ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ - 3

Loading

Facebook
Twitter
WhatsApp

http://sandhaanu.today/22017/ އާއި ގުޅޭ….

ހަވަރުތުނަދޫގެ މުޅިއާބާދީ އަށް ސަރުކާރުން މިފަދަ ބޮޑު އަނިޔާއެއް ދިނީ ބަޣާވާތް ކުރީމައޭވެސް ބައެއްމީހުން ބުނެއެވެ.ބަޣާވާތަކީ ކޮބައި ހެއްޔެވެ. އައްޑޫ އަތޮޅު ހިތަދޫ އަކީ ދެކުނުގެ ހަތަރު އޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައި ކަނޑައަޅަން ޖެހުނީ މަލިކުގެ ރައްޔިތުންނަށް ކުރިމަތި ވި އެކަނި ވެރިކަމާ ހިތްދަތިކަން ދެކުނުގެ 4 އަތޮޅަށް ކުރިމަތި ވިޔަ ނުދިނުމަށްޓަކައެވެ. ދިވެހިސަރުކާރުގައި މަލިކުގެ ރައްޔިތުންނަށް ދޭނެ ކާޑުކޮޅެއްހާ މިންވަރުވެސް ނެތި ބަނޑަށް ޖެހި އިންޑިޔާގެ އެހީއަށް އެދެން ޖެހުނީ ވެސް ދިވެހި ސަރުކާރުގެ ނުކުޅެދުންތެރި ކަމުގެ ސަބަބުންކަމުގައި ބުނެއެވެ.

    ދެކުނުގެ ހަތަރު އަަތޮޅުގެ ރައްޔިތުން ތިބީ ދިވެހި ސަރުކާރަށް ޖިޒީ ދީގެންނޭވެސް ބުނެވިދާނެއެވެ. އެއީ އެ ހަތަރު އަތޮޅުން ބޭރު ގައުމުތަކަށް ކުރާ ކޮންމެ ދަތުރަކު ބޭރުން ގެންނަ މުދަލުން ސަރުކާރަށް ޖިޒީ ދޭން ޖެހެއެވެ.

    އެހަތަރުއަތޮޅުގެ ރައްޔުތުންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެއްވެސް އެއްޗެއް ނެތެވެ. ކީއްކުރާ ސަރުކާރެއް ހެއްޔެވެ. ދެކުނުގެ ހަތަރު އަތޮޅަކީ މަސްވެރިކަމުގެ ގޮތުން އެންމެ ކުރިއަރާފައިވާ މަސްވެރީންގެ މަންޒިލެވެ. މަސްދޯނިފަހަރާ ބޭރު ދަތުރުކުރާ އޮޑިފަހަރާ ނާލުބައްތެލި އެންމެ ގިނަ މަންޒިލެވެ.

    ހުވަދޫ އައްޑޫ ފުވައްމުލަށް އޮންނަނީ ސަރުކާރަށް އެހީތެތިވާ އަތޮޅުތަކެއްގެ ގޮތުގައެވެ. މިއަތޮޅުތަކުން ބާނާ މަސް ސަރުކާރަށް ނުދޭތީ ސަރުކާރުގެ ނަފުރަތު އަބަދުވެސް އޮންނަނީ މިއަތޮޅުތަކަށް އަމާޒު ވެފައެވެ.

މޯލްޑިވްސްޓާރާ ޑަންގީ ބޯޓާ ސިލްވަރ ކުރެސްޓަށް 

ހަވަރުތިނަދޫން ކުށްވެރީންގެ ގޮތުގައި މީހުން އެރުވީ ހަތަރެސްފައި ހިމަރޯނުން ބަނދެގެންނެވެ. ސިލްވަރ ކުރެސްޓަކީ އިނގިރޭސި ރާނީ ދިވެހި ސަރުކާރަށއ ހަދިޔާ ކުރި ޔޮޓެކެވެ. 

މި ޔޮޓުގައި ދަތުރު ކުރީ ބޮޑުވަޒީރާ އެޭނާގެ ބައިވެރީންނެވެ. ތިނަދޫން ބަނދެގެން ގެންދިޔަ މީހުން ބޯޓުގެ ފަލްކާ ތެރޭގައި ލަކުޑި ޖަހާގޮތަށް ޖަހާފައި މާލެ ދެވެންދެން ތިބީ އެޙާލުގައެވެ.މާލެއަށް އައުމަށް ފަހު އެންމެންގެ ފައިތައް މޮހާލުމަށްފަހު އޭރުގެ ކަސްޓަމް މިހާރުގެ އެމް.އެމް އޭގެ ކުރިމަށްޗަށް އެއްގަމަށް އުކާލެވުނެވެ. އެއަށްފަހު ޢޮތީ ބޯ ގުނުމެވެ. ބޯގުނީ އޭރުގެ ޕަބްލިކުސޭފްޓީ ގެ ވެރިޔަކަށް ހުންނެވި ޢަބުދުލް ޙަންނުޙަލީމެވެ. ކުރެދި މުގުރަކުން މުގުރުގެ ބަރަށް ކުށްވެރިންގެ ބޮލުގައި އެކެއް ދޭއް މި މޭރުމުން ގުނަމުން ގެންގެންދިޔައެވެ.

ކޮންމެމީހެއްބޮލަށް މުގުރު ގެ ބަރަށް މުގުރު ދޫކޮށްލައެވެ. މިގޮތަށް ތިންހަތަރުފަހަރު ގުނުމަށް ފަހުއެންމެން ވަށާލައިގެން ސިފައިން ތިބެގެން ހެންވޭރު ޖަލާހަމައަށް ކުށްވެރިން ހިންގުވާފަ ގެންދުޔައެވެ. އޭރު އޭގެ ތެރޭގައި ވަރަށް ޙާލު ދެރަ ބަލި އެތައް މީހުންވެސް ތިބިކަން ފާހަގަ ކުރަމެވެ. ވަށާލައިގެން ތިބި ސިފައިން ދިޔައީ ކުއްވެރިގެ ގައިގާ މުގުރުން ތަޅަމުންނެވެ. ވެއްޓޭމީހުން ނަގާ ކުށްވެރީގެ ބޯމައްޗަށް ލައެވެ. މިޙާލުގައި ހެންވޭރު ޖަލާހަމައަށް ގެންގޮސް ޖަލުގެ މައި ދޮރުގައި ހަރުކޮށްފައިވާ ތިރިކޮށް ހުންނަ ދެ ދޮރުފަތް މަތިން ޖަލުތެރެއަށް މީހުން އުކާލީ އެވެ. އަދި އެތެރޭގައި މުގުރު ހިފައިގެން ހުންނަ ސިފައިންގެ މީހާ ކޮންމެ މީހެއްގެ ގައުގާ މުގުރުން ބޮނޑިއެއް އަޅައެވެ.

     ޖަލު މީހުން ގަޟާ ޙާޖަތް ކުރަން ހުރީ އަނގަމަތި ބޮޑު ވަޅެއް ކޮނެ ވަޅުމަތީގައި ދެފިލާ ބާއްވާފައި އޮތެވެ. ގަޟާޙާޖަތް ކުރަން ޖެހެނީ އެ ދެފިލާ މަތީގައި އިނދެގެންނެވެ. އެހެންކަމުން ނަޖިސް ގިނަވެ ޖަލުތެރޭގައި ބޭރަށް ހިންގުމުގެ ރޯގާއެއް އުފެދި މީހުން މަރުވާން ފެށުނެވެ.

     ތިނަދޫން މީހުން ބޭލުމުގެ އަހަރެއްހާ ދުވަސް ކުރިން ހިރިހަމައިދި ކަލޭފާނާ އެކަލޭފާނުގެ ދެ ދަރިކަލުން ޢަބުދު ﷲ ކަތީބު އާއި ސަޢީދު ކަތީބު މާލެ ގެނެސް ތިބީ މާލޭ ބަންދުގައެވެ. މީގެ އިތުރުން އޮޅެދީދީގެ ޙަސަންދީދީ އާއި މުސްތަފާ މަންސޫރު އާ ކޮނޑޭ ޟިހާބުއާ ދިޔަދޫ ޢަބުދު ﷲ ޙަބިީބުއާ ނިލަންދޫ މުޙައްމަދުތި ޙަމީދު އާ ކޮލަމާފުށީ އިސްމާޢީލް ކަތީބު ފަދަ އެތައް ބޭފުޅުން ވެސް ތިއްބެވީ މާލޭ ބަންދުގައެވެ. މިބޭފުޅުން ވެސް ތިނަދޫމީހުން ޖަލަށް ލީ ދުވަހު ޖަލަށް ގެނެސް ޖަލުގައި ބަންދު ކުރެވުނެވެ.

    ޖަލުން މީހުން މަރުވަމުން ދިޔުމާ ގުޅިގެން މާލެ ޖަލުގައި ތިބި މީހުން މާލެ ވިލިގިއްޔަށް ބަދަލުކޮށް ކުށްވެރީން ލައްވާ ދަނޑިފަނުން ޖަލެއް ތައްޔާރު ކޮށް އެ ޖަލުޖައި ކުށްވެރިން ގެންގުޅެން ފެށުނެވެ. މިޖަލަކީ ކުށްވެރިންގެ ކަރުގައި ކަރުގޮހޮރުގެ ހާރު އަޅުވާ ވިލިގިލީ މޫދަށް ބާލާ ކަރުތާފެނުގައި ބޭތިއްބި ޖަލެވެ.

    ސިޔާސީ ކުށްވެރިންގެ ތެރޭގައި ހިމެނުނު އިސްވެ ދެންނެވުނު ކޮޑޭޟިހާބު އާ ދިޔަދޫ ޙަބީބު އާނިލަންދޫ ޙަމީދުއާ ކޮލަމާފުށީ އިސްމާޢީލް ކަތީބު ވަނީ މަލޭޖަލުގައި އަވަހާރަ ކޮށްލާފައެވެ. ވިލިގިލީ ޖަލުގައި އަވަހާރަކޮށްލީ ހިރިހަމައިދި ކަލޭފާނާ އެ މަނިކުފާނުގެ ދެ ދަރިކަލުން އަބުދު ﷲ ކަތީބުއާ ސަޢީދު ކަތީބެވެ.

     ދެކުނުގެ ގަޑުބަޑަކީ ދިވެހި ސަރުކާރުގެ އިސްތިޢުމާރީ ބާރުގެ ތެރެއިން ނުކުތުމަށް ދެކުނުގެ ހަތަރު އޮޅުގެ ތަނަވަސް އަދި ކަމުވޮށިވެންވާ ބޮޑުން ރޭވި ރޭވުމުގެ ތެރެއިން ހިނގާދިޔަ ކަމެކެވެ.

    އަޑީގައި ތިބީ އިނގޭސީންނެވެ. ދައުލަތުން މަލިކުވެސް ގެއްލިދިޔައީ ދިވެހި ސަރުކާރުގެ ނުކުޅެދުން ތެރި ކަމުންނެވެ.މަލިކަކީ ދިވެހި ދައުލަތުގެ މިލްކެ ކެވެ. އަދި މިއަދާހަމައަށް މަލިކު ހޯދަން ދިވެހި ސަރުކާރުން ކުރި މަސައްކަތެއް ނެތެވެ. 

ދެކުނުގައި ސަރުކާރެއް އެކުލަވާލުމުގެ މަޝަވަރާތަށް ފެށުނީ ދިވެހި ދައުލަތް އިނގިރޭސި ވިލާތުގެ އަޅުވެތު ކަމުގައި އޮތްދުވަސްވަރު ގައެވެ. މަރުޙޫމް ރައީސް އަމީން އަވަހާރަ ކޮށްލުމާއި ވިދިގެން ގައުމުގައި އުފެދުނު ފިތުނައިގެ އަލިފާންގަނޑު އިތުރަށް އަނދަން ފެށި މިދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމަ ނިމުމަށްފަހު އިގްތިޞާދީ ގޮތުން މުޅިދުނިޔެވެސް ތަދުމަޑު ޙާލުގައި އޮތް ދުވަސް ވަރެކެވެ.

އެހެނަސް ދެކުނުގެ އަތޮޅުތަކުގައި އެ އަތޮޅުތަކުގެ ރައްޔިތުން ބަނޑަށް ނުޖައްްސާ ބެލެހެއްޓޭވަރުގެ މަހުޖަނުން ތިބުމާ އަދި އިނރޭސި ސަރުކާރުގެ އެހީވެސް ލިބެން އޮތުމުގެ ސަބަބުން މާލޭ ސަރުކާރާ ވަކިވާން މަޖުބޫރުވީއެވެ. މަލިކަށްވެސް ޖެހުނީ މިދަތުރުކަމުގައި ބުނެވިދާނެއެވެ.

   މިކާރިސާގެ މަޢުލޫމާތު ހާމަކުރެވެމުން މިދަނީ އޭރު ތިނަދޫގައި ތިބިމީހުނާ ޖަލުގެ އަނިޔާ ލިބުނު މީހުންގެ ތެރެއިން ބައެއްމީހުން ދީފައިވާ މައުލޫމާތުގެ އަލީގައެވެ.

ނުނިމޭ…..

   މިކާރިސާގެ މަޢުލޫމާތު ހާމަކުރެވެމުން މިދަނީ އޭރު ތިނަދޫގައި ތިބިމީހުނާ ޖަލުގެ އަނިޔާ ލިބުނު މީހުންގެ ތެރެއިން ބައެއްމީހުން ދީފައިވާ މައުލޫމާތުގެ އަލީގައެވެ.

ނުނިމޭ…..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް