ރައީސް ތިލަދުންމަށްޗަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

.ރައީސުލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތިލަދުންމައްޗަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސާލިހުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއްކަމަށާ މި ދަތުރުފުޅުގައި އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ދަތުރުކުރައްވާނެކަމަށެވެ. އެއީ ހދ. ނައިވާދޫ އާއި ހދ. ފިނޭގެ އިތުރުން ހއ. އުތީމް އަދި އެއަތޮޅު ދިއްދޫ އަށް ކަމަށް ވެސް ރައީސް އޮފީހުން ހާމކުރެއެވެ.

މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

ރައީސް އޮފީހުން ހާމަކުރާގޮތުގައި ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ނިންމައި ހިިދުމަތްތައް ރަސްމީގޮތުން އިފްތިތާހްކޮށްދެއްވާނެއެވެ.

މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެއެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޒޯން 1 ގެ ހިދުމަތް ފަށައި އެނިޒާމް އެސަރަޙައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނީ، ބުދަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް