ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ޢަދުލުއިންޞާފު 

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޢަދުލުއިންޞާފު ކަށަވަރުވުމެވެ. 

އެމްޑީޕީ ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންނާއެކު ފެށްޓެވި އިންޞާފުގެ ދަތުރުގެ މިސްރާބު އެޕާޓީ އަށް ވެރިކަން ލިބުމާއެކު ބަދަލުވެއްޖެއެވެ. މިއީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ.

ނުފޫޒާ ބާރުން އެއްކިބާވެފައިވާ މުސްތަގިއްލު މިނިވަން ފަނޑިޔާރުގެ އެއް ހޯދުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ނިމިދިޔަ ވެރިކަމުގެ ތެރެއިން ޢަދުލު އިންޞާފު ނުލިބި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރި ވަމުން ދިޔަ އެތަކެއް ސިޔާސީ ލީޑަރުން ޖަލު ގޮޅިތަކުގައި ބަންދު ކުރެވިފައިވާ ކަމަށް ގަބޫލުކުރުވި ރައްޔިތުން ނުކުމެ އެމްޑީޕީގެ ބަސްހިނގާނެ ވެރިކަމެށް ގެނުއީ އެޕާޓީއިން ފަށާފައިވާ އިންޞާފުގެ ދަތުރުގެ ކޯސް ބަދަލު ނުވެ ސީދާ މަންޒިލަށް ވާޞިލް ވެވޭނޭކަމުގެ ފޮނި އުންމީދާ އެކު ގައެވެ.

     މިވެރިކަމަކީ ގައުމަށް ހެޔޮވެރިކަމެއް ކޮށް ދެއްވާނޭކަމަށާއި މިހާރުގެ ރައީސާއި އެރައީސަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންގެ ގާތުގައި ޕާޓީގެ އެންމެބޮޑު ރުހުމެއް އަބަދުވެސް ލިބިފައި އޮންނަ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ވިދާޅުބަސް ފުޅު ރައްޔިތުން ވަރަށް އިޚުލާސްތެރިކަމާއި އެކު ގަބޫލުކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އާއި ވެރިކަން ޙަވާލު ކުރެވިގެން ދިޔައީއެވެ. އެޖެންޑާ19 ގެ ފުރަމަ ރުކުނަކީ ޢަދުލު އިންސާފު ގައިމުކޮށް ދިނުން ކަމުގައެވެ.

      ރައްޔިތުން ރާއްޖެއަށް ޢަދުލުއިންޞާފު ގެންނަން ބޭނުންވެފައި ތިބި މިންވަރު ނިކަންވިސްނާ ވަޑައިގެން ބައްލަވާށެވެ. ރާއްޖޭގައި ޢަދުލު އިންޞާފު ގާއިމްކުރުމަށް އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް ރައީސް އިބޫއަށް ނަޝީދުގެ ބަހަށް އިތުބާރުކޮށްރައްޔިތުންގެ ބާރުވެސް ވަނީ ޙަވާލު ކޮށްފައެވެ. އެގޮތުން ގާނޫނުހަދާ މަޖިލީހުގެ ފުލް މެޖޯރިޓީއާއެކު ރައްޔިތުން މި ވެރިކަން އެމްޑީޕީއާއި ޙަވާލު ކުރީ މޫނެއް ކަނދުރާ އަކަށް ބެލުމެއްބެތި ރާއްޖޭގައި ޢަދުލުއިންޞާފުގެ ނިޒާމް ބައްޓަން ކުރެވޭނޭބާރާއި އެކުގައެވެ . އެގޮތުން ސަރުކާރުގެ 3 ބާރުގެ ތެރެއިން 2 ބާރު މިސަރުކާރަށް ވަނީ ރައްޔިތުން ހިބަކޮށްދީފައެވެ. ވަރަށް އިތުބާރާއި ފޮނި އުންމީދާ އެކުގައިކަން ކަށަވަރެވެ.

     ފަސް އަހަރުގެ ވެރިކަން ނިމެން ދެންއޮތީ ދާދި ކުޑަ ދުވަސް ކޮޅެކެވެ. މިހާރު ސޯލިޙުގެ ސަރުކާރުން އަނެއްކާވެސް ބުނަމުން ގެންދަނީ 2023 ނިމުމުގެ ކުރިން ރާއްޖޭގައި ނޫފޫޒާ ބާރާ ކޮރަޕްޝަނާއި ފަސާދައިން މިންޖުވެފައިވާ ޝަރުޢީ ނިޒާމެއް އުފެދިގެން ދާނޭ ކަމުގައެވެ. ގިނަމީހުން މިހާރު މިފަދަ ވާހަކަތަކަށް ބަލަމުން ގެންދަނީ ޝައްކުގެ ނަޒަރަކުންނެވެ. 

ސަބަބެއް ނެތިއެއްނޫނެވެ. ސަބަބުތައް ބައިވަރެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރސީގެ ބޮޑު ޚިޔާނާތް ފަސްއަޅާފޮރުވީތީއެވެ. ކަރަޕްޝަން ކޮންެމެ ދިމާލަކުން މެކްހަށް ޖަހިފާވާތީއެވެ. ފެނެކާއެއް ވަކި އެހެން ތަނެއް ކިޔާނެކަމެއް ނެތެވެ.

     އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކާ ރައްޔިތުން ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަން މަޖުބޫރުވީ ވެސް ޙަގީގަތުގައި ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމް ވީދި ބޮޑެތި ބާގަނޑުތައް ހެދިފައިވާ ކަމުގައި ރައްޔަތުންނަށް ގަބޫލުކުރެވި ގެނެވެ. އެވާހަކަތައް ރައްޔަތުންނަށް ވިސްނަދިނުމަށް އެންމެގިނައިން އަޑަށްބާރުލައި ވާހަކަދެއްކި އެމްޑީޕީގެ ބައެއް ބޮޑުންނަކީ މިއަދު މިކަރަޕްޝަން ވެބްގެ އަހުލުވެރީންނެވެ. ހިތާމައިގެ ކޮޅެއްނެތެވެ.

ނިމިދިޔަ ވެރިކަމުގެ ތެރޭގައި ގޮތް ނޭގޭ އެތަށް މަރަކާއި ވީނުވީއެއް ނޭނގި ދިޔަ އެތަކެއް ފުރާނަ ވަނީ ގެއްލިފައިކަމުގައިވެސް ގަބޫލު ކުރެވުނެއެވެ. އެކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމުގެ ޔަގީންކަން ރައްޔަތުމީހާއަށް ބުނެދިނެވެ. މީގެ އިތުރުން ދައުލަތުގެ ޚަޒާނާ ގެ ހަތަރުބިއް ނައްތާލާ އެޚަޒާނާ ވަނީ ބަޔަކު ދިރުވާލާފައި ކަމުގައިވެސް ބުނެދީ ގިނަ ރައްޔަތުންނަށް ގަބޫލުކުރެވުނެވެ.  

ރައްޔިތުން އެންމެބޭނުންވި އިންޞާފުގެ ޒައްރެއްގެ މިންވަރުވެސް ރައްޔިތުންނަށް ނުލިބި ވެރިކަމުގެ ދައުރު މިދަނީ ނިމޭށެވެ. ރައްޔިތުން ގުނބޯ ހެއްދުމަށްޓަކާ ރައްޔިތުންގެ އަތުގައި ދެން ހުރި ފައިސާ ކޮޅު (ދައުލަތުގެ ޚަޒާނީއިން) ދީގެން ބޭކާރު ކޮމިޝަނަރއެއް ހަދާ އެ ކޮމިޝަން ތަކުގެ ވެރީންގެ ޖީބު ފުރާލުން ނޫން އެހެން މަގްޞަދެއް ޙާޞިލް ވެފައެއް ނުވެއެވެ. އުފަންވީ ރިކަވަރީ ކަމިޝަނަރ މަރުވެ ކަފުންކޮށް ވަޅުލައިފިއެވެ. ބުނެވޭގޮތުގައި ”އުންސުރު“ ހަމަނުވާ ލިސްޓެއް އެތަނުން ނެރެންޖެހުނީ ތީއެވެ. 

ނިމިދިޔަ ވެރިކަމުގައި ވަނީ ރައްޔިތުން އެންމެ ބޭނުންވި އިންޞާފު ރައްޔިތުން ލޯތަކަށް ފޮރުވުމަށްޓަކައި ދައުލަތުގެ ކަމާބޭހޭ އެންމެގައި އިދާރާ ތަކަށް ރިޝްވަތު އަޅާ ފުރާލާފާ ކަމަށްވެސް ބުނެވުނެވެ. އެހެންވެ ބަދަލަކަށް ރައްޔިތުން މިސަރުކާރަށް ކުރި އިތުބާރާއި ހޯދަދިން ބާރުތައް ވެގެން މިދިޔައީ ފޫނެއް ފަޔަކަށް ފެން ފުރުންފަދަ ކަމަކަށެވެ. ލަދުން ބޯހަލާކުވެއްޖެއެވެ. މިއީ ދިމާވާ އެމްޑީޕީގެ ހަރު އަދި ގުރާސްރޫޓްގެ ޝުޢޫރު ހުރިގޮތެވެ.

     ދެންވެސް މިހާރު ވެރިކަން ކުރަމުން މިދާ ނިޒާމުގެ ތެރެއިން ހޮވާ ރައީސަކަށް ރާއްޖެއަށް ޢަދުލު އިންޞާފު ގެނެސް ދެވޭނެކަމަކަށް މިހާރު ރައްޔަތުން ގަބޫލެއް ނުކުރެއެވެ. އެއީ ރިޔާސީ ނިޒާމުގެ ތެރެއިން ކޯލިޝަން ނުހަދާ ވެރިކަން ނުކުރެވޭނެތީއެވެ. ކޯލިޝަނެއް އުފެދޭނީ ރާއްޖެ މިޙާލަތަށް ބަދަލުކުރި ފަރާތްތައް ވެރިކަމުގެ ތެރޭގައި ޝާމިލް ކޮށްގެން ކަމަށް ވާތީއެވެ. 

އެހެން ކަމުން އެވެރިން ވެރިކަމުގެ ތެރޭގައި ތިބެގެން ރާއްޖޭގައި މުސްތަގިއްލު މިނިވަން އަދި ކޮރަޕްޝަނާއި ފަސާދައިން ރައްކާތެރި ކުރެވިފައިވާ ޢަދުލު އިންޞާފުގެ ނިޒާމެއް ގާއިމް ނުކުރެވޭނެއެވެ. އެމްއެމްޕީއާރސީގެ ކަރަޕްޝަން ލިސްޓުގެ ކުރީނަމަބަރުތައް އެމްޑީޕީގެ ބައެއް ބޮޑުން ހޯދާފައިވުމީ ލަދުވެތި ޢަމަލެކެވެ. އެހެންވެ އެބޮޑު ޚިޔާނާތް މިސަރުކާރަށް ނުބެލުނީކަމުގައި ރައްޔަތުން މިވަނީ ނިންމާފައެވެ. 

     ނަމަވެސް ބަރުލަމާނީ ވެރިކަމެއް ކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެނަމަ ރާއްޖޭގައި ޢަދުލު އިންޞާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ފުރުޞަތު އެއްވެސް އެހެން ފަރާތަކަށް ނުލިބޭނޭކަމަށް މިހާރު ބުނަމުންއެބަ ދެއެވެ. ކައިރީ ގައުމުތަކަށް ބަލާލާއިރު ބަރުލަމާނީ ނިޒާމުގެ ކަރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް މާގިނަކަމަށްވެސް ފެނިގެން އެބަދެއެވެ. މިސާލަކަށް މިހާރު ބެލެނީ ސްރީލަންކާގެ ބަރުލަމާނީ ނިޒާނު އޮވެ ގައުމު ބޭންކްރަޕްސީ ކޮށްލި ކޮށްލުމެވެ. 

ވީމާ ސުވާލަކީ ނިޒާމުތޯއެވެ. ރައްޔަތުން އިސްކުރާ ވެރީންގެ ތެދުވެރިކަމާއި އަމާނާތް ތެރިކަން ނެތްނަމަ އަދި ޢަދުއިންސާފުގައި ކޮޅުފައިން ޖަހާނަމަ އެއްވެސް ނިޒާމެއް ރަނގަޅެއް ނުވާނެކަން ޔަގީނެވެ.

     އެހެންކަމުން އިންޞާފުގެ ތިލަފަތް ހަމަހަމަ ކުރެވޭނެ ގޮތެއް އަލުން ހޯދޭތޮ ބަލަންޖެހިއްޖެ އެވެ. ޝައްކެއް ނެތެވެ! ވައްކަން ކުރުމާއި ފަސާދައަށް ފުރުޞަތު ބޮޑުވެގެން ދަނީ އިންޞާފު ގާއިމް ނުކުރެވޭތީއެވެ. ކިތަންމެ ބޮޑު ވައްކަމެއް ސަރުކާރުގެ ތެތެއިން ހިނގިއަސް މުއައްސަސާތަށް ކޮރަޕްޓް ކޮށްގެން މިދެންނެވި ފަރާތްތައް ތިބިހާހިނދަކު އެމައްސަލަތަކެއް ނުބެލޭނެއެވެ. މުއައްސަސާ ތަކުގައި ތިއްބެވީ މުސާރަބޭނުންވާތީ މަސައްކަތްކުރާ އޮޕޯޗުނިސްޓުންނެވެ. ޙަލާލެއް ޙަރާމެއް އެއީއަކީ އެމީހުން އެނގެންބޭނުންވާ އެއްޗެއްނޫނެވެ.

    އެމް.އެމް.ޕީ.އާރުސީގެ ޚިޔާތުގެ ފައިސާ 1081 ފަރާތަކަށްބައި އެޅިފައިވާއިރު މީގެ ތެރޭގައި ގިނައީ ސަރުކާރުގެ މުއައްސަސާތަކުގައި މިހާރުވެސް ތިބި ގިނަ ބަޔެކެވެ. އެހެންކަމުން ޚިޔާނާތުގެ ފައިސާ ވަދެފައިވާ މުއައްސަސާ ތަކުގެއިސްވެރިން މަގާމްތަކުން ބޭރުކޮށް އާބޭފުޅުން މަގާމްތަކަށް އައްޔަނު ކުރެވެން އެބަޖެހެއެވެ. އެހެނަސް ޚިޔާނާތުގެ ބައިވެރީން ސަރުކާރުގެ ތެރޭގައި ތިބެގެން މުއައްސަސާތައް މުސްރަގިއްލު ވިޔަ ނުދެއެވެ. އެންމެފަހުން ދެއްކި ދިރާސާއަކުން ދައްކާގޮތުގައި ގައުމުގައި މިވަގުތު އޮތް ނަމްބަރު ވަން ކަރަޕްޓް ބޮޑީ އަކީ ރަައްޔަތުންގެ މަޖިލިސްއެވެ.  މަޖިލީހުގައި އިއްޒަތްތެރި އެއް މެމްބަރަކު އެނެއް އިއްޒަތްތެރި މެމްބަރާދިމާއަށް ކުނިފުޅަ ގޮވާގޮވުމުން މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. ގައުމުގެ ޙާލަތާއިމެދު ވިސްނަވާލައްށެވެ! 

އެހެންވީއިރު ދެން ވާނީވެސް އެހެންތާއެވެ. އެއްވެސް މީހަކު އަމިއްލައަށް ކަރަށް ވަޅި ނުޖަހާނެތާއެވެ. ބަރާއި ނުފޫޒާއި ރިޝްވަތުގެ ބޭނުން ހިފައިގެން ވިޔަސް އަމިއްލަނަފުސުގެ ސަލާމަތްކަން ހޯދާނެތާއެވެ! މިއޮތީ އެކަހަލަ ގޮތެއްވެފައެވެ. ރައީސްމީހާ ވެވަޑައިގެންނެވި ވަޢުދުތައް ނުފުދުނަސް ބޭނުމީ ދެންވެސް ރައީސް ކަމެވެ. 

އާދެ! ގައުމު ހަމަމަގަށް އެޅުވޭނީ ރައްޔަތުމީހާ މިހާރަށްވުރެ ހޭލުންތެރިވެ އިޚްލާސްތެރިވެގެންނެވެ. އޭރުން ހެޔޮވެރިކަމެއް އަދިވެސް ފެނިދާނެކަމަށް ގަބޫލުކުރެވެއެވެ.ނަމަވެސް ރައްޔަތުންނަކީ ރިޝްވަތުގެ އަހުލުވެރީން ކަމުގައިވާނަމަ އެބަޔަކަށް ލިބޭނީވެސް އެފަދަ ކަރަޕްޓް ވެރިމީހެކެވެ. 

  

Loading

2 Responses

  1. ސާފު ތާހިރެއް ނުވެވުނު.ދުނިޔެ ދުށް އެންމެ މުޑުދާރު ޢަމަލު ލިވާޠު ކުރީމާ އަދަބު ދިންގޮތް ނުތާހިރު.އަދުލު އިންސާފު ކިހާ ފުރިހަމަ.

  2. ލިއުންތެރިޔާއަށް ދަންނަވާލަން ބޭނުންވަނީ ވެރިޔަކަށް ހުންނަ ބޭފުޅަކު ގާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްތު ހޯދަން ބޭނުންވާނަމަ އަމާނާތްތެރިކަމާއެކު ވެރިކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ގަބޫލުކުރާށެވެ. އަދި ހޯދަން އުޅުނު އަޣްލަބިއްޔަތު ލިބިއްޖެނަމަ މާނައަކީ ދެން އެ ބޭފުޅަކު ބޭނުންވާގޮތަކަށް މެނުވީ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނެއެވެ. މަޝްވަރާ ކުރެވެން ޖެހޭނެއެވެ. ރައްދު ދެވެން ޖެހޭނެއެވެ. ދެވަނަ ވިސްނުމަކަށް ޖާގަ ދެވެން ޖެހޭނެއެވެ. އިދިކޮޅުގެ ވާހަކަތައް ކަނުލައި އަޑު އަހަންޖެހޭނެއެވެ. އަޣްލަބިއްޔަތު ބޭނުންވަނީ މި ސިފަތަކަށް ކެތްނުކުރެވޭނެތީއެވެ. ނިންމާލަމުން އިޝާރާތްކުރައްވާފައިވާ ފަދައިން ރައްޔިތުންނަށް މިކަން ރޭކާލައިގެން މަޖިލީހަކީ ޕާރޓީގެ އަޑު އިއްވުމުގެ ބަދަލުގައި ރައްޔިތުންގެ އަޑު އިއްވާތަނަކަށް ހެދީމާ ވަޒީފާ ބޭނުމިއްޔާ ވެރިމީހާވެސް ފަނޑިޔާރުންވެސް އަދި ސިޔާސީ ތާކިހާއަޅައިގެން އުޅޭ ހުރިހާމީހުންވެސް ތަހްޒީބު މަގު ޚިޔާރުކުރާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް