ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް  

Loading

Facebook
Twitter
WhatsApp

ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި  ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ  އާ ހައުސިން މަޝްރޫއު އިމާރާތް ކުރާނީ ވިލިމާލޭގައި ކަމަށެވެ.

”އަޅުގަނޑު ވާހަކަ ނިންމާލާނީ އުފާވެރި ޚަބަރެއް ދީފައި. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދާނަން،“ ސްޓެލްކޯގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުން ޝަރީފް މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

ނަމަވެސް މިމަޝްރޫއުގެ އިތުރު ތަފްސީލްތައް މި ބައްދަލުވުމުގައި ޝަރީފް ހިއްސާކުރައްވާފައެއް ނުވެ އެވެ. ޝަރީފް ވިދާޅުވީ ސަރުކާރުން މާލެ އާއި ވިލިމާލެ ގުޅައިލުމަށް އަޅާ ބްރިޖާ އެެކު ދަތުރުފަތުރުކުރުމަށް މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށާއި ވިލިމާލެއަކީ ދިރިއުޅުމަށް ހިތްގައިމު މާހައުލެއްކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހަދާފައިވާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވަނީ އިއުލާން ކޮށްފައެވެ.
އެގޮތުން އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް 5،622 ރުފިޔާއާއި މެއިންޓަނަންސް ފީ އަށް މަހަކު 1،000 ރުފިޔާ ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 10،652 ރުފިޔާ އާއި މެއިންޓަނަންސް ފީ އަށް 1،300 ރުފިޔާ ނެގުމަށް ނިންމާފައިވެ އެވެ.

އެ ބައްދަލުވުމުގައި ޝަރީފް ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި ކުރިއަށް އޮތް އޮގަސްޓް މަހުގެ ހަވަނަ ދުވަހުން ފެށިގެން ދިރިއުޅެވޭނެ ކަމުގެ ޔަގީންދެއްވާފައެވެ. އަދި މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޯހޮޔާވަހިކަމަށް ހާއްސަކޮށްގެން 15 ބުރީގެ ދެ ޓަވަރުގައި 360 އެޕާޓްމަންޓް ހެދުމަށް ސްޓެލްކޯ އިން ވަނީ 640 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެ ކުންފުނިން 700 މިލިއަން ރުފިޔާވަރު ހަރަދުކުރާނެ ކަމަށާ އެއީ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ ހިތްހަމަޖެހުމަށް ބައެއް ވަސީލަތްތައް ގާއިމުކުރުމަށް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް