މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ ފަގީރު ގައުމުތަކަށް 

Loading

Facebook
Twitter
WhatsApp

ސައެންސް ވެރިންނާއި ތަރައްގީވެފައިވާ ގައުމުތަކުންވެސް އެއްބަސްވެފައިވަނީ މޫސުމީ ކާރިސާތައް ފެށިގެން އަންނަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ކަމުގައެވެ. އެކަމަކު އެ ވިހަ ގޭސްތައް ޖައްވަށް ދޫކުރަނީ ކޮންބައެއް ހެއްޔެވެ؟ ތަރައްގީ ވެފައިވާ ގައުމުތަކުންނެވެ.  އަދިވެސް ބޮޑަށް ތަރައްގީ ވުމުގެ ބޭނުމުގައެވެ. އަގު އަދާކުރަން މިޖެހެނީ ފަގީރު ގައުމުތަކުގެ ރައްޔިތުންގެ ފުރާނައާއި ގެދޮރާއި މުދަލުންނެވެ. މި ނޫން ދުވަހެއް ފެންނާނެހެއްޔެވެ؟ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ އަބަދުވެސް ފަގީރު ގައުމުތަކަށެެވެ.

މޫސުމާބެހޭ ތަޖްރިބާކާރުންގެ ނަޒަރުގައި ޕާކިސްތާނަށް ދިމާވެގެންއުޅޭ ފެންބޮޑުވުމުގެ ކާރިސާއަކީ ޖައްވަށް މެދުވެރިވަމުންދާ ބަދަލު ތަކުގައި ތަރައްގީ ވުމަށް މަސައްކަތްކުރާ ގައުމުތަކުން އުފުލަންޖެހޭ ބުރައޮޅުންފިލުވައިދޭ ޙަގީގަތެކެވެ. ހުޅަނގުގެ ވިއްސާރާގައި ޕާކިސްތާނުގެ 95000 އަކަމޭލުގެ ސަރަހައްދެއް ފެނުގެ އަޑިއަށް ދިޔައީއެވެ. އެއީ ގާތްގަނޑަކަށް އެމެރިކާގެ ވަޔޯމަން އާއިއެއްވަރުގެ ސަރަހައްދެކެވެ.ޕާކިސްތާނު ސަރުކާރުން މައުލޫމާތު ދޭގޮތުގައި ފެންބޮޑުވުމުގެ ކާރިސާގައި މިހާތަނަށް 1300 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވެއެވެ. އަދި ދޮޅު މިލިއަނެއްހާ ގެދޮރު ވީރާނާވެގެން ގޮސްފައެވެ. ލިބިފައިވާ ގެއްލުންތަކުގެ އަންދާޒާ 10 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.                                                           

ޕާކިސްތާނުގެ ބައިބޮޑު އާބާދީއާއެކުވެސް އެގައުމުން ބޭރުކުރާ ގްރީން ހައުސް ގޭސްގެ މިންވަރު ދުނިޔޭގެ ނިސްބަތުން އެއް ޕަރސެންޓް އަށް ވުރެންވެސް މަދެވެ. އެކަމަކު މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ބުރައަކާއި ނުރައްކަލެއް އުފުލަންޖެހޭ އެއްގައުމަކީ ޕާކިސްތާނެވެ. މޫސުމަށް އަންނަ ަދަލުތަކުން މެދުވެރި ވަމުންދާ ނުރައްކާތެރި ޙާލަތުތަކަށް އަގުއަދާކުރަން މިޖެހެނީ ޕާކިސްތާނުފަދަ ފުއްދުންތެރިކަން ނެތްގައުމުތަކުގެ ރައްޔިތުންގެ ފުރާނައާއި މާލުންނެވެ. 

މިފަހަރުގެ ވިއްސާރާގައިވެސް ޕާކިސްތާނުގެ 220 މިލިއަން މީހުންގެ އާބަދީގެ 33 މިލިއަންމީހުންވަނީ ހާލުގައިޖެހިފައެވެ. ދަނޑުގޮވާންތައް ހަލާކުވެގޮސް ދިރިއުޅުމުގެ އަގުތައް 30 އިންސައްތައާ ގާތަށް އުފުލިފައެވެ.              

އާންމުގޮތެއްގައި ޕާކިސްތާނަށް ވިއްސާރަކުރުން ގިނައެވެ. ހަމައެފަދައިން ހޫނު މޫސުމުގެ ހޫނުވެސް އެހާގަދައެވެ. ފާއިތުވެދިޔަ ހޫނު މޫސުމުގައި ޕާކިސްތާނުގެ ޖެކޮބް އާބާދުގައި މެދުނުކެނޑި 51 ދުވަހު 100 ދަރަޖަ ( ފެރެންހައިޓް ) ގައި ހޫނުމިން ހިފޭއްޓިފައިހުއްޓެވެ. ފަރުބަދަތައް މަތީގައި ހުންނަ ގަނޑުފެން ވިރިގެން ކޯރުތަކަށް ފޭބުމުންވެސް ކޯރުތަކުގެ ފެންގަނޑު ބޮޑުވާން ދިމާވިއެވެ. ހޫނު ގަދަވުމަކީވެސް ވާރޭވެހުން އިތުރުވުމަށް މެދުވެރިވާ ސަބަބެއްކަމުގައި މޫސުމާބެހޭ ދިރާސާތަކުން މިހާރު ހޯދިފައިވެއެވެ.                                  

ޕާކިސްތާނުގެ ޙާލަތަށްބަލާއިރު މޫސުން ކުރިއަށް ލަފާކުރުމުގެ ޒަމާނީ ވަސީލަތްތަކާއި މުއާސަލާތީ ގުޅުންތައް އެކަށީގެންވާ މިންވަރަށް ތަރައްގީ ކުރެވިފައި ނެތުމާއި  މަގުތަކާއި ކަރަންޓް ނަރުތައް ދަމާފައިހުންނަނީވެސް ވަރަށް އާދައިގެ ފެންވަރެއްގައި ކަމުން ފެންބޮޑުވުމުގެ ހާދިސާ ތަކުންލިބޭ ގެއްލުން ބޮޑުވެގެން ދެއެވެ. ވަރަށްގިނަ ރައްޔިތުންގެ ދިރިއުޅުން ހަމަޖެހިފައި ހުންނަނީވެސް މޫސުމަށް އަންނަ ބަދަލުތަކުން މެދުވެރިވެދާނެ ނުރައްކަލުން ފަސޭހައިން ސަލާމަތް ވެވިދާނެ ގޮތަކަށްވެސް ނޫނެވެ.                                     

މޫސުމަށް އަންނަ ބަދަލުތަކަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް ތަކުގެ ސަބަބުން މެދުވެރިވާ ގޮތެއް ކަމުގައި ސައެންސް ވެރިންނާއި މުއްސަނދި ގައުމުތަކުންވެސް އެއްބަސްވެއެވެ. އެ ވިހަ ގޭސްތައް ޖައްވަށް ދޫކުރަނީވެސް މުއްސަނދިންނޭ މިކިޔާ ”ޑިވެލޮޕްވެފައިވާ“ ގައުމު ތަކުންނެވެ. އެކަމަކު ހުރިހާ ގެއްލުމަކާ ކުރިމަތިލާން މި ޖެހެނީ ފަގީރު ގައުމުތަކުންނެވެ. އެންމެފަހުން ޕާކިސްތާނަށް ލިބުނު ގެއްލުންތަކަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ހޯދުމަށްޓަކައި ދެން ޖެހޭނީ  މުއްސަނދި ގައުމުތަކުން ދަރަނި ނަގަން ސަލާމް ޖަހާށެވެ. 

ހަނގުރާމަ ކުރުވުމެކޭ އެއްފަދައިން މިއީވެސް މުއްސަނދި ގައުމުތަކުން ކުރާ ބޮޑު ވިޔަފާރިއެއް ކަމުގައި މިއޮތީ ހަދާފައެވެ. ޕާކިސްތާނަށް 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދިނުމަށް ބައިނަލް އަގްވާމީ މާލީ އިދާރާއިން މިދަޔަ ހަފްތާގައި ވަނީ އެއްބަސްވެފައެވެ. މިހާރުވެސް ދަރަނިން ސަލާމަތް ނުވެވިގެން އުޅޭ ޕާކިސްތާނުގެ ބޮލުގައި އަނެއް ދަރަނި އެޅުވުނީ އެވެ. އިންސާނިއްޔަތުގެ ނަމުގައި މަސައްކަތްކުރާ ޖަމްއިއްޔާތަކުންވެސް އަޑަށް ބާރުލާފައި މިވާހަކަ ދައްކަން ބޭނުންވެއެވެ. އެކަމަކު އަޑުބޭރު ކުރުމުގެ ކުރިން އެ އަޑުތައް ހިމޭންކޮށްލާތަން އަބަދުވެސް މިދަނީ ފެންނަމުންނެވެ.                    

މިސާލެއްގެ ގޮތުން ޕާކިސްތާނުގެ ވާހަކަ ދައްކާނަމަ އެ ގައުމުން އެބުނާ ވިހަގޭސް ޖައްވަށް ދޫކުރަނީ ދުނިޔޭގެ ނިސްބަތުން އެންމެ ޕަރސެންޓެކެވެ. ނަސީބު ދެރަކަމުން ޕާކިސްތާނު މިއޮތީ ވިހަ ގޭހުގެ ސަބަބުން ޖައްވަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ހިއްސާކުރަން ޖެހިފައިއޮތް ސަރަހައްދެއް ގައެވެ. އެހެންވީމާ މުއްސަނދިން މުއްސަނދި ކުރުމަށްޓަކައި ގުރުބާންކުރެވޭ ކަންބަޅިއަކަށް މިވަނީ ޕާކިސްތާނުފަދަ ގައުމުތަކެވެ.އެކަމަކުވެސް ކުރެވޭނެ ކަމެއް ނެތެވެ. 

ބާރުގަދަ މީހުންގެ ހަންމުށިން ދުނިޔެ ހިންގާ ޒަމާނެއްގައި ނިކަމެތިންގެ އަޑު ބޭރެއް ނުވާނެއެވެ. މިކަންމިގޮތަށް ހިންގުމަށްޓަކައި ވާގިވެރިވެދޭނެ މުނާފިގުން ތަކެއްވެސް އެ ގެންދަނީ އެގައުމުތަކުގައި ކެނޑިނޭޅި އުފައްދަމުންނެވެ. އިންޓަރނޭޝަނަލް ކްލައިމެޓް ޑިޕްލޮމެސީގެ މެނޭޖަރަކު ވިދާޅުވެފައިވަނީ ފެންބޮޑުވުންފަދަ ކާރިސާތަކުގައި މުދަލަށާއި ގޯތި ގެދޮރަށް ލިބެމުންދާ ގެއްލުންތަކާބެހޭ ގޮތުން ވާހަކަ ދައްކާނެ ރަނގަޅު ފޯރަމެއްވެސް ޔުނައިޓެޑް ނޭޝަންންއިން މިހާތަނަށް ގާއިމް ކޮށްދީފާ ނެތް ކަމުގައެވެ.

އެހެންނަމަވެސް ކްލައިމެޓް ޖަސްޓިސް އެކްޓިވިސްޓުން އުންމީދު ކުރަމުންގެންދަނީ މިއަހަރު ނޮވެމްބަރު މަހުގެ ތެރޭގައި މިސްރުގެ ޝަރްމު އަލް ޝެއިޚްގައި ބާއްވަން ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސްގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް ގައި ފެންބޮޑުވުންފަދަ ގުދުރަތީ ކާރިސާތަކުގައި ގެއްލުން ލިބޭ ގައުމުތަކަށް އެހީވެދޭނެ ކޮންމެވެސް ނިޒާމެއް ތަރައްގީ ވެފައިވާ ގައުމު ތަކުން ގާއިމް ކުރާނެ ކަމުގައެވެ. މި އުންމީދުގައި 400 ވަރަކަށް ޖަމްއިއްޔާއެއްގެ ފަރާތުން މިހާރު ވަނީ އެ ކޮންފަރެންސްގައި ބައިވެރިވާ ގައުމުތަކުގެ ވެރިންނަށް ސިޓީ ފޮނުވާފައެވެ.                    

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ކާރިސާގައި މެދުވެރިވެފައިވާ ސިއްޙީމައްސަލަތަކާއި ސާފު ބޯފެނާއި ކާއެއްޗެއްސާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި 160 މިލިއަން އެމެރިކާ ޑޮލަރުގެ ރިލީފް ޕްރޮގްރާމެއް ޔުނައިޓެޑް ނޭޝަންސް އިން މިހާރު ވަނީ ފަށާފައެވެ. އެކަމަކު އެއީ ހަމައެކަނީ ވަގުތީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. ގެދޮރާއި މުދަލަށް ލިބުނު ގެއްލުމާއި ބެހޭގޮތުން ވާހަކަ ދައްކާ ވެރިޔަކުވެސް ބައިނަލް އަގްވާމީ މައިދާނުގައި ނުފެނެއެވެ. އަދި މިފަދަ ކާރިސާތަކުން ލިބެމުންދާ ގެއްލުންތަކަށް އެނހީ ފޯރުކޮށްދެވޭނެ މަގެއް ހުޅުވޭތޯ ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރެސް ކުރަމުންގެންދާ އާދޭސްތައްވެސް އަޑުއިވޭ ކަންފަތެއް މިހާތަނަށް ފެންނާކަށް ނެތެވެ.

އެންމެފަހުންވެސް ޕާކިސްތަނަށް ބޮދު އެނހީއެއް ލިބިދީފައިވަނީ ސަޢުދީ ޢަރަބިއާއިންނެވެ. އެއީ ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރއެވެ.                                              

Loading

One Response

  1. ލިއުންތެރިޔާ ބުނެފައިވާ ފަދައިން ކޮންމެ ވިޔަފާރިއެއްގައިވެސް ބަލާނީ އެންމެ ފައިދާ ބޮޑުގޮތަކަށެވެ. ހިލޭ ދޭ އެހީއެއް ކަމަށް ބުނެފާ ދެން ދަމައިގަންނާނީ ގޮހޮރާވެސް އެކީގައެވެ. އިންސާނިއްޔަތަށްޓަކައި ލިބޭ އެއްޗެއްވެސް ރައްޔިތުންނާ ހަމަޔަށް ފޯރާނީ ތުންބުރިކާޅަށް ލިބޭ އުސޫލުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް