮޅަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ. އެ އިދާރާއިން ހާމަކުރާގޮތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް