ސްރީލަންކާގެ ކުރިއަށް އޮތް 25 އަހަރުގެ ތަސައްވުރު 

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ މިހާރުގެ ސަރުކާރު އުފަންވެގެން މިއައީ ގޮޓަބާޔާ ރާޖަޕަކްސެގެ ވެރިކަމުގައި ގައުމު ބަޑަށްޖެހި ރައްޔިތުން މަގުތަކަށް ނިކުމެ އެތައްދުވަހެއް ވާންދެން ކުރަމުން ގެންދިޔަ މުޒާހަރާ ތަކަކާ ގުޅިގެންނެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ގޮޓަބާޔާ ރާޖަޕަކްސެ ގެ ސަރުކާރުން ބާކީ އޮތް މުއްދަތަށެވެ. އެއީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.                                                                

ސްރީލަންކާގެ މުޒާހަރާތަކާގުޅިގެން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ގިނަބަޔަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މުޒާހަރާގައި އިސްކޮށް އުޅުނު މީހުން ހޯދުމަށް ދަތްފުނާ އަޅަމުން ގެންދާކަމުގެ ތުހުމަތު މިހާރުގެ ސަރުކާރަށް ކުރަމުން ގެންދެއެވެ. ނަމަވެސް ރައީސް ރަނިލް އެތުހުމަތުތައް ދޮގުކުރައްވައެވެ.

އޭނާ ވިދާޅުވަނީ އެ މުޒާހަރާތަކައިގެން ހައްޔަރު ކުރެވިފައިވާ މީހުންގެ ތެރޭގައި ބައެއް އެހެންމީހުންގެ ނުފޫޒާއެކު ބައިވެެރިވި މީހުންނާއި އަދި ސަރުކާރާ އިދިކޮޅުވުމުގެ ބޭނުމުގައި ނޫންގޮތަށް ބައިވެރި ވެފައިވާ ބަޔަކުވެސް ހިމެނޭ ކަމުގައެވެ. އެމީހުންނާދޭތެރޭ ކަންތައްތައް ކުރެވިގެންދާނީ ވަރަށް ލުއިގޮތަކަށް ކަމުގައިވެސް ވިދާޅުވިއެވެ.               

ސްރީލަންކާގެ ތާރީޚުގައިވެސް މެދުވެރިވި އެންމެ ބޮޑު އިގްތިސާދީ ނުކުޅެދުންތެރިކަން އަލުން މެދުވެރިވިޔަ ނުދިނުމަށްޓަކައި ކުރިއަށްއޮތް 25 އަހަރަށް އަމާޒުކޮށް ގައުމީ ފެންވަރުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިކަމަށް އެ ގައުމުގައި އަލަށް އިންތިޚާބުކުރެވުނު ރައީސް ވިދާޅުވެއްޖެއެވެ. ޕަރލަމެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ރަނިލް ވިދާޅުވީ ދެވަނަފަހަރަށް އެކަހަލަ އިގްތިސާދީ ނުކުޅެދުންތެރި ކަމަކަށް މަގުފަހި ނުވާނެގޮތަކަށް ރަނގަޅު ބިންގަލެއްގެ މަތީގައި އިގްތިސާދު ބިނާކުރަން އެބަޖެހޭ ކަމުގައެވެ.                                                                  

ރަނިލް ވިކްރަމަސިންގްހެ ގެ ކުރިން ހުންނެވި ރައީސް ގޮޓަބާޔާ އާއި އޭނާގެ ބާރުގަދަ އާއިލާއިން ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައި އެތައް އަހަރެއް ވަންދެން ސްރީލަންކާގެ އިގްތިސާދު ފުނޑާލުމުގެ ސަބަބުން ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށް ކަބޯތަކެއްޗާއި ބޭސްފަރުވާ އަދި ހަކަތައިގެ ބާވަތްތައް އެއްވެސް ވަރަކަށް ލިބެންނެތުމުން ރައްޔިތުން މަގުތަކަށް ނިކުމެ އެތައް ދުވަހަކު މުޒާހަރާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ގޮޓަބާޔާގެ ސަރުކާރު އިސްތިއުފާދޭން މަޖުބޫރު ކުރުވުމެވެ. މިމޭރުމުން ސްރީލަންކާގެ ރައްޔިތުންތިބީ ރަނިލް ގެ ސަރުކާރުން ގޮޓަބާޔާ ގެ ޢާއިލާއަށް ރައްކާތެރިކަން ފޯރުކޮށްދޭން އުޅޭ ކަމަށްދެކި ނުތަނަވަސްކަމެއްގެ ތެރޭގައެވެ.                                                   

ސްރީލަންކާ ސަރުކާރުން މިދަޔަ އޭޕްރިލް މަހު އިއްލާން ކޮށްފައިވަނީ އެ ގައުމުން ދައްކަންޖެހޭ ބޭރުގެ ދަރަނިތައް ދެއްކޭނެގޮތެއް ނެތް ކަމުގައެވެ.އެ ގައުމުގެ ބޭރުގެ ދަރަނިތައް އުޅެނީ 51 ބިލިއަން ޑޮލަރާހަމައިގައެވެ. އޭގެ ތެރެއިން  28 ބިލިއަން ޑޮލަރ 2027 ގެ ކުރިން އަނބުރާ ދައްކަންޖެހެއެވެ. ރަނިލް ވިދާޅުވާގޮތުގައި އޭނާގެ ސަރުކާރުން މިހާރު ގެންދަނީ ހަތަރު އަހަރަށް ބަހާލައިގެން ރެސްކިއު ޕްލޭނެއްގެ ދަށުން ދަރަނި ހޯދުމަށް ބައިނަލް އަގްވާމީ  މަނިޓަރީ ފަންޑާއެކު ވާހަކަ ދައްކަމުންނެވެ. 

އަދި މިހާރު ކުރިއަށްދަނީ އެ ދަރަނި ބޭނުން ކުރެވޭނެ ގޮތަކާއި އަދި އަނބުރާ ދެއްކުމާ ބެހޭ މަޝްރޫއު އެކުލަވާލުމުގެ މަސައްކަތް ކަމުގައެވެ.އަހަރެމެން ވަރަށް އަވަހަށް މި މަޝްރޫއުގެ ތަފްސީލުތައް  އައި.އެމް. އެފް. އަށް ހުށައަޅާނަމެވެ. އަދި އެއަށްފަހު އަހަރެމެންނަށް މިހާރު ދަރަނި ދީފައިވާ ގައުމުތަކާއެކު މަޝްވަރާ ކުރަންވެސް ފަށާނަމެވެ. އަދި ހަމައެއާއެކު އަމިއްލަ ފަރާތްތަކުންވެސް ދަރަނި ލިބޭ ކަހަލަ އެއްބަސްވުންތަކެއް ގާއިމުކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނަމެވެ. ރަނިލް އިތުރަށް ވިދާޅުވީ ސްރީލަންކާ ބޭންކްރަޕްޓް ވެފާއޮތުމުގެ ސަބަބުންނާއި ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އޯގަސްޓްމަހުގެ ތެރޭގައި އައި. އެމް. އެފް. އާއިއެކު އެއްބަސްވުމަކަށް އާދެވިގާނެކަމަށް އުންމީދުނުކުރެވޭ ކަމުގައެވެ. 

އެހެންނަމަވެސް މިއަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެކަމަށް ބެލެވޭ ކަމުގައެވެ. އަދި މިހާރު ގަސްކާނާ އެތެރެކުރަންވެސް ފެށިފައި އޮތުމާއި ކައްކަން ބޭނުންކުރާ ގޭސް ލިބުމަށްވެސް ލުއިތަކެއް ވަނީ ހޯދާދެވިފައެވެ. މީގެ އިތުރުން ކާބޯތަކެތި ލިބުމަށް ކުރިމަތި ވެފައިއޮތް ދަތިތަކާއި ކޮންމެހެން ބޭނުންވާބޭސް ފަދަ ތަކެތި ލިބުމަށް އޮތް ހުރަސްތައް ނައްތާލުމަށްވެސް ވަރަށްގިނަ މަސައްކަތް ތަކެއް ކުރެވެމުން އެބަ ދެއެވެ. 

ގައުމަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް އެތެރެކުރަން އެހެން ގައުމުތަކުން ދަރަނި ނަގައިގެން ފުއްދާލުމުގެ ބަދަލުގައި އެކްސްޕޯރޓް އިތުރުކޮށްގެންނާއި ބޭރުގައުމުތަކުގައި މަސައްކަތްކުރާ މީހުން ފޮނުވާ ފައިސާއިން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ކަމަށްވެސް ރަނިލް ވިދާޅުވިއެވެ. އަހަރެމެންނަށް ދިމާވެފައިމިވާ ދަތި އުދނގޫ ހާލަތުން އަރައިގަތުމަށްޓަކައި ވަގުތު ނަގާލެވޭކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. ހަކަތައިގެ ބާވަތްތަކާ ނުލައި ދިރިއުޅެވެން ނޯންނާނެތީ އެކަމަށް ބެނުންވާ ފައިސާ ސަލާމަތް ކުރުމުގެ ގޮތުން ކޮންމެހެން ބޭނުން ނުވާ އެއްޗެތި އެތެރެކުރުން މި ވަގުތަށް މަޑު ޖައްސާލަންވެސް އެބަ ޖެހެއެވެ. މި އުދަނގޫ ދަނޑިވަޅުގައި ކާބޯ ތަކެއްޗާއި ބޭހުގެ ބާވަތްތަކާއި ހަކަތައިގެ ބާވަތްތައް ގަނެވޭނެ އިންތިޒާމު ދަރަނީގެ ގޮތުގައިވިޔަސް އިންޑިއާ ސަރުކާރުން ހަމަޖައްސަވައި ދެއްވިކަމަށްޓަކައި އެ ގައުމުގެ ބޮޑުވަޒީރަށް އަހަރެމެން ޝުކުރުވެރިވާންޖެހެއެވެ. ރަނިލްގެ ބަޔާނުގައި ބުނެފައިވެއެވެ.                                                 

ސަރުކާރުގެ އަމާޒަކީ މިހާރު މިއޮތް ޖީ. ޑި. ޕީ. ގެނިސްބަތުން 140 އިންސައްތައިގެ ދަރަނި 2025 ވަނައަހަރާއި ހަމަޔަށް އަންނައިރަށް ހެޔޮ ބަދަލުތަކެއް ގެނެސް 2032 ވަނައަހަރު އެދަރަނި ޖީ.ޑީ.ޕީ.ގެ ނިސްބަތުން 100 އިން ސައްތައަށް ދަށްކުރުމެވެ. މިލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގައުމުގެ އިގްތިސާދު މި ޒަމާނާ ގުޅޭގޮތަށް ރާވަން އެބަޖެހެއެވެ. އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި ގައުމުގެ އުފެއްދުންތައް  އެކްސްޕޯރޓް ކުރެވޭނެ ރަނގަޅު ގޮތްތަކެއް ހޯދަން ޖެހެއެވެ. 

މިކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރުން މިހާރު ކުރިއަށް ގެންދަނީއެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ އެއްގޮތަށް ކަންތައްތައް ރާވައި ހިންގަމުން ގެންދެވޭނަމަ އަހަރެމެންގެ ގައުމުގެ 100 ވަނަ މިނިވަން އަހަރު 2048 ގައި ފާހަގަކުރެވިގެންދާނީ މި ގައުމަކީ ތަރއްގީވެފައިވާ ގައުމެއްގެ މަގާމުގައެވެ.                         

ރައީސް ވިކްރަމަސިންގްހެ ވިދާޅުވީ މިފަހަރުގެ މުޒާހަރާތަކާ ގުޅިގެން އެންމެބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ އެކަމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައެވެ. އެހެންކަމުން ޒުވާނުންނަށް ސިޔާސީ މައިދާން ހުޅުވާލުމަށްޓަކައި ދެން އޮންނަ އިންތާޚާބެއްގައި ޒުވާނުން ބައިވެރިކުރުވުމުގެ ބޭނުމުގައި ގާނޫނީ އޮނިގަނޑު ބަދަލު ކުރެވޭނެއެވެ. މިކަންތައްތައް ހަމަޔަކަށް އެޅުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ ސިޔާސީ ޕާރޓީތަކެއްގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަންތައްތައް ފުރިހަމަ ކޮށްދިނުމުގައި ރައްޔިތުންގެ މަންދޫބުންގެ ދައުރު ވަރަށް ބޮޑެވެ.                               

ސަރުކާރުގެ ވާހަކަތައް މިހާރީތިކޮށް ހުރިއިރު އެމެރިކާގައި ހަރަކާތްތެރިވަމުންއަންނަ އިންސާނީ ހައްގުތަކަށް ގޮވާލާ ޖަމާއަތަކުން ބުނަމުންގެންދަނީ ސަރުކާރާ އިދިކޮޅު ވިސްނުންގެންގުޅޭ ފަރާތްތައް ސްރީ ލަންކާގައި އިއްލާނު ކޮށްފައިވާ އިމަރޖެންސީ ގާނޫނު ބޭނުންކޮށްގެން އަނިޔާވެރި ގޮތޮގޮތަށް ބޭނުންވާ މީހެއް ހައްޔަރުކުރަމުން ގެންދާކަމަށެވެ. އަދި އިންސާފުގެ ބޭރުން އެފަދަ މީހުން ހައްޔަރުކުރުން ހުއްޓާލަންވެސް އެ ޖަމާއަތުން ގެންދަނީ ގޮވާލަމުންނެވެ. ސަރުކާރަށް ފާޑުކިޔާ ބައެއްމީހުން ބުނާގޮތުގައި ރަނިލް ހުންނެވީ ސިޔާސީ ގޮތުން ފިތިބާރުވެފައެވެ. އޭނާގެ ޕާލިމެންޓް ގޮނޑިޔަކީވެސް ކުރީގެ ރައީސް ގޯޓާ ޕާޓީއިން ވޯޓަކަށް ނުގޮސް އައްޔަންކޮށްފައިވާ ގޮނޑިއަކަށް ވުމުންނެވެ. އަދި އަނިލް އަށް ރައީސްކަން ލިބިދިނުމުގެ ރޭވުމާއި މަޖިލީހުން މެޖޯރެޓީ ވޯޓްހޯދައި ދެވިފައިވަނީވެސް ގޯޓާބަޔާ ރާޖަޕަކްޝާރގެ ޕާންޓީން ކަމެވެ. ނަތީޖާއެއްގެ ގޮތުން ސްރީލަންކާގެ ސިޔާސީ ވެށި މިހާރު އެނބުރެމުންދަނީ ހުންގާނެއް ނެތިއޭ ބުނެވުމަކީ ދޮގަކަށް ނުވާނެއެވެ.       

Loading

One Response

  1. ސްރީލަންކާއަށް އަންނަ ކޮންމެ ހެޔޮ ބަދަލަކަަށް އަހަރެމެން ދިވެހިން އުފާކުރާނަމެވެ. އަދި ކޮންމެ ނިކަމެތި ކަމެއްގައި ވެވެން އޮތްގޮތަކުން ހަމްދަރދީވެސް ވާނަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް