އެކުވެރިންނޭ! ޢާޝޫރާ ދުވަހުގެ ރޯދަ ހިފާލަމާ!

Loading

Facebook
Twitter
WhatsApp

ޢާޝުރާ ދުވަހަކީ މޫސާ އަލައިހިއްސަލާމް، ފިރުއައުނުގެ ނުބަކަމާއި އަނިޔާވެރިކަމުން މާތް ﷲ ސަލާމަތް ކުރެއްވި ދުވަހެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު، ކަނޑުގެ ތެރެއަށް ޣަރަގު ކުރެއްވި ދުވަހެވެ. އެދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަސްކަމަށް ޢިލްމުވެރިން އިޖުމާޢުވެއެވެ. ރަސޫލާ (ޞ.ޢ.ވ) މަދީނާއަށް ވަޑައިގަތުމަށްފަހުގައި، ޢާޝޫރާ ދުވަހު މަދީނާގެ އަހުލުވެރިން ރޯދަ ހިފާތަން ފެނިވަޑައިގަތުމުން އެކަމާ އެކަލޭގެފާނު ސުވާލުކުރެއްވުމަށް ފަހު، އެމީހުންގެ ޖަވާބު ލިބިވަޑައިގަތުމުން ، އެކަލޭގެފާނު ޙަދީޘް ކުރެއްވީ މޫސާގެފާނަށް އެލިބިވަޑައިގަތް އުފަލުގައި މުސްލިމުން ބައްވެރިވުން މާ އައުލާކަން ބޮޑު ކަމުގައެވެ. އެގޮތުގެ މަތީން ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމަށް މުސްލިމް އުއްމަތަށް އެކަލޭގެފާނު އިރުޝާދު ދެއްވިއެވެ. މި ރޯދައިގެ މާތްކަން ބަޔާން ކުރައްވާ އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”މިރޯދައިގެ ސަބަބުން އިސްވެދިޔަ އަހަރުގެ ފާފަތަށް ފުއްސަވައިދެއްވާނެކަމަށް މާތްﷲ ގެ ހަޞްރަތުން ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ.“

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ރަސޫލާގެ އިރުޝާދުތަކަށް ބައްލަވައިން، ޢިލްމުވެރިން 4 ގޮތެއް ބަޔާން ކުރައްވާފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ގޮތަކީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި، 10 ވަނަ ދުވަހު ރޯދަ ހިފުމެވެ. މިއީ ޔަހޫދީންނާއި ޚިލާފުވުމަށްޓަކާ ރަސޫލާ އިރުޝާދުދެއްވި ގޮތެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަ އެފަދައިން މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުވެސް ރޯދަ ހިފިދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ތިންވަނަ ގޮތަކަށް ޢިލްމުވެރިން ބަޔާން ކުރައްވާފައިވަނީ މުޙައްރަމް މަހުގެ 9،10،11 މި ތިން ދުވަހުގައި ވެސް ރޯދަ ހިފުމެވެ. އަދި ޢާޝޫރާ ދުވަހު އެކެނި ރޯދަ ހިފިޔަސް ފުދޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ގޮތާއި ދެވަނަ ގޮތް ކަމަށް ގިނަ ޢީލްމުވެރިން އިޖުމާޢު ވެއެވެ.

މި އަހަރުގެ ޢާޝޫރާ ދުވަސް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކުރަން ކުޑަތަންވެފައެވެ. މާދަމާ (ހުކުރުދުވަސް) އަކީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހެވެ. ހޮނިހިރު ދުވަހަކީ ޢާޝޫރާ ދުވަހެވެ. އެކުވެރީންނޭ! އަހަރެމެން އިންސާނުންނަކީ އަބަދު ފާފަތަކަށް އަރައިގަނެވޭ ބައެއް ކަމުގައި ވާއިރު، ކުރެވިފައިވާ ކުދި ފާފަތަކުން ތާހިރުވުމަށް މީ ރަނުގެ ފުރުސަތެކެވެ. ފުރުސަތު ނަގާނުލާށެވެ. މި ޢާޝޫރާ ދުވަހުގެ މާތްވެގެންވާ ސުންނަތް ރޯދަ ހިފުމަށް އަވަސްވެ ގަންނަމާ ތޯއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް