ވަގަށް މައްކާއަށް އެތެރެ ވުމަށާއި އަދި އަރަފާތު ބިމަށް ދިއުމަށް އެމެރިކާގެ ރައްވެއްސަކު ކަމުގައިވާ އިސްރާއީލުގެ ޗެނަލް 13 ގެ ނޫސްވެރިޔާ ގިލް ތަމާރީ އަށް އެހީތެރިވެ ދިން ސައޫދީގެ މީހާ ސައޫދީ އެރޭބިޔާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރު ކޮށްފިއެވެ.
އެހެންނަމަވެސް އޭނާއާއި ބެހޭ މައުލޫމަތު މިހާތަނަށް ސައޫދީ ފުލުހުން ހާމައެއް ނުކުރެއެވެ. ގިލް ތަމާރީ އޭ ކިޔުނު ޗެނަލް 13 ގެ ނޫސްވެރިޔާ ސައޫދީ އެރޭބިޔާއަށް އެތެރެވީ ރައީސް ބައިޑަންގެ ދަތުރާބެހޭ ޚަބަރުތައް ގެނެސްދޭ ރިޕޯރޓަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާވަނީ ގެފުޅުގެ ކައިރިއަށާއި އަރަފާތުގެ ބިމަށްވެސް ގޮސް ގެފުޅުގައި ތަވާފު ކުރަމުންގެންދާ މަންޒަރުތަކާއި އަދި ހައްޖުގެ އަޅުކަން އަރާފާތުބިމުން ވީޑިއޯކޮށްފައެވެ.
އެ ވީޑިއޯތައް އިސްރާއީލުގެ ޗެނަލް 13 އިން ދެއްކުމުގެ ކުރިން އެކަން އޮތީ ވަންހަނާވެފައެވެ. ނަމަވެސް ޗެނަލް 13 އިން އެ ވީޑިއޯ ދެއްކުމާގުޅިގެން މަސްރަޙް މިހާރު އޮތީ ވަރަށް ބަނަވެފައެވެ. ހަމައެކަނި މުސްލިމުންނަށް ވަނުން ހުއްދައޮތް ރަށަކަށް މުސްލިމް ނޫންމީހަކު ވަންގޮތަކާމެދު ސުވާލުތައް ކުރެވެމުން އެބަ ދެއެވެ. ތަމާރީ ބުނާގޮތުގައި އޭނާ މައްކާއަށް އެތެރެވުމުގެ ކުރިން ޑްރައިވަރުގެ މޫނު ކަށަވަރު ނުކުރެވޭނެ ގޮތަށް ބަދަލުކުރުވިއެވެ.
އެހެންނަމަވެސް މައްކާއަށް އެތެރެވީއިރު މުސްލިމުންނަށް ނޫނީ މައްކާއަށް އެތެރެވުމަށް ހުއްދަ ނޯންނާނެ ކަމަށް އޭނާގެ ޑްރައިވަރ އިންޒާރު ދިނެވެ. އަދި އަރަފާތު ބިމުގައި މައުންޓް އަރަފާތަށް އަރަން މަސައްކަތްކުރި ވަގުތު ސައޫދީ ފުލުންނަށް ޝައްކުވެގެން އޭނާއަކީ މުސްލިމަކުތޯ ސުވާލުކުރަން ފެށިއެވެ. ނަމަވެސް ފަހުން އެމީހުން ފަރުވާ ކުޑަކޮށްލީއެވެ.
އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ތައީދުކުރާ ބައެއް މީހުން ބުނާގޮތުގައިވެސް މައްކާއަކީ މުސްލިމް ނޫން މީހުން ވަނުން މަނާކުރެވިފައިވާ ރަށެއްކަން އެނގިހުރެ އެ ރަށަށް ވަގަށް ވަނުމަކީ ތަމާރީ ލަދުގަންނަން ޖެހޭކަމެކެވެ. އިސްރާއީލް ސަރުކާރުގައި އިސްމަގާމެއް ފުރުއްވި މުސްލިމަކު ކަމުގައިވާ އިސާވީ ފްރައި އެގައުމުގެ ބަނޑާރަ ޓީ. ވީ. އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ތަމާރީ ހިތުން މޮޅުކަމެއް ކޮށްލެވުނު ކަމަށް ހީކުރިއަސް އެއީ މީހަކު ކުރާނެ އެންމެ ވިޔާނުދާ ކަންތައްކަމުގައެވެ.
ސައޫދީ އެރޭބިޔާގެ ސަރަހައްދީ އެއްބައިވަންތަ ކަމާބެހޭ ވަޒީރު ވިދާޅުވަނީ ތަމާރީ ކުރިކަންތަކުގެ ސަބަބުން އިސްރާއީލާއެކު ގުޅުން އުފެއްދުމަށް ދެކެވޭ ވާހަކަތަކަށް ވަރަށް ބޮޑެތި ނުރަނގަޅު އަސަރުކުރާނެ ކަމުގައެވެ. އަދި ހަމައެއާއެކު ޔޫ. އޭ. އީ. އާއި ބަހުރައިނާއެކު އިސްރާއީލުން އޮތް ގުޅުމަށްވެސް ނުރަނގަޅު އަސަރު ތަކެއް ކުރާނެކަމުގައެވެ.
ތަމާރީގެ އަމަލާގުޅިގެން ހަލަބޮލިވުން އުފެދިފައިވާއިރު އޭނާ ބުނަމުންގެންދަނީ އޭނާކުރި މަސައްކަތަކީ ތަވާފު ކުރުމުގައްޔާއި ހައްޖުގެ އަޅުކަމުގައި ސާބިތުކޮށްދޭ އިންސާނުންގެ ހަމަހަމަކަމާއި ނަސްލުގެ ތަފާތުނެތްކަމާއި އިސްލާމު ދީނުގެ ރިވެތިކަން ދުނިޔެއަށް ހާމަކުރުމުގެ މަގްސަދުގައި ކުރި ކަމެއް ކަމުގައެވެ. އަދި މައްކާގެ މުހިންމު ކަންވެސް ދުނިޔެއަށް ހާމަކޮށްދިނުން ކަމުގައެވެ. އަދި މުސްލިމުންނަށް އެއްވެސް ސިފައެއްގައި އިހާނެތިކަމެއް ރައްދުކުރުމަކީ އޭނާ ދުވަހަކުވެސް ކުރާނެކަމެއް ނޫންކަމުގައެވެ.
އަދި އޭނާއަށް ކުރެވުނު ކަންތަކަށް މަޢާފް އެދޭކަމުގައެވެ. އިޒްރޭލްގެ ޗެނަލް 13 އިންވެސް މިހާރު ވަނީ އެ ވީޑިއޯ ޓެލެކާސްޓް ކުރެވުނުކަމާމެދު މަޢާފަށް އެދިފައެވެ. ނަންހާމަކުރަން ނޭދޭ އިސްރާއީލުގެ އޮފިޝަލަކު ވިދާޅުވީ ޗެނަލް 13 އިން މަޢާފް އެދުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައެވެ.
މައްކާގެ ފުލުހުން ޚަބަރުދޭގޮތުގައި ތަމާރީ މިހާރު ސައޫދީ އެރޭބިޔާގައިނެތް ނަމަވެސް އޭނާގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.
2 Responses
އިޒްރޭލު ތީ ބޮދު މުސީބާތެއް. އެމީހުންނާއި ގުޅުން ބަދަހި ކުރަން އުޅެންވެސް ނުވާނެއެވެ.
ޔަހޫދީގެ ބަސްމަގު ކިހާރީތިހެއްޔެވެ. އިސްލާމްދީނުގެ ފުރިހަމަކަން ހާމަކުރަން ކުރިކަމެކޯލައެވެ. މިހާތަނަށް މިކަހަލަ ކިތައްމީހުން އެގޮތަށް އެތެރެވެފާހުންނާނެބާވައެވެ.