ޓައިވާންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ނޭންސީ ޕެލޫސީ ޓައިވާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން އެމެރިކާއާއި ޗައިނާ އާ ދެމެދު ވަނީ ނުތަނަވަސްކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.
މިގޮތުން މިދިޔަ ހަފްތާގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޗައިނާގެ ވައިގެ ސަރަހައްދަށް އެތެރެވުމާ ގުޅިގެން ޗައިނާއިން ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. މި މަތިންދާބޯޓުތައް ޗައިނާގެ ސަރަހައްދަށް ޖެހިޖެހިގެން ދެ ދުވަހު އެތެރެވާން މަސައްކަތް ކޮށްފައިވާކަމަށް ވެސް ޓައިވާންގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ޗައިނާގެ ވައިގެ ސަރަހައްދަށް މި މަތިންދާބޯޓުތައް އެތެރެވުމާއެކު އެ ގައުމުން ވަނީ އެ މަތިންދާބޯޓު ދުއްވަން ތިބި ޕައިލެޓުންނަށް ރޭޑިޔޯ ޓްރާންސްމިޝަން މެދުވެރިކޮށް މެންޑަރިން އާއި އިނގެރޭސި ބަހުން މިކަން އަންގާފައެވެ.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓު ޗައިނާގެ ސަރަހައްދަށް އެތެރެވެފައިވަނީ ޓައިވާންގެ އިރުމަތީ ސަރަހައްދާދިމާލުންނެވެ. ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި މަތިންދާބޯޓުތައް ޗައިނާގެ ސަރަހައްދަށް އެތެރެވުމާއެކު ޗައިނާއިން އެކަން އަންގާފައިވެއެވެ. އަދި ޖަވާބުގައި އެމެރިކާގެ އުޅަނދުން ބުނެފައިވަނީ މިއީ ސުލްހަވެރިކަމާއެކު ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިންގާ މިލިޓެރީ އޮޕެރޭޝަނެއް ކަމަށެވެ.
ނަމަވެސް އިންޒާރު ދިނުމުންވެސް އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތަކެއް ޖެހިޖެހިގެން ދެ ދުވަހު ޗައިނާގެ ވައިގެ ސަރަހައްދުން ފެނުމުން އެ ގައުމުން ފިޔަވަޅު އަޅާނެ ކަމުގެ ބިރު ބޮޑެވެފައިވާކަމަށް ޓައިވާންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.