ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރާ މީހުންގެ ޝަރީޢަތް ނުނިމެނީސް މަރުވެއްނަމަ އެޝަރީޢަތް ދެން ބައްލަވާނީއާޚިރަތުގެ ދަރުބާރުންތޯއެވެ؟ އަދި އެކަމުގެ ޒިންމާ އެ ދަރުބާރުގައި ދައުލަތުގެ ވެރިޔާ ނަގަން ނުޖެހޭނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟ މިއީ ސަރުކާރުތަކުން ކުރަމުން ގެންދާ ވަރަށް ލާއިންސާނީ ޢަމަލެކެވެ.
ވެރިކަން ނުލިބި އިދިކޮޅުގައި ތިބޭއިރު އެގޮތް ރަނގަޅެއް ނޫނެވެ. ވެރިކަން ލިބުމުން ކުރީސަރުކާރުން ކުރަމުން ގެންދިޔާ އޭރުކިޔަމުން ގެންދިޔަ އެތަކެއް ލާއިންސާނީ ޢަމަލުތައް ވަރަށް ރަނގަޅުކަމުގައި މިދެކެނީ ކީއްވެބާވައެވެ؟ ވަކި ބަޔަކު ނުވަތަ މީހަކު ކުރުމުން ނުރަނގަޅު މަ ކުރުމުން ރަނގަޅު، މިގޮތް ހަމަބުއްދީގާ ތިބޭ ރައްޔަތުމީހުނަށް ގަބޫލެއް ނުކުރެވޭނެއެވެ.
ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރާ މީހުންގެ ތެރެއިން ބައެއް މީހުންގެ ޝަރީޢަތް ނުނިމި ލަސްވާތީ އަވަސް ކުރުމަށްޓަކާ ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރަން ފަށައިފިކަހަލައެވެ.
މިގޮތުން ހުސްވި ހަފްތާގައި އެފަދަ އެކަކުވަނީ ދެމިއޮތުމުގެ ޢާލަމަށް ފުރާފައެވެ. ހުސްވި އަހަރުގެ ކުރީކޮޅު ވެސް މިފަދަ ޒުވާނަކު ވަނީ ދާއިމަށް ދެމިތިބެނިވި ގޯއްޗަށްވެސް ފުރައިގެން ގޮސްފައެވެ.
އިންސާނަކު ކުކުޅު ކޮށްޓެއްގައި، އެފަދަ ޖަނަވާރުންނާއިއެއްހަމަ އެއްގައި ބަންދު ކޮށްފިނަމަ ދެންވާނީ ކިހިނެއްތޯއެވެ. ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށްފަހު ޝަރީޢަތުގެ މަޖިލީހެއް ބާއްވިގެން އެމައްސަލަ ބައްލަވަނީ ދަމަކުން ބަޑިއެއްޖަހާހެނޭ ކިޔައި ވާހަކަ މީހުން މިއަދު މިތިބީ ވެރިކަމުގައެވެ. ޙައިރާން ވަނީ މިހާރުވެސް ވާނުވާ ޖަހާފައޭ މީހުން ކިޔާ އެއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. އަސްލުވެސް ވާނުވާ ނޭންގޭތީއެވެ.
ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށްޓަކާ ކުރިމިނަލް ކޯޓުގައި ބާއްވާ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ނަމުގައި ސަރުކާރުން ފޮނުވާފަހުންނަ ވަކީލު ވިދާޅުވާނެއެވެ. މިމީހާގެ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކޮށް ދެއްވާށެވެ. އެއީ ޝަރީއަތް ނިމުމުގެ ކުރިން އެމީހާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަން ދެމިއޮތުމަށް ހުރަސް އެޅިގެން ދާނޭ ކަމަށްޓަކައެވެ. ނުވަތަ މިމައްސަލައާއި ބެހޭ ހެކި ނައްތާލާފާނެ ތީއެވެ!
ދައުލަތުގެ ވަކީލު މި މޭރުމުން ފަނޑިޔާރު މަނިކުފާނުގެއަރިހުގައި ދަންނަވައިފި ނަމަ ފަނޑިޔާރު މަނިކުފާނުވެސްއިތުރުސުވާލެއް ކުރެއްވުމެއް ނެތި ޝަރީޢަތް ނިމެންދެން އެމީހާ ޖަލުގައި ބަންދު ކުރުމަށް އަމުރު ކުރައްވަނީއެވެ.
އެމީހާ މުޖުތަމަޢުގެ ތެރެއަށް ދޫކުރުމުން މުޖްތަމަޢުގެ އަމާންކަމާ ރައްކާތެރި ކަމަށް ހުރަސް އެޅިގެން ދަނީ ކޮން މިންވަރަކަށްތޯ ކޮން ސަބަބަކާ ހެދިތޯ ވެސް ފަނޑިޔާރު އައްސަވާވެސް ނުލައްވައެވެ.
އެމީހާއަކީ ސަތާރަ ކުދީންނާއި ދެ އަނބިންނަށް އަތްފައި ކޮށައިގެން ކާންބޯންދީ މުޖުތަމައަށް ނުހަނު ފައިދާކުރާ ރޯލެއް އަދާކުރާ މީހަކަށްވިޔަސް ވެހެވެ. އަދި އެމީހާ ބަންދުކޮށްފިނަމަ މުޖުތަމައަށް އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް ފަނޑިޔާރު މަނިކުފާނު ބަރޯސާ ވަނީ ދައުލަތުގެ ނަމުގައި ސަރުކާރުން ތަމްސީލުކުރާ ވަކީލު ވިދާޅުވާ އެއްޗެއްގެ މައްޗަށެވެ. އެފަދަ ލާއިންސާނީ ޙުކުމެއް ދިނުމަށްފަހު ފަނޑިޔާރު މަނިކުފާނަށް އެ އަނިޔާދެވުނު އިންސާނާގެ ޙާލެއް ބެލޭނެގޮތެއް ނޯވެއެވެ. އަދި އޮތަސް ބަލާފާނެ ކަމާއިމެދުވެސް ޝައްކެވެ. ބުއްދީގެ ހަމަތަކުގެ މަތީން މިއީ ކޮން އިންސާފެއް ތޯއެވެ. ޝަރީޢަތް ނިމެންދެން ޖަލުގައި ބަނދު ކުރެވޭ މިހުން މަރުވެ ދަނީ ސަރުކާރުގެ އިހުމާލުން ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.
ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރު ކުރާ މީހުން ބަންދު ކުރެވެނީ މާލޭ ޖަލުގައެވެ. އިހަކަށް ދުވަހާ ހަމައަށް 4 މީހުން ލާން ހަދާފައިވާ ގޮޅިއެއްގައި 10 މީހުން ގެންގުޅުނެވެ. 4 މީހުންގެ ގޮޅިއެއްގައި މިހާރު ތިބެނީ 7 މީހުނެވެ. 2 މީހުނަށް ހަދާފައިވާ ގޮޅިއެއްގައި 4 މީހުން އެބަ ގެން ގުޅެއެވެ.ހުންނަނީ އެއްފާޚާނާ އެވެ.
އެއްޗެހި ދޮވުމާއި ފެންވެރުމާއި ފާޚާނާ ކުރަންވެސް ބޭނުން ކުރަނީ އެ މުޑުދާރު ފާޚާނާގަނޑެވެ. ވުޟޫކުރަނީވެސް ހަމަ އެފާޚާނާއިންނެވެ. ޝާރީއަތް ނުނިމި 10އަހަރުވިޔަސް ބަންދުމީހާ ހުންނަންޖެހެނީ އެގޮޅީގައެވެ. ޖަލުގައި ތިބޭ މީހުނަށް ކާންލިބެނީ އެތަނުން ދޭ ކޮށްތެވެ. ޝަރީޢަތް ނުނިމި ކިތަންމެ ޒަމާނެއް ވިޔަސް ބަންދުމީހާ ކާން ޖެހޭނީ އެކޮށްތެވެ. ސިއްޙީގޮތުން ހަށިގަނޑަށް ފައިދާ ކުރާ ރަނގަޅު ކާނާ ނުލިބުމަކީވެސް ތަފާތު ބަލި އުފެދޭނެ ކަމެއްކަން އެވެރިންވެސް ދަނެއެވެ. ނަމަވެސް މައްސަލައެއް ނެތެވެ!
އެގޮތުން ދިމާވާ މައްސަލަ ތަކުގެ ތެރޭގައި ގޭސްޓްރިކްގެ ބަލި ވަރަށް ގިނަކަމަށްވެއެވެ. ކައިކައިގެން މަސައްކަތެއް ނުކޮށް އެކަށޭނެ ކަސްރަތެއް ނުލިބި ދުވާލުގެ އިރު ނުފެނި ތަޅުންގަނޑުގައި ކުނަލެއް އަޅައިގެން ތިންހަތަރު އަހަރު އޮންނަން ޖެހުމުން އިތުރުބަލި އުފެދިގެންވެސް މީހާ މަރުނުވާނެތޯއެވެ. ގޭސްޓްރިކަކީ ނުރައްކާތެރި ބަލިތައް އެބަލީން އުފެދި ވާރުތަ ވެދާނޭ ފަދަ ބައްޔެއްކަންވެސް ޔަގީނުންވެސް އެމީހާ ޙިސޯރުކޮށްގެން ގެންގުޅޭ މީހުނަށް އެނގޭނެއެވެ.
އެކަށޭނެ ބޭސް ފަރުވާއެއް ނުލިބޭކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ.ބަންދުމީހުންނަށް ފަރުވާދިނުމުގެ ޝަރުތު ފުތިހަމަ ކުރުމުގެ ގޮތުން ޑޮކްޓަރަށް ދައްކާލަން އެންގުމަށްޓަކާ އެ ނަމުގައި ފާމަސިސްޓަކު ބަހައްޓާފައި ހުރުމަކީ ބަލިތަކަށް އެކަށޭނެ ފަރުވާ ލިބޭނެ ގޮތެއްނޫނެވެ. މިހާރު ޖަލުގައި ކޮންމެ ޚިދުމަތެއްވެސް ލިބެނީ އިޚުލާސްތެރި ކަމެއްނެތި ނަމެއްގައެވެ.
ފާޚާނާކުރެވެނީ ވަރަށް މަދުންނެވެ. އޭގެ ސަބަބުން ޕައިލްސް ފަދަ ބަލިތަށް ވެސް އަންނަނީ ވާރުތަ ވަމުންނެވެ. މިސަރުކާރުންވެސްމިވަނީ އިންސާނީ ޙައްގުތަކަށް ބޮޑުކޮށް އަރައިގެންފައެވެ. އެކަން ޢާންމުންނަށާއި އިންސާނީ ޙައްގުތަށް ޙިމާޔަތް ކުރާފަރާތްތަކަށް ވެސް އޮންނަނީ އޮޅޭގޮތަށް ބައްޓަން ކުރެވި ޚިދުމަތްތައް ނަމެއްގައި ފަރުމާކޮށްފައެވެ. ބޮލުގަރިއްސާ ވާހަކަ ބުނުމުން ދޭނީ ޕެނަޑޯލެވެ. ބަނޑު ހަރުވެ ބޮޑުކަމު ނުދެވުމުން ދެނީ ޑަލްކޮލެކްސް އެވެ. ލޭމައްޗަށް ދިއުމާ ބޯ އެނބުރުމާ އުނަގަޑުގައި ރިއްސުން ފަދަ ބަލިތަކަށް ބޭސްދެނީ އެއްވެސް ޑޮކްޓަރީ ލަފާއެއް ނުވަތަ ޑޮކްޓަރަކު ލިޔެދޭ ޕްރިސްކްރިޕް ޝަނަކަށް ނޫނެވެ.
މިހެންގޮސް ބައްޔާ ނުގުޅޭ ބޭސް ކައި ކައި ވެސް މަރުވެދާނެ ތާއެވެ. ފަރުވާ ކުޑަކަމުގެ އިންތިހާއެވެ. ޑޮކްޓަރަށް ނަން ނޯޓް ކޮށްގެން ޚަބަރެއް ނުވެ ފަސް ހަމަސް އެބަ ހޭދަ ވެއެވެ.މިނިވަންކޮށް ނުވަތަ މިދޭތެރޭން ފިރިހެންކުޅި ކުޅުނު ގުރޫޕް މީހުނަށް ދެއްވިކަހަލަ އިނަޔަތެއް ދެއްވައިފިނަމަ، ގޭގައި ހުރެކުލިނިކަށްވެސް ދައްކާ ލެވޭނެ ތާއެވެ. އެހެނަސް މިޙާލަތުގައި ކުރާނީ ކީއްތޯއެވެ. ފަރުވާލިބުމުގެ ވަގުތު ޖެހޭއިރު މީހާ އޮންނަނީ ކައްވަޅުގެ ތުންފަތް މަތީގައެވެ. މިވާހަކަތައް ކަމާއި ބެހޭފަރާތް ތަކުގައި ދަންނަވައިގެން ވާކަމެއް ވެސް ޙަރާމެވެ. ސޯލިޙު ރައީސްއަކާއި ދީނީ ޝޭއިޚެއްގެ ބެލުމުގެ ދަށުގައި ރައްޔަތުން ވުމަކުން ވީކަމެއް ޙަރާމެވެ. ވިއްޔާވީ ގޯހެވެ. މިހެން ދިމާވަން ޖެހޭގޮތެއްކަމަށް ގިނަބަޔަކު ދެކެނީ އެއީ އެއްޗެއް ނޭގުނަސްއެބައިމީހުން ރުހޭ އަދި މަންފާހޮދަދޭން ބޭނުންވާ ޑޮކްޓަރުންނާއިސިސްޓަރ އިންނާ ބުރާދާރސް އިން ލާފައި އެކަންކަމާއި ޙަވާލުކޮށްފަ ތިބޭތީކަމަށެވެ.
ޖަލުގައި ކޮންމެ ޚިދުމަތެއްވެސް އިންތިޒާމު ވެފައި މިހާރު ހުރީ ނަމެއްގައެވެ. ހަމަ އެއްވެސް އިޚުލާސް ތެރި ނިޔަތެއްވެސް ނެތީއެވެ.
ޝަރީއަތް ނިމުނަސް ނުނިމުނަސް ޖަލުގައި ތިބޭ އެންމެނާއިމެދުވެސް ކަންކުރަންވާނީ އެއްގޮތަކަށެވެ. ޙުކުމް ކުރިއަސް ކުރިއަސް ކޮރިޑޯތަކުގައި ހިނގެންޖެހޭނެއެވެ. ނިދަން ގޮދަޑިގަނޑެއްގެ މިންވަރު މިޒަމާނުގައި ދޭންޖެހޭނެއެވެ. ޝަރީޢަތް ނިމެންދެން ޖަލުބަންދުގައި ތިބެންޖައްސާފަ އޮތީ ކުޑަދުވަސް ކޮޅެއްވަންދެކަކަށް ނޫނެވެ. ތިންހަތަރު އަހަރު ހޭދަކޮށްފައި މީހުން އެބަތިއްބެވެ. ސަހަރޯއެވެ. މިހާރު ހޯމް މިނިސްޓަރު 7 ދުވަހަށް ގޮޅިއެއްގައި އިންނަން ޖެހުމުން ނިކުމެ އެއޮއްޖެއްސި މޭޑޭއެއް ދެކެބަލާށެވެ. ލެވިހަޅޭބަލާށެވެ. އިންސާފޭ ކިޔާ އިންސާފުގެ މަގަށޭކިޔާގޮވައި ކުރެވުނު ދަތުރަށް މިވީ ކިހިނެއްތޯއެވެ؟
ބުނެވޭ ގޮތުގައި މިހާރު ރާއްޖޭގެ ޖަލުތަކުގައި ކުރިއަށްވުރެވެސް އިތުރަށް ބާވަތް ބާވަތުގެ ކުށް ކުރުން ޢާންމުވެ ޖަލުގައި ތިބެގެން ބޭންކް ތަށްވެސް ލޫޓުވަމުން އެބަގެންދެއެވެ. ކުރިއަރަމުންދާ މުޖުތަމައެއްގައި ގަބޫލުކުރެވިފާ އޮންނަނީ ޖަލަށް މީހުން ލަނީ ކުށްކުރި މީހާ އިސްލާޙު ކޮށް މުޖުތަމައަށް ނެރުމަށެވެ. އެހެނަސް މިގައުމުގައި ކަން މިހިނގަނީ އެމަގަކުން ނޫނެވެ. ޖަލަށްލުމުން ކުށްކުރިމީ ބަދަލުވަނީ މުޖުތަމްޢަށް އިތުރަށް ނުރައްކާތެރި މީހަކަށެވެ.
ހަމަޖެހޭ އުސޫލެއްގެ މަތީން ޢަފޫ އާންމަކުން ޖަލު ސާފްކޮށް އިޚުލާސްތެރި ބައެއްގެ އަތްމައްޗަށް ޖަލު ބެލެހެއްޓުން ދޫކޮށްލަން ވެއްޖެއެވެ. ނުފޯރާފޮތިން ފޫގެޅީމާ ހުރެވޭނީ ރައިސް ނަޝީދު އެވިދާޅުވި ގޮތަށެވެ. އަސްލުވެސް ހަމަތެދެކެވެ. އޭރުން ފެންނާނީ މީހާގެ ލަދުވެތި ގުނަންތަކެވެ. މައްސަލަ ނިމެންދެން ޖަލަށް ގަޅާލުން ނިމުމަކަށް ގެންނަންޖެހެއެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
3 Responses
ތިޔަކީވަރައް ބޮނޑުތެދުފުލެއް އަލުގަޑުގެ ކޮއްކޮވެސް ތިޔަގޮތައް ވާނުވާޖަހާފަ އޮނަތާ މިހާރު ދެއަހަރުވެއްޖެ ގާޒީންރިސްވަތު ނަގާ ހަރާން ރުފިޔާ ކަތީވާގޮއްމިފެނަނީ އަބަދުވެސް ދެރަނިކަމަތިން އުލެޖެހޭނީމިގޮތައް އަދި ދުވަހެއް އެބައޮއް މިސޮރުމެއް ކާރިޔައް އަށްނާނެތާ އެދުވަހުންމިސޮރުމެއް ތިޔަމީހުންނެއް ނުފެއްނާނެ ގާމުވެސް ވޯޓައް ހޯދައް އަށްނާނެތާދޯ އެދުވަހުން ރަންގަލު އެއްޗެއް ދޭނައް
ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވޭމީހާ ޝަރީޢަތް ނިމެންދެން ދޫކޮށްލާފާ ބެހެއްޓުމުން އިތުރު މައްސަލަތަކެއް ނުކުމެދާނެއެވެ. އެފަދަ މީހުންޖެހޭނީ ބަންދުކޮށްގެން ގެންގުޅޭށެވެ. އެކަމަކު އެއީ މައްސަލާއިގެ ބާވަތުން ނިންމަންޖެހޭ ނިންމުމެކެވެ. ލިއުންތެރިޔާގެ ވިސްނުމުގައިއޮތް ތެދު ހަގީގަތް ތަކެއް ހާމަކޮށްދެއްވާފައި އެބައޮތެވެ. އެހެނީ ތުހުމަތު ކުރެވޭ އެއްވެސް މީހަކީ ޝަރުއީ ހުކުމެއް އަންނަންދެން ކުށްވެރިއެއްކަމަށް ބަލައިގެން ނުވާނެއެވެ. ކުށްވެރިންގެ ތެރޭގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަކީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ފަނޑިޔާރުގޭން ހުކުމް ކުރަންދެން އޭނާ ބަހައްޓަންޖެހޭނީ އެފަދަމީހުންނަށް ޚާއްސަ ކުރެވިފައިވާ ތަނެއްގައެވެ. އަދި އެހާތަނަށް މިނިވަނެއްގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުން މަހްރޫމް ކުރެވިގެން ނުވާނެއެވެ. ހަމަ އެފަދައިން އޭނާގެ ޝަރީއަތްވެސް ލަސްކުރެވިގެންނުވާނެއެވެ.
ލައްބަ، ވަރަށް ބޮޑު ތެދެކެވެ. އެ ދައުލަތުގެ ވަކީލާއޭ އެކިޔާ މީހުންނާއި ތިފަދަ ރުންކުރު ޙުކުމްތައްދީފާ ގެއަށްގޮސް އަނބިދަރިން ކައިރީ ހަމަޖެހިގެން ނިދާލާ ގަޒީން ހާދަ ހިތް ހަރުވާނެތާއެވެ. އެމީހުންގެ ތިމާގެ މީހަކަށް ދަރިއަކަށް އެގޮތަށް ޙުކުމެއް ކޮއްލަން ކެރޭނެ ބާއެވެ. އަދި އެގޮތަށް ޖަލައް ގަޅާލައިފާ އަޅާވެސް ނުލާ އުފަލުގައި އުޅޭނެބާވައެވެ. މިއީ ކޮންފަދަ ބޭއިންސާފެއް ތޯއެވެ. ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސްވެސް އެއީ ކީއްކުރާ ތަނެއް ހެއްޔެވެ. ސަރުކާރުގެ އުންގުން މުސާރަލިބޭތީ ހަމަ އޯކޭވެފާ. ފެންނަކަމެއް ޙަރާމެވެ. މިފަދަ ލިޔުމެއް ކިޔާފަވެސް އެއްވެސް އިސްނެގުމެއް ނަގައިގެން ކަމެއް ނުވެސް ބަލާނެއެވެ. ސަހަރޯ ހީވެއްޖެއެވެ.