އިއްޔެ އިންޑޮނޭޝިޔާގެ އީސްޓް ޖާވާ ޕްރޮވިންސްގެ ކަންޖުރަހަމް ސްޓޭޑިޔަމްގައި ބޭއްވުނު ފުޓުބޯޅަ މެޗެއްގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި 130 މީހުން މަރުވެއްޖެއެވެ.
މި ފުޓުބޯޅަ މެޗަކީ އަރެމާ މަލަންގްއާއި އީސްޓް ޖާވާގެ ކްލަބެއް ކަމަށްވާ ޕާސެބާޔާ ސުރާބަޔާ އާ ދެމެގު ކުޅެވުނު މެޗެކެވެ. މި މެޗުގައި ޕާސެބާޔާ ސުރާބަޔާ ވަނީ 3-2 އަކުން މެޗު ކާމިޔާބުކޮށްފައެވެ.
މެޗު ނިމުމާއެކު މެޗު ބަލަން ތިބި ސަޕޯޓަރުން ވަނީ ދަނޑުމަށްޗަށް އަރައި ހަމަނުޖެހުން ހިންގަން ފަށާފައެވެ. މިކަން ހުއްޓުވުމަށްޓަކައި ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާފައެވެ. ގިނަ މީހުން މަރުވެފައި ވަނީ އެ ވަގުތު ސްޓޭޑިޔަމްއިން ބޭރަށް ނިކުންނަން ދުވެފައި ދާން އުޅުމުގެ ތެރޭގައި ފިތިބާރުވެ ނޭވާ ނުލެވުމުގެ ސަބަބުންނެވެ. މަރުވި މީހުންގެ ތެރޭގައި ދެ ފުލުހުންވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން އެ ގައުމުގެ ޕޮލިސް ޗީފް، ނިކޯ އަފިންޓާ ވަނީ ހިތާމަފާޅުކުރައްވާފައެވެ. އޭނާ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި މި ދެ ޓީމުގެ ސަޕޯޓަރުންނަކީ ޒަމާންވީ ރުޅިވެރިކަމެއް ގެންގުޅޭ ބައެއް ކަމަށް ވުމާއެކު ފުލުހުން ވަނީ މެޗު ފެށުމުގެ ކުރިންވެސް ހަމައެކަނި އަރެމާ ޓީމުގެ ސަޕޯޓަރުން ދަނޑަށް އެރުމަށް އިރުޝާދު ދީފައެވެ.