ފަހަށް އެނބުރި ބަލައިލުމެއް: ތާރީޚުގެ އިބުރަތްތެރި ސަފުޙާތަކުގެ ތެރެއިން ތުރުކީ އިން ފިލާވަޅެއް:

Loading

Facebook
Twitter
WhatsApp

ކުރީދުވަހުގެ ’ފަލަސްތީނުން ފިލާވަޅެއް’، މިލިޔުމުން ފެނިގެންދިޔައީ ގައުމެއްގެ ރައްޔިތުން ގައުމީ ކަންކަމުގައި ހޭލުންތެރި ނުވެ ތިބުމުންނާއި އަދި ސިޔާސީ ވެރިންގެ އަމިއްލަ އެދުމުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތުގެ މިސާލެކެވެ. މިއަދު، ބަލާލަން ގަސްދުކުރަނީ މިއާ އިދިކޮޅު މިސާލެއްގެ މައްޗަށެވެ. 

ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދިޔުމުގެ ބިރު ހީވުމުން، ލަސްނުކޮށް އެ ބިރު ނެތިކޮށްލުމައްޓަކައި ތެދުވެ، އަތުރުކުރި އޮޅާލައި މަސައްކަތް ކުރުމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ސަލާމަތްކޮށް ރައްކާތެރި ކުރެވޭ ގޮތުގެ މިސާލެެއްގެ މައްޗަށެވެ. އާދެ، 1918ގައި ފުރަތަމަ ބޮޑު ހަނގުރާމައިގައި ބަލިވުމުގެ ނަތީޖާއެއްގެ ގޮތުން، ތުރުކީގެ ސިޔާދަތާއި މިނިވަންކަން ގެއްލެން އުޅުނު ވަގުތު، ގައުމުގެ ދެކެ ލޯބިވާ ބަޔަކު ނުކުމެ، އެކަމާ ކުރިމަތިލައި ގައުމަށް މިނިވަންކަން ހޯދައިދިން ގޮތުގެ ތާރީޚީ މިސާލެކެވެ. 

ފުރަތަމަ ބޮޑު ހަނގުރާމައިގައި (1918-1914) އެއް ފަރާތެއްގައި އޮތީ ހުލަފާއިންގެ، އެލައިޑް ފޯރސަސްގެ، ބާރުތަކެވެ. އޭގައި ހިމެނެނީ، މައިގަނޑު ގޮތެއްގައި، އިނގިރޭސިންނާއި ފަރަންސޭސިންނާއި، އަދި، 1917އާ ހަމައަށް، ރޫސީން ވެސް މެއެވެ. އަދި، މީގެ އިތުރުން، 1917ގައި އެމެރިކާ ވެސް ހުލަފާއިންނާ ގުޅުނެވެ. 

އަނެއް ފަރާތުގައި އޮތީ މިހްވަރީ، އެކްސިސް ޕަވާރސްގެ، ބާރުތަކެވެ. މައިގަނޑު ގޮތެއްގައި ޖަރުމަނުވިލާތާއި އޮސްޓްރިއާ-ހަންގޭރީ އެވެ. އުސްމާނީ ޚިލާފަތުގެ ފަރާތުން ބޮޑު ހަނގުރާމައިގައި ބައިވެރިވީ މިހްވަރީ ބާރުތަކުގެ ބައިވެރިއެއްގެ ގޮތުގައެވެ. އެއީ، ހުލާފާއިންގެ ބައިގައި ބައިވެރިވުމުގެ ފުރުސަތު އިނގިރޭސީން، އުސްމާނީންނަށް ނުދިނުމުންނެވެ. ސަބަބަކީ އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް އަރަބި ބިންތަކަށް އިނގިރޭސީން ދަހިވެތިވެފައި އޮތުމެވެ. 

ހަނގުރާމައިގެ ކުރީކޮޅު، އުސްމާނީ އެމްޕަޔަރު ރޫޅާލުމުގެ ވާހަކައޮތީ ދައްކައި، އެކަންކުރަން ނިންމާފައެވެ.

ކޮންމެ އަކަސް، ފުރަތަމަ ބޮޑު ހަނގުރާމާއިގައި ކާމިޔާބު ލިބުނީ ހުލަފާއިންނަށެވެ. މި ކާމިޔާބީގެ ނަތީޖާއަކަށްވީ މިހްވަރީ ދައުލަތްތައް ހުލަފާއިންގެ ރަހުމުގެ ދަށަށް ގެނެވުމެވެ. ހުލަފާއިން ބޭނުންވާ ގޮތަކަށް އެ ދައުލަތްތަކާ މެދު ކަންތައް ކުރުމުގެ ފުރުސަތު އެމީހުންނަށް ލިބުމެވެ. މިއީ ހަނގުރާމަތައް ނިމުމުން ކަންތައް ހިނގާ އާންމު އުސޫލެވެ. ބާރުވެރިވެ، އަމަރުވެރިވަނީ ހަނގުރާމައިގައި ކާމިޔާބު ލިބޭ ފަރާތަކަށެވެ. މިފުރަސަތު ލިބުމުން، ސުލްހައިގެ ތަފާތު އެއްބަސްވުންތައް، ހުލަފާއިންގެ ފަރާތުން، މިހްވަރީ ބާރުގެ ދައުލަތްތަކާއެކު ވެވުނެވެ. ހުލަފާއިން ބޭނުންވި ގޮތަކަށެވެ. އެ ގޮތުން، އުސްމާނީ ޚިލާފަތާ ވެސް އެއްބަސްވުމެއް ވެވުނެވެ. މިލިޔުމުގައި ބަލާލަން ބޭނުންވަނީ މި އެއްބަސްވުމުގެ މައްޗަށެވެ. 

އާދެ، ހުލަފާއިންނާއި އުސްމާނީ ދައުލަތާއި ދެމެދު ވެވެނު ސެވްރެސްގެ އެއްބަސްވުމުގެ މައްޗަށެވެ. އަދި، ފަހުން، ސެވްރެސްގެ މި އެއްބަސްވުން އުވާލައި، ލޯޒޭންގެ އެއްބަސްވުން އެއްބަސްވާން ޖެހުނު ގޮތުގެ މައްޗަށެވެ. އަދި މިކަމުން ލިބޭ ފިލާވަޅަކީ ކޮބައިތޯގެ މައްޗަށް ވެސް މެއެވެ؟ 

ސެވްރެސްގެ ސުލްޙައިގެ މުއާޙަދާގައި ސޮއި ކުރެވުނީ 20 އޮގަސްޓު 1920 ގައެވެ. މި މުއާހަދާގެ މައިގަނޑު ދެ މަގުސަދެއް އޮތެވެ. އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތް އަރަބި ބިންތައް އަތުލުމާއި އުސްމާނީ ޚިލާފަތު، ހަމައެކަނި، ނަމެއްގައި، އެނަތޯލިޔާގައި، އެބަހީ ތުރުކީގެ މައި ބިމުގައި ހިސޯރު ކުރެވިފައި ބޭއްވުމެވެ. މި މަގުސަދުގެ އިތުރުން، ތުރުކީގެ ސިޔާދަތު ނިގުޅައިގަނެ، އުސްމާނީ ޚިލާފަތަކީ ޔޫރަޕުގެ ސީދާ ބާރާއި ނުފޫޒުގެ ދަށުގައިވާ ތަނަކަށް ހެދެމުވެ. އުސްމާނީ ޚިލާފަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރުމުން، ތުރުކީގެ ސިޔާދަތު ގެއްލުނެވެ. މިކަމުގެ ނަތީޖާއަކީ އިހުތިލާލީ ބާރެއްގެ ގޮތުގައި ތުރުކީއަށް އިނގިރޭސިންނާއި ފަރަންސޭސިން އެރުމުގެ ފުރުސަތު ލިބުމެވެ.

ސެވްރެސްގެ މުޢާހަދާގެ ސަބަބުން ތުރުކީގެ ސިޔާދަތު ގެއްލުނީ ކިހިނެއް ހެއްޔެވެ؟ އެކަން މެދުވެރިވާން ދިމާވި އެންމެ ފުރަތަމަ ސަބަބަކީ، ދެންމެ ނަންގަތްހެން، ފަރަންސޭސީންނާއި އަދި އިނގިރޭސިން، ތުރުކީ އިހުތިލާލުކޮށް (އޮކިޔުޕައިކޮށް) ތުރުކީގެ މައްޗަށް ވެރިވުމުންނެވެ. އެ ދެބައި މީހުންގެ ލަޝްކަރު ތުރުކީގައި އޮވެ، އެމީހުން އަންގާ ގޮތަށް ތުރުކީން ކަންތައް ކުރަން ޖެހުމުންނެވެ. މިކަންތައްތަކުގެ ތެރޭގައި، ތުރުކީގެ ގައުމީ ބަޖެޓު ކަނޑައެޅުން ހިމެނެއެވެ. އާދެ، އެކަން ކުރަން ޖެހޭނީ އިހުތިލާލީ ބާރު ކަމުގައިވާ އިނގިރޭސިންނާއި ފަރަންސޭސިން އަންގާ ގޮތެއްގެ މަތިންނެވެ. 

މީގެ އިތުރުން، ތުރުކީގެ ގައުމީ ބޭންކު ވެސް އޮންނަން ޖެހޭނީ ސީދާ އިހުތިލާލުގެ ދެ ބާރުގެ ދަށުގައެވެ. ތުރުކީގެ ބޭރުގެ ދަރަނި ދެއްކުމުގައި އިސްކަންދެވޭނީ އިހުތިލާލީ ބާރުތަކަށް ތުރުކީއިން ދަރާ އޮތް ދަރަނި ދެއްކައި ޚަލާސްކުރުމަށެވެ. ތިމާމެންގެ އަމިއްލަ ފައިސާއަށް ބާރު ފޯރުވުމުގެ މިނިވަންކަން ނެތް ގައުމެއް އެއީ ސިޔާދަތެއް ލިބިފައި އޮތް ގައުމަކަށްވާނެ ހެއްޔެވެ؟

މި ނަންގަތް ކަންކަމުގެ އިތުރުން ވެސް، ތުރުކީގެ ސިޔާދަތު ނިގުޅައިގަނެވިގެން ދިޔަ އެހެން ކަންތައްތަކެއް ވެސް، ސެވްރެސްގެ މުއާހަދާގެ ބަންދުތަކުގައި (ޓާރމްސްތަކުގައި) ހިމެނެއެވެ. މީގެ ތެރޭގައި ތުރުކީގެ އިރު އުތުރުން ބައެއް، އާމީނިއާއަށް ދިނުމާއި ތުރުކީގެ ހުޅަނގު ދެކުނުން ބައެއް ޔޫނާނަށް (ގުރީސްއަށް) ދިނުން ހިމެނެއެވެ. އަދި ތުރުކީގެ އަސްކަރީ ބާރުތަކުގެ އަދަދު އުނިކޮށް ބަލިކަށިކުރެވުނެވެ. ތުރުކީގައި އުޅޭ ބޭރު މީހުންނަށް، މާނައަކީ ޔޫރަޕްގެ މީހުންނަށް، ޚާއްސަ އިމްތިޔާޒުތަކެއް (ޕްރިވިލެޖްތަކެއް) ވެސް ލިބިދޭ ގޮތް ހަމަޖެހުނެވެ. 

މީގެ މާނައަކީ ތުރުކީގެ ގާނޫނު އެމީހުންގެ މައްޗަށް ނުހިނގުމެވެ. ތުރުކީގެ ގާނޫނާ އެމީހުން ޚިލާފުވެއްޖެ ނަމަ، ނުވަތަ ގާނޫނީ ކުށެއްކޮށްފި ނަމަ، މި ޚާއްސަ އިމްތިޔާޒުތަކުގެ ދަށުން، މިނަންގަތް ބޭރު މީހުންގެ މައްސަލަ ތަހުގީގުކޮށް އެމީހުންނާ މެދު ޝަރިއަތްކުރުމުގެ ބާރާއި އިޚްތިޔާރު ތުރުކީއަކަށް ލިބިގެންނުވެއެވެ. މިފަދަ ގާނޫނެއް ފަހުން، އީރާނުގައި ހިންގާލެވުމުން، އިރާނުގެ 1979ގެ އިންގިލާބީ ޒައީމު ޚުމޭނީ ވިދާޅުވެފައި އޮވެއެވެ. ’އެމެރިކާ މީހެއްގެ ކުއްތާއެއް ވެސް، އިރާނު މީހެއްގެ އަތުން މަރުވެއްޖެ ނަމަ، އީރާނު މީހާއާ މެދު ޝަރީއަތް ހިންގުމުގެ ބާރު، އެމެރިކާ މީހާއަށް ލިބިގެން ވެއެވެ. 

ނަމަވެސް، އެމެރިކާ މީހެއްގެ އަތުން، ޚުދް ޝާހު އަވާހަރަ ވިޔަސް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމުގެ ބާރު، އީރާނަށް ލިބިގެން ނުވެއެވެ.“ އިންދިރާ ގާނދީ ހޮސްޕިޓަލުގައި އަޅުގަނޑުމެންގެ ދިވެހި އަންހެނެއްގެ ގަޔަށް އިންޑިޔާގެ މުވައްޒިފެއްގެ އިހުމާލުން އެއިޑްސް ބަލީގެ ލޭ އެޅުމުން ކަންތައްވީ ގޮތް ހަނދާން ހުރީ ކިތައް މީހުން ބާވައެވެ؟ އޭނާގެ އިހުމާލުން ހިނގި ކަންތަކުގެ އެއްވެސް ޒިންމާއެއް އޭނާ އުފުލަން ނުޖެހި ސަލާމަތްވެ، ރާއްޖެދޫކޮށް ދިޔުމުގެ ފުރުސަތު ލިބިގެން ދިޔަ ނޫން ހެއްޔެވެ؟ އާދެ، މިކަމުން ޚާއްސަ އިމްތިޔާޒުތައް ލިބިދޭ ގާނޫނަކީ ކޮބައިކަމާއި އޭގެ އެއްވެސް އަދުލެއް އިންސާފެއް ނެތްކަން ފާހަގަކުރެވޭނެއެވެ. 

އާދެ، މަތީގައި ދެންމެ މިބަޔާންކުރި ކަންތައްތަކުން، ގައުމެއްގެ މައްޗަށް ބޭރު ގައުމެއް ވެރިވުމުން، އެގައުމުގެ ސިޔާދަތު ގެއްލިދާ ގޮތް ފެނިގެން ދެއެވެ. މަތީގައި ބަޔާން ކުރެވުނީ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އިހަށް ދުވަހު، ތާރީޚުގައި، ހިނގި ކަންތައްތަކެއްގެ ވާހަކައެކެވެ. މިކަންކަން ދާދި ފަސޭހައިން ބަލާލެވޭނެއެވެ. ސެވްރެސްގެ މުއަހާދާއަކީ ކޮބައިތޯ ސުއާލުކޮށް ގޫގުލްކޮށްލުމުން ވެސް މިކަން ސާފުވާނެއެވެ. 

ދެން، ތުރުކީއަށް ކުރިމަތިވި ކަންތައްތަކުގެ އަލީގައި، ރާއްޖޭގެ ސިޔާދަތު ގެއްލި އިންޑިޔާގެ އަތް ދަށަށް ރާއްޖެ ހިނގައްޖެ ނަމަ، ކަންތައް ވެދާނެ ގޮތުގެ މައްޗަށް ޚިޔާލުކޮށްލައި ވިސްނާލަބަލާށެވެ.

އެންމެ ފުރަތަމަ، ރާއްޖޭގެ އިގުތިސާދު ރާއްޖެ އަމިއްލައަށް ކޮންޓުރޯލުކުރުމުގެ ބާރާއި އިޚްތިޔާރު (ޕަވަރ އެންޑް އޮތޯރިޓީ) ނިގުޅައިގަނެވޭނެއެވެ. ރާއްޖޭގައި ފަސާދަ ބޮޑުވެ، އަދި ދަރަނިވެރިވެފައި އޮތުމުން، މިކަން ކުރުމަށް މަގުފަހިވާނެއެވެ. އިންޑިޔާއަށް ރާއްޖެއިން ދަރާ އޮތް ދަރަނި އަދާކުރުމުގެ ނަމުގައި އެކަންކުރެވޭނެއެވެ. އިނގިރޭސިންނާއި ފަރަންސޭސީން ތުރުކީއާ މެދު ކަންތައް ކުރި ފަދައިންނެވެ. މިއީ އަލަށްވާ ކަންތައްތަކެއް ނޫނެވެ. މީގެ ކުރިން ވެސް އަދި ފަހުން ވެސް، މިކަހަލަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. 

މިސުރަށް، އިނގިރޭސިން ބާރު ފޯރުވީ މިގޮތަށެވެ. މިސުރުގެ ދަރަނި ބޮޑުވުމުން، 1878ގައި މިސުރުގެ ކެބިނެޓަށް އިނގިރޭސީންގެ މީހަކު ފިނޭންސް މިނިސްޓަރުކަމަށާއި ފަރަންސޭސިންގެ މީހަކު ޕަބްލިކް ވާކްސް ގެ މިނިސްޓަރުކަމަށް އިސްކުރެވުނެވެ. ތަނުގެ އެންމެ މުހިއްމު ދެ ވުޒާރާކަމުގައިވާ މާލިއްޔަތާއި ބެހޭ ވުޒާރާއާއި ތަނުގެ ބޮޑެތި އާންމު މަޝްރޫއުތައް ހިންގާ ވުޒާރާއާއި ދެވުޒާރާ ބޭރު ބަޔެއްގެ އަތް ދަށަށް ދިޔައީއެވެ. 

ފިނި ހަނގުރާމައިގެ ދުވަސް ވަރު، ސޯވިއެޓް ޔުނިއަންގެ ފަރާތުން އެމީހުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޔޫރަޕުގެ ގައުމުތަކާ ދޭތެރޭ ވެސް ކަންތައް ކުރެވުނީ މިފަދައިންނެވެ. އެ ގައުމުތަކުގެ އިގުތިސާދު އޮތީ ސޮވިއެޓު ޔުނިއަންއަށް ބޭނުންވާ އެއްޗެހި އުފެއްދުމުގެ ގޮތަށް ހަމަޖައްސާލެވިފައެވެ. ރާއްޖޭގައި ވެސް، ދައުލަތުގެ ބޮޑެތި މުއައްސަސާތައް، ބޭރު ކުންފުނިތަކާ ހަވާލުކުރެވެން ފެށުނުނޫން ހެއްޔެވެ؟ މިހާރުވެސް ދިވެހި ދައުލަތުގެ ބައެއް މުއައްސާސަތަކުގެ އިސް މަގާމުތަކަށް ބޭރު މީސް މީހުން އިސްކުރެވެމުން އެބަދޭ ނޫން ހެއްޔެވެ؟ 

ދިވެހިން ނެތީމަ ހެއްޔެވެ؟ ދާދީ ފަހުން، ޓުއަރިޒްމަ މިނިސްޓުރީގެ މިނިސްޓަރު ކަމުގެ މަގާމު ހުސްވުމުން، ވަކި ވިޔާފާރި މުއައްސަސާއަކަށް ޓުއަރިޒަމް މިނިސްޓުރީ ބަދަލުކޮށް، ބޭރުގެ ބަޔަކާ ހަވާލުކުރަން ވެސް، ބައެއް މީހުން ގޮވި ނޫން ހެއްޔެވެ؟ މިވާހަކަ އަޑު އެހީ ކިތައް މީހުން ބާވައެވެ؟ ދެން، ބޭރުގެ ބާރެއްގެ ދަށަށް ހިނގައްޖެ ނަމަ، މިކަން ކުރަން އަދި މިހާރަށް ވުރެވެސް މާ ފަސޭހަވާނެ ނޫން ހެއްޔެވެ؟ އޭރުން، އަމިއްލަ ގައުމުގައި ދިވެހިން ވެގެންދާނީ ބީރައްޓެހިންނަށެވެ! އޭރުން ދިވެހިން ތިބޭނީ އެމީހުންގެ އަމިއްލަ ބިމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންގެ މަގާމުގައެވެ!

ދެން، ރާއްޖެ، ބޭރު ބާރެއްގެ ދަށަށް ދިޔުމުން، ތުރުކީގެ އަސްކަރީ ބާރުތައް ކުޑަކޮށްލެވުނު ގޮތަށް، ރާއްޖޭގެ އަސްކަރީ ބާރުތަކަށް ވެގެންދާނޭ ގޮތް ޚިޔާލަށް ގެނެސްބަލާށެވެ. އެ މުއައްސަސާތަކުގެ ވަކިތައް ކަނޑައި، އެތަންތަނުގެ ބާރު މުޅިންނެތި ކޮށްލެވޭނެއެވެ. މިހާރު ވެސް މިކަން ކުރަން ބޭނުންވެގެން ގޮވާ އަޑުތައް އިވޭ ނޫން ހެއްޔެވެ؟ އެފަދަ މުއައްސަސާތަކުން، ތަހުގީގުތައް ނުކުރެވޭކަމާއި، އެތަނުގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަމާއި، އެތާ އެތެރޭގައި ’އަނދިރީގެ ދައުލަތެއް‘ – މިއީ ކޮން އެއްޗެއްކަން ނުބުނެދެވުނަސް – އެބައޮތޭ ބުނުމާއި، މިފަދަ ވާހަކަތަކުގެ އަޑެވެ. 

މިގޮތުގެ މަތިން ތަނުގެ އަސްކަރީ ބާރުތަކުގެ އަގު ވައްޓާލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބޭރުގެ ވަކި ބަޔެއްގެ އިރުޝާދުގެ މަތިން، އެ މުއައްސަސާތައް ބަދުނާމު ކުރުމުގައި ފޮރުވިފައި އޮތް މަގުސަދަކީ ކޮބާ ހެއްޔެވެ؟ އެތަންތަނުގައި ނުރަނގަޅު ކަމެއް ހުރި ނަމަ، އަދި އެކަންކަން އިސްލާހުކުރަން ބޭނުން ނަމަ، އެކަން ކުރުމުގެ ބާރު އެބަ އޮތެވެ. ނަމަވެސް، އިސްލާހީ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި އެތަން އަބަދުމެ އަބަދު ބަދުނާމުކުރުމުގެ ބޭނުމަކީ، ލަފާކުރެވޭ ގޮތުގައި، ތަނުގެ އަގު ވައްޓާލައި ތަނުގެ ބޭނުމެއް ނެތްކަން ދެއްކުމެވެ. 

މިހެން ހެދުމަށް ފަހު، އެތަނުގެ ހިންގުން ވެސް ބޭރު ބަޔަކާ ހަވާލުކުރަން ފަސޭހަވާނެއެވެ. މިއީ ވެސް ޚިޔާލީ ވާހަކައެއްނޫނެވެ. މިއީ މީގެ ދިހަ އަހަރު ކުރިން ވެސް، މިކަމާ މެދު ބަޔަކު އާންމު ފޯރަމެއްގައި ބަހުސްކޮށް، ރާއްޖޭގެ ސިފައިންގެ މުއައްސަސާ އުވާލައި އެކަން ބޭރުގެ ބަޔަކާ ހަވާލުކުރަން ގޮވި ގޮވުމެކެވެ. ދެން، އެއްކަލަ ’ޕޮލިސް އެކަޑަމީއިންނާއި‘ ޑޯނިޔާ މަތިންދާ ބޯޓުން، އެތެރެކުރެވޭ ހަތިޔާރުތަކުގެ އެހީގައި އެމީހުންގެ އަތް މައްޗަށް ތަނުގެ ފުލުހުންނާއި ސިފައިންގެ މުއައްސަސާތައް ފުރޮޅާލުމަކީ އުނދަގޫ ކަމަކަށް ވެދާނެ ހެއްޔެވެ؟

ދެން ޚާއްސަ އިމްތިޔާޒުގެ ގާނޫނުގެ މައްސަލައަށް ބަލާށެވެ. މިހާރުވެސް މިފަދަ ގޮތެއްގައި ނޭޕާލުގައި އިންޑިޔާ މީހުންނަށް އިސްކަންދޭން ޖެހޭނޭ އެއްބަސްވުމެއް އޮވެއެވެ. އެހެންވީމާ އެފަދަ ގޮތެއްގައި ރާއްޖޭގައި ކަންތައް ނުކުރާނީ ކީއްވެ ހެއްޔެވެ؟ 

ރާއްޖޭގެ އުތުރުގައި ޚާއްސަ ރަށެއް އިންޑިޔާ މީހުންނަށް ތައްޔާރުކުރެވޭ ވާހަކައެއް ވެސް ދާދި ފަހުން ފެންމަތިވިއެވެ. މިވާހަކަތަކުގެ ހަގީގަތް އަދި އެނގޭ ވަރެއް ނުވެއެވެ. ނަމަވެސް، ބުނެވޭނީ އަލިފާނަކައި ނުލައި ދުމެއް ނާރާނޭ ކަމެވެ.

ކޮންމެ އަކަސް ސެވްރެސްގެ މުއާހަދާގެ ސަބަބުން ތުރުކީގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއެރިއެވެ. ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ މި މުއާހަދާއާއި، މި މުއާހަދާގައި ސޮއިކުރި އުސްމާނީ ދައުލަތާއި އަދި އިހުތިލާލީ ބާރުތަކާ އިދިކޮޅަށް ތުރުކީގެ ލަޝްކަރު ނުކުތީއެވެ. އާދެ، އެމީހުންނާ އިދިކޮޅަށް، ތުރުކީގެ ލަޝްކަރު ނުކުތީ އެ މުއާހަދާގައި ސޮއިކުރުމުގެ ވެސް ކުރިންނެވެ. 1918ގައި ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، މުދްރޯސްގެ ހުދްނާގައި ސޮއިކުރެވުމުން، ހަލީފުންނަށް އެ ހުދްނާ ލިބިދިން ބާރުތަކުގެ ސަބަބުންނެވެ. 

ތުރުކީގެ މައި ބިން އިހުތިލާލުކުރުމުގެ ބާރެވެ. އަދި ވެސް، ވާން އުޅޭ ގޮތް، ލަޝްކަރުގެ އިސްކޮށް ތިބި ވެރީންނަށް ލަފާކޮށްލަން އެނގުމުންނެވެ. އާދެ، ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމުގެ ބިރު ހީވުމުން، އެކަން ނެތިކޮށްލުމުގެ ގޮތުން، ތަނުގެ ދިފާއީ ބާރުތައް އަތުކުރި އޮޅާލައި ގައުމު ދިފާއުކުރުމައްޓަކައި ތެދުވީއެވެ.

ދެން، ތުރުކީގެ ލަޝްކަރު އިހުތިލާލީ ބާރުތަކާ ކުރިމަތިލައ ހަނގުރާމަކުރީއެވެ. މިހަނގުރާމައަށް ދެވިފައި އޮންނަ ނަމަކީ ’ތުރުކީ މިނިވަންކުރުމުގެ ހަނގުރާމައެވެ‘. މި ހަނގުރާމަ 1919 ފެށިގެން 1923އާ ހަމައަށް ދެމިގެން ދިޔައެވެ. މިހަނގުރާމައިގައި ތުރުކީގެ ގާއިދަކަށް ހުރީ މުސްތަފާ ކަމާލް އަތާތުރުކެވެ. އާދެ، ތުރުކީންގެ އަދުގެ ގައުމުގެ ބައްޕައެވެ. 

އޭނާގެ ގިޔާދަތުގެ ދަށުން، އިހުތިލާލީ ބާރުތަކާ ތުރުކީ ލަޝްކަރު ކުރިމަތިލައި ހަނގުރާމަކޮށް އެބާރުތައް ބަލިކުރިއެވެ. އަދި، އަރުމީނިއާއަށާއި ޔޫނާނަށް ސެވްރެސްގެ މުއާހަދާއިން ލިބިދިން ބިންތައް ވެސް އަތުލައި މިނިވަންކޮށް، އެ ބިންތަކަކީ، ކުރިން ވެސް އޮތް ފަދައިން، ތުރުކީގެ ބައެއްގެ ގޮތުގައި ހެދިއެވެ. މި ހަނގުރާމައިގައި ތުރުކީގެ ލަޝްކަރު ކާމިޔާބު ހޯދުމުގެ ނަތީޖާއަކަށްވީ ތުރުކީ އިހާނެތިކޮށް ނިކަމެތި ކޮށްލި ސެވްރެސްގެ މުއާހަދާ ބާތިލުކޮށްލުމެވެ. އަދި އޭގެ ބަދަލުގައި އަލުން އާ މުއާހަދާއެއްގައި ސޮއިކުރުމެވެ. 

އާދެ، 1923ގައި ލޯޒޭންގެ މުއާހަދާ ލިޔެ، ސޮއިކުރުމެވެ. ތުރުކީއާއި އަދި އިހުތިލާލީ ބާރުތަކުގެ މެދުގައިވެ. މިއީ ދުނިޔޭގެ ތާރީޚުގައި ވަރަށް ވެސް ނުފެންނަ މަންޒަރެކެވެ. ހަނގުރާމައެއްގައި ބަލިވެ، ސުލްހައިގެ މުއާހަދާއެއް ލިޔެވި އެ މުއާހަދާ ބާތިލުކޮށް އޭގެ ބަދަލުގައި އެހެން މުއާހަދާއެއް ލިޔުމެވެ. ނަމަވެސް، ތުރުކީންގެ ދިފާއި ބާރު، މުޅިން ފުނޑުފުނޑުވެފައި ނެތުމުން، އަދި، އެމީހުންގެ ގައުމާ ދިމާވި ނުރައްކަލާ ކުރިމަތިލާން، ވަގުތުން ތެދުވުމުން، އެކަން އެގޮތަށްވާން ދިމާވީއެވެ.

މިހިސާބުން، އުސްމާނީ ޚިލާފަތު އުވާލެވި، އަދު މިފެންނަން އޮތް ތުރުކީގެ ޖުމްހޫރިއްޔަތު ގާއިމުކުރެވުނެވެ. އަދި، ތުރުކީގެ ސިޔާދަތު ތުރުކީއަށް އަނބުރާ ލިބުނެވެ. އިހުތިލާލީ ބާރުތައް ތުރުކީން ފޭބުމަށް ނިންމުނެވެ. ތުރިކީގެ ހުރިހާ ކަމެއް، ސަރުކާރު ހިންގުމާއި، އަސްކަރީ ކަންތައްތައް ރާވާއި ހިންގުމާއި އަދި ތަނުގެ އިގުތިސާދު ހިންގުމާއި ތަނުގެ ބޭންކާއި ފައިސާގެ ކަންތައްތައް ހިންގުމާއި މިހުރިހާ ކަމެއް ވެސް ހިންގުމުގެ ބާރާއި އިޚްތިޔާރު އަލަށް އުފެދުނު ތުރުކީ ޖުމްހޫރިއްޔަތުގެ އަތްމައްޗަށް ގެނެވުނެވެ.

މިކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގައުމީ ހޭލުންތެރިކަމާއި ގައުމީ ލޯބި ހުރެގެން ގައުމު ދިފާއުކުރަން ނިކުމެއްޖެ ނަމަ، ގައުމު ސަލާމަތް ކުރެވޭ ކަމެވެ. މުދްރޯސްގެ ހުދްނާގެ އެއްބަސްވުމާއި އަދި ސެވެރެސްގެ މުއާހަދާއަކީ ތުރުކީގެ ލަޝްކަރުގެ އިސްވެރިން ނަޒަރުގައި އަދުލު އިންސާފާ ދުރު މުއާހަދާއަކަށް ވުމުން، ސިޔާސީވެރިންގެ އަތް މައްޗަށް ގައުމުގެ މަސީރު ދޫކޮށްނުލައި، ލަޝްކަރުގެ އިސް ވެރިން، އެ އެއްބަސް ވުންތައް ބަލައި ނުގަތީއެވެ. 

އަދި، އެހެންވެ، އެ އެއްބަސްވުންތައް މެދުވެރިކޮށް، އަމިއްލަ ގައުމު އަޅުވެތިކުރުމަށް ބޭރުބަޔަކަށް ޖާގަ ނުދީ ލަޝްކަރު ތެދުވީއެވެ. އަދި، ގައުމުގެ ދިފާއުގައި ހަނގުރާމަ ވެސް ކުރީއެވެ. ނަތީޖާއަކީ ގައުމު މިނިވަންވުމެވެ. ގައުމުގެ ސިޔާދަތު ދެމެހެއްޓުމެވެ. ޔޫރަޕުގެ ’ބަލި މީހާ’ގެ ނަމުން ހުޅަނގު ނަންދީފައި އޮތް މީހަކީ ބަލި މީހެއް ނޫންކަން ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށްދިނީއެވެ. 

ގައުމުގެ އަބުރާއި އިއްޒަތް، ޝަރަފާއި ކަރާމަތް، އެއީ އެހެން މީހުންނަށް އެއަށް ފައިން އެރިދާނޭ އެއްޗެއް ނޫންކަން، ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށް ދިނީއެވެ. އާދެ، ގައުމުގެ މީހުންގެ ހިތްތަކުގައި ގައުމަކީ އަގު ބޮޑު އެއްޗެއްކަމާއި އެއީ އެހެން މީހުން އެއަށް ކުޅުޖަހަން ޖާގަދީ، ގައުމުގެ މާތްކަމާއި މުގައްދަސުކަން ނެތިކޮށްލަން، ފަހަރެއްގައިވެސް، ފުރުސަތު ނުދެވޭނޭކަން ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށް ދިނީއެވެ.

އާދެ، ފުރަތަމަ ބޮޑު ހަނގުރާމައިގައި ތުރުކީ ބަލިވެ، މުދްރޯސްއާއި ސެވްރެސްގެ މުއާހަދާ ތުރުކީއާ ކުރިމަތިކުރުވި ނިކަމެތި ކޮށްލުން ބަލައިނުގަނެ، އެކަމާ ދެކޮޅު ހަދައި، ގައުމުގެ އަބުރާއި އިއްޒަތާއި، ޝަރަފާއި ކަރާމަތް ޙިމާޔަތް ކުރަން ތެދުވި ފަދައިން، މިއަދު އަޅުގަނޑުމެންގެ ގައުމުގެ އަބުރާއި އިއްޒަތް، ޝަރަފާއި ކަރާމަތް ދިފާއުކުރުމުގެ ގޮތުން ތެދުވުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. 

ރާއްޖޭގައި މިއުޅޭ ހަށިވިއްކާ ކަސްބީ އަންހެނުންގެ ސިމްސާރުން (ޕިމްޕުން) ފަދަ ސިޔާސީ ސިމްސާރުންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރަންޖެހޭ ވަގުތު އަތުވެއްޖެއެވެ. މި ސިޔާސީ ސިމްސާރުންގެ ނަޒަރުގައި ރާއްޖެއަކީ ވެސް، އެމީހުން ގެންގުޅޭ ހަށިވިއްކާ ކަސްބީ އަންހެނެކެވެ. އެހެންވެ، ސިމްސާރެއްގެ، ޕިމްޕެއްގެ، ބައި އަދާކޮށް، ހަށިވިއްކާ ކަސްބީއެއްގެ ގޮތުގައި ރާއްޖޭގެ އަބުރާއި އިއްޒަތް ނަގާލައި، ފައިސާ ފޮއްޗަކަށް ރާއްޖެ ވިއްކާލަން އެމީހުން އެތިބީ ތައްޔާރަށެވެ. އެހެންވެ، ދިވެހި ލޭ، ދިވެހި އަދަބީ އުޑުގައި އަދު ފިޔަޖަހާ އެންމެ އުޖާލާ އެއްތަރި، އާދަމް ނަސީރު އިބުރާހީމު ވިދާޅުވާ ފަދައިން، މިއަދު ގޮވަމުންދަނީ މި ގޮވުމެވެ:

”އޭ ދިވެހި ލޭގެ ދަރީންނޭ އަސަރެއް ނުކުރޭހޭ؟

މޭ ތެރޭން ހިތް ނެރެ ވިއްކާލާ އިރު، ނޭނގޭހޭ؟ 

އަހުރެމެންނަށް މި ތިބީ ކީއްހެ ވެފައި، ހިއްސުތަކަށް؟

ވަހުމު، ފަހުމަށްވެ، ޒަޚުމު، ރަޙުމުކަމަށް ވެސް ވޭ ހޭ؟ 

ދިވެހި ދިރުމާ ކެރުމާ ރޯފިލުމާ ޖޯޝު ކޮބާ؟

ދިވެހި މުޅި ހަށިގަނޑު ސަންދޯކު އަޅާ ނިމުނީހޭ؟ 

ހެޔޮ ނުވާނޭ މި ބިމަށް ދުވަހަކު ވެސް ދެރަޔެއް ދޭން!

ބިޔަ ޝަހީދީ އެކި ލޭ ކޯރު ހަނދާން ނެތުނީހޭ؟ 

ކީއްވެހޭ މިއަދު މިތާ ލަވަކިޔަމުން ތިޔަ ނެށެނީ؟

މީގެ ފުން މާނަ ހިތަށް ދޭހަވުމުން ނުރޮވޭހޭ؟ 

އޭ އުތީމީ ހުރަވީ ލޭގެ ދިވެހި ފަރުދުންނޭ!

މޭ އުފުއްލާށެ އެ ވާޖިބު ނޫނީ އެބަ އޮތް ހޭ؟ 

މި ތިބަ އެންމެން އަދި އަންނަން އޮތް ޖީލެއް ހުރިހާ،

ވަކި ތަފާތެއް ނެތި ހިމެނޭ މީ ޙައްޤެއް ނޫންހޭ؟ 

ދިވެހި މި ވަޠަންގެ ކަނޑާ، ވައި، ކީއްތޯ ވެލިފުކަކަސް!

މި ވެހި ލޭ ނެތް ނަމަ، ދިނުމީ ހުޅުޖެހުމެއް ނޫންހޭ؟“

މި ގޮވުމުގެ އަޑުއަހާނީ ކޮން ބައެއް ހެއްޔެވެ؟

Loading

4 Responses

  1. ދިވެހިން މިހާރު ވަރށް ފިނޑިވެއްޖެއެވެ. އެހެންމިވީ ދުނިޔެވީ މަންފާއަށްޓަކައި ދިވެހިން ބެރުޖެހަން ފެށުމުން. އެބެރާއި އެކު ރާއްޖޭގެ ވެރިކަން ކޮންމެމީހަކަށް ދޭންވެސް އޯކޭ ވީމާ ދެން ވާނެގޮތް ދިވެހިންނަށް މިވީއެވެ. އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެއެވެ.

  2. މިއީ ވަރަށް ގިނަ ދަރުސްތަކެއް ލިބިގެންދިޔަ ފިލާވަޅެކެވެ. އެހެންނަމަވެސް ހިތާމައަކީ އާދަމް ނަސީރު އިބްރާހިމް ކުރައްވާފައިވާ އެއްވެސް ސުވާލަކަށް ޖަވާބު ދޭން ތެދުވަން ކެރޭނެ ހެޔޮލަފާ މީހަކު ނުލިބުމެވެ. މާތް ﷲ ގަންދީ ހުވާކޮށްފާ ނޯކިރީއާއި ހަވާލުވުމަށްފަހު ދެންބަލަނީ އެ ހުވާގައި އަމުރުކުރާ ކަންތައްތައް ބަދަލުކުރާނެގޮތަކަށެވެ. މިސާލަކަށް ތެދުވެރިވެ އަމާނާތްތެރިވުމަށް އަމުރުކުރާއިރު އޭގައި ވައްކަން ނުކުރާށެކޭ ނޫވޭ ނޫންހެއްޔެވެ.

  3. ތުރުކީ އަކީލާމިސާލު ގައުމެކެވެ. އެމީހުން ވަރަށް ވަތަނީ ވާނެއެވެ. އަރަބިންހެނެއް ނުވާނެއެވެ މިހާރުވެސް ވަރަށް ވަތަނީ ބައެކެވެ. އެހެންވީމާ ދިވެހިރާއްޖެ މިއަދުގެ ޙާލަތަށްބަލައި އަޅުވާ ކިޔާލަންވެސް ދަތިވާނެއެވެ. ދިވެހިން މިއަދު އެމީހުންގެ މަންމަގެ ފަށްޓަރުބައިވެސް މަދު ލާރިކޮޅަކަށް ވިއްކާލާ ހިސާބަށް ހިގައްޖެއެވެ. ޑިމޮކްރެސީގެ ނަމުގައި މަގުމަތީ ސަކަރާތް ޖަހަން އެންމެ ނުލަފާކަން ދައްކާލަން ކެރޭ އެންމެންގެ މައްޗަށް ގައުމުގެ ބާރުތަށް މިވާނީ \ގޮސްފައެވެ. އިންޑިއާ ސިފައިންވެސް މިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ރާއްޖެއަށް އަރުވާފައެވެ. ދިވެހިންނާ ކުރިމަތިލާން ތައްޔާރަށެވެ. ވެރިކަން ދެމެހެއްޓުމަށް މިހާރު ވެރިކަމުގައި ތިބި މަގުމަތީ ނުލަފާކަން ދައްކާލާ ކުދިންކޮޅާއި އެބައިމީހުންގެ ވެރީން އެވަނީ އިންޑިއާގެ މިލިޓަރީއާއި އެއްބަސްވުންތައް ވެފައެވެ. މާލަސްވީއެވެ. ދެން މިގައުމުގައި މިހާރު ދޮންބަންޑާރައިންގެ ލޭ ހުރިކަމަށް ބުނެވޭކަށް ނެތެވެ. މަވެސް ހަމަ އެހާ ފިނޑިއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް