ރަޝިޔާގެ މިލިޓްރީގެ ބާރުހުރި މިންވަރާމެދު ނުރަނގަޅު އަންދާޒާއެއްނުކުރާތި! 

Facebook
Twitter
WhatsApp
95D092D0-CFB8-4834-9367-17267559B23F

ރަޝިޔާގެ މިލިޓްރީ ބާރުހުރި މިންވަރާމެދު ނުރަނގަޅު އަންދާޒާއެއް ނުކުރަން ޖަރުމަންގެ ސިފައިންގެ ވެރިޔާ ޖެނެރަލް އެބާރހާރޑް ޒޯރން ހުޅަނގުގެ ގައުމުތަކަށް އިންޒާރު ދެއްވައިފިއެވެ. 

އޭނާގެ އިންޒާރުގައި ވާގޮތުން ރަޝިޔާއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދެވަނަ ސަރަޙައްދަކުން ވެސް ހަމަލާދިނުން ހުޅުވާލެވިދާނެއެވެ. ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ބޮޑު ބައެއް މިވަގުތު ޔޫކްރެއިންގެ ހަނގުރާމައިގާ ބައިވެރިވަމުން ދާކަމަށް ވެދާނެއެވެ. އެހެންނަމަވެސް ދެވަނަ ސަރަހައްދަކުން އެމީހުންގެ ޙަމަލާތައް ހުޅުވާލުމަކީ އެމީހުންނަށް އުނދަގޫކަމަކަށް ނުވާނެކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ. 

އެއްގަމު ލަޝްކަރުގެ އިތުރުން ރަޝިޔާގެ ނޭވީންވެސް އަދި ޔޫކްރެއިންގެ ހަނގުރާމައިގާ ބައިވެރިއެއް ނުވެޔޭ ބުނެވިދާނެއެވެ. އަދި އެމީހުންގެ ބާރުގަދަ އެއާރފޯސް އެއޮތީ މިހާތަނަށް އަތްވެސް ނުލައެވެ. އެއީ މުޅި ނޭޓޯއަށްވެސް ބިރުހުރި ލަޝްކަރެއްކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. ބޯލްޓިކް ސަރަޙައްދުގައި ފައިޓަރޖެޓްވެސް ބޭނުންކޮށްގެން ނޭޓޯ އިން ހިންގާ މިލިޓަރީ ތަމްރީނުތަކަށް ޖަރުމަނުގެ ސިފައިންގެ އެއްބާރުލުން އަބަދުވެސް ލިބެމުންދެއެވެ. 

އެހެންނަމަވެސް އެ ސަރަހައްދުގެ އެންމެ ބާރުގަދަ ލަޝްކަރު އޮތީ އަހުރެމެންގެ ބާރުގެ ދަށުގައޭ ހީކޮށް އަތްއުރާލައިގެން ތިބުމަކީ ނޭޓޯއަށްއެންމެ އެދެވޭގޮތެއް ނޫނެވެ. ވަށައިގެން ހިނަގމުންދާ ޙަރަކާތްތަކަށް ފާރަލާންވެސް ޖެހޭނެއެވެ. ކެލިނިންގްރަޑް އަކީ  ނޭޓޯގެ މެމްބަރުން ކަމުގައިވާ ޕޮލެންޑާއި ލިތުއޭނިއާއާއި ދޭރެތޭ އޮންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރާއި އަދި ނިއުކްލިއަރ ގާބިލުކަން ލިބިފައިވާ އިސްކަންދަރު މިސައިލްތައް ބަހައްޓާފައިހުރި ސަރަހައްދެވެ. 

ފިންލޭންޑާއި ސްވިޑްން އިން ނޭޓޯއާއިގުޅެން މަސައްކަތް ކުރަމުންގެންދާއިރު އެ ދެ ގައުމަށް ނޭޓޯގެ މެމްބަރުކަން ދީފިނަމަ ރަޝިޔާގެ ނިއުކްލިއަރ އަދި ހައިޕަރސޯނިކް ހަތިޔާރުތައް ކެލިނިންގްރަޑްގައި ބަހައްޓާނެކަމަށް މިހާރުވެސް ރަޝިޔާއިން އެ ގެންދަނީ އިންޒާރު ދެމުންނެވެ.                                                   

ރަޝިޔާގައި އަބަދުވެސް ފުދޭވަރަކަށް ލިމިޓްރީ ރިޒާރވް ބަހައްޓާފައި ހުންނަ ކަމަށާއި މުޅި ސަރަހައްދަށްވެސް ޙަމަލާ ފުޅާކުރުމުގެ ގާބިލުކަން ރަޝިޔާގެ ލަޝްކަރުތަކަށް ލިބިފައިވާ ކަމަށް ބުނުމަކީ ހަގީގަތް ހާމަކުރުމެވެ. ރަޝިޔާއިން އެފަދަގޮތަކަށް ޙަރަކާތްތެރި ވުމަކީ އެޅޭނެ ވަރަށްބޮޑު ޅައެއްޗެކޭ ބުނެ އަހަރެމެން ވާހަކަ ދެއްކުމަކީ މުޅިންއެހެންކަމެކެވެ. ޔޫކްރެއިންގެ ހަނގުރާމައާއި ބެހޭގޮތުން ޖެނެރަލް ވިދާޅުވީ ރަޝިޔާއިން ދެމުންގެންދާ ޙަމަލާތައް ލަސްކަމަށް ބުނެވިދާނެއެވެ. އެކަމަކު ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް ގެއްލުންލިބެމުން ދިޔަނަމަވެސް ރަޝިޔާގެ ލަޝްކަރުތަކުން ގެންދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.          

ރަޝިޔާ އަތުގައި ހުރި ހަތިޔާރުތަކުގެ އަދަދުވެސް ކަށަވަރު ކުރެވިފައެއްނެތެވެ. ބައެއް ހަތިޔާރުތަކަކީ ދުވަސްވެފައިވާ އެއްޗެއްސޭ ބުނެވިދާނެއެވެ. އޭގެ ނުރައްކާތެރިކަން ބޮޑުވަނީވެސް އެހެންވީމައެވެ. އެ ހަތިޔާރުތަކުގެ މިސްރާބު އަމާޒަށް ސީދާ ނުވުމުން ޢާންމުންނަށް ގެއްލުންލިބޭގޮތް މެދުވެރިވާނީ މިހެންވެގެންނެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް ފަސްދޮޅަސް ހާސް ބުރަށް ހަނގުރާމައިގެ ހަތިޔާރުގޮތުގައި އެމީހުންބޭނުން އެބަކުރެއެވެ. އަދި މިވަގުތަށް ޔޫކްރެއިންގެ އެތެރެއަށް ވަދެގަތުމަށް އެލަޝްކަރުއޮތީ ނުކުޅެދިފައޭ ހީކުރުންވެސް އެއީ އެންމެ ބުއްދިވެރި ގޮތެއް ނޫނެއެވެ. 

ރަޝިޔާގެ ސިފައިންގެ އަމާޒަކީ މިވަގުތަށް ޔޫކްރެއިންގެ އިންޑަސްޓްރިއަލް ސަރަޙައްދުތައް ކަމުގައި ބެލެވޭ އިރުމަތީ ޔުކްރެއިންގެ ޑޮންބަސް އެވެ. މިހާރުވެސް އެ ސަރަޙައްދުގެ ބޮޑު ބައެއް އޮތީ ރަޝިޔާއަށް ތާއީދުކުރާ އަދި ޔުކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ ބާރުގެ ދަށުގައެވެ.                                                      

އެންމެފަހުގެ ޚަބަރުތަކުން އެނގޭގޮތުގައި އެމެރިކާއިން ޔޫކްރެއިނަށް ދުރުރާސްތާއަށް ދަތުރުކުރާ ހަތިޔާރު ފޯރުކޮށްދީ ހަނގުރާމައިގެ ތެރެއަށް ސީދާގޮތުން ވަންނީ ކަމަށް ބުނެ ރަޝިޔާއިން ވަނީ އިންޒާރުދީފިއެވެ. ރަޝިޔާގެ ދިފާއީ ވަޒީރުގެ ނައިބު ސަރޖީ ރަބްކޯވް ވިދާޅުވީ  މިގައުމު ނަރައްކާތެރި ޙާލަތަކަށް ގެނެއްސިނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން އޮތީ ދުރުގައިނޫން ކަމުގައެވެ.                                                      

” ޔޫކްރެއިނަށް ހަނގުރާމައިގެ ހަތިޔާރު އޮއްސަމުން ގެންދާނަމަ ދެން މެދުވެރިވެދާނެ ކަންތަކާދޭތެރޭ އެތައްފަހަރަކު އަހަރެމެން އެމެރިކާއަށް އިންޒާރު ދީފީމެވެ. އެކަމަކު މިހާރު އެމެރިކާއަކީ މި ހަނގުރާމައިގެ ބައިވެރިއެކޭ ކިރިޔަ ކިރިޔާ ނުބުނެވޭ ހިސާބަށް ތިޔަދަނީ ކައިރިވަމުންނެވެ “. ރަބްކޯވްގެ އިންޒާރުގައި ވިދާޅުވިއެވެ. 

” މިހާރު ދެން ހަނގުރާމައިގެ ބައިވެރިއަކަށް ވުމަށްޓަކައި އެމެރިކާއިން ހުރަސްކުރަން ބާކީއޮތީ ރަތްރޮނގުގެ ވަރަށްކު ހަނި އިމެކެވެ. އެރޮގު ހުރަސް ކުރުމަށް ފަހު މިހާރު އޮތްގޮތަށް ޙާލަތު އޮވެދާނެކަމުގެ ދަޅަ ރަޝިޔާއާއި އިދިކޮޅު ފަރާތްތަކަށް ނުދައްކާށެވެ”. ރަޝިޔާގެ ރަސްމީ ޓީ. ވީ. ގައި ވާހަކަދައްކަމުން އެމެރިކާއަށް އޭނާ އިންޒާރު ދެއްވިއެވެ. އަދި ރަޝިޔާގެ މަގްސަދު ޙާސިލުކުރެވެންދެން ރަޝިޔާއިން ހަނގުރާމަކުރާނެ ކަންވެސް ހަނދާން އާކޮށްދެއްވިއެވެ. 

އަދި ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާތެރިވެއްޖެ ކޮންމެ ޙާލަތެއްގައްޔާއި ރަޝިޔާއަށް ނުވަތަ ރަޝިޔާގެ ބައިވެރިންނަށް ފަނާކުރަނިވި ހަތިޔާރު ނުވަތަ ހަނގުރާމަ ކުރުމުގައި އާންމުކޮށް ބޭނުންކުރާ ހަތިޔާރުބޭނުންކޮށްގެން ވިޔަސް ހަނގުރާމަކުރާ ކޮންމެ ބަޔަކާ ދެކޮޅަށް ފަނާކުރަނިވި ހަތިޔާރުގެ ބޭނުންކުރުން ރަޝިޔާގެ މިލިޓްރީ ގާނޫނު ހުއްދަކުރާކަންވެސް ހަނދާންކޮށްދެއްވިއެވެ.                                            

ޖީ. ޕީ. އެސް. ގެ އެހީގައި 80 ކިލޯމީޓަރގެ ދުރުގައިހުންނަ އަމާޒަށް ޙަމަލާދިނުމަށް ހިމާރސް ރޮކެޓް ފޮނުވޭނެ ވަސީލަތްތަށް އެމެރިކާއިން މިހާރުވެސް ޔޫކްރެއިނަށް ފޮނުވަމުން އެބަގެންދެއެވެ. ނަމަވެސް ރަޝިޔާގެ އެތެރެއަށް ޙަމަލާ ދިނުމަށްޓަކައި 300 ކިލޯމީޓަރުގެ ދުރުރާސްތާ ހިމާރސް ފޮނުވާކަމެއް ޔަގީނެއް ނުކުރެވެއެވެ.                

” ރަޝިޔާ އާއި ޔޫކުރެއިންއާ ދެމެދު އުފެދިގެންއުޅޭ މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި އިތުރަށް ގޯސްކުރަން އެމެރިކާއިން މަސައްކަތްނުކުރުމަށް އިންޒާރު ދެމުން ރަބްކޯވް ވިދާޅުވީ ” ދެން އުފެދޭ ޙާލަތުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ވޯޝިންގޓަނުންނެވެ. އަދި އުފެދިގެންދާނީ ހިތަށްވެސް ނުގެނޭފަދަ ނުރައްކާތެރި ޙާލަތެއް ކަމަށެވެ.   

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް