ގައުމަށް އިންތިހާއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ސިޔާސީ މައްސަލަތުން އަރައިގަތުމުގެ ބޭނުމުގައި ކަމަށް ބުނެ ސްރީ ލަންކާގައި ހިންގާފައިވާ އިމަޖެންސީ އިތުރު އެއްމަހަށް ދިގު ދަންމާލަން ޕާލަމެންޓުން ފާސްކޮށްފިއެވެ.
ކުރިން ބޮޑު ވަޒީރަކަށް ހުންނެވި އަދި މިހާރު ރައީސްކަމަށް އައްޔަންކުރެވިފައިވާ ރަނިލް ވިކްރަމަސިންހާ ލަންކާގައި ފުރަތަމަ އިމަޖެންސީ ހިންގެވީ ޖުލައި މަހުގެ 17 ވަނަ ދުވަހުގައެވެ. ލަންކާގައި އިމަޖެންސީ ގާއިމު ކުރީ ރަނިލް ވިކްރަމަސިންހާއަށް ރައީސްކަން ލިބިވަޑައިގެންނެވިތާ 3 ދުވަސް ފަހުންނެވެ.
އިމަޖެންސީ ގާނޫނު އިތުރަށް ދަންމާލަން ޕާލަމެންޓުން ހުއްދަ ނުދިންނަމަ އިމަޖެންސީގެ މުއްދަދު ޖުލައި 27ގެ ނިޔަލަށް ހަމަވާނެއެވެ.
އިމަޖެންސީ ގާނޫނުގެ ދަށުން ސިފައިންނަށް އާއްމު ރައްޔިތުން ގިނަ ދުވަހަށް ބަންދުކޮށްފައި ބޭތިއްބުމުގެ އިތުރަށް އާއްމު އެއްވުންތައް ރޫޅާލުމާއި ބަލައި ފާސްކޮށް ޝައްކުކުރެވޭ މީހުން ޔައްޔަރު ކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.
ލަންކާގެ ތާރީޚުގައި އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސާދީ ދަތިތަކާ ގުޅިގެން ގައުމު ބަނގުރޫޓު ވެފައި ވަނިކޮށް ވެރިކަމުގައި ތިއްބެވި އާއިލާގެ ބޭފުޅުންނާ ދެކޮޅަށް އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި ބޮޑު ވަޒީރު ރާޖަޕަކްސާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރައީސް ގޮތަބަޔާއާ ދެކޮޅަށް ރައްޔިތުން މެދުކެނޑުމެއްނެތި ކުރަމުން ދިޔަ މުޒާހަރާތަކުގެ ސަބަބުން އޭނާ ވަނީ ގައުމުން ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ވަނީ ގައުމުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ.ރާޖަޕަކްސާގެ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށް ގައުމުގެ ރައްޔިތުން ވަނީ ވަރަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ.
ލަންކާއިން ފިއްލަވައިގެން ރާއްޖެވަޑައިގަތުމަށްފަހު ސިންގަޕޫރަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް ގޮތަބަޔާ ރާޖަ ޕަކްސާ ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު 14 ދުވަހަށް ސިންގަޕޫރުން ވަނީ އިތުރުކޮށްދީފައެވެ. އޭގެ މާނައަކީ އޮގަސްޓު މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި ހުންނެވުމެވެ. ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތުމުން އޭނާއަށް އެ ގައުމުން ސިޔާސީ ހިމާޔަށް ދިނީކަމަށް އަޑުފެތުރިގެން ދިޔައެވެ. ސިންގަޕޫރު ސަރުކާރުން ވަނީ އޭނާއަށް ސިޔާސީ ހިޔާމަތް ދީފައި ނުވާކަމަށް ބުނެފައެވެ.
ގޮތަބަޔާގެ އަރިސް ބޭފުޅުން ވިދާޅުވާގޮތުގައި އޭނާ އުފަން ރަށް ލަންކާއަށް ވަޑައިގަންނަންވާނެއެވެ. ނަމަވެސް ތާރީޚެއް އެއްވެސް މީހަކު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ލަންކާގެ ބައެއް ގާނޫނީ މާހިރުން ބުނާ ގޮތުގައި ގޮތަބަޔާ ލަންކާއަށް އެނބުރި ވަޑައިގެންފިނަމަ އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާހެދި އޭނާގެ މައްޗަށް ގިނަގުނަ ދައުވާތަކެއް އުފުލި ޝަރީޢަތް ހިންގޭނެއެވެ. އޭގެތެރެއިން އެންމެ ބޮޑު މައްސަލައަކަށް ވާނީ ތަމަޅައިންނާ ދެކޮޅަށް ހިންގި ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު އެތައް ކަމެއް ހިންގާފައި ވުމެވެ.
ލަންކާގެ ރައީސްކަމުގައި މިހާރު ހުންނެވި ރަނިލް ވިކްރަމަ ސިންހާއަކީ ލަންކާގެ ބޮޑުވަޒީރުކަން ކުރީން 6 ފަހަރަށް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ކުރިން ރާޖަޕަކްސާ އާއިލާއާ ދެކޮޅު ބޭފުޅެއްކަމަށް ވިޔަސް އޭނާ އެންމެ ފަހުން ބޮޑުވަޒީރުކަމަށާއި ރައީސް ކަމަށް ވަޑައިގަތީ ރާޖަޕަކްސަ އާއިލާގެ ވަރަށް ބޮޑު ތާއިދާއި ރުހުން ލިބިގެންނެވެ. އެހެންވެ ރަނިލްގެ ސަރުކާރަކީ ރާޖަޕަކްސަ އާއިލާގެ ގޮނޑިކޮއްކޮ ސަރުކާރެއްކަމަށް ބުނެ ލަންކާގެ އެތައް ހާސް ބަޔަކު އަޑުއުފުލަމުން ދެއެވެ.
ބަނގުރޫޓު ވެފައިވާ ލަންކާ ސަރުކާރުގެ ރައީސް ރަނިލް ޖުލައި މަހުގެ 18 ވަނަ ދުވަހު ވިދާޅުވެފައި ވަނީ އައިއެމްއެފުން ލަންކާއަށް މާލީ އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތްކަމަށެވެ. އަދި ޖަޕާނާއި އިންޑިއާ އާއި ޗައިނާއިން ވެސް ލަންކާއަށް މާލީއެހީތެރިކަން ފޯރުކޮށްދޭނޭކަމަށެވެ.
ޗައިނާއަކީ ލަންކާގެ ތަރައްގީގެ މަޝްރޫޢުތަކަށް 5 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ދީފައިވާ ގައުމެކެވެ. އެލޯނު އަދާކުރުމަށް ފައިސާ ނުދެއްކުނުކަމަށް ވިޔަސް ލަންކާއިން ދަނީ ޗައިނާއިން އިތުރު 4 ބިލިއަން ޑޮލަރު ދަރަންޏަށް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ލަންކާގައި އަމުނުއަމަންކަން ގާއިމުކުރުމުގެ ނަމުގައި ސަރުކާރުން ހިންގާފައިވާ އިމަޖެންސީން ބާރު ހޯދައިގެން ފުލުހުންނާއި ސިފައިން ގެންދަނީ ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް މުޒާހަރާތައް ރޫޅައި މުޒާހަރާ ކުރާ މީހުންނަށް އަނިޔާކުރަމުންނެވެ. އެކަމުގެ ސަބަބުން ލަންކާގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުމާއި ސިޔާސީ ހުޅު ބޮޑުވެގެންދާނޭކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.