ދުނިޔޭގެ މަސްރަޙް މަހާތީރު ދެކެވަޑައިގަންނަވާ ގޮތް

Loading

Facebook
Twitter
WhatsApp


ޗައިނާއާއި ތައިވާނުގެ މަސްރަހާއި ގުޅޭގޮތުން މިދިޔަ ހުކުރުދުވަހު މީޑިއާގައި ވާހަކަ ދައްކަވަމުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ތުން ޑޮކްޓަރ މަހާތީރު މުޙައްމަދު ވިދާޅުވީ އެމެރިކާއިން އުޅެނީ ޗައިނާލައްވާ ތައިވާނުގައި ހަނގުރާމަ ކުރުވަން ކަމަށެވެ.                                                                

މެލޭޝިޔާގައި ދެފަހަރެއްގެ މަތިން އެންމެ ގިނަ އަހަރުތަކެއްގައި ވެރިކަން ކުރެއްވި އަދި މެލޭޝިޔާގެ ތަރައްގީގެ ބާނީ ތުން މަހާތީރު ވިދާޅުވީ އެމެރިކާއިން މަސައްކަތް ކުރަމުންގެންދަނީ  މަޖިލީހުގެ ރައީސް ތައިވާނަށް ފޮނުވައިގެންނާއި އަދި މިނޫނަސް ކޮންމެ ގޮތެއް ހަދައިގެންވެސް ޗައިނާލައްވާ ތައިވާނުގައި ހަނގުރާމަ އެއް ކުރުވަން ކަމުގައެވެ.

ޗައިނާއިން ދެކޭގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އަދި ނޭންސީ ޕެލޯސީގެ ދަތުރު ޗައިނާއިން ސިފަ ކޮށްފައިވަނީ އެ ގައުމުގެ ދާޚިލީ މައްސަލަޙަތުގެ ތެރެއަށް އެމެރިކާއިން ސީދާގޮތެއްގައި ވަނުން ކަމުގައެވެ.                                                          

މަހާތީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ޗައިނާއިން ތައިވާނު ހިފުމަށް މިހާތަނަށް އެގައުމަށް އަރާގެންފައެއް ނުވޭނޫން ހެއްޔެވެ؟  ޗައިނާއިން ބޭނުން ނަމަ އެކަން ނުކުރެވޭނެ ހެއްޔެވެ؟ އެކަމަކު އެބާވަތުގެ ފިޔަވަޅެއް ނާޅާ ތައިވާނުން ތިބިގޮތަކަށް ތިބެން ދޫކޮށްލައިގެން ޗައިނާ އެ އޮތީ ނޫން ހެއްޔެވެ؟ އެހެންވީއިރު އެމެރިކާއިން ޗައިނާ ލައްވާ ކޮންމެހެންވެސް ތައިވާނަށް އަރާގަންނުވަން ހުތް އަޅަން ޖެހޭހެއްޔެވެ؟ މީގައި އޮތް ހަމައެކަނި ބޭނުމަކީ ޗައިނާއިން ތައިވާނުގައި ހަނގުރާމަކުރުވައިގެން އެމެރިކާގެ ހަތިޔާރުތަކެއް ތައިވާނަށް ވިއްކުމުގެ ފުރުސަތު ހޯދުމެވެ. އެކަމަށްޓަކައި މަގުފަހިކުރުމެވެ.                                 

ނޭންސީ ތައިވާނަށް އައުމާގުޅިގެން އެ ގައުމުގެ ވަށައިގެން ޗައިނާގެ އަސްކަރީ ތަމްރީނުތަކެއް ހިންގިތަން ފެނިގެން ދިޔައެވެ. ކަނޑުގެ އަޑިޔަށް ބެލިސްޓިކް މިސައިލް ފޮނުވުން ވެސް އޭގެ ތެރޭގައި ހިމެނިގެން ދިޔައެވެ. އަދި ދާއިމީ ގޮތެއްގައި ތައިވާނުގައި އަމިއްލަ ދައުލަތެއް ގާއިމުކުރުމަށް ބާރު ނޭޅުމަށްވެސް ޗައިނާއިން އެމެރިކާއަށް އިންޒާރުދިނެވެ.

އެގޮތަށް ދިމާވެއްޖެނަމަ ޗައިނާއިން ހަނގުރާމަކުރާނެ ކަމަށްވެސް އިންޒާރުދިނެވެ. ތުން މަހާތީރު ދެއްކެވި ވާހަކަ ފުޅަށް އެމެރިކާއިން މިހާތަނަށް އެއްވެސް އެއްޗެކޭނުބުނެއެވެ. މަހާތީރަކީ އެމަނިކުފާނުގެ ވެރިކަމުގައި އޭޝިއާ ގައުމުތަކުގެ އަޑު އެންމެ ފުރިހަމަގޮތުގައި ވަރަށް ޑައިރެކްޓްކޮށް އިންޓަރނޭޝަނަލް ފޯރަމް ތަކުގަޔާއި މީޑިޔާތަކަށް ބަސްދީގަތުމުގައި ވިދާޅުވާ ފާހަކޮށްލެވުނެ ލީޑަރއެކެވެ.                        

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ގިނަ މައްސަލަތަކަށް އަލިއަޅުވާލަމުންދެއްކެވި ވާހަކަފުޅުގައި މަހާތީރު ވިދާޅުވީ މެލޭޝިޔާގައި މިހާރު ބަދުނާމުގެ ދަވާދުން ފެވިފައިވާ މިއޮތް ސަރުކާރުން ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި އިންތިޚާބު ބާއްވާނެ ކަމަށްވެސް ބެލެވޭ ކަމަށެވެ.                                        

މެލޭޝިޔާގެ މަސްރަހާއި ގުޅޭގޮތުން މަހާތީރު ވިދާޅުވަނީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯރގަނައިޒޭޝަން ( އަމްނޯ ) އިން ރާވަމުންގެންދަނީ ކުއްލިއަކަށް އިންތިޚާބު ބާއްވާފައި ބޮޑު މޮޅެއް ލިބިގަތުމަށެވެ. އެކަމަށް ތައްޔާރު ވުމުގެގޮތުން މިހާރު މެލޭ ވޯޓަރުންނަށް ފައިސާބަހައި އެހެނިހެން އިނާޔަތްތައްވެސް ދެމުން އެބަ ގެންދާ ކަމުގައެވެ. އެސޯޝިއޭޓެޑް ޕްރެސް އަށް މަހާތީރު ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެމީހުން ޢާންމު އިންތިޚާބު ބާއްވާނެކަމަށް ބެލެވޭކަމުގައެވެ. 

މިވަގުތު އިދިކޮޅު ސިޔަސީ ޕާރޓީތައް ބޮއްސުންލައިގެން ވިއްސިވިހާލިވެފައިވާ ދަނޑިވަޅެއްގައި ފުރުސަތުގެ ބޭނުން އަމްނޯއިން ކުރަން ބޭނުން ވާނެއެވެ. މެލޭޝިޔާގެ އާންމު އިންތިޚާބު އޮންނަންޖެހޭނީ 2023 ގެ ސެޕްޓެމްބަރު މަހުގައެވެ. އެކަމަކު ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގައި އަމްނޯގެ ރައީސް އަހްމަދު ޒާހިދު ޙަމީދީ ފަދަ ބޭފުޅުން ގެންދަވަނީ ޢާންމު އިންތިޚާބު އަވަސް ކުރަން ބާރުއަޅުއް ވަމުންނެވެ.

އެ ދެބޭފުޅުން ނަކީވެސް މިހާރު މެލޭޝިޔާގައި ފެންމަތި ވެގެންއުޅޭ ބޮޑު ޚިޔާނާތުގެ މައްސަލާގައި ދައުވާކުރެވޭ ދެބޭފުޅުންނެވެ. ނަޖީބު މިހާރުވެސް ހުންނެވީ 715 މިލިއަން ޑޮލަރުގެ ކަރަޕްޝަން ދަޢުވާއެއް މަތީ ކޯޓުން ހުކުމް ނިމެންދެން ކަންޑިޝަނަލް ބޭލް އައުޓެއްގައެވެ. އެގޮތުން އެއްވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގަތުން މަނާކުރެއެވެ.                                                    

މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގައި މަހާތީރު ހޭދަކުރެއްވި މުއްދަތުގެ ތެރެއިން 22 އަހަރު ހޭދަކުރެއްވައި 2003  ގައި ވަޒީފައިން މުސްކުޅިފުޅު ކުރެއްވީވެސް އަމްނޯގެ މެމްބަރެއްގެ ގޮތުގައެވެ. އޭގެފަހުން ނަޖީބުގެ ވެރިކަމުގައި ގައުމުގެ ޚަޒާނައިން ނަޖީބު ވައްކަން ކުރަމުންގެންދާ ކަމުގެ ތުޙުމަތް ތަކާއި ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވެގެން ދިއުމުން ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް މަހާތީރު ވަޑައިގަތީ 2018 ގެ ތާރީޚީ ކާމިޔާބާއި އެކުގައެވެ.

އުމުރުފުޅުން 93 އަހަރުގައި ގައުމެއްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ޝަރަފާއި އެކުގައެވެ. އެހެންނަމަވެސް މަހާތީރުގެ އިސްލާހީ ސަރުކާރަށް ދެމިއޮވެވުނީ ދެ އަހަރެއްހާއި ދުވަހުއެވެ. އަނެއްކާވެސް ކަރަޕްޝަންގެ ކޯލިޝަން ބައިވެރިން ތަކަކާއެކު އަމްނޯ އިން މަހާތީރުގެ ވެރިކަން ނިމުމަކަށް ގެނުވީއެވެ.                             

މަހާތީރު އިސްވެ ހުންނަވައިގެން މިހާރު މުޅިން އާ ސިޔާސީ ޕާރޓީއެއްވެސް ވަނީ އުފައްދަވާފައެވެ. އަދި މިހާރު ގަސްދުކުރައްވަނީ މެލޭންގެ ބައިވެރިވުމާއެކު  މެލޭޝިޔާގެ 120 ގޮޑީގެ ޕާރލަމެންޓް ކާމިޔާބު ކުރައްވައި މެލޭޝިޔާއިން ކޮރަޕްޝަނާ ފަސާދަ ނައްތާލުމަށް ވިދާޅުވިއެވެ. 

ބޮޑު ވަޒީރުގެ މަގާމަށް ވާދަކުރުމާ ނުކުތުމާއިމެދު ގޮތެއްނިންމާނީ އަހަރެންގެ ސިއްޙަތާއި ރައްޔިތުން ބޭނުންވާގޮތެއްގެ މައްޗަށެވެ. ކާމިޔާބު ނުކުރެވުނަސް ދުރުގައި ހުންނާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެންނަށް މެދުވެރި ވެދާނެ ގޮތަކާއި ބެހޭގޮތުން ފިކުރެއް ނުކުރަމެވެ. އަހަރެންނަކީ ވަކި އުސޫލަކަށް ތަބާވާ މީހަކީމެވެ. އަދި އެ ގޮތުގައި އަހަރެން ދެމިހުންނާނަމެވެ.

މެލޭޝިޔާއަކީ މުއްސަނދިކަން ލިބިފައިއޮތް ގައުމެކެވެ. ސިޔާސީ ވަގުންގެ ކިބައިން ގައުމު ސަލާމަތް ކުރެވިއްޖެނަމަ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގެ ތެރެއަށް މެލޭޝިޔާއަށް ވަނުން އުނދަގުލެއް ނުވާނެއެވެ. ތުން މަހާތީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.                                                     

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް އުފުލިފައިވާ އެތައް މައްސަލައެއްގެތެރެއިން ފުރަތަމަ ޙުކުމް ކުރެވުނު 12 އަހަރުދުވަހުގެ ޖަލު ހުކުމް އޭނާ މިހާރު މެލޭޝިޔާގެ ސުޕްރީމްކޯޓުގައިއޮތީ އިސްތިއުނާފް ކޮށްފައެވެ. އަދި އޭނާއަށް ދައުވާ ކުރެވެމުންދާ އެތައް މައްސަލައެއް އޮތުމާއެކު މިއިން ޒަމާނެއްގައި އެއްވެސް އިންތިޚާބަކަށް ކުރިމަތި ނުލެވޭނެ ކަމަށްވެއެވެ.ނަޖީބުގެ އުންމީދަކީ އަމްނޯގެ ތެރިންލާފައި އަނެއްކާވެސް ސިޔާސީ މައިދާނަށް ނުކުތުމުގެ ފުރުސަތު ހޯދުންކަމުގައި މަހާތީރު ޝައްކުކުރެއްވިއެވެ. އެއީ އަމްނޯއަށް އިންތިޚާބު ކާބިޔާބު ކުރެވިއްޖެނަމަ ޕާރޓީ ލައިނުން މަޢާފް ލިބިގަތުމުގެ މަގުތައް ފަހިކޮށްދޭނެތީއެވެ.

އެގޮތް ކާމިޔާބު ވެއްޖެނަމަ ނަޖީބަށް އޭނާ އަލުން އެނބުރި ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަންނަވާނެ ފުރުސަތު ހޯދުން އެކަށީގެންވެއެވެ.ނަޖީބަކީވެސް ގޮތް ދޫކުރާނެމީހެއް ނޫނެވެ. އެ ވިސްނުމުގައި އޭނާއަށް ކުރެވިދާނެ ކޮންމެ ކަމެއް ކުރާނެއެވެ.                                                      

ބައިނަލް އަގްވާމީ މަސްރަހްގެ ބައެއް މައްސަލަތަކާ ގުޅިގެން މަހާތީރު ފާހަގަ ުރައްވާފައިވަނީ އެމެރިކާގެ ރައީސަކީ އިސްލާމުންނާ ދޭތެރޭ ވަރަށް ވަރަށްބޮޑަށް ރުޅިވެރިކަމެއް ގެންގުޅުއްވާ ބޭފުޅަކު ކަމާއި އޭގެ ނަތީޖާއެއްގެ ގޮތުން ޔަހޫދީން ބޭނުންގޮތަކަށް ފަލަސްތީނުގެ ރައްޔިތުންނާދޭތެރޭ ކަންތައްކުރާއިރުވެސް ޔަހޫދީންނަށް މަގުފަހިކޮށް ދިނުން ނޫންކަމެއް ބައިޑަން ނުކުރައްވާ ކަމުގައެވެ. 

މަހާތީރަކީ އަބަދުވެސް ފަލަސްތީނުގައި ހިނގަމުންދާ ގަތުލު އާންމުތަކާ ދެކޮޅަށް ވަރަށް ގަދަޔަށް ވާހަކަ ދައްކަވާއި އަދި ފަލަސްތީނަށް ވަރަށް ބޮޑަށް އެނހީތެރިވެ ވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. އަދި ހަމައެފަދައިން ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އެންމެ ކުރީ ސަފުން ވަކާލާތުވެސް ކުރައްވާ ބޭފުޅެކެވެ.                  

ޔޫކްރެއިނުގެ ހަނގުރާމައާއި ގުޅޭގޮތުން މަހާތީރު ވިދާޅުވީ ހުޅަނގުން ކުރާހާވެސް ކަމަކީ ޔޫކްރެއިން ނޭޓޯ އަށް ވައްދާނަމޭ ކިޔައިގެން އެމީހުން ލައްވާ ހަނގުރާމަ ކުރުވުން ކަމަށެވެ. އަދިވެސް އިތުރަށް ހުތް ލާދީގެން ހަނގުރާމަ ދެމެހެއްޓޭތޯ ބަލަނީއެވެ.                                                        

Loading

2 Responses

  1. ޑޮކްޓަރ މަހާތީރު ދެއްވި ބަސްދީގަތުމުގައި ދެއްކެވި ވާގަހަފުޅަށް ތާއީދު ކޮށް ވަރަށްގިަނަޔަކު ބައިނަލް އަގްވާމީ މީޑިއާގައިވެސް ކޮމެންޓް ކޮށްފާ ހުއްޓާ ދުށީމެވެ. ދުނިޔޭގެ މަސްރަހުގައި ހިނގާކަންތައްތައް ހަގީގަތާއެއްގޮތަށްަ ބަޔާންކުރަން ގިނަބަޔަކު ޖެހިލުންވެއެވެ. މީޑިއާއަކީވެސް ވަކި ބައެއްގެ ބާރުގެ ދަށުގައި އޮންނަ އެއްޗަކަށްވީމާ އެމީހުން ބޭނުން ނުވާ ވާހަކައެއް ހާމަކުރުމުގެ ފުރުސަތު ގިނަފަހަރަށް ނުލިބެއެވެ.

  2. އޭޝިޔާގައި ސިންގަޕޯޜގެ ބޮޑުވަޒީރު ލީ އާއި މެލޭޝިޔާގެ ބޮޑުވަޒީރު ވަރެއް ނެތެވެ. ދެބޭފުލުންނަކީ އެގައުމުގެ ބާނީންނެވެ. ގައުމު ބިނާކޮށް ދުނިޔާގެ ކުރިމަތީގައި މަގުބޫލު ގައުމެއްގެ ގޮތުގައި ހެއްދެވި ވަރުގަދަ ދެ ލީޑަރުންނެވެ. މަހާތީރު އިތުރަށް އިސްލަމީ އުންމަތައް މުހިންމުވެގެން ދިޔައީ އެމަނިކުފާނު ގެންގުޅުއްވާ ބިނާކުރަނެވި އުސޫލުތަކެއްގެ ސަބަބުންނެވެ. އޯއައިސީގެ ވެސް އެންމެ އާރުލާ ލީޑަރަކީ މަހާތީރެވެ. މިހާރު މަހާތީރު މުސްކުޅިފުޅުވެ ގައިގާ ބާރުދެރަވެފައިވުމުން ދެން އިތުރަށް މަހާތީރަށް މެލޭޝިޔާގެ މިހާރު ފެތުރިފައިވާ ކަރަޕް ސިސްޓަމް ބަދަލުކޮށް އިއާދަކުރުމުގެ ޗާންސްއެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް